މިއަހަރުގެ ޖަނަވަރީމަހުން ފެށިގެން މިހާތަނަށް 150 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ރައީސް މިގޮތަށް ވިދާޅުވީ "ރައްޔިތުންނާއެކު" މި ނަމުގައި ރައީސުލްޖުމްހުރިއްޔާގެ އޮފީހުން މިއަދު މެންދުރުފަހު ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއީ ކުރީގައި ބޭންކުތަކަށް ޑޮލަރު މާރުކުރާ މިންވަރަށްވުރެ 40 އިންސައްތަ އިތުރު އަދަދެއް ކަމުގައި ވަނީ ފާހަގަކުރައްވާފައެވެ. ޑޮލަރު މާރުކުރުމަށް އޮތް ޤާނޫނާ އެއްގޮތަށް ގިނަ ފަރާތްތައް މަސައްކަތް ކުރަމުންދާކަމުގައި އުފަލާއެކު ފާހަގަކުރެއްވިއެވެ. މިގޮތުން މިހާރު އޮތް ޑޮލަރު މާރުކުރުމާ ގުޅޭ ޤާނޫނުގެ ދަށުން، ބޭންކުތަކަށް ޑޮލަރު މާރުކުރަންޖެހޭ ފަރާތްތަކުގެ ތެރެއިން ގާތްގަނޑަކަށް 95 އިންސައްތަ ފަރާތުން ޑޮލަރު މާރުކުރަމުންދާކަމުގައި ވިދާޅުވިއެވެ. އަދި ބާކީ ފަސް އިންސައްތަވެސް މީގެތެރެއަށް ވެއްދުމަށް މަސައްކަތް ކުރައްވާކަމުގައި ވިދާޅުވިއެވެ.
" އަޅުގަނޑުމެން ފުރަތަމަ ފެށީ ގަވާއިދަކުން. ފަހުން ޤާނޫނަކުން އެއޮތީ ފަށާފަ. މި ޤާނޫނުގެ ދަށުން ޓޫރިޒަމް އިންޑަސްޓްރީގައި ވަކިވަރަކަށް އާމްދަނީ ހޯދާ ފަރާތްތަކުން ޑޮލަރު މާރުކުރަން ޖެހޭ. ޖުމްލަކޮށް މި ޤާނޫނުގެ ދަށުން މިހާތަނަށް 150 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފި. ޖެނުއަރީގައި މިފެށީ. ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުރީގައި މާރުކުރަމުން އައި އަދަދަށްވުރެ 40 އިންސައްތަ އިތުރު އަދަދެއް މިއީ". ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބޭންކަށް ޑޮލަރު މާރުކުރުމަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިވަޑައިގަންނަވާކަމަށެވެ. އަދި މިކަމުގެ ނަތީޖާއަކަށް ވަނީ ފަތުރުވެރިކަމުގެ ދާއިރާ ފުޅާވަމުންދާ ވަރަކަށް އެދާއިރާއިން ލިބޭ އާމްދަނީ ކުރިއަށްވުރެ އިތުރުވެ، އޭގެ މަންފާ ރައްޔިތުންނަށް ކުރުންކަމުގައި ވިދާޅުވިއެވެ. މިގޮތުން ރާއްޖޭން ބޭރަށް ފުރާ ދިވެހީންނަށް ބޭންކު ރޭޓުގައި ދޫކުރާ 500 ޑޮލަރުގެ ބަދަލުގައި އެއަދަދު 1000 ޑޮލަރަށްވުރެ އިތުރުކުރުމުގެ އިތުރަށް ކްރެޑިޓް ކާޑުގެ ލިމިޓް ދެގުނައަށް ބޮޑުކޮށްދެއްވުމާއި، ޓީ.ޓީ ހެދުމަށް އިތުރަށް ފުރުޞަތު ފުޅާވެގެންދާނެކަމުގައި ފާހަގަކުރެއްވިއެވެ.
" ސަރުކާރުގެ ކުންފުނިތަކުން ބްލެކް މާކެޓްގައި ޑޮލަރުގަންނަން މިޖެހެނީ މިހާތަނަށް. އެކަން ވަރަށް ބޮޑުތަނުން އެވަނީ ހުއްޓިފައި. މިއަހަރުގެ މެދަކާއި ހަމައަށް ދާއިރު އެއްގޮތަކަށްވެސް މިކިޔާ ޕެރެލަލް މާކެޓުން ކުންފުނިތަކުން ނުގަންނާނެ ޑޮލަރެއް. އެވެސް ވަރަށް ބޮޑުތަނުން ޑޮލަރުގެ ރޭޓް ވެއްޓޭނެ ކަމެއް". ރައީސް ވިދާޅުވިއެވެ.
ބޭންކަށް ޑޮލަރު މާރުކުރުމަށް ނިންމެވި ނިންމެވުމަކީ ވަރަށް ރަނގަޅަށް ކުރެއްވުނުކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި މިކަމުގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވައި މިކަމަކީ އެންމެހާ ރައްޔިތުންނަށް ފައިދާވާނެ، ކުރިއެރުން ލިބޭނެ ކަމެއްކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު ކުރިއަށްއޮތްތާނގައި ޑޮލަރުގެ އަގު ތިރިވަމުންދާނެކަމަށާއި ޑޮލަރުގެ ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތައް ޑޮލަރުގަތުން މަދުކުރެވޭނެކަމުގައި ވިދާޅުވިއެވެ.