January 18, 2025 06:43
Advertisement

-Advertisement-

ކަރަންޓުގައި ޖެހި މީހުން މަރުވާއިރުވެސް ޖެހިލުމެއްނެތި ވަގުން ވައްކަން ކުރުމުގައި!

ކަރަންޓުގައި ޖެހިގެން ލިބޭ ޝޮކްގެ ސަބަބުން މަދުންނަމަވެސް ރާއްޖޭގައި ވެސް މީހުން މަރުވެފައި ވެއެވެ. ކަރަންޓުގެ މަސައްކަތްތަކަކީ އެކަމުގެ ފަންނު ލިބިގެން ކުރާ ކަމެކެވެ. އަދި ސަލާމަތީގޮތުން ރައްކާތެރި ވަސީލަތްތައް ބޭނުންކޮށްގެން ނޫނީ ކުރަން ހެޔޮވާވަރު ކަމެއް ނޫނެވެ.

ހިތާމައަކީ ކަރަންޓް ޚިދުމަތްދޭ ކުންފުނި ސްޓެލްކޯގެ ސަބްސްޓޭޝަންތަކުގެ ތަޅު ހަލާކުކޮށް އެތަންތަނަށް ވަދެ ޓްރާންސްފޯމަރުތަކުގެ ބައިތައް ވަގަށް ނަގާ މީހުން އުޅޭކަމެވެ. ވަގުންގެ މި އަމަލާއި ގުޅިގެން އޭގެ ގެއްލުން ލިބޭ އެއްބަޔަކީ އެސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުންނެވެ. ކަރަންޓް ޚިދުމަތް މެދުކެނޑި ދަތިތައް ކުރިމަތިވާއިރު މި ޚިދުމަތް އަނބުރާ ފޯރުކޮށްދޭން ބުރަ މަސައްކަތެއް ކުރަންޖެހެނީ ސްޓެލްކޯގެ މުވައްޒަފުންނަށެވެ.

ހުޅުމާލެ ފޭސް 2 ގައި ހުރި ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ރޭގެ ވަގުތެއްގައި ވަނީ އަތުލައިގެންފައެވެ. އެވަގުތު އެތަނަށް ދިޔަ ސްޓެލްކޯގެ މުވައްޒަފަށް ރެންޗަކުން ހަމަލާދީ ޒަޚަމް ކޮށްފައިވާއިރު ވައްކަން ކުރަން އުޅުނު މީހާ ވަނީ ފުލުހުންނާއި ހަވާލުކޮށްފައެވެ. ރޭގެ މިހާދިސާގެ ސަބަބުންވެސް އެމްޕީއެލްގެ ފުލެޓުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވެއެވެ.

Advertisement

ފުލުހުން މައުލޫމާތު ދިންގޮތުގައި މިމައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ށ. ބިލެތްފަހި އުމުރުން 37 އަހަރުގެ އިބްރާހީމް ޒާލިފް އެވެ.

ވައްކަން ކުރަން އުޅުނު މީހާ ހުއްޓުވަން މަސައްކަތްކުރި ސްޓެލްކޯގެ މުވައްޒަފު އަދި އެކުންފުނީގެ އެމްޑީ ފަހުމީ

ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅުނު މީހާ ހުއްޓުވުމަށް މަސައްކަތްކޮށް އަނިޔާ ލިބުނު މުވައްޒަފުގެ އަގު ވަޒަން ކުރުމުގެ ގޮތުން "މެޑަލް އޮފް ބްރޭވަރީ" ވަނީ ސްޓެލްކޯއިން ދީފައެވެ. އަދި އެކަމުގައި ދެން އެހީތެރިވި މުވައްޒަފަށް ވަނީ ހަނދާނީ ލިޔުން ދީފައެވެ.

ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅޭއިރު ކަރަންޓުގައި ޖެހި ހިތާމަވެރި ހާދިސާއެއް ހިނގައިފާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ސްޓެލްކޯއިން ދީފައިވާއިރު ވަގުންގެ ވައްކަން ކުރުމަކަށް ހުއްޓުމެއް ނާދެއެވެ. މިދިޔަ އަހަރުވެސް ވަނީ މިގޮތަށް ވައްކަން ކުރަން އުޅެނިކޮށް ހުޅުމާލެއިން މީހަކު މަރުވެފައެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް