February 26, 2025 23:06
Advertisement

-Advertisement-

ފަނޑިޔާރުންގެ އަދަދު މަދުކުރަން ކޯޓުތަކުގެ ޤާނޫނަށް މަޖިލީހުން ގެނައި އިސްލާހު ޤާނޫނުއަސާސީ އާއި ޚިލާފު- ބާ ކައުންސިލް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 ފަނޑިޔާރުންނަށް މަދުކުރުމަށް ކޯޓުތަކާއި ބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލް ޤާނޫނުއަސާސީއާއި ޚިލާފު ކަމަށް ދިވެހިރާއްޖޭގެ ބާކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

" މިބިލުގައި އާންމު މަސްލަހަތާއި ގުޅުންހުރި ޤާނޫނީ/ދުސްތޫރީ ބޮޑެތި ކަންބޮޑުވުންތަކެއް މި ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީއާއި ޖުމްލަކޮށް މުޅި ޤާނޫނީ ފަންނުގެ މެންބަރުންގެވެސް ހުރީތީ އެކަންބޮޑުވުންތައް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލިސްއާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ބަންޑާރަނައިބާއި ޖުޑީޝަލް ސަރވިސް ކޮމިޝަން އަދި ވަކީލުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކޮށްފައިވާ މެންބަރާ މި ކައުންސިލުން ވާނީ ހިއްސާކޮށްފައި". ބަޔާނުގައި ވެއެވެ.

ދައުލަތުގެ އެއް ބާރާއި ގުޅުންހުރި ކަމެއްގައި ޤާނޫނު އިސްލާހުކުރާ ހާލަތުގައި އެ އިސްލާހު ގެންނަން ބޭނުންވާ ސަބަބާއި އެ އިސްލާހުން ހާސިލުކުރަން ބޭނުންވާ މަޤްސަދަކީ ކޮބައިކަން ރައްޔިތުންނަށް ސާފުކޮށް އެނގިފައި އޮތުމަކީ ދެފުށްފެންނަ ދިމިޤްރާތީ މުޖުތަމައެއްގައި އަމަލުކުރަންވާނެ ގޮތް ކަމުގައި ޤަބޫލުކުރާ ކަމަށް ބާކައުންސިލުން ވަނީ ބުނެފައެވެ.

Advertisement

ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ހަވަނަ ބާބުގެ ދަށުން ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަން ކުރުމުގެ އިޖުރާޢަތު ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާއިރު އަދި އެބާބުގެ 154 ވަނަ މާއްދާގެ ހ ގައި ފަނޑިޔާރުން ތަބާވާން ޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތްކުރާހާ ހިނދަކު ފަނޑިޔާރަކު މަޤާމުން ވަކިކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެ މާއްދާގެ ށ ގައި ފަނޑިޔާރަކު މަޤާމުން ވަކިކުރެވޭނީ ފަނޑިޔާރު ކަމުގެ މަޤާމަށް އެ މީހަކު ޤާބިލު ނޫންކަމަށް ނުވަތަ އެ މަޤާމަށް އެކަށީގެން ނުވާފަދަ ޢަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުން ކަމުގައި ބަޔާންކޮށްފައި އޮއްވައި ދެންނެވުނު މާއްދާތަކާއި އެއްގޮތަށް ސުޕްރީމް ކޯޓަށް އައްޔަން ކޮށްފައިވާ ފަނޑިޔާރުން ފާއިތުވެދިޔަ ވެރިކަމުގެ ދައުރުތަކުގައި ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ހުށަހަޅައިގެން ވަކިކުރުމުގައި މާޒީގައި ކަންހިގާފައިވާގޮތާއި އެއްގޮތަށް ކަންކަން އިޢާދަވުމަކީ އެކަމާ ބާ ކައުންސިލް އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

" މި އިސްލާހަކީ ޤާނޫނުއަސާސީގެ 148، 149 އަދި 154 ވަނަ މާއްދާއާއި ޚިލާފު އަދި ޤާނޫނީ ދުސްތޫރީ ހަމަތަކާއި ޚިލާފު އިސްލާހުތަކެއް ކަމުގައި މިކައުންސިލުން ދެކެން. ޤާނޫނު އަސާސީގެ 268 ވަނަ މާއްދާގައި ޤާނޫނު އަސާސީއާއި ޚިލާފުވާ ގޮތަށް ހަދާ ކޮންމެ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވިޔަސް ވާނީ ބާޠިލް އެއްޗެއް ކަމާއި އެފަދަ ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ބާރު ނުހިނގާނެ ކަމާއި އަދި ޤާނުނު އަސާސީއާއި ޚިލާފަށް ކުރާ ކޮންމެ ކަމަކީ ބާޠިލް ކަމެއް ކަމަށް ބަޔާންކޮށްފައިވާތީ އިސްވެ ހަވާލާދެވުނު ބިލަކީ ޤާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ވަރަށް އަސާސީ ކަންކަމާއި ޚިލާފު ބިލެއް ކަމުގައި މި ކައުންސިލުން ދެކެން" ބާ ކައުންސިލުގެ ބަޔާނުގައި ވެއެވެ.

މި ބިލު ތަސްދީޤު ކުރެއްވުމުގެ ބަދަލުގައި ބިލާއި މެދު އަލުން ވިސްނަވައި ބިލު އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވުމަށް ބާ ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންފައެވެ.  

މި ބިލް މަޖިލީހަށް ހުށަހަޅައި ފާސް މިކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާހު ބާޠިލް ކުރުމުގެ މައްސަލަ ސުޕްރީޕް ކޯޓުގައި ކުރިއަށް ދަނިކޮށެވެ. މި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރަކު ވަނީ މިއަދު ސަސްޕެންޑް ކޮށްފައެވެ.

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް