އައުއަހަރާއި ދިމާކޮށް ގިނަ އަދަދެއްގެ ދިވެހިން ރާއްޖެއިން ބޭރަށް ދަތުރުކުރަނީ ހިތްހަމަޖެހޭ ވަގުތުކޮޅެއް އާއިލާއާއެކު ހޭދަކޮށްލުމަށެވެ. ވަޒީފާއާއި އާއިލީ މަސްއޫލިއްޔަތުތަކުގައި ބުރަކޮށް އުޅުމަށްފަހު އަހަރު ނިމޭ ދުވަސްކޮޅު ބަލަނީ އައުއަހަރަށް ސިކުނޑި ހަމަޖައްސާލުމަށެވެ. ދުރާލާ ޗުއްޓީއަށް ތައްޔާރުވާ މީހުން އުޅެއެވެ. ލިބޭ މަދު އާމްދަނީއިން ފަހަށް ރައްކާކޮށް އަގުހެޔޮކޮށް ހިތްހަމަޖެހޭ ޗުއްޓީއެއް ހޭދަކުރުމަށް އިސްކަންދޭ މީހުންވެސް އުޅެއެވެ. ދުރާލާ ފުލައިޓް ޓިކެޓް ނެގުމަކީ ޗުއްޓީއަށް ހޭދަކުރާ މިންވަރު ކުޑަކުރެވިދާނެ ކަމެކެވެ. މިލިޔުމުގައި މިބަލާލަނީ އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް މިސަރަހައްދުން ދެވިދާނެ މަޝްހޫރު ތަންތަނަށެވެ.
ތައިލެންޑް
ތައިލެންޑް އަކީ ދިވެހިންގެ މެދުގައި މަޝްހޫރު ޤައުމެކެވެ. ގިނަ އަދަދެއްގެ ދިވެހިން މި ޤައުމަށް ޗުއްޓީ ހޭދަކުރަން ދާއިރު މިއީ ބާޒާރުކުރުމަށްވެސް އެނޫން ދެވަނައެއް ނެތް ފަދަ އަގުހެޔޮކޮށް އެއްޗެހި ލިބޭ ޤައުމެކެވެ. ފަރުބަދަމަތީ ސަރަހައްދުތަކާއި ރީތި ބީޗްތަކުގެ އިތުރަށް 'ވޯޓަރ ފޯލް' ފަދަ ރީތި މަންޒަރުތައް ހިމެނޭ ބެންކޮކަކީ އަގުހެޔޮކޮށް ޗުއްޓީ ހޭދަކުރެވިދާނެ ޤައުމެކެވެ.
މެލޭޝިއާ
ގިނަ އަދަދެއްގެ ދިވެހިން ޗުއްޓީއަށް މެލޭޝިއާ އަށް ދާއިރު މިއީވެސް ވަރަށް ރީތި ފަރުބަދަމަތީ ސަރަހައްދުތައް ހިމެނޭ ކުޑަކުދިން ކުޅޭ ޕާކުފަދަ ތަންތަން ހުންނަ ޤައުމެކެވެ. ކޭބަލް ކާރުގެ ދަތުރުތައް ތަޖުރިބާކޮށް އަގުހެޔޮކޮށް އަރާމު ޗުއްޓީއެއް ހޭދަކުރެވިދާނެ ޤައުމެކެވެ. މެލޭޝިއާ އެތެރޭގެ ދަތުރުތައް އެހާ އަގުހެޔޮ ނުވިއަސް ހޮޓެލް އަދި ކާއެއްޗެހީގެ އަގުހެޔޮކަން ފާހަގަކުރެވެއެވެ.
ބާލީ
އިންޑޮނޭޝިއާގެ ބާލީ އަކީ ރީތިކަމަށް މަޝްހޫރު ތަނެކެވެ. ޤުދުރަތީ ރީތިކަމަށް ޚާއްސަ ބާލީގައި ވަރަށް އަގުހެޔޮކޮށް ޗުއްޓީ ހޭދަކުރެވެއެވެ. މަޝްހޫރު ތަންތަނުގެ ތެރޭގައި 'ނުސާ ޑުއާ' ބީޗް އަދި 'ކެންގޫ' ގެ އިތުރަށް 'އުބުޑް' ވިލާތައް ހިމެނެއެވެ.
ޑުބާއީ
ޑުބާއީ އަކީވެސް ދިވެހިންގެ މެދުގައި މަޝްހޫރު މަންޒިލެކެވެ. އެހާ އަގުހެޔޮ ނުވިކަމުގައިވެސް ތަފާތު މާހައުލެއްގައި ޗުއްޓީ ހޭދަކުރުމަށް ލޯބިކުރާ ފަރާތްތަކަށް މިއީ ރަނގަޅު ތަނަކަށްވާނެއެވެ. މިގޮތުން ޖުމެއިރާ ބީޗް ހޮޓެލް ފަދަ ލަގްޒަރީ ހޮޓެލްތަކުން ޗުއްޓީ އަށް އިތުރު ފުރިހަމަކަމެއް ގެނުވައިދެއެވެ. އެންމެ މަޝްހޫރު އެއްތަނަކީ 'ޑެޒަރޓް ސަފާރީ' އެވެ.
ކަޝްމީރު
އިންޑިއާގެ ކަޝްމީރަކީ ވެސް ވަރަށް ރީތި ތަނެކެވެ. ޚާއްސަކޮށް ސްނޯ ފައިބާފަ ހުންނަ ދުވަސްވަރު ދާން ރީތި ތަނެކެވެ.