April 2, 2025 08:47
Advertisement

-Advertisement-

ކެންސަރު ބަލީގައި އާއިލާއިން 4 މަރު: ނިޔާޒު އެދެނީ ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް އެހީއަށް!

ދިވެހި ރާއްޖޭގައި ކެންސަރު ބަލި މީހުން އިތުރުވަމުން މިއަންނަނީ ކަންބޮޑުވާ މިންވަރަކަށެވެ. ވަކި އުމުރެއް ނެތެވެ. މިބަލީގައި ފަރުވާ ހޯދާ މީހުން އެއުފުލަނީ ހާދަބޮޑު ތަކުލީފެކެވެ.

'ޒީޓައިމްސް' އިން ބޭސްފަރުވާއަށް އެހީތެރިކަން ފޯރުކޮށްދޭން މިފަހަރުވެސް މިމަސައްކަތް ކުރަނީ ކެންސަރުބަލީގެ ވޭނުގައި ބަލިއެނދުގައި ދުވަސްތައް ހޭދަކުރަމުން އަންނަ ލ. އަތޮޅަށް އުފަން އެހެންނަމަވެސް ގއ. ވިލިނގިލީގައި ދިރިއުޅޭ އެރަށު ގޯލްޑަންހައުސް އަހްމަދު ނިޔާޒު (51އ) އަށެވެ.

ވިލިނގިލީ ނަސީރާ ނަސީރު އާއި ނިޔާޒުގެ ކައިވެންޏަށް 26 އަހަރު ވީއެވެ. ދެމަފިރިންގެ 3 ކުދިން ތިބިއިރު ދޮށީދަރިފުޅަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެކެވެ. ދެމަފިރިންގެ އުފާވެރި ދިރިއުޅުމަށް ކުއްލި ސިހުމެއް ލިބުނީ ތަފާތު ބުރަމަސައްކަތްތައް ކޮށްގެން އާމްދަނީ ހޯދަމުން އައި ނިޔާޒު އަށް ހާޓްއެޓޭކެއް ޖެހުނު ހިސާބުންނެވެ.

Advertisement

ކޮވިޑު ދުވަސްވަރު ވަރަށް ގަދައަށް ކެއްސަން ފެށިކަމުގައިވިއަސް އެއިރު ހީކުރެވުނީ އެއީ އާދައިގެ ރޯގާއެއް ނޫނީ ސިނގިރެޓް ބުއިމުން ވާގޮތެއް ކަމަށެވެ. ހާޓްއެޓޭކް ޖެހުނީ 2022 ވަނަ އަހަރުގައެވެ. މާލެ ގެނެސް ހެދި ޓެސްޓްތަކުން އިތުރަށް އެނގުނީ ޓިއުމަރެއް ހުރިކަމެވެ. އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން އޮޕަރޭޝަންކޮށް ޓިއުމަރު ނެގިއިރު ނިޔާޒު އަށް ކެންސަރު ޖެހިފައިވާކަން އެނގުނެވެ. އަސަރާއިއެކު ނިޔާޒުގެ އަންހެނުން ވަނީ 'ޒީޓައިމްސް' އަށް ބަލިހާލަތު ތަފްސީލުކޮށް ކިޔައިދީފައެވެ.

" އެއިރު މާލެއިން އޮޕަރޭޝަން ކުރެވެން ނެތިގެން އިންޑިއާއަށް ފޮނުވީ. ފުއްޕާމެއަށް ލޭ އެޅިގެން ވެންޓިލޭޓަރަށް ލާންޖެހިދާނެ ކަމުގެ ބިރަށް. އިންޑިއާ އަށް ގޮސް ހެދި ޓެސްޓްތަކުން ކެންސަރުކަން ޔަގީންވީ. 50/50 އޮޕަރޭޝަނެއް ކުރީ. ފުއްޕާމޭގައި ހުރި ބޮޑު ޓިއުމަރު ނެގުމަށް. އެއިރު 3 މަސްވަންދެން އިންޑިއާގައި މަޑުކޮށް 30 ފަހަރު ރޭޑިއޭޝަން އަދި 6 ފަހަރު ކީމޯ ދިނުމަށްފަހު މީހާގެ ހާލަތު ކުޑަކޮށް ރަނގަޅުވި". ނިޔާޒުގެ އަނބިމީހާ ކިޔައިދިނެވެ.

އިންޑިއާއިން އައިސް ހުޅުމާލެ ހޮސްޕިޓަލުން ދޭންޖެހުނީ ވަރަށް ބާރުގަދަ 2 ކީމޯއެވެ. އެއާއެކު ބޮލުން އިސްތަށިފައިބައި ނިޔާޒުގެ ހަށިގަނޑު ވަރަށް ބަލިކަށިވިކަމަށް ނަސީރާ ކިޔައިދިނެވެ.

" 80 ކިލޯ ހުރި މީހާ 55 ކިލޯއަށް ލުއިވި. ހަށިގަނޑުގައި އެއްވެސް ވަރެއް ނުހުރޭ. ދެން ދިޔައީ ރަނގަޅުވަމުން. އެއަށްފަހު ޓެސްޓް ހެދިއިރު ކެންސަރުގެ އެއްވެސް ކަމެއް ނެތް. އެކަމަކު 4 މަސްފަހުން އަނެއްކާ ޓެސްޓްހެދިއިރު ކެންސަރު ފެނުނީ ލިވަރ އިން. ހުޅުމާލެ ހޮސްޕިޓަލުން ކީމޯ ފަރުވާ ހޯދަމުންދިޔައީ. މިއަހަރު ޓެސްޓް ހެދިއިރު ހަށިގަނޑަށް މިވަނީ ކެންސަރު ވަރަށް ބޮޑަށް ފެތުރިފައި". ހިތްދަތިކަމާއެކު ނިޔާޒުގެ އަނބިމީހާ ކިޔައިދިނެވެ.

ނިޔާޒުގެ ބަލިހާލަތު އަންގައިދޭ ލިޔުން

ނިޔާޒުގެ ހާލަތު ހުރިގޮތުން ޑޮކްޓަރުންގެ މާބޮޑު އުންމީދެއް ނެތް ކަމުގައިވިއަސް އާއިލާއިން މަސައްކަތް ކުރަނީ ފަހުވަގުތާއި ހަމައަށްވެސް ރަނގަޅުވޭތޯ ދެވެން އޮތް ފަރުވާއެއް ދިނުމަށެވެ. ބަލިމީހާއަކަށް ހާލަތު ގޯސްވެފައިވާ މިންވަރު އާއިލާއިން އަދި ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް އާއިލާގެ މީހުން ޒިޔާރަތް ކުރުމުންވެސް ހިތްދަތިކަމާއެކު ރުއިރުއިން އަޅުގަނޑަށް ވަރަށް ކައިރިން ފެނުނެވެ. ހަށިގަނޑުގައި އަޅަމުން އައި ވޭނަށް ކެތްކުރަމުން ހިތްވަރާއެކު ނިޔާޒު އަޅުގަނޑަށް ވީޑިއޯ އިންޓަވިއު ދިންއިރު އިހުސާސް ކުރެވުނީ ކެންސަރު ބަލީގެ ވޭނެވެ. މީހާ ބަލިކަށިކޮށްލާ މިންވަރެވެ.

" ބަނޑުގައި ރިއްސާތާވެސް އަހަރެއް މިވަނީ. ހަށިގަނޑުގެ އެތައް މިތަނަށް ކެންސަރ ފެތުރިފައިވާއިރު ގޯލްބްލެޑާއާއި ލިވާއާއި ދެމެދުގައި އިންނަ ނާރެއްގައި ހިލަ ހުރެގެން ނާރު ފިތެނީ. އެހިލަތައްވެސް ދުއްވާފަ އެތަނަށް ހޮޅިކޮޅެއްލާފަ އޮޕަރޭޝަން ކުރަންޖެހޭ. އޭގެ އިތުރަށް ލިވަރގެ އޮޕަރޭޝަނެއްވެސް ކުރާގޮތަށް އޮތީ. އިންޑިއާގައި މަޑުކުރަންޖެހޭ މުއްދަތެއް ދާނެ ޚަރަދެއްވެސް ނޭނގޭ. އަތްމަތީގައި ފައިސާތަކެއް ނެތް. މާލޭގައި ދިރިއުޅެންޖެހޭތީ ކުލިދީފަ އިތުރަށް ނޯވޭ އެއްޗެއް". ނިޔާޒު ވަރަށް ހިތްވަރުކޮށްފައި ހާލަތު ކިޔައިދިނެވެ.

ނިޔާޒު 'ޒީޓައިމްސް'ގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ޒީނާ ޒާހިރު އަށް މައުލޫމާތުދެނީ

ނިޔާޒުގެ އާއިލާ މާލެއަށް ދިރިއުޅުން ބަދަލުކުރީ ބަލި ހާލަތު ހުރިގޮތުންނެވެ. މިފަހަރު މިހާބޮޑަށް ބަލިވިއިރު ނިޔާޒު ވަޒީފާ އަދާކުރަމުން އައީ އެމްޓީސީސީގައެވެ. ބަލިހާލަތު ހުރިގޮތުން ވަޒީފާއަށް ނުދެވޭތީ މުސާރައަށް ލިބޭ މިންވަރު މަދެވެ.

އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ނިޔާޒުއަކަށް ކޮޅަށް ނުހުރެވެއެވެ. އިށީނދެނީދެވެއެވެ. އިންޑިއާއަށް ގެންދަން ޑޮކްޓަރުން މިފަހަރު ހުއްދަދިނީވެސް ނަރުހަކާއެކު ސްޓްރެޗަރ އެއްގައެވެ. ބޭސްފަރުވާއަށް އާސަންދަ ހަމަޖެހުނަސް އިންޑިއާގައި ފަރުވާއަށް ހޭދަވާނެ މުއްދަތެއްވެސް ނޭނގެއެވެ. ހުރުމާއި އިތުރު ޚަރަދުތަކަށް ބޮޑުހޭދައެއް އަމިއްލައަށް ކުރަންޖެހޭތީ އާއިލާއިން އެދެނީ ނިޔާޒުގެ ފަރުވާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ނިޔާޒުއާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ ނަސީރާ ނަސީރު (އަނބިމީހާ) 7465488

ދިވެހި ރުފިޔާގެ އެކައުންޓް ނަންބަރު އަހުމަދު ނިޔާޒު: 7712363643001

ޑޮލަރު އެކައުންޓް ނަންބަރު އަހުމަދު ނިޔާޒު: 7730000373654

ނިޔާޒުގެ އާއިލާއިން މައުލޫމާތު ދިންގޮތުގައި އޭނާގެ ބައްޕަގެ އިތުރުން ބައްޕައާއި، ބައްޕައާއި އެއްބަނޑު އެއްބަފާ 3 ބެއިންވެސް މަރުވީ ކެންސަރު ބަލީގައެވެ. ނިޔާޒު މިއީ އެއާއިލާގައި ކެންސަރުގެ ފަރުވާ ހޯދަން ޖެހުނު 5 ވަނަ މީހާއެވެ.

'ޒީޓައިމްސް' އިން އެދެނީ ނިޔާޒު އަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުމެވެ. އާމީން!

ނޯޓް: މިއީ ޒީޓައިމްސްއިން ގެނެސްދޭ މިފަދަ އެހީގެ 46 ވަނަ ރިޕޯޓެވެ. އިންސާނިއްޔަތަށްޓަކައި ކުރާ މިމަސައްކަތުގައި ކިޔުންތެރިން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަމެވެ. މިގޮތަށް ލިބޭ އެހީ ޖަމާވާނީ ބަލިމީހާގެ އެކައުންޓަށެވެ.

+1
1
+1
2
+1
0
+1
0
+1
0
+1
1
+1
15

Advertisement

ކިޔުންތެރިންގެ ހިޔާލު

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް