April 2, 2025 08:53
Advertisement

-Advertisement-

އޯޓިޒަމް އަކީ ކޮބައިކަން އެނގޭ ބަޔަކު އޯޓިޒަމްއަށް ޖޯކު ނުޖަހާނެއެވެ!

ދިވެހި ރާއްޖޭގައި ވެސް އޯޓިޒަމްގެ ތަފާތު އުދަގޫތައް ތަހައްމަލު ކުރަމުން އަންނަ ކުދިން އެބަތިއްބެވެ. އެކުދިން ބެލުމަށް އެކުދިންގެ މައިންބަފައިން އެކުރަނީ ވަރަށް ބޮޑު ހިތްވަރެކެވެ. އެހެނިހެން ކުދިންނެކޭ އެއްގޮތަށް މުޖުތަމައުގައި ދިރިއުޅެން ދަސްކޮށްދިނުމަށް އެވަނީ ބޮޑު ޤުރުބާނީއެކެވެ.

މި މާރޗްމަހުގެ 22 ވަނަ ދުވަހު ރާއްޖެ ޓީވީގެ "ކާލާބައިސާ" ޕްރޮގްރާމްގައި އޯޓިޒަމާއި ގުޅޭގޮތުން ދެއްކި ވާހަކަތަކަށް ބެލުންތެރިންގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ. އެ ޕްރޮގްރާމްގެ މެހުމާނުން ދެއްކި ވާހަކައިގައި ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް "މީނައަކީ މިއީ އަސްލު އޯޓިސްޓިކް ގޮތެއް ހުންނަހެން ހީވަނީ، މި އޮޕަރޭޓް ކުރާ ގޮތުން.. އޯޓިސްޓިކް އެކަންޏެއް ނޫން، ޑައުންސިންޑްރަމް ވެސް ހުންނަހެން ހީވަނީ". މިގޮތަށް ބުނެ މަލާމާތްކޮށްފައިވެއެވެ. 

ލައިވްކޮށް ގެނެސްދިން މި ޕްރޮގްރާމް އާއި ގުޅޭގޮތުން ބެލުންތެރިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު މިއީ މީޑިއާ ޕްލެޓް ފޯމެއްގައި އެއްވެސް މެހުމާނަކު އަދި ޕްރެޒެންޓަރެއްވެސް ކޮށްގެންވާނެ ކަމެއް ކަމަށް ގަބޫލު ނުކުރެވެއެވެ. މި ކޮންޓެންޓާއި ގުޅިގެން ރާއްޖެ ޓީވީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޯޓިޒަމް ކުދިންނަށް ނިކަމެތި ކަމެއް އަންނަ ކަމަށް އެއްވެސް ބަޔަކަށް ގަބޫލު ކުރެވޭނަމަ އެކަމަށްޓަކައި ރާއްޖެޓީވީން މާފަށް އެދޭކަމަށެވެ.

Advertisement

އޯޓިޒަމް އަކީ ޖޯކު ޖަހަންވީ ކަމެއް ނޫނެވެ. އޯޓިޒަމް އަކީ ކޮބައިކަން އެނގޭ ބަޔަކު ޖޯކު ނުޖަހާނެއެވެ. އެހެނީ އޯޓިޒަމް ކުދިން ގޮވައިގެން އެކުދިންގެ ބެލެނިވެރިން އެއުޅޭ ހާލަތު އެންމެ ފަހަރަކު ނަމަވެސް ބަލާލުން ރަނގަޅެވެ.

މިސާލެއްގެ ގޮތުގައި އޯޓިޒަމްގެ އަސަރު ހުންނަ ވާހަކަ ނުދެއްކޭ ކުއްޖަކު އެތަހައްމަލު ކުރާ ހިތްދަތިކަމަށް ބަލާލަމާ ހިނގާށެވެ. ރާއްޖެއާއި އަވަށްޓެރި ޤައުމުތަކުން ފަރުވާ ލިބޭތޯ ނުދާ ހޮސްޕިޓަލެއް މަދުވާނެއެވެ. އެހެންނަމަވެސް އެދަރިފުޅަށް ވާހަކަ ނުދެއްކެއެވެ. ބުނަން ބޭނުންވާއެތި ނުބުނެވި އަމިއްލަ ނަފްސު ކޮންޓްރޯލުން ނައްޓައިގެން ގޮސް އަމިއްލަ ހަށިގަނޑަށް ގެއްލުންދޭ ކުދިންވެސް އެބައުޅެއެވެ. އެފަދަ ކުދިން ބެލުމަށް 24 ގަޑިއިރު ކައިރީގައި އާއިލާ މީހަކު ހުންނަންޖެހެއެވެ. ލޯބިވާ ދަރިފުޅު ގޯހެއް ހަދާފާނެތީ އެކަމުގެ ބިރަށެވެ. މިފަދަ ހާދިސާއެއްގައި ހަށިގަނޑަށް ގެއްލުން ލިބި އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާދިން ކުއްޖެއްގެ ވާހަކަ 'ޒީޓައިމްސް' އިން ކުރިންވެސް ވާނީ ގެނެސްދީފައެވެ. އެދަރިފުޅުގެ މަންމަ އެވާ ޤުރުބާނީ ވަރަށް ކައިރިންވަނީ އިހުސާސް ކުރެވިފައެވެ.

ރާއްޖެ ޓީވީ ޕްރޮގްރާމްގައި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޑައިމީސްކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ދަށް ބައެއްގެ ގޮތަށް އަދި މަލާމާތް ރައްދުވާ މޭރުމަކުން ވާހަކަދައްކާފައިވާތީ އެކަން ހިޔުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ ކުށްވެރިކޮށްފައެވެ.

" މުޖުތަމައުގެ އެހެންމީހުންނެކޭ އެއްގޮތަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް އިންސާނީ ހައްޤުތައް އެއްހަމައެއްގައި ލިބިދީފައިވޭ. ކޮންމެ މީހަކަށްވެސް އަބުރުވެރިކަމާ ކަރާމާތްތެރިކަމާއެކު ދިރިއުޅުމުގެ ހައްޤު ލިބިދީފައިވޭ. އެހެންކަމުން، މިފަދަ އަމަލުތައް ނުކުރުމަށާއި އަދި މީޑިއާތަކުން ގެނެސްދޭ މަންޒަރާއި އަޑު އަދި މައުލޫމާތު ގެނެސްދިނުމުގައި މުޖުތަމައުގެ އެއްވެސް ފަރުދެއްގެ އިންސާނީ ހައްޤާއި އިންސާނީ ކަރާމާތަށް އުނިކަން ނާންނާނެފަދަ ގޮތަކަށް ގެނެސްދިނުމަށް ސަމާލުކަން ދިނުމަށް ކޮމިޝަނުން ހުރިހާ މީޑިއާތަކަށް އިލްތިމާސްކުރަން. އަދި މިފަދަ މައްސަލަތައް ބެލުމަށް ކަމާގުޅުންހުރި އިދާރާތަކަށް ގޮވާލަން". އެޗްއާރުސީއިމް އިން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވެއެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ ޤާނޫނު އަސާސީގެ 35 ވަނަ މާއްދާގައި ބުނާ "ކުޑަކުދިންނާއި ޅަފުރައިގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ލިބޭ ޚާއްސަ ރައްކާތެރިކަން" އަދި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސް އާއި ގައިޑްލައިންތަކާއި ތަޢާރަޒްވާ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ މައުލޫމާތު އެ ކޮމިޝަނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

" މިފަދަ ކޮންޓެންޓް ތަހުގީގުކޮށް އެކަންކަން ރަނގަޅުކުރުމަށް ކުރަންޖެހޭ އެންމެހާކަންކަން ކުރުމުގެ ފުރިހަމަ އިހުތިސާސް ކޮމިޝަނަށް ލިބިގެންވާ ކަމާއި، ކޮމިޝަންގެ ސަމާލުކަމަށް އަންނަ އަދި ހުށަހެޅޭ މިފަދަ ކޮންޓެންޓް ބަލައި ޤާނޫނުން ޖާގަ ދޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ވާހަކަ އެންމެހާ ބްރޯޑްކާސްޓަރުންނަށް އަންގަން. އަދި ހަމަ އެހެންމެ ޤާނޫނު އަސާސީއާއި ރާއްޖޭގައި އަމަލު ކުރަމުންދާ އެންމެހާ ޤާނޫނުތަކަށް އިހުތިރާމްކޮށް އެއްވެސް ފަރާތެއްގެ އަބުރާއި ކަރާމާތް ނުގެއްލޭ ގޮތަށް ކޮންޓެންޓް އުފެއްދުމަށް ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރަން". ބްރޯޑްކޮމްގެ ބަޔާނުގައިވެއެވެ.

"ސްޕީޗް ތެރަޕީ" "ބިހޭވިއަރ ތެރަޕީ" "އޮކިއުޕޭޝަން ތެރަޕީ" ފަދަ ތަފާތު ތެރަޕީތައް ދިނުމަށް މައިންބަފައިން އެކުރަނީ ބުރަ މަސައްކަތާއި ބޮޑު ހޭދައެކެވެ. ދަރިފުޅުގެ ހައްގުގައި ކޮންމެ ފަދަ ގުރުބާނީއެއްވެސް މިފަދަ މައިންބަފައިން ވަމުން އަންނައިރު އޯޓިޒަމް އަށް ޖޯކު ޖެހުން މިއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އިހުތިރާމް ކުރަން ދަންނާށެވެ. އެއީ ވެސް އަޅުގަނޑުމެންގެ ދަރިން ފަދަ ލޯބި ލޯބި ދަރިންނެވެ. މުޖުތަމައުގެ އިހުތިރާމާއި ލޯބި ލިބެންޖެހޭ ކުދިންނެވެ. އެއްވެސް ހާލެއްގައި ފުރައްސާރައާއި ފާޑުކިއުން އަމާޒު ކުރަންވީ ކުދިންނެއް ނޫނެވެ. އެކުދިންނަކީ މުޖުތަމައަށް ބޭނުންތެރި ބައެކެވެ.

+1
0
+1
0
+1
4
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް