Advertisement
header ad
XeeTimesXeeTimes
އިންޓަރމިޓެންޓް ފާސްޓިންގގައި ހެދޭ ގޯސްތައް: ހިކުމުގެ ބަދަލުގައި ބަރުދަން އިތުރުވާ ސަބަބުތައް ސިއްޙަތު

އިންޓަރމިޓެންޓް ފާސްޓިންގގައި ހެދޭ ގޯސްތައް: ހިކުމުގެ ބަދަލުގައި ބަރުދަން އިތުރުވާ ސަބަބުތައް

ޤަވާއިދުން ވަކި ވަގުތުތަކެއްގައި ކެއުމުގެ ކަންކަން ކުރިއަށްގެންގޮސްގެން ކުރާ އިންޓަރމިޓެންޓް ފާސްޓިންއަކީ ވަރަށް ގިނަ މީހުންނަށް ކާމިޔާބު ކެއުމުގެ ނިޒާމެކެވެ. ސައިންސާއި ދިރާސާތަކުން ދައްކާ ގޮތުގައި، މިގޮތަށް ވަކި ވަގުތެއް ވަންދެން ނުކައި ހުރުމަކީ ބަރުދަން ލުއިކޮށްދިނުމުގެ އިތުރުން، ސިކުނޑީގެ މަސައްކަތްތައް ހަރުދަނާކޮށް، ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ކަމެކެވެ. ނަމަވެސް، ކެތްތެރިކަމާއެކު 14 ނުވަތަ 16 ގަޑިއިރު ނުކައި ހުރުމަށްފަހުވެސް ބަރުދަން ލުއިނުވެ، ބަރުދަން އިތުރުވާ ގޮތް ވަނީ ކީއްވެގެން ހެއްޔެވެ؟ މިކަން މެދުވެރިވަނީ ފާސްޓިންގގެ ތެރޭގައި ނޭނގި ހެދޭ ގޯސްތަކެއްގެ ސަބަބުންނެވެ.

އެންމެ ފުރަތަމަ ކަމަކީ، ނުކައި ހުންނަ ވަގުތުތަކުގައި ނޭނގި ހުރެ ކެލޯރީ ހަށިގަނޑަށް އެތެރެވުމެވެ. އިންޓަރމިޓެންޓް ފާސްޓިންގައި 12 ގަޑިއިރާ 16 ގަޑިއިރާއި ދޭތެރޭ ވަގުތެއްގައި ނުކައި ހުންނަން އެބަޖެހެއެވެ. އަދި މި ވަގުތުގައި ހަށިގަނޑަށް އެއްވެސް ކެލޯރީއެއް ވަދެގެން ނުވާނެއެވެ. ނަމަވެސް، ހެނދުނު ބޯ ކޮފީފޮދަށް އަޅާ ކުޑަކުޑަ ކްރީމްކޮޅަކުންވެސް ފާސްޓިންގގެ ނިޒާމު މުގުރާލައެވެ.

ދެވަނަ ކަމަކީ، ކާން އޮންނަ ވަގުތުތަކުގައި އިންތިހާއަށް ގިނައިން ކެވުމެވެ. އާންމުކޮށް މީހުން އިންޓަރމިޓެންޓް ފާސްޓިން ހަދާ އެއް ސަބަބަކީ ކެލޯރީ ގުނަން ނުޖެހި ކެއުން ކޮންޓްރޯލްކޮށްދޭ ޑައެޓެއް ކަމުގައި ވާތީއެވެ. އެހެނަސް، ފާސްޓިން ވަގުތު ހަމަކުރުމަށްފަހު އެންމެ ފުރަތަމަ ކާލާ ވަގުތަކީ ބޮޑު އީދެއް ފަދައިން ގިނަ އަދަދަކަށް ކާތަކެތި އެތެރެކުރާ ވަގުތަކަށް ހަދައިފިނަމަ، ހިކުމުގެ ބަދަލުގައި ބަރުދަން ދާނީ އިތުރުވަމުންނެވެ.

Article - in content
Advertisement

މީގެ އިތުރުން، ކާން ލިބޭ ވަގުތުތަކުގައި ހަށިގަނޑަށް ނުރަނގަޅު ކާތަކެތި އިޚްތިޔާރު ކުރުމަކީ ފާސްޓިންގެ މުޅި ނިޒާމު ބޭކާރުކޮށްލާ ކަމެކެވެ. ގިނަ އިރުތަކެއް ވަންދެން ނުކައި ހުރުމަކީ، ތެލުން ފުރިފައިވާ ކާނާއާއި ހަކުރު ގިނަ ބުއިންތައް ބޭނުންކުރުމަށް ލިބޭ ހުއްދައެއް ނޫނެވެ. މިއީ ލޭގައިވާ ހަކުރުގެ މިންވަރު ކުއްލިއަކަށް މައްޗަށް ޖައްސައި، ފާސްޓިންގ ވަގުތުތަކުގައި އިތުރަށް ބަނޑުހައިކުރުވާ ކަމެކެވެ. އޭގެ ބަދަލުގައި ކާ ވަގުތުތަކުގައި ތަރުކާރީ، މޭވާ، މަސް، ނަޓްސް އަދި ޒައިތޫނި ތެޔޮ ފަދަ ތަކެތި އިޚްތިޔާރު ކުރުމުން ހަށިގަނޑަށް ބޭނުންވާ ފައިބަރާއި، ޕްރޮޓީން އަދި ރަނގަޅު ފެޓްސް ލިބި، ބަރުދަން ލުއިވުމަށާއި ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް މަގުފަހިކޮށްދީ، އިންޓަރމިޓެންޓް ފާސްޓިންގެ ހަޤީޤީ ފައިދާ ހަށިގަނޑަށް ލިބިގެންދެއެވެ.

އަދިވެސް، ގިނަބަޔަކަށް ހެދޭ އާންމު އެއް ކުށަކީ، މާބޮޑު ޕްލޭނޭއް ނުވަތަ ތައްޔާރީވުމަކާއި ނުލާ އިންޓަރމިޓެންޓް ފާސްޓިންގެ ދަތުރު ފެށުމެވެ. އަޅުގަނޑުމެންގެ ކެއުމުގެ ނިޒާމަކީ، އަޅުގަނޑުމެންގެ ހަށިގަނޑަށް ދޭ ފިއުލެވެ. މިނިޒާމަކީ ކުއްލިގޮތަކަށް ބަދަލު ގެނައުމުން އެދެވޭ އަސަރަކައްވުރެ ނޭދެވޭ އަސަރުކުރުން އެކަށީގެންވާ ކަމެކެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް 18 ގަޑިއިރު ނުކައިހުރެ ނުވަތަ ކުއްލިއަކަށް ފާސްޓިން ފެށުމަކީ ވެސް ނަފްސާނީގޮތުންނާއި އަދި ޖިސްމާނީގޮތުންވެސް ހަށިގަނޑަށް ދެވޭ ބޮޑު ޝޮކެކެވެ. ފުރަތަމަ ކުޑަ ވަގުތުކޮޅަކުން ފަށައި، މިސާލަކަށް 12 ގަޑިއިރުގެ ފާސްޓިންއަކުން ފަށައި މަޑުމަޑުން ވަގުތު އިތުރުކުރަމުން ގޮސް، 16 ގަޑިއިރު ނުކައި 8 ގަޑިއިރު ކާ ނިޒާމަށް (16:8) ބަދަލުކުރުން މުހިންމެވެ.

އެންމެފަހު ކަމަކީ ދިރިއުޅުމުގެ ދުޅަހެޔޮ އާދަތައް ގާއިމުނުކުރުމެވެ. ކޮންމެ ރެއަކު މަދުވެގެން 8 ގަޑިއިރުގެ އަރާމު ނިދި ހޯދުމާއި، ސްޓްރެސް ކޮންޓްރޯލްކުރުމަކީ ފާސްޓިންގގެ ނަތީޖާ ފުރިހަމައަށް ލިބުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަންކަމެވެ.

މި އޮއިވަރުގެ ތެރޭގައި ދެން ހެދޭ ބޮޑު ގޯހަކީ ކެއުމުގެ އާދަތައް ލިޔެ ބަލަހައްޓާ ޑައިރީއެއް ނުބެހެއްޓުމެވެ. ކާ ވަގުތުތަކާއި ކެވޭ ތަކެތި ލިޔެ ބެލެހެއްޓުމަކީ، ކުރިއެރުމަށް ހުރި ހުރަސްތައް ދެނެގަތުމަށް ލިބޭ ވަރަށް ބޮޑު އެހީއެކެވެ. ހަމައެއާއެކު، ސައިގެ ގޮތުގައި ނުވަތަ ކޮފީގެ ގޮތުގައި ކެފެއިންއަށް މާބޮޑަށް ބަރޯސާވުމަކީ ވެސް ނުރައްކަލެކެވެ. ކެފެއިންއަކީ ބަނޑުހައިވުން ކުޑަކޮށްދޭ އެއްޗެއް ނަމަވެސް، ނިދިމަދުވުމާއި ސްޓްރެސް ނައްތާލަން މާގިނައިން ކޮފީ ބުއިމުން، ލޭގައި ހަކުރު އެކުލެވޭ މިންވަރު މައްޗަށް ގޮސް، ހަށިގަނޑުގައި ސަރުބީ ރައްކާކުރާ މިންވަރު އިތުރުވެއެވެ. އަދި މިއީ ނުރައްކާތެރި ސައިކަލް އަކަށް ތިމާ ވައްޓާލާ ކަމެކެވެ.

އިންޓަރމިޓެންޓް ފާސްޓިންގެ މި ދަތުރުގައި އެންމެ އެދެވޭ ނަތީޖާ ހޯދުމަށްޓަކައި، މިކަން ފެށުމުގެ ކުރިން އިންޓަރމިޓެންޓް ފާސްޓިން އާއި ބެހޭގޮތުން ބަލާ ދިރާސާކޮށް، ތިމާއަށް ނުކައި ހުންނަން އެންމެ ގުޅޭ ވަގުތުތައް ހޯދައި، ކެއުން ބައްޓަންކުރާނެ ގޮތްތަކާއި ފަސޭހައިން ތައްޔާރުކޮށްލެވޭ ދުޅަހެޔޮ ކާނާތައް ބަލައި ކުރިއާލާ ތައްޔާރުވުމަކީ ނަފްސާނީގޮތުން އެޅޭ ވަރަށް ބޮޑު ފިޔަވަޅަކަށް ވެގެންދާނެ ކަންކަމެވެ. އަދި ނުކައި ހުންނަ ވަގުތުތަކުގައި ހަމައެކަނި ކޮފީއައް ބަރޯސާނުވެ، އޭގެ ބަދަލުގައި ޒީރޯ ކެލޮރީ ބުއިންތައް ކަމުގައިވާ، ގްރީން ޓީ، ޑިޓޮކްސް ފެން އަދި ހާބަލް ސައިތައް ހިމެނުމުން ކޮފީގައި ހުންނަ ކެފޭންގެ ނޭދެވޭ އަސަރުތަކާއި ނުލައި ބަނޑުހައިވުމުން ސަލާމަތް ކޮށްދިނުން އެކަށީގެންވެއެވެ. އެންމެ މުހިންމީ ނުކައިހުންނަ ގަޑިއިރުތަކުގައި ފުރިހަމައަށް ހަށިގަނޑު ހައިޑްރޭޓްވެފައި ހުރުމެވެ. ކުރުކޮށް ފޮނިކޮށް ބުނާނަމަ ގިނައިން ފެންބުއިމަކީ މިކަމައް އޮތް ތަޅުދަނޑިއެވެ.

ނިންމާލަމުން ދަންނަވާނީ، ކޮންމެ ކެއުމުގެ ނިޒާމަކީ އެންމެންނަށް އެއްގޮތަކަށް ހިނގާނެ ކަމެއް ނޫނެވެ. އިންޓަރމިޓެންޓް ފާސްޓިންގެ ހަޤީޤީ ނަތީޖާ ފެންނާނީ މަދުވެގެން 30 ދުވަހުގެ ނިޔަލަށް ރަނގަޅު އާދަތަކާއެކު ދެމިތިބެގެންނެވެ. ނަމަވެސް، ފާސްޓިންގ ކުރަމުންދާއިރު ސިއްހީ ގޮތުން އެއްވެސް އުނދަގުލެއް ނުވަތަ ނޭދެވޭ އަސަރެއް ފެނިއްޖެނަމަ، އެކަން ހުއްޓާލައި ސިއްހީ މާހިރެއްގެ އިރުޝާދު ހޯދުމަކީ އެންމެ ރައްކާތެރި ގޮތެވެ.

މަސްދަރު: މަޔޯ ކްލިނިކް، ޖޯންސް ހޮޕްކިންސް މެޑިސިން، ހަރވަރޑް ޓީ.އެޗް ޗަން ސްކޫލް އޮފް ޕަބްލިކް ހެލްތް

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —