ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޯރ މެރިޓައިމް އެއަރ ކޮލިޓީ މޮނިޓަރ ކުރުމަށް ޤާއިމްކޮށްފައިވާ ޓްރެކަރއިން ދައްކާގޮތުގައި މިއަދު މެންދުރު މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ ހުރީ 137 ގައެވެ. މިއީ ނާޒުކު ހާލަތުގައިވާ ފަރާތްތަކަށާއި އެހެން މީހުންނަށްވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑު މިންވަރެކެވެ. ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެ ސަރަހައްދުގެ ވައި ނުސާފުވުމުން ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރި މާސްކް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ.

ވައި ނުސާފު ވަގުތުތަކުގައި ރައްކާތެރިވެ ސަމާލުކަން ދޭންޖެހޭ ކަންތައްތައް:
- ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި އަދި އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުން
- ބޭރަށް ނުކުންނަންޖެހޭ ހާލަތްތަކުގައި ރައްކާތެރި މާސްކް އެޅުން
- ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުން
- ތުއްތު ކުދިން ބޭރަށް ނުނެރުން
- ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން
- ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންތައްތައް މަޑުޖައްސާލުން
ފަހަކަށް އައިސް ކޮންމެ އަހަރެއްގެ ޖެނުއަރީ އަދި ފެބުރުއަރީމަހު ރާއްޖޭގެ ވައި ނުސާފުވާކަމަށް ވަނީ ފާހަގަވެފައެވެ. މިއީ އަވަށްޓެރި އިންޑިއާގެ ބައެއް ސަރަހައްދުތަކަށްވެސް ވަރަށް ވައި ނުސާފު ދުވަސްވަރެކެވެ. އެހެންވުމުން ރާއްޖޭގެ ވައި ނުސާފުވަނީ އިންޑިއާއިން ހިރަފުސްދުން ރާއްޖެމައްޗަށް އައުމުން ކަމަށް ބެލެވެއެވެ.
މާލެ ސަރަހައްދު ދުރުން ފެންނަނީވެސް ވަރަށް ނުސާފުކޮށެވެ. އެހެންވުމުން ގެއިން ބޭރަށް ނުކުންނައިރު ސިއްހަތަށް ސަމާލުކަން ދިނުން ވަރަށް މުހިންމެވެ.