ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިއީ ފިނި މޫސުމެވެ. މި ހިތްހަމަޖެހޭ މޫސުމުގައި ސްނޯ ހުންނަ ސަރަހައްދުތަކަށް ދިޔަ ދިވެހިންވެސް އެބައުޅެއެވެ. އެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ފުރާލާފައިވަނީ އެފަދަ ތަންތަނުގެ ހިތްގައިމު މަންޒަރުތަކުންނެވެ. މި ލިޔުމުގައި މި ބަލާލަނީ މި އަހަރުގެ ފިނި މޫސުމުގައި ފާހަގަކޮށްލެވޭ ރީތި ސްނޯ ސަރަހައްދުތަކަށެވެ.
ނާގަނޯ، ޖަޕާން
ޖަޕާންގެ ނާގަނޯ އަކީ ވަރަށް މަޝްހޫރު ތަނެކެވެ. ކޮންމެ އަހަރެއްގެ ޑިސެންބަރުން ފެށިގެން މާރޗް މަހާއި ހަމައަށް މިސަރަހައްދުގައި ގިނަ އަދަދެއްގެ ރާމާމަކުނުވެސް އުޅޭކަމަށް ވެއެވެ. ސްނޯ ފައިބައިފައި ހުންނަ ކޯރުތަކުން މަކުނުތައް ފެންވަރާ މަންޒަރު ފެންނައިރު މި ސަރަހައްދުތަކުގެ ޕާކުތަކަށް ދާން އެންމެ ރަނގަޅު ވަގުތަކީ މެންދުރު ކުރިއެވެ. އެއީ މެންދުރުފަހު މިސަރަހައްދު ފެންނަނީ މީހުން ވަރަށް ގިނަކޮށެވެ. ވިންޓަރ ސްޕޯޓްސް އަށް މަޝްހޫރު ތަންތަނުގެ ތެރޭގައި 'ހަކުބާ' އަދި 'ޝިގާ ކޯގެން' ހިމެނެއެވެ.

ލެޕްލެންޑް، ފިންލެންޑް
ފިންލެންޑްގެ 'ލެޕްލެންޑް' އަކީ ވެސް މަޝްހޫރު ސްނޯ ސަރަހައްދެކެވެ. ބަލާލަން ހިތްގައިމު މި ސަރަހައްދު ހީވަނީ ޖާދުވީތަނެއްހެންނެވެ. އެހާވެސް ރީއްޗެވެ. ' ސަންޓާ ކްލައުސް ވިލެޖް' އެއްކޮށްހެން ފެންނަންހުރީ ސްނޯއިން ފުރިފައިވާ މަންޒަރެވެ. މިއީ ބަހުގައި ފަސޭހައިން ދެވެން އޮންނަ ތަނެކެވެ.

އުލާންބާޓަރ، މޮންގޯލިއާ
ވެރިރަށް އުލާންބާޓަރ އަކީ ޗުއްޓީގެ ދަތުރު ފެށުމަށް ރަނގަޅު މަންޒިލެކެވެ. ދެގަޑިއިރުން ދެވޭ ހިސާބުގައި 'ޓެރެލްޖް ނެޝަނަލް ޕާކް' ހުންނައިރު އެތަނުގައި ރީތި ފަރުބަދަތަކެއް ހުރެއެވެ. އަދި އައިސް ފެސްޓިވަލް ތަޖުރިބާކޮށްލަންވެސް ރަނގަޅެވެ.

ބާރލިން، ޖާރމަނީ
ތަފާތު ވައްތަރުގެ ކްރާފްޓްތައް ލިބެން ހުންނަ މާކެޓްތަކާއި، އާސާރީ ގޮތުން ފާހަގަކުރެވޭ ތަންތަންވެސް ބާރލިންގައި ހުރެއެވެ. 'ހޮޕް' ކުރަން ނުވަތަ ފުންމަން ފަސޭހަގޮތަށް ފަރުމާކޮށްފައިވާ ތަންތަންވެސް ސްނޯ ސަރަހައްދުތަކުގައި ހުރެއެވެ. 'ސްޕްރީ ރިވާ' ސަރަހައްދުގައި ވެސް ބޭނުންނަމަ ވަގުތު ހޭދަކޮށްލެވިދާނެއެވެ.

މުޖޫ، ސައުތްކޮރެއާ
ސައުތްކޮރެއާގެ މުޖޫގައި ހުންނަ 'ޑިއޮކްޔުސަން ސްކީ ރިސޯޓު'ގެ ވަށައިގެން ފެންނަން ހުރީ މިދުވަސްވަރު ސްނޯއެވެ. ވަށައިގެން ފެންނަ ގުދުރަތީ ރީތި މަންޒަރުތަކުން އަޖައިބުވާހާ ރީއްޗެވެ. ކޭބަލްކާރު ދުއްވުމުގެ ފުރުސަތުވެސް ލިބޭއިރު ބޭނުންނަމަ ހައިކްވެސް ކުރެވިދާނެއެވެ.