މަމްސް އެއިޑްގެ 6 ވަނަ އަހަރީ ގާލާ އެންޑް ފަންޑްރައިސިންގް ޙަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެވެ. މި ޙަފްލާ ބާއްވާފައިވަނީ ވިލާ ކޮލެޖްގެ ކިއު އައި ކެމްޕަހުގައެވެ.
މިހަފްލާގައި ވާހަކަ ދައްކަވަމުން މެޑަމް ސާޖިދާ ވަނީ އެންޖީއޯތައް މުޖުތަމައުގައި އަދާކުރާ މުހިންމު ރޯލުގެ މައްޗަށް އަލިއަޅުވާލައްވައިފައެވެ. މިގޮތުން، ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކަށް ވާސިލު ނުވެވި ތިބޭ ފަރާތްތަކާ ހަމަޔަށް ވާސިލުކޮށް ދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ އެންޖީއޯތަކަށްކަން ފާހަގަކުރެއްވިއެވެ. އަދި ކޮންމެ ސަރުކާރަކުންވެސް އެން.ޖީ.އޯތަކާ ގުޅިގެން މަސައްކަތް ކުރުމުން ލިބޭނެ ފައިދާތަކުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ.
މުޖްތަމަޢުގެ ތެރެއިން ފެންނަ ނޭދެވޭ ކަންތައްތައް ހުއްޓުވައި، އެންމެންގެ ލާބައަށް މަސައްކަތް ކުރުމުގައި އެންޖީއޯތަކުން އަދާކުރާ ދައުރަށް ވަނީ ބައްލަވައިލައްވައިފައެވެ. މިގޮތުން އަންހެނުންނަށް ކުރާ އަނިޔާތަކާއި، ކުރިމަތިވާ ގޮންޖެހުންތަކުން ސަލާމަތްކޮށްދީ، އަންހެނުން ބާރުވެރިކުރުވުމުގެ ވާހަކަ ދައްކާއިރު، ޢަމަލީ ގޮތުން މިކަން ހާޞިލުކުރެވޭނީ މިފަދަ އެންޖީއޯތަކަށް މުޖްތަމަޢުގައި ދެވޭ މަގާމާއި ހައިސިއްޔަތު ވަރުގަދަ ކޮށްގެންކަމުގައި ވިދާޅުވިއެވެ. އަދި މިފަދަ އެންޖީއޯތަކުން ކުރާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން މަމްސް އެއިޑްގެ އެޑްވޮކެސީ އެންޑް ޕޮލިސީ ކޮންސަލްޓެންޓް އަލްއުސްތާޛާ އާޒިމާ ޝުކޫރު ވަނީ އަންހެނުންނާއި ކުޑަކުދިންނަށް ކުރިމަތިވާ ޖިންސީ އަނިޔާއާއި ގެވެށި އަނިޔާގެ މައްޗަށް އަލިއަޅުވާލައްވާ އެކަމުން އެފަދަ ފަރާތްތައް ސަލާމަތްކުރުމަށް އެންމެން ތެދުވާންޖެހޭ ކަމަށް ވިދާޅުވެފައެވެ.
މި ޙަފްލާގައި، މަމްސް އެއިޑު އުފެދި، މި ވޭތުވެދިޔަ 6 އަހަރު ދުވަހުގެ ތެރޭ ޖަމްއިއްޔާއިން ކުރި މުހިންމު މަސައްކަތްތަކުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވެއެވެ. އަދި މަމްސް އެއިޑަށް އެކި ގޮތްގޮތުން އެހީތެރިވެދިން ސްޕޮންސަރުންނާއި ޕާޓްނަރުންގެ އަގު ވަނީ ވަޒަންކޮށްފައެވެ.
2025 ވަނަ އަހަރުގެ މުހިންމު ޙަރަކާތެއްގެ ގޮތުގައި "ފަންޑް ރެއިޒަރ ފޮރ ހޯޕް ފޮރ މަމްސް ކެމްޕެއިން" ވެސް މި ހަފްލާގައި ވަނީ ފްތިތާޙު ކޮށްފައެވެ. އަދި މަމްސް އެއިޑުން މިއަހަރަށް ކަނޑައެޅި "2025 އިމްޕެކްޓް ޕާޓްނަރުން" ވެސް ވަނީ އިޢުލާނު ކޮށްފައެވެ.
މަމްސް އެއިޑްގެ ފަރާތުން ހިޔާވަހިކަން ފޯރުކޮށްދިން އާއިލާއަކުން ވަނީ އެއާއިލާގެ ހާލަތު ބަދަލުވެ ލިބުނު އުފާވެރިކަމުގެ ޝުޢޫރު މިހަފްލާގައި ހިއްސާކޮށްފައެވެ. 3 ކުދިންނާއިއެކު އެވާހަކަތައް ކިޔައިދެމުންދިޔައިރު އަނިޔާއިން އެއާއިލާ ސަލާމަތްވެ ހާލަތު ބަދަލުވުމުން ލިބުނު އުފާވެރިކަން ފެނިގެންދިޔައެވެ.
މަމްސް އެއިޑަށް ކޮށްދިން ޚިދުމަތް ފާހަގަކޮށް، އެ ޖަމްޢިއްޔާގެ 5 މެންބަރަކަށް މި ޙަފްލާގައި ދިން ހަނދާނީ ފިލާ އެ ފަރާތްތަކާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެވެ.