February 6, 2025 02:48
Advertisement

-Advertisement-

އެކްސިޑެންޓްވެފައި އޮތް މީހާގެ ގައިމަތިން ސައިކަލެއް ދިއުން، ބުރިޖުގައި ދުއްވާ މީހުން ސަމާލުވުމަށް ލިބުނު އިންޒާރެއް!

މި ފެބުރުއަރީމަހު 1 ވަނަ ދުވަހު ހެނދުނު 8:19 ހާއިރު ހުޅުމާލެ އިން މާލެއަށްދާ ލޭނުގެ ސޯލާޕެނަލްތައް ކައިރީގައި ބަހައްޓާފަހުރި ކޯނެއްގައި ދުއްވާފައިދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓެއްވި މައްސަލަ ބަލަމުންދާކަން ފުލުހުން އާންމުކުރީ އެދުވަހުގެ ހެނދުނު 9:37 ގައެވެ.

ފުލުހުންގެ މީޑިއާ ގުރޫޕުގައި އެކްސިޑެންޓް ހިނގި ދުވަހު ހިއްސާކުރި މެސެޖުގައި އިތުރަށް ބުނެފައިވަނީ އެކްސިޑެންޓްވި ބަންގްލަދޭޝް މީހާ ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗަށް ގެންގޮސްފައިވާކަމަށާއި ފަރުވާ ދެމުންދަނިކޮށް އެމީހާ މަރުވީ އެދުވަހުގެ ހެނދުނު 09:05 ގައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށެވެ. އަދި އެމައްސަލަ ދަނީ ތަހުގީގު ކުރަމުންކަމަށް ވިދާޅުވެ އިތުރު އެއްވެސް ތަފްސީލެއް ހާމަނުކުރެއެވެ.

ކޯނުގައި ޖެހި އެކްސިޑެންޓްވި މީހާގެ ގައިމަތިން ފަަހަތުން އައި ސައިކަލު ދާމަންޒަރު

ފުލުހުން މި އެކްސިޑެންޓާއި ގުޅޭ އިތުރު މައުލޫމާތު ހާމަނުކުރިއަސް ސޯޝަލް މީޑިއާގައި ވަނީ މި އެކްސިޑެންޓް ހިނގިތާ ކުޑަވަގުތުކޮޅެއްތެރޭ އެވެއްޓިފައޮތް ބަންގްލަދޭޝް މީހާގެ ގައިމަތިން ސައިކަލެއްދާތަން ފެންނަ ވީޑިއޯއެއް އާންމުކޮށްފައެވެ. ބެލެވޭގޮތުގައި ސައިކަލު ދިޔައީ އެމީހާގެ ބޯމަތިންނެވެ. މުޅިސަރަހައްދުގައި ވަރަށްގިނައިން ލޭ ހުރިކަމަށް މަންޒަރު ފެނުނު މީހުން ވަނީ ބުނެފައެވެ. އަދި އެކްސިޑެންޓަށްފަހު އެމީހާއަށް އެހާ ބޮޑަށް އަނިޔާވެ މަދުވަގުތުކޮޅެއްގެ ތެރޭގައި މަރުވީ ސައިކަލު އެމީހާގެ ގައިމަތިން ދިޔުމުން ލިބުނު އަނިޔާގައިކަމަށް އެމަންޒަރު ފެނުނު މީހުން ވަނީ ބުނެފައެވެ. މި ވީޑިއޯ އާންމުވުމާއެކު ފުލުހުންނަށް ތަކުރާރުކޮށް ނޫސްވެރިން ސުވާލު އަމާޒު ކުރިއެވެ.

Advertisement

'ޒީޓައިމްސް'އިން ކުރި ސުވާލުގެ ޖަވާބުގައި ފުލުހުންގެ އޮފިޝަލް މިމަހުގެ 4 ވަނަ ދުވަހު ވިދާޅުވިއެވެ. "މި އެކްސިޑެންޓާއި ގުޅިގެން 60 އަހަރުގެ ދިވެހި އަންހެނަކާ ވަނީ ސުވާލުކޮށްފައި. އަދި އޭނާގެ ލައިސަންސް ހިފަހައްޓާ އޭނާ ދުއްވި ސައިކަލު ވަނީ ޓޯކޮށްފައި. އެކްސިޑެންޓްގެ މައްސަލަ އިތުރަށް ދަނީ ތަހުގީގު ކުރަމުން".

މިވަރުގެ ބޮޑު އެކްސިޑެންޓެއްގެ ތަފްސީލް ފުލުހުން އާންމުނުކޮށް ސިއްރު ކުރީ ކީއްވެތޯ ތަކުރާރުކޮށް ނޫސްވެރިން އެހި ސުވާލުތަކަށް ފުލުހުންގެ މުއައްސަސާއިން ޖަވާބު ދީފައެއް ނުވެއެވެ. މި އެކްސިޑެންޓަކީ ބުރިޖުގައި ބާރު ސްޕީޑުގައި ދުއްވާ މީހުން ސަމާލުވުމަށް ދެވުނު އިތުރު އިންޒާރެކެވެ.

ބުރިޖަކީ ވަކި ބާރު މިނެއްގައި ދުއްވަންޖެހޭ ތަނަކަށްވާއިރު ކުރިމަތިން ދުއްވާ ވެހިކަލާއި ދެމެދު އެކަށީގެންވާ ދުރުމިނެއް ނުބަހައްޓާ ދުއްވާ އުޅަނދުތައް އާދަޔާޚިލާފަށް ގިނައެވެ. އަދި އޯވަޓޭކް ކޮށްގެން ހިނގާ އެކްސިޑެންޓްތައްވެސް ވަކި މަދެއް ނޫނެވެ.

" ބާރު ސްޕީޑުގައި ދުއްވާއިރު އެކަށީގެންވާ ޖާގަ ނުބަހައްޓާނަމަ ކުރިމަތީގައި ހުރި ވެހިކަލް ކުއްލިއަކަށް އެކްސިޑެންޓް ވެއްޖެނަމަ ފަހަތުން އަންނަ ވެހިކަލް ގޮއްސަ ޖެހޭނީ އެކްސިޑެންޓްވި ވެހިކަލުގައި. އަދި އެހާލަތުގައި ފަހަތުން އަންނަ ސައިކަލު ކުއްލިއަކަށް ބުރަކި ޖައްސައިފިނަމަ އޭގެ ފަހަތުން އަންނަ ވެހިކަލުތައް ޖެހި އަނެއްކާ އިތުރު އެކްސިޑެންޓްވުންވެސް ވެދާނެކަމެއް. ނޫނީ ބުރަކި ޖައްސާގޮތަކުން ކަހާލާފަ ވެއްޓިވެސް ދާނެ. މިއީ ވެހިކަލްތައް ދުއްވާއިރު އިތުރަށް ވިސްނަންވީ ކަމެއް". ހޮނިހިރު ދުވަހުގެ އެކްސިޑެންޓަށްފަހު ވިސްނުން ހިއްސާކުރި މީހަކު ބުންޏެވެ.

ބްރިޖުގައި ދުއްވާއިރު ވިސްނަން އެބަޖެހެއެވެ. ހޮނިހިރު ދުވަހުގެ އެކްސިޑެންޓްގައި އެމީހާގެ ގައިމަތިން ފަހަތުން އައި ސައިކަލު ދުއްވި މަންޒަރަކީ ބަލާލަން ބިރުވެރި މަންޒަރެކެވެ.

" ކުއްލިއަކަށް ކުރިމަތީގައި އޮންނަ ވެހިކަލު އެކްސިޑެންޓްވެ މީހަކު ވެއްޓިއްޖެނަމަ ފަހަތުން އަންނަ މީހުން އިތުރަށް ރައްކާތެރިކަމާއެކު ދުއްވަންވީގޮތް ވިސްނަންޖެހޭ. ބްރިޖުގައި އާންމުކޮށް ދުއްވާ ބާރުމިނުގައި ދަނިކޮށް ކުއްލިއަކަށް ކުރިމައްޗަށް މީހަކު ވެއްޓިއްޖެނަމަ ކުރެވޭނެ މާބޮޑުކަމެއް ނޯންނާނެ. ފަހަތުންނާއި އަރިއަރިމަތިން ވެހިކަލްތައް އަންނައިރު އަމިއްލަ ސަލާމަތް ހޯދުމަކީވެސް އުދަނގޫ ކަމެއް". މިމައްސަލައިގައި ޚިޔާލު ފާޅުކުރި އިތުރު މީހަކު ބުނެފައިވެއެވެ.

ބުރިޖަކީ އެންމެންނަށް ރައްކާތެރި ތަނަކަށް ވާންޖެހެއެވެ. އެކްސިޑެންޓްގައި މީހެއްގެ ގައިމަތިން ސައިކަލު ދިއުމަކީ ހިތާމަވެރި ކަމެކެވެ. އެފަދަކަމެއް ތަކުރާރު ނުވާނެ ގޮތަށް ދުއްވާމީހުންގެ އަމަލުތައް ބަހައްޓަންޖެހެއެވެ. ކުރިމަތީގައި އޮންނަ ވެހިކަލް ކުއްލިއަކަށް ވެއްޓި ނުވަތަ މަޑުކުރިއަސް ފަހަތުގައި އޮންނަ ވެހިކަލް ބްރޭކް ޖައްސައި ކޮންޓްރޯލް ކުރެވޭ ދުރުމިނެއް ބަހައްޓައިގެން ދުއްވަން އިތުރަށް ސަމާލުވާން ޖެހެއެވެ. އަދި ފުލުހުންގެ މުއައްސަސާއިން ވެސް މިފަދަ އެކްސިޑެންޓްގެ ތަފްސީލް ސިއްރުނުކޮށް އިތުރަށް މީހުން ހޭލުންތެރި ކުރުވަންޖެހޭ ކަމަށް ގިނަބަޔަކު ދެކެއެވެ.  

+1
0
+1
0
+1
3
+1
0
+1
0
+1
1
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް