އޮޅުވާލައިގެން ތަފާތު ނަންނަމުގައި ސްކޭމްތައް ހިންގައިގެން ފައިސާ ހޯދުމަކީ ދިވެހިރާއްޖޭގައި ވެސް އާންމުވެފައިވާ ބޮޑު މައްސަލައެކެވެ. މިގޮތުން ފުލެޓް ލިބިއްޖެކަމަށް ބުނެ ފޯނުން ގުޅައިގެން އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތަކާއި އިނާމު ލިބޭ ކަމަށް ބުނެ ތަފާތު ނަންބަރުތަކުން ފޮނުވާ މެސެޖުތަކާއި ލިންކުތައް ފާހަގަކުރެވެއެވެ.

ވޭތުވެދިޔަ 3 ދުވަހު ގިނައަދަދެއްގެ މީހުންނަށް ލިބިފައިވާ ސްކޭމް މެސެޖެއްގައި ވެއެވެ. "އަހަރެން މީ ކާކުކަން އެނގޭތަ؟ ފުރަތަމަ 1000 ބައިވެރިންނަށް ކިރަބެޓް އިން ހިލޭ 5 ޑޮލަރު ދޫކުރާ މި ފުރުސަތު ގެއްލުވާނުލާ". މި ލިޔުންކޮޅަށްފަހު ލިންކެއް ހިމަނާފައިވެއެވެ. އަދި ވީޕީއެން ބޭނުންކޮށްގެން އެ ލިންކަށް ވަނުމަށް އެދިފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި 'ކިރަބެޓް' އަކީ ޖުވާ ކުޅުމަށް ގެންގުޅޭ އޮންލައިން ސައިޓެކެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ދައުރުވަމުންދާ މިފަދަ ލިންކުތަކާއި ގުޅިގެން ކަމާއިބެހޭ ފަރާތްތަކަށް މިފަދަ ސައިޓްތައް ބްލޮކް ކުރުމަށް ފޮނުވަމުންދާ ކަމަށެވެ.
މިގޮތަށް ފޮނުވާ ލިންކަށް ނުވަދެ އެމެސެޖް ޑިލީޓްކޮށްލާށެވެ. އަދި އަންނަ މިފަދަ މެސެޖުތަކަށް ސަމާލުވާށެވެ. ތަފާތު ނަންނަމުގައި ސްކޭމް ހިންގައިގެން 2024 ވަނަ އަހަރުވެސް އެތައް މިލިއަން ރުފިޔާގެ ފޭރުމުގެ މައްސަލަ ފުލުހުންނަށްވެސް ހުށަހަޅައިފައިވެއެވެ. މިފަދަ ސްކޭމްތަކުގައި މުޅިއުމުރަށް ރައްކާކުރާ ފައިސާކޮޅު ފޭރިގަނެފައިވާ މައްސަލަތައްވެސް ފާހަގަކުރެވެއެވެ.