ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްރަށުގެ އިތުރަށް މާލޭގައި ފެންބޮޑުވާ ވާހަކައަކީ އަބަދުވެސް އިވޭ ވާހަކައެކެވެ. މިގޮތަށް ތަކުރާރުކޮށް ފެންބޮޑުވާ ރަށްރަށުގެ ގޭގެއަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. އަދި ވެރިރަށް މާލޭގައި ވެސް ފެންބޮޑުވުމުގެ ސަބަބުން ގޭގެއަށް ގެއްލުންވެ ފިހާރަތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނައިރު މިއީ މިހާތަނަށް ހައްލު ހޯދިފައިނުވާ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައެކެވެ.
ކުދިކުދި އާބާދީ ދިރިއުޅެމުން އަންނަ ރަށްރަށުގައި މިގޮތަށް ފެންބޮޑުވެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިތަކާއި ކުރިމަތިވެ އަދި އެރަށްރަށުން ފުރައިގެން އެހެން ރަށަކަށް ކަނޑުގަދަވުމުން ދެވޭނެ ގޮތެއް ނެތި ރަށުބަންދުގައި ތާށިވެފައި ތިބެންޖެހޭ ހާލަތްތައްވެސް ވަނީ ކުރިމަތިވެފައެވެ.
ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ދިރިއުޅޭ މާލޭގެ ހާލަތުވެސް ދުވަހެއް ދުވަހަކަށް މިދަނީ ދަށަށެވެ. ބައެއް މީހުން ދެކޭގޮތުގައި ހާލަތު މިގޮތަށް މިދަނީ ރޭވުންތެރިކަމެއް ނެތި ކުރަމުން އަންނަ ކަންތަކުންނެވެ. މިސާލަކަށް މަގުތައް ހެދިއިރު މޫސުމީ ބަދަލުތަކަށް ރިއާޔަތް ނުކޮށް ރަނގަޅު ފެންހިންދާނެ ނިޒާމެއް ޤާއިމްކޮށްފައި ނެތުމުންނެވެ. އަދި ހަމައެއާއެކު ދާއިމީކޮށް މަގުތައް އެއްފެންވަރެއްގައި ބެހެއްޓުމަށް މަސައްކަތް ކުރެވިފައިނުވުމެވެ.
ރަނގަޅު ފެންވަރުގެ ސްޓޯމް ޑްރެއިން ސިސްޓަމެއް ހަރުކުރެވިފައިވަނީ ރާއްޖޭގެ ކިތައް ރަށުގައި ހެއްޔެވެ؟ އަލަށް ރަށްރަށުގެ މަގުތަކުގައި ތާރުއަޅައި އެރަށްރަށަށް ޒަމާނީ ތަރައްޤީ ގެންނަމުން އަންނައިރު ފަހަށް ވިސްނާލެވުނުބާއެވެ؟ ރަށްރަށުގެ ގުދުރަތީ ނިޒާމްތަކަށް އެވަގުތަކު އޮންނަ ސަރުކާރަކުން ބޭނުންވާ ބަދަލުތައް ގެންނަނީ އެވެ. ރަށުގައި އޮންނަ ޗަސްބިންތަކަށް ވެލި އަޅައި ގުދުރަތީ ގޮތުން ފެންހިދޭނެ އެއްވެސް ތަނެއް ނުބާއްވާ މުޅި ރަށަށް ބަދަލު ގެނެސް ކަނޑާއި ހަމައަށް ހިއްކަމުން އަންނައިރު އުދައަރާ މިންވަރުވެސް މިދަނީ އިތުރުވަމުންނެވެ. ވާރޭ ވެހޭއިރަށް ފެނުއަޑީގައި ތިބުން ނޫންގޮތެއް ނެތް އެތައް ރައްޔިތުންނެއް މި ރާއްޖޭގައި އެބައުޅެއެވެ. އުދައަރަމުން އަންނާތީ ހަމަނިދި ނުލިބޭ އެތައްބަޔަކުވެސް ރަށްރަށުގައި އެބައުޅެއެވެ.
ޒަމާނީ ތާރުގެ ތަރައްގީވެސް ދިވެހީން ބޭނުމެވެ. އެކަމަކު އޭގެ ސަބަބުން އިތުރު ގެއްލުންތައް ނުލިބޭނެ ގޮތަކަށެވެ. ބޯކޮށް ވާރޭވެހި ފެންބޮޑުވާ ކޮންމެ ފަހަރަކު މާލެއާއި ރަށްރަށުގެ ގޭގެއަށް ފެންވަދެ ގޭގަ ގެންގުޅޭ ސާމާނު ހަލާކުވާކަމަށްވާނަމަ އެ ތަރައްގީގެ ބޭނުމަކީ ކޮބާހެއްޔެވެ؟
ފެންބޮޑުވާ ކޮންމެ ފަހަރަކު އެ ސަރަހައްދުތަކުގައި ހުންނަ އުޅަނދުތަކަށް ލިބޭ ގެއްލުމަށް ޒިންމާ ނަގާނީ ކާކު ހެއްޔެވެ. މާލޭގެ މާފަންނު ސަރަހައްދުގެ މަގުތަކުގައި ޕާކުކޮށްފައި ހުރި އަގުބޮޑު އެތައް ސައިކަލެއް އޮތީ ބިންމައްޗަށް ވެއްޓި ފެނުއަޑީގައެވެ. މި އުޅަނދުތަކަކީ ވެސް ސަރުކާރަށް ދައްކަންޖެހޭ ފީތައް ދައްކައިގެން ދުއްވާ އެއްޗިއްސަށްވާއިރު އެ އުޅަނަދު ދުއްވޭނެ ރައްކާތެރި މާހައުލެއް ސަރުކާރުން ޤާއިމްކުރަން ޖެހެއެވެ. މާލެއަށް ނުކަތާވަރަށް އުޅަނދު އެތެރެކުރަން ހުއްދަ ދިން ޒަމާނެއްވެސް ވަނީ ފެނިފައެވެ. މިގޮތަށް ފެންބޮޑުވާ ފަހަރު ބާރަށް މަގުމަތީގައި ސައިކަލު އަދި ކާރު ދުއްވާ މީހުންވެސް ވިސްނަން ޖެހެއެވެ. އެގޮތަށް ދުއްވުމުން ފެނުތެރޭގައި ނުވެއްޓި ހުރި ސައިކަލުތައްވެސް ވެއްޓެން ދިމާވެއެވެ.
މިފަހަރުގެ މޫސުމީ މިކާރިސާގައި ވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ދުރާލާ ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެކަމަކު ރައްޔިތުންނަށް ވެލިބަސްތާ ޖެހުން ފިޔަވައި އަމިއްލަ ގެދޮރު ފެނުން ސަލާމަތްކުރުމަށް ކުރެވޭނެ މާކަބޮޑު ކަމެއް ނެތެވެ. މިއީ ސަރުކާރުން އަވަސް ހައްލެއް ހޯދަން ޖެހިފައިވާ މައްސަލައެކެވެ. މާލޭގެ އިތުރަށް ރަށްރަށުގެ ރައްޔިތުންނަށް ފެންބޮޑުވުމުން ލިބޭ ގެއްލުން ކުޑަކުރެވޭނީ އެއިރުންނެވެ.
ޤައުމީ ދިފާއީ ބާރުން ހާމަކުރި ގޮތުގައި އިއްޔެ ހެނދުނު 11:37 ގައި ފެން ހިންދުމަށް ދިވެހި ސިފައިން މާލޭގައި ފެށި އޮޕަރޭޝަން މިއަދު ހެނދުނު 8:30 އަށް ވަނީ ނިންމާލާފައެވެ. މި އޮޕަރޭޝަންގައި މާލެއިން އެކަނި 30،569 ޓަނުގެ ފެން ވަނީ ހިންދާފައެވެ. އަދި 8 ރަށެެއްގައިވެސް ވަނީ ފެންހިންދުމުގައި ސިފައިން ހަރަކާތްތެރިވެފައެވެ. އެއީ ދ. ކުޑަހުވަދޫ، ދ.މީދޫ، އދ. މާމިގިލި، ށ.ނަރުދޫ، ފ.ނިލަންދޫ، ކ.މާފުށި، ކ.ގުރައިދޫ އަދި ކ. ހުރާގައެވެ. ސިފައިންގެ އިތުރުން އާންމުން ވެސް ވަނީ ފެން ހިންދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން މާލޭގެ ރަސްފަންނާއި ދިމާލުން ކޯރެއް ކޮނެ ފެން ހިންދުމަށް އާންމުން ކުރި މަސައްކަތް ފާހަގަކުރެވެއެވެ.
މާލޭގައި ފެންބޮޑުވެގެން ތަފާތު އެކިކަންކަމުގައި އެހީއަށް އެދި 774 ތަނަކުން ރިޕޯޓްކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން ވަނީ ހާމަކޮށްފައެވެ. މީގެތެރެއިން 554 ތަނަކުން އެދިފައިވަނީ ވެލިބަސްތާ ޖެހުމަށް ކަމަށާއި، 36 ގޭބީސީއެއްގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގައި އެހީތެރިވެފައިވާކަމަށް އެ އޮތޯރިޓީއިން ވަނީ ހާމަކޮށްފައެވެ.
މިއަދުގެ މޫސުމަށް ބަލާއިރު މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ. އެހެންވުމުން ގޭގޭގައި ފެންބޮޑުވެދާނެ ކަމަށް ސަމާލުވާން އެބަޖެހެއެވެ.