April 19, 2025 16:03
Advertisement

-Advertisement-

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލު ތަސްދީގު ނުކުރައްވާ އަލުން ވިސްނެވުމަށް މަޖިލީހަށް!

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޤާނޫނު ނަންބަރު، 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 5 ވަނަ އިސްލާޙް ގެނައުމުގެ ބިލު، ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އަލުން ވިސްނެވުމަށް އެދިވަޑައިގެން އަނބުރާ ރައްޔިތުންގެ މަޖިލީހަށް، މިއަދު ފޮނުއްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމާ ގުޅޭ މި ބިލަކީ، މި އަހަރުގެ ފެބްރުއަރީ 26 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 9 ވަނަ ޖަލްސާގައި ފާސްކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް، ތަޞްދީޤުކުރެއްވުމަށް ފޮނުއްވާފައިވާ ބިލެކެވެ.

ބިލު ފާސްކުރިތާ 12 ދުވަސް ފަހުން އަނބުރާ މަޖިލީހަށް ބިލު ފޮނުވާލިއިރު މި ބިލުގައި ބުނެފައިވާ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ޖެހެއެވެ. އަދި ބިލު ފާސްކުރިއިރު ކޯޓުގައި އެއިރު ތިއްބެވި 7 ފަނޑިޔާރުންގެ ތެރެއިން 2 ފަނޑިޔާރަކު ބިލު ތަސްދީޤުކުރާތާ 12 ދުވަސްތެރޭ މަގާމުން ވަކިކުރަން ޖެހެއެވެ.

Advertisement

އިދިކޮޅު އެމްޑީޕީ އާއި ޤާނޫނީ ވަކީލުންގެ ފާޑުކިޔުން އިންތިހާއަށް އަމާޒުވި މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ 2 ދުވަސްތެރޭގައެވެ. އެމްޑީޕީއިން އެވަރަށް ފާޑުކިޔާފައިވަނީ މި ބިލު ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުކުރި ޕާޓީއިން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭގޮތަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާހު ބާޠިލު ކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުގައި ކުރިއަށްދަނިކޮށް ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ބިލު ފާސްކުރުމާއި ގުޅިގެންނެވެ. މި މައްސަލައިގެ އަޑުއެހުމެއް ސުޕްރީމްކޯޓުގައި ތާވަލުކޮށްފައިވަނިކޮށް ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ކަމުގައިވާ ފަނޑިޔާރު ހުސްނުއްސުޢޫދާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ ބިލު ފާސްކުރި ދުވަހު ސަސްޕެންޑްވެސް ކޮށްފައެވެ.

މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ސުޕްރީމް ކޯޓަށް އަމިއްލަ ފަރާތަކުން ހުށަހެޅުމުން އެމައްސަލަ ބެލުމުގެ އިޚްތިސާސް ޤާނޫނު އަސާސީގެ ދަށުން ސުޕްރީމް ކޯޓަށް ލިބިގެންވާކަމަށް އެ ކޯޓުން ނިންމުމާއެކު ސަރުކާރުގެ ފަރާތުން ޤާނޫނު އަސާސީއާއި ޚިލާފަށް އަދުލު އިންސާފުގެ ބާރަށް ނުފޫޒު ފޯރުވައި ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މި މައްސަލަ އެކޯޓުގައި ބެލުން ހުއްޓުވުމުގެ ގޮތުން 3 ފަނޑިޔާރުން ސަސްޕެންޑްކޮށް، ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް މަޖިލީހުން ބިލެއް ފާސްކޮށް، ހުރިހާ ފަނޑިޔާރުންނަށް ބިރުދައްކައި މި މައްސަލަ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ގޮތަށް ނިންމުމަށް ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށް ވިދާޅުވެ ފަނޑިޔާރު ހުސްނުއްސުޢޫދު ވަނީ މިމަހުގެ 4 ވަނަ ދުވަހު ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާވެސް ދެއްވައިފައެވެ.

ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް މަޖިލީހުން ފާސްކުރި މިބިލު ޤާނޫނުއަސާސީ އާއި ޚިލާފު ކަމަށް ދިވެހިރާއްޖޭގެ ބާކައުންސިލުން ވެސް ވަނީ ބަޔާންކޮށްފައެވެ. އަދި ބިލު ތަސްދީޤު ކުރެއްވުމުގެ ބަދަލުގައި ބިލާއިމެދު އަލުން ވިސްނެވުމަށް ބާކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންފައިވެއެވެ. 

ފަނޑިޔާރުން ވަކިކުރަންޖެހޭ ހާލަތެއް އުފައްދައި މަގާމުން ވަކިކުރުމަކީ އިންސާފުވެރި ގޮތެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާޠިމަތު ފިލްޒާ ވެސް ވަނީ އެއިރު ލަފާ ދެއްވައިފައެވެ.

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް