January 18, 2025 12:53
Advertisement

-Advertisement-

ސިޔާސީ މަޤާމަކީ ބޭނުންހާ ވާހަކައެއް ދައްކަން ލިބޭ ހުއްދައެއް ނޫން، ޤައުމަށް ލިބޭ ގެއްލުމަށް ވިސްނަމާ!

އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ އެކި ފަންތީގެ ސިޔާސީ މަޤާމުތަކުގައި ގިނަ އަދަދެއްގެ މީހުން މަސައްކަތް ކުރަމުން އަންނައިރު ބައެއް މީހުންގެ އަޚުލާޤީ ފެންވަރާއިމެދު އާންމުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ސިޔާސީ މަޤާމެއް ލިބުމަކީ އަދި މީހުންނާއި ޒާތީވެ ހިތަށްއެރި އެއްޗެއް ގޮވުމަށް ލިބޭ ހުއްދައެއް ނޫނެވެ. އަނެކާގެ އަބުރާއިބެހި އަގު ވައްޓާލުމަށް ދެއްކޭ ނުދެއްކޭ ވާހަކައެއް ނޭނގި މުޅި ޤައުމަށް އޭގެ ގެއްލުން ލިބޭ ގޮތަށް ބަސްބުނާ މަންޒަރުވެސް މިދަނީ ފެންނަމުންނެވެ.

ވެރިކަންކުރާ ޕާޓީ ޕީއެންސީއިން ރޭގަ ބޭއްވި ހަރުގެ ޖަލްސާގައި ވެސް ވަނީ މިފަދަ މަންޒަރެއް ފެނިފައެވެ. ސަރުކާރުގެ ބައެއް އިސްވެރިންނާއި މަޖިލީސް މެންބަރުން ބައިވެރިވި މި ޖަލްސާގައި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ނިހާދު އެދެއްކެވީ ހާދަހާ ބިރުވެރި ވާހަކައެކެވެ.

" އަޅުގަނޑު އަމިއްލައަށް ޤަބޫލުކުރަނީ އެއީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތަށް. މީގެކުރިން 3 ފަހަރު ދެންނެވިން އިންތިޚާބީ ސަރުކާރު ވައްޓާލުމަށްޓަކައި ބަގާވާތެއް ރޭވިއޭ. 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް އައުމަށް ތައްޔާރުވެފައިވާހިދު އެކަމަށް އަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓުވައި މިދިވެހި ދައުލަތަށް ތިޔަރައްޔިތުންނަށްޓަކައި ކުރަން ހުރި މަސައްކަތަށް ހުރަސްއެޅުމަށް ބޭރުން އަޅުގަނޑުމެންނަށް ލިބިދާނެ މަންފާއެއް ފައިސާގެ އެހީއެއް ނޫނިއްޔާ ހުރި ބޮޑެތި އިންވެސްޓްމަންޓްތައް ހުއްޓުވުމަށްޓަކައި ރާވާފައިވާ ބޮޑު ޓެރަރިޒަމްގެ ހަމަލާއެއް. މިކަމަކީ 8 ރުފިޔާއަށް ޕެނަޑޯލް ގުޅައެއް ވިއްކައިގެން ދައުލަތުގެ މާލިއްޔާއިން ވައްކަން ކުރަމުންދިޔަ މީހަކު އިސްވެ ހިންގާ ހަރަކާތެއް. މިކަމުގައި ބައިވެރިވަނީ ހަމަ ސީދާ ކަނޑައެޅިގެން މިދިވެހިރާއްޖޭގެ އިޤްތިސާދު ފުނޑާލުމަށްޓަކައި މީގެ ކުރީގައިވެސް މަސައްކަތްކޮށްފައިވާ އެމްޑީޕީ". ނިހާދުގެ މި ވާހަކަތަކަށް ގިނަބަޔަކު ދަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ.

Advertisement

ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ހުރަސް އެޅޭގޮތަށް ވާހަކަދެއްކުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ސިޔާސީ ޕޯޑިއަމްތަކަށް އަރާއިރު އެތަނުގައި ދެއްކޭނެ ވާހަކައާއި ނުދެއްކޭނެ ވާހަކައަކީ ކޮބައިކަން ސިޔާސީ އިސްވެރިންނަށް ކޮންމެވެސް ބަޔަކު އެބަ ބުނެދޭން ވެއްޖެ ނޫންތޯއެވެ. ޤައުމުގެ ރަންބިސް އަޅާ ކުކުޅު ނެތި ހިގައިދާނެ ފަދަ ވާހަކަދައްކާ މީހުންނަށް އެމީހުން އެކުރީ ކިހާވަރެއްގެ ކަމެއްކަން ވިސްނައިދޭން ޖެހެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ މެންބަރުކަންވެސް ކުރެއްވި ނިހާދު ރޭގެ ޖަލްސާގައި ދެއްކެވި ވާހަކައާއި ގުޅިގެން ވަނީ މަޤާމުން ސަސްޕެންޑްކޮށްފައެވެ. ކުރިން އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުރި ނިހާދު ޕީއެންސީއާއި ގުޅިފައިވަނީ 2023 ވަނަ އަހަރު ފަހުކޮޅުގައެވެ. ނިހާދުގެ މިވާހަކަތަކާއި ގުޅިގެން އެމްޑީޕީއިން ވަނީ މިއަދު ބަޔާނެއްވެސް ނެރެފައެވެ.

" ޓޫރިޒަމް މިނިސްޓްރީއަށް އަމާޒުކޮށް އެމްޑީޕީއިން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ބުނެ ރޭ ބޭއްވި ޕީއެންސީ ހަރުގެ ޖަލްސާގައި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ނިހާދު ދެއްކި ދޮގު ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން. މިއީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅަކު އެއްވެސް ހާލެއްގައި ކޮށްގެން ނުވާނެ ފަދަ ސީރިއަސް ތުހުމަތުތަކެއް. މިއި ފޫނުބެއްދޭ ވަރުގެ ގެއްލުންތަކަކާ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ކުރިމަތިލާން ޖެހިދާނެ ކަމެއް. މި ވާހަކަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ޓޫރިސްޓުންނަށް ޚިދުމަތްދޭ ހުރިހާ ވިޔަފާރިއެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވާލަން" އެމްޑީޕީގެ ބަޔާނުގައިވެއެވެ.

ނިހާދުގެ ވާހަކަތަކާއި ގުޅިގެން ޕީއެންސީއިން ވެސް ވަނީ ބަޔާނެއް ނެރެފައެވެ.

" މި ޕާޓީއިން ދެކޭގޮތުގައި ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ސިޔާސީ ޕާޓީއަކުން އަދި މަދަނީ ޖަމްއިއްޔާއަކުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް އަދި ޖުމްލަކޮށް ދިވެހި އިޤްތިސާދަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިދާނެ ނުރައްކާތެރި އަމަލެއް ނުހިންގާނެ. ޕާޓީތަކާއި މަދަނީ ޖަމްއިއްޔާތައް ހަރަކާތްތެރިވާނީ ޤާނޫނު ހުއްދަކުރާ އިމުގެ ތެރޭގައި. އެއިމުން ބޭރުވާނަމަ އެކަމާމެދު އަޅަންޖެހޭ ފިޔަވަޅުތައް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އަޅާނެކަމާމެދު ޝައްކެއް ނުކުރަން. ދިވެހިރާއްޖެއަކީ މިޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން. ކުރިއަށް އޮތްތަނުގައިވެސް ދައުލަތުގެ މުއައްސަސާތަކާއި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކާއި ވަކިވަކި ފަރުދުންވެސް ފަތުރުވެރިކަމަށް އަދި ބައިނަލްއަގްވާމީ ދުނިޔޭގައި ރާއްޖޭގެ ޝުހުރުތަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ނުކުރުމަށް މިޕާޓީއިން އިލްތިމާސް ކުރަން". ޕީއެންސީގެ ބަޔާނުގައިވެއެވެ. 

ސަރުކާރާއި އެއްކޮޅުގައި ނުވަތަ އިދިކޮޅުގައި ހުއްޓަސް ޤައުމަށް ގެއްލުންވެދާނެ ފަދަ ވާހަކަތައް ދެއްކުމާއި ދުރުހެލިވާން ޖެހެއެވެ. ސިޔާސީ ގޮތުން ފޯރިއެރުވުމުގެ ބޭނުމުގައި މުޅި ޤައުމުގެ މަސްލަހަތު ގެއްލުވާނުލުން މުހިންމެވެ. ސިޔާސީ މަޤާމެއްގައި ހުރުމަކީ އަދި ބޭނުންހާ އެއްޗެއް ބުނުމުގެ ހުއްދަ ލިބޭ ކަމެއް ނޫނެވެ.

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް