ރަހުމަތާއި ބަރަކާތުން ފުރިގެންވާ އެންމެ މާތް މައްސަރު އަޅުގަނޑުމެންނާއި މި ވަނީ ދާދި ގާތުގައެވެ. ރަމަޟާން މަސް ފެށެން 12 ވަރަކަށް ދުވަހަށްވީ އެވެ.
އެމަހެއްގައި ކީރިތި ޤުރުއާން ބާވާލެއްވި މައްސަރެވެ. އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑު ރެއެއް އެމަހެއްގައިވާ މައްސަރެވެ. ލައިލަތުލް ޤަދްރި ވިލޭރެއާއި ފަހު ދިހައިގެ ރޭތަކުގައި ގުނާ އަދަދު ނުކުރެވޭހާ ބަރަކާތާއި ސަވާބު ލިބިގަނެވެން އޮތް މައްސަރެވެ. މި ރަމަޟާން މަހަށްވެސް އަޅުގަނޑުމެންގެ ނަފްސުތައް ތައްޔާރުކުރަން ޖެހެއެވެ.
ނަފްސާނީ ގޮތުންނާއި މާއްދީ ގޮތުންވެސް އަޅުގަނޑުމެން އެންމެ ބޮޑަށް ތައްޔާރުވާ މަހަކީ ބަރަކާތްތެރި ރަމަޟާން މަސް ކަމަށްވާއިރު ގޭތެރޭގެ ފަރުނީޗަރު އާ ކުރާ ފަދައިން އަޅުގަނޑުމެންގެ އަޒުމުވެސް އާކުރަންވީއެވެ. ނަމާދަށް ފަރުވާ ކުޑަކުރުމުގެ އަހުލާގާއި، މީހުންނަށް އިހާނެތި ބަސްތައް ބުނެ ގަދަރު ކުޑަކޮށް ވާހަކަ ދެއްކުމާއި ހަޑިހުތުރު ބަސްތަކުން އަރާރުންވާ ނަމަ އެކަންކަންވެސް ދޫކޮށްލާ އަހުލާގު އާކޮށްލަންވީއެވެ. އެކުވެރިންނާއި އާއިލާގެ މެދުގައި އޮތް ދޭދޭ ގުޅުންތައް އަލުން ބަދަހިކޮށް، އަހުންނާއި އުހުތުންނަށް މާފުކޮށް ކެނޑިފައިވާ އަދި ކެނޑެމުންދާ ގުޅުންތައް އަލުން އާކޮށްލަންވީއެވެ. ޣީބަ ބުނުމާއި، ނެތި މޮށުމާއި، އެކަކު އަނެކެއްގެ ކިބައިގައި ހުރި އުނި ސިފަތަށް ފާހަގަކޮށް އެކަންކަމަށް ފުރައްސާރާކޮށް ހެދޭނަމަ އެކަންވެސް ދޫކޮށްލާ މުޅިންހެން އަހުލާގު އާ ކޮށްލަންވީއެވެ.

ރަމަޟާން މަހަށް ގޭތެރެ ޒީނަތްތެރި ކުރާ ބީދައިން އަހުލާގުވެސް ޒީނަތްތެރިކޮށް، ނުބައިކަންތައްތަކާއި ދުރުވެ ސިނގިރޭޓާ، ސުއްޓާ ބިޑި އަދި ވޭޕް ފަދަ ތަކެތިން އިސްތިއުމާލު ކުރުމާއި އަމަލުވުންވެސް ހުއްޓާލަންވީއެވެ. އާ އަޒުމަކާއި އެކު އާ ހިތްވަރަކާއިއެކު އެހުރިހާ ނުބައި އަމަލުތަކުން ނަފްސުތައް ދޮވެލާށެވެ. އާކޮށްލާށެވެ. އަދި ހަމަ އެހެންމެ އެންމެ މުހިންމު ކަމަކަށް އިސްރާފު ކުރުން ހުއްޓާލަމާތޯ އެވެ.
މަގުތަކަށް ކުނި ބުނި ޖަމާކޮށް ބާ ފަރުނީޗަރާއި ހިފާ ގެންގުޅޭ ތަކެތި ނެރެފައިވާ މަގުތަކާއި ގޯޅިތައްވެސް ސާފުކޮށް އަވައްޓެރިންނަށް އުނދަގޫ ނުވާނެހެން އަހްލާގު ޒީނަތްތެރި ކޮށްލަންވެސް ޖެހެއެވެ. ރަމަޟާން މަހަށް ސޭލުތަކުން ހެޔޮ އަގުގައި ތަކެތި ލިބޭތީ ކުރިން ގޭބިސީތަކުގައި ބޭނުން ކުރަމުން ދިޔަ ތަކެތި ބަދަލު ކުރާނަމަ އެތަކެތި އެހެން މީހަކަށް ހަދިޔާ ކުރުންވެސް ހަމަ ރަނގަޅެވެ. ކުނީގެ ގޮތުގައި އުކާލުމުގެ ބަދަލުގައި ބޭނުން ހިފިދާނެ އެހެން މީހަކުވެސް ހުރެދާނެ ކަމަށް އެފަދަ ތަކެތި 'ގިވްއަވޭ ޕޭޖްތައް' މެދުވެރިކޮށް ނަމަވެސް ހަދިޔާ ކޮށްލާށެވެ. ކޮންމެހެން ބޭނުން ނުވާ ހަރަދުތައް ނުކުރާށެވެ.
ދެން އޮތީ ގޭތެރޭގައި ތިބޭނެ ކުދިވެރިންނެވެ. ލޯބިވާ ދަރިންނެވެ. ސުކޫލުވެސް ރޯދައަށް ބަންދުވާއިރު އެކުދިންނަށް މުނިފޫހިފިލުވުމަށް ދޭ ގޭމުތަކާއި ޕްލޭ ޑޭޓްތަކަށް ރައްޓެހިންގެ ގޭގެއަށް ގެންދިއުމާއި، ދަތުރު ދިއުމާއި، ރަށްރަށަށް ދިއުން ފަދަ ކަންކަން ކުރާއިރު އެކުދިންވެސް އަޅުކަމަށް ހާނުވާށެވެ.
ވީޑިއޯ ގޭމް ކުޅެން ނުވަތަ ކުޅި ސަމާގައި ގިނަ ވަގުތު ހޭދަކުރުމުގެ ބަދަލުގައި ރޯދަމަހާއި ގުޅޭ ކަހަލަ ދީނީ މައުލާތުގެ ކުއިޒް ހިމެނޭ ފަދަ އެކްޓިވިޓީ ފޮތް ފަދަ ތަކެތި ގަނެދީ އެ ކުދިން ދީނީ ކަންކަމުގައި ބޮޑަށް މަޝްއޫލު ކުރުވާށެެވެ. ނަމާދު ވަގުތަށް ފަރުވާ ތެރިވެ ކޮންމެ ނަމާދަކަށްފަހުވެސް ގުރުއާނުން މިންވަރެއް ކިޔުމަށާއި، ދަމު ނަމާދަށްވެސް އެ ކުދިން ހާނުވާން މިއަށްވުރެ ވަކި ރަނގަޅު މައްސަރެއް އަންނާނެ ކަމަކަށް މަޑު ކުރުމުގެ ބޭނުމެއް ނެތެވެ.
ބުނަން މިއުޅެނީ ކުދިވެރިން ހަމައެކަނި ދީނީ ކަންކަމުގައި ބިޒީކުރާށެކޭ ނޫނެވެ. އޭގެ އިތުރުން ކެރަމް ބޯޑާއި، ތިން ހަމައާއި، ރާޒުވާ އާއި އުނޯ އާއި މޮނޮޕޮލީ ފަދަ ގޭމްތައް ކުޅުމަށްވެސް ކުދިން ވެރިންނަށް ފުރުސަތު ދެވިދާނެއެވެ. އަދި ވަކިން ހާއްސަކޮށް ރޯދައަށް ހުރެވޭ އުމުރުގެ ކުދިންނަމަ ކޮންމެ ރެއަކު ހާރު ކެރުމާއި، ރޯދައަށް ހުރެވޭ ނަމަ ކޮންމެ ދުވަހަކު ރޯދަ ހިފުމަށް އާދަކުރަންވެސް މިއީ ރަނގަޅު ފުރުސަތެކެވެ.
ރޯދައަށް ހުންނައިރު ކުދިންގެ ދުވަސް ދިގުވެ ފޫހިވެ ބަނޑުހައި ހޫނުކަން އިހްސާސްވާ މިންވަރު ކުޑަކުރުމަށް ދީނީ އިލްމުވެރިންގެ ނަސޭހަތުގެ ވާހަތަކާއި، ރަސޫލުންގެ ދިރިއުޅުއްވުމާއި ކީރިތި ގުރުއާނާއި ގުޅޭ ވާހަކަ ފޮތްތަކާއި ޔޫޓިއުބް ވީޑިއޯ ފަދަ ތަކެތިވެސް ދެއްކިދާނެއެވެ. އާއިލާގެ އެހެން ކުދިންގެ ގޭގެއަށް ޒިޔާރަތްކޮށް އެ ކުދިންނާއެކުވެސް ވަގުތު ހޭދަ ކުރެވިދާނެއެވެ.

އެހެންނަމަވެސް ވަގުތު އިސްރާފު ނުކުރާށެވެ. އެ ދަރިންނަށް އިސްރާފަކީ ކޮބައިކަމާއި ވަގުތުގެ މުހިންމުކަން ބުނެދީ އިސްރާފު ކުޑަ ވަގުތަށް ކަމޭހިތައި ދީނީ އަޅުކަންތަކާއި ގާތް، އެކަކު އަނެކަކަށް އިހްތިރާމާއި ގަދަރު ކުރާ، އޯގާތެރި އަދި ހަދިޔާ ބަދިޔާ ބަދަލުކުރާ ތުއްތު ވެއްޓެއް ދަސްކޮށްދީ އެކުދިންގެ އަހްލާގާއި ނަފްސުތައްވެސް އާ ކޮށްލަންވީދޯއެވެ. ދަރިން ލައްވާ ކުރެވޭ ކަހަލަ ބަދިގޭ މަސައްކަތާއި ގޭތެރެ ސާފުކުރުން ފަދަ ކަންތައްތަކުގައިވެސް އެކުދިން ޝާމިލްކޮށް އުފާވެރި ގުޅުން ބަދަހި ރަމަޟާން މަހެއް ހޭދަ ކުރަމާތޯ އެވެ.
އަދި މަރުވެ ގޮސްފައިވާ އަޅުގަނޑުމެންގެ ލޮބުވެތި އަހުންނާއި އުހުތުންނަށް، ވަކިން ހާއްސަކޮށް މި އުންމަތުގެ މުސްލިމުންނާއި، އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަހުންނާއި އުހުތުންގެ މަތިން ހަނދާން ނައްތާ ނުލަމާތޯއެވެ. އަދި އެހެން ގައުމުތަކުގައިވެސް އަނިޔާ އާއި ބަނޑުހައިހޫނުކަމާއި، ޔަތީމުކަމާއި މިސްކީނުކަމާއި ދަތި ނިކަމެތި ފަގީރު ހާލުގައި އުޅެމުންދާ މުސްލިމު އަހުންނާއި އުހުތުން މަތިން ހަނދާން ނައްތާ ނުލަމާތޯއެވެ. ކާބޯތަކެތިންވެސް އިސްރާފު ނުކުރުން ވަރަށް މުހިންމެވެ.

މުއްބާރު ނުކޮށް ދީލަތިވާށެވެ. މުދަލުގައި ﷲ ބަރަކާތް ލައްވާފައިވާކަން ދެނެގަނެ މުދާވެރިންނާއި ވިޔަފާރިވެރިންވެސް ވިޔަފާރީގައި މަކަރު ހެދުމާއި، އަގުތައް އިންތިހާއަށް އުފުލުންފަދަ ކަންކަމާއި ދުރުހެލިވުމުގެ އަޒުމުވެސް އާކޮށްލަން ހިނގާށެވެ. ނަމާދު ވަގުތުތަކުގައި ވިޔަފާރިކުރާ އެތައް ފިހާރައެއް ހުންނައިރު އެކަމަށްވެސް ސަމާލުކަންދިނުން މުހިންމެވެ. މުސްލިމުންގެ ދީނުގައި އިރުޝާދު ދީފައިވާގޮތަށް ނަމާދު ވަގުތަށް ވިޔަފާރިތައް ބަންދުކޮށް ވަގުތަށް ނަމާދަށް އެރިޔަސް ވިޔަފާރިއަށް ވާނެ ގެއްލުމެއް އޮންނާނެ ކަމަށް ދެކިގެންނުވާނެއެވެ.
ދަރަންޏެއް އޮތްނަމަ ހަލާސްކުރާށެވެ. ދަރަނި ނުދެއްކޭ ފަދަ ދަރަނިވެރިންގެ ދަރަނިތައް މާފުކޮށްދިނުމާއި، މުހުތާދެއް ޖެހިފައިވާ މީހެއްގެ މުހުތާދެއް ފިލުވާލަދިނުން ފަދަ ކަމެއްވެސް ކޮށްލާށެވެ. ނަފްރަތާއި ހަސަދަ އާއި ދެކޮޅުވެރިކަންވެސް ނައްތާލާ އެއްބައިވެލާށެވެ.
ރޯދަ ވީއްލާނެ ކާބޯތަކެއްޗާއި ސާފުތާހިރު އަންނައުނާއި ބޯފެނަށް ޖެހިފައި ތިބި އެތަކެއް މުސްލިމުންނެއް އުޅޭއިރު އެއީވެސް އަޅުގަނޑުމެން މުސްލިމުންގެ އަހުންނާއި އުހުތުންކަން ހަނދާންކޮށް ވީ ވަރަކުން ސަދަގާތް ކުރަންވާނެއެވެ.

އަދި މަރުވެ ގޮސްފައިވާ ފަރާތްތަކަށް ހެޔޮ ދުއާ އާއި ފާފަ ފުއްސެވުމާއި، ﷲ ގެ ރުއްސެވުން ދެއްވުމަށް ގިނަ ގިނައިން ދުއާ ކުރާށެވެ. އެއްގޮތަކަށްވެސް އިސްރާފު ނުކޮށްވޭތޯ ބަލާށެވެ. ވަގުތުންވެސް އަދި މުދަލުންނާއި ނަފްސުގެ ތާހިރުކަމުންވެސްމެއެވެ.
ބަރަކާތްތެރި ރަމަޟާންމަސް ބައްދަލުކުރާއިރު ބަލިދާނުގައި ތަންމަތީގައި، ނުވަތަ ހޮސްޕިޓަލުތަކުގައި ފަރުވާ ކުރަމުންދާ މީހުންނާއި، ޑޮކްޓަރުން އުންމީދު ކަނޑާލާފައި ތިބޭ އެތައް ބަޔަކުވެސް ތިބޭނެއެވެ. އެ ބަލި މީހުންނަށް، ރަހްމާންވަންތަ ރަހީމްވަންތަ މާތް ﷲގެ ތަނަވަސް ރަހުމަތްފުޅުން އަވަސް ޝިފާ ދެއްވުމަށް އެދި ދުއާވެސް ކުރަމާ ހިނގާށެވެ. ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ މީހުންގެ ކެކުޅުންތަކަށްވެސް ތަސައްލީއެއް ދެއްވާ ޝިފާ ދެއްވާތޯ ހަކީމްވަންތަ، ޝަފީއުވަންތަ ﷲގެ ހަޒްރަތުގައި ގިނަގިނައިން ދުއާ ކުރާށެވެ.
ދުއާ އަކީ 'ޒީޓައިމްސް'ގެ ކިޔުންތެރިންނާއި، އެންމެހާ މުސްލިމު އަހުންނާއި އުހުތުންނަށް މި ބަރަކާތްތެރި ރަމަޟާން މަސް އެންމެ ފުރިހަމައަށް ބައްދަލުކުރާނެ ގޮތް މިންވަރު ކޮށްދެއްވުމެވެ. އަދި އަނިޔާވެރިންގެ ނުބައިރޭވުންތަކުން މުސްލިމުން ރައްކާތެރިކޮށްދެއްވާ އަމާންކަމާއިއެކުގައި ރަމަޟާން މަސް ހޭދަކުރުމުގެ ހެޔޮ ތައުފީގު މި މުސްލިމު އުންމަތަށް މިންވަރުކޮށްދެވުމެވެ. އާމީން!