February 22, 2025 20:33
Advertisement

-Advertisement-

މުމްތާޒު ކީމޯފަރުވާ ހޯދަނީ

ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ މުމްތާޒުގެ ބޯންމެރޯ ފަރުވާއަށް އެދެނީ ދީލަތި އެހީއަށް!

މާލެ ދަފްތަރު ނަންބަރު ރސ 5323 އިބްރާހީމް މުމްތާޒް (52އ) އަކީ ހިތްވަރާއެކު އާމްދަނީ ހޯދުމަށް ވަޒީފާ އަދާކުރަމުން އަންނަ މީހެކެވެ. އެހެންނަމަވެސް ކެންސަރު ބަލީގެ ފަރުވާގައި ގިނަ ދުވަސްތަކެއްވަންދެން އިންޑިއާގައި މަޑުކުރަން ޖެހުން މިއީ މުމްތާޒްގެ ދިރިއުޅުމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.

'ޒީޓައިމްސް' އަށް އިންޓަވިއު ދެމުން މުމްތާޒު ވަނީ ބަލިހާލަތުގެ ތަފްސީލް ކިޔައިދީފައެވެ. ފުރަތަމަ ކެންސަރު ޖެހުނުކަން އެނގުނީ 2023 ވަނަ އަހަރުގެ މާރިޗްމަހުގަ އެވެ.

މުމްތާޒުގެ ހާލަތާއި ގުޅޭގޮތުން މިއަހަރުގެ ޖެނުއަރީމަހު ހުޅުމާލެ ހޮސްޕިޓަލުން ދީފައިވާ ލިޔުން

"އުނަގަނޑުގައި ރިއްސާތީ ދިޔައީ. އިށީނދެފަ ތެދުވާއިރު ރިއްސާތީ. ނިދާފަ ތެދުވާއިރުވެސް ރިއްސާތީ އުނދަގޫވާތީ ދިޔައީ. މީހާ ގުދުވެފަ ހުންނަކަހަލަ ގޮތަކަށް އެއިރު ހުރީ.. ދެން ކަށީގެ ކަމެއްކަމަށް ވިސްނާފަ ދިޔައީ އިންޑިއާގެ ކޮއިމްބަތޫރަށް. ރާއްޖެއިން ހެދި އެމްއާރުއައި އާއި ޓެސްޓްތައް ބަލާފަ ބުނީ ކެންސަރ ކަމަށް. މައިބަދައިގެ ކެންސަރު ޖެހިފައިވަނީ". މުމްތާޒު އަސަރާއިއެކު ކިޔައިދިނެވެ.

Advertisement

ކެންސަރަށް ފަރުވާ ހޯދުމަށް ދެންދިޔައީ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލަށެވެ. 2023 ވަނަ އަހަރު ފަރުވާއަށް އިންޑިއާގައި 5 މަސް ދުވަހު މަޑުކުރި ކަމަށް މުމްތާޒު ވަނީ ބުނެފައެވެ.

" ކީމޯ ނަގަމުންގޮސް ބޯންމެރޯ ހެދޭވަރަށް ފަރުވާ ހޯދަން އެމީހުން ބޭނުންވީ. އެއިރު މާލެ އައިސް މާލެއިން ކީމޯ ނަގާފަ 2024 ވަނަ އަހަރު ޑިސެންބަރުގައި އިންޑިއާއަށް ދިޔައީ އަލުން ޓެސްޓްތައް ހަދަން. ޓެސްޓްތައް ބަލާފަ ޑޮކްޓަރު ބުނީ ބޯންމެރޯ ހެދުމަށް މީހާގެ ހަށިގަނޑު ތައްޔާރުވެއްޖެ ކަމަށް. އަދި މާލެއަށް ގޮސް ބޯންމެރޯއަށް ތައްޔާރުވެގެން އެނބުރި އައުމަށް ޑޮކްޓަރު ބުނުމުން މިތިބީ އަނެއްކާ އިންޑިއާ އަށް އައިސް".

އަމްރިތާ ހޮސްޕިޓަލުން ފަރުވާ ހޯދަމުން އަންނަނީ އާސަންދައިގެ އެހީގައެވެ. މުމްތާޒު ވަނީ ވަރަށް ތަފްސީލުކޮށް ބޯންމެރޯ ފަރުވާ ކުރިއަށްދާނެ ގޮތްވެސް ހިއްސާކޮށްފައެވެ.

" ބޯންމެރޯ ހެދުމަށް ފުރަތަމަ ޓެސްޓްތައް ހެދުމަށްފަހު ދެން އަނެއްކާވެސް ދޭނީ ޑޯޒްތަކެއް. ޖުމްލަ 5 ޑޯޒް. 4 ވަނަ ޑޯޒް ނިންމާފަ ދެން ޖެހޭނީ އެޑްމިޓްވާން. އެއަށްފަހު ހަށިގަނޑުން ނަގާނީ ސެލްތަކެއް. އެސެލްތައް ހޮސްޕިޓަލުގައި ބަހައްޓާނީ. ދެން އަނެއްކާވެސް ދޭނީ ތަންކޮޅެއް ބާރުގަދަ ޑޯޒްތަކެއް. ދެން އެމީހުން އެބޭނުންވާ ބަދަލުތަކެއް ގެނެއްސަ ނެގި ސެލްތައް އަނެއްކާ އަޅުގަނޑުގެ ގަޔަށް އަޅާނީ... އަޅުގަނޑާއި ބޯންމެރޯ ހެދުމަށް އަޅުގަނޑަށް އެހީތެރިވާ އަނބިމީހާ އެޑްމިޓްކޮށްފަ ހުންނާނީ ވަކިން ހޮސްޕިޓަލުގެ ކޮޓަރިއެއްގައި. އެހެން އެއްވެސް މީހަކަށް އެ 1 މަސްދުވަހު އެ ކޮޓަރިއަކަށް ނުވަދެވޭނެ. ފަރުވާއަށް ޖުމްލަ 4 މަސްދުވަހު އިންޑިއާގައި މިފަހަރުވެސް މަޑުކުރަންޖެހޭނެ ކަމަށް މިބަލަނީ".  

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގައި މަސައްކަތް ކުރާ މުމްތާޒު ފަރުވާގައި ހޭދަވާ ދުވަސްތަކުގައި އެހީތެރިންނަށް ދެން ތިބޭނީ 2 ކޮއްކޮ ކަމުގައި ވަނީ ބުނެފައެވެ. އެއީ އެއްކޮއްކޮގެ ޗުއްޓީ ހަމަވުމުން އަނެއް ކޮއްކޮ ދާގޮތަށެވެ.

" ފަރުވާއަށް އާސަންދަ ހަމަޖެހުނަސް އިންޑިއާގައި 4 މަސްދުވަސް ހޭދަވާނެތީ ބޮޑު ޚަރަދެއް ދޭ އިތުރު ކަންތައްތަކަށް. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގައި މަސައްކަތް ކުރަނީ އަންހެނުންވެސް. އަޅުގަނޑަށް ލިބޭނެ ސިވިލް ސަރވިސްގެ ދިގުމުއްދަތަކަށް ޚިދުމަތް ކުރުމުން ލިބޭ ޗުއްޓީ. އަޅުގަނޑު އެހެންވެ ހުންނާނީ ދެބައިކުޅަ އެއްބައި މުސާރަ ލިބޭގޮތަށް. އަންހެނުން ހުންނަންޖެހޭނީ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީގައި. ފަރުވާއަށްފަހު މީހާގެ ހަށިގަނޑު ވަރުދެރަވާނެތީ އަދި ނޭނގޭ ވަޒީފާއަށް އެނބުރި ނުކުމެވޭނެ ދުވަހެއްވެސް. ރަނގަޅުވާނެ ކަމަށް އުންމީދުކުރަނީ އިރާދަކުރެއްވިއްޔާ". މުމްތާޒު ކިޔައިދިނެވެ.

މުމްތާޒުގެ ފަރުވާއާއި ގުޅޭގޮތުން އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން ދީފައިވާ ލިޔުން

މުމްތާޒު އެދެނީ ކެންސަރު ބަލިން އަރައިގަތުމަށް ބޯންމެރޯ ފަރުވާ ފުރިހަމަކުރުމަށް އިންޑިއާގައި މަޑުކުރުމަށް އާންމުންގެ ދީލަތި އެހީ ވެދިނުމަށެވެ.

މުމްތާޒުގެ އެކައުންޓް ނަންބަރު ދިވެހި ރުފިޔާ: 7713450734101 އިބްރާހީމް މުމްތާޒު

އަދި ޑޮލަރު އެކައުންޓް ނަންބަރު: 7770000084611 އިބްރާހީމް މުމްތާޒު

އިތުރު މައުލޫމާތު ސާފުކުރުމަށް ވައިބާއިން ގުޅާނީ 9744229 ނުވަތަ 7774229 މި ނަންބަރަށެވެ.

މުމްތާޒު އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށިއެވެ. އާމީން!

ނޯޓް: މިއީ ޒީޓައިމްސްއިން ގެނެސްދޭ މިފަދަ އެހީގެ 45 ވަނަ ރިޕޯޓެވެ. އިންސާނިއްޔަތަށްޓަކައި ކުރާ މިމަސައްކަތުގައި ކިޔުންތެރިން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަމެވެ. މިގޮތަށް ލިބޭ އެހީ ޖަމާވާނީ ބަލިމީހާގެ އެކައުންޓަށެވެ.

+1
0
+1
0
+1
1
+1
0
+1
1
+1
0
+1
27

Advertisement

ކިޔުންތެރިންގެ ހިޔާލު

  1. މުންތާޒް ގެ ފަރުވާއަށް އަވަސް ޝިފާދެއްވާށި،މާތްﷲގެ އިރާފުޅުން، ފަރުވާގެ ކަންތަށް،ނިމި،އެކުގައި މަސަތްކަތްކޮށްއުޅުމުގެ، ރަގަޅު، ސިއްހަތެއްގަ،ލަހަށްޓަވާށި، އާމީން

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް