ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (ޕީސީއޯއެސް)ގެ ސަބަބުން ތަފާތު މައްސަލަތައް ކުރިމަތިވެ އެކަމުގެ ވޭނުގައި އުޅޭ އަންހެނުން ގިނައެވެ. އަދި އެންމެ ބޮޑު ހިތާމައަކީ ދަރިމައިވުމުގެ މައްސަލަތައް ކުރިމަތިވެ ގިނަ ދުވަސްތަކަކަށް ފަރުވާ ހޯދަން ޖެހުމެވެ.
ޕީސީއޯއެސްގެ ސަބަބުން އާދަޔާޚިލާފަށް ފަލަވެ ބަރުދަން ލުއިކުރުމަށް އުދަގޫވާފަހަރުވެސް އާދެއެވެ. ޑޮކްޓަރީ ފަރުވާ ހޯދުމުގެ އިތުރަށް އޮތް އެންމެ ރަނގަޅު ހައްލަކީ ގަވާއިދުން ކަސްރަތު ކުރުމެވެ. އަދި ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމުގައި ހިމެނުމެވެ.
ހޯމޯން އަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުދި ސިސްޓްތަކެއް އުފެދި ގަވާއިދުން ޕީރިއަޑް ނުވެ އެކަމުގެ އުދަގޫތަކާއި ކުރިމަތިލާންޖެހެއެވެ. މޫނުގައާއި ހަށިގަނޑުގެ އެކި ހިސާބުތަކުގައި އާދަޔާ ޚިލާފަށް ގިނައިން އިސްތަށިފެޅުން މިއީ ވެސް ބައެއް އަންހެނުންނަށް ކުރިމަތިވަމުން އަންނަ ކަމެކެވެ.
ޕީސީއޯއެސް ހުންނަނަމަ ފެންނާނެ ކަންތައްތައް:
- ހަށިގަނޑުގެ އެކި ހިސާބުތަކުގައި އިސްތަށި ގިނައިން ފެޅުން
- ބަރުދަން އިތުރުވެ ލުއިކުރުމަށް ދަތިވުން
- އޯވަރީގައި ސިސްޓްތައް އުފެދުން
- ޕީރިއަޑް ގަވާއިދުން ނުވުން
- އަވަސް އަވަހަށް މިޒާޖަށް ބަދަލުއައުން
- ދަރިމައިނުވުން، ނުވަތަ އުދަގޫތައް ކުރިމަތިވުން
ޕީސީއޯއެސް އަކީ ދިވެހިރާއްޖޭގައި ވެސް ވަރަށް އާންމުވެފައިވާ ސިއްޚީ މައްސަލައެކެވެ. ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް އަމިއްލައަށް ކޮންޓްރޯލް ކުރަން މަސައްކަތް ކުރެވިދާނެއެވެ. ބަރުދަން ލުއިކުރުމަށް ގަވާއިދުން ކަސްރަތު ކުރާނަމަ ހަށިގަނޑަށް އެނގުންވާނެއެވެ. ރަނގަޅު ބަދަލެއް ފެންނާނެއެވެ.
ސިސްޓްގެ ފަރުވާއަށް ދޭ ބޭހަކީ ބައެއްފަހަރަށް އޭގެ ސަބަބުން ހަށިގަނޑު ވަރުބަލިވެ ހޮޑުލެވި ސައިޑް އިފެކްޓްސްގެ އަސަރު ކުރުވާ ބޭހެކެވެ. އަންހެނުންގެ ޚާއްސަ ޑޮކްޓަރުން ފާހަގަކޮށްފައިވާ ގޮތުގައި ކޮންމެ ބޭހަކީވެސް ސައިޑް އިފެކްޓްސް ކޮންމެވެސް ވަރަކަށް ހުންނާނެ ބޭހެކެވެ.
" އެކަމަކު އޭގެ އަސަރު އެކި މީހުންނަށް ކުރާނީ އެކިވަރަށް. ނުގުޅޭ ބޭހެއްވެއްޖިއްޔާ އެބޭހެއް ބަދަލުކުރަން އަންނާނީ ޑޮކްޓަރު ކައިރިއަށް. ނުގުޅެއޭ ބުނެ ބޭސް ކެއުން ހުއްޓާނުލުން މުހިއްމު. ބައެއްމީހުން މިބޭހަށް ކިޔާ ދޭތެރެދުރުކުރާ ބޭހޭ ވެސް. އެއްބޭހެއް ވަރަށްގިނަ ކަންތައްތަކަށް ދޭނެ. އެބޭސް އެދެނީ ސިސްޓް ކަންތަކަށް. ބޭސްކެއުން ހުއްޓާނުލާ ޑޮކްޓަރު ކައިރިން މައުލޫމާތު އޮޅުންފިލުވާ" ޒީޓައިމްސް އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ޑޮކްޓަރު ޖުމެއިލަތު ބޭގަމް ވިދާޅުވިއެވެ.
ޕީސީއޯއެސް ހުންނަ އެންމެންނަކީ ދަރިމައިނުވާ ބައެއް ނޫނެވެ. އެކި މީހުންނަށް ދިމާވަނީ އެކިކަހަލަ ސިއްހީ މައްސަލަތަކެކެވެ. ގަވާއިދުން ޑޮކްޓަރަށް ދައްކައި ޑޮކްޓަރުގެ ލަފާގެ މަތިން ފަރުވާ ކުރިއަށްގެންދިއުމުގެ އިތުރަށް ކަސްރަތު ކުރުމަށް ޑޮކްޓަރުން ވަނީ ބާރު އަޅުއްވާފައެވެ.