ބަލިޖެހުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭކަމަށާއި، އެފަދަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމަށް މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަނީ ވިދާޅުވެފައވެ. ރައީސް މިގޮތަށް ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި "ޕްރިވެންޓިވް ހެލްތު ކެއަރ" ނުވަތަ ބަލިޖެހުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، ޞިއްޙީ ދާއިރާއިން އިސްކަންދޭން ބޭނުންފުޅުވާކަމުގައި ފާހަގަކުރެއްވިއެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުމުން ޖީލެއް ދުރުކުރެވުމަކީ ހަޤީޤަތުގައި، ޕްރިވެންޓިވް ހެލްތު ކެއަރގެ ތެރެއިން ހާސިލުކުރެވޭނެ އެންމެ ބޮޑު އަމާޒުކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން "ޕްރިވެންޓިވް ހެލްތު ކެއަރ" އަށް މަގުފަހިކުރުމުގެ ގޮތުން ތަރުކާރީއާ މޭވާގެ ބާވަތްތަކާއި، ރަނގަޅު ކާނާ ލިބޭނެ މަގުފަހިކޮށްދެއްވާކަމުގައި ވިދާޅުވިއެވެ. އަދި މޫދު ކަސްރަތަކީވެސް ހަށިގަނޑަށް ވަރަށް ފައިދާހުރި ކަމެއްކަން ފާހަގަކުރައްވައި، މޫދަށް އެރޭނެ ތަންތަން ނެތް ރަށްރަށުގައި، މަޝްރޫޢުތައް ކުރިއަށްގެންދަވަނީ އެކި މަޝްރޫޢުތަކުގެ ތެރޭގައި މޫދަށް އެރޭނެ ތަންތަން ހިމަނައިގެން، ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެއާއެކު މިއަންނަ އަހަރުގެ ނިޔަލަށް ކޮންމެ ރަށެއްގައިވެސް އައުޓްޑޯ ޖިމެއް ޤާއިމުކުރެވޭނެކަމުގެ އުފާވެރި ޚަބަރު ދެއްވިއެވެ. އަދި ކުޑަކުދިންވެސް ބޭރަށް ނުކުމެ ހަރަކާތްތެރިވެ އުޅުމަށާއި، އާއިލާއާއެކު ވަގުތު ހޭދަކޮށްލުމަށް، ކުޑަކުދިންގެ ޕާކްތައް ހަދަމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މި މަސައްކަތުގެ ތެރެއިން މާލޭގެ ހަލާކުވެފައިވާ ޕާކުތައް މަރާމާތުކޮށްދެއްވުމަށް ނިންމަވާފައިވާކަމަށާއި، ސަލްޓަން ޕާކް މަރާމާތުކުރުމަށް ކުރައްވާނެ މަސައްކަތްތަކުގެ ތަފްޞީލީ މަޢުލޫމާތުވެސް އެމަނިކުފާނު ވަނީ ޙިއްޞާކުރައްވާފައެވެ. މިގޮތުން އެ ޕާކް ތަރައްޤީ ކުރައްވާނީ "އެޑްވެންޗަރަސް" ކަންކަން ހިމަނައިގެން ކަމުގައި ވިދާޅުވިއެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން ހިންގާ ކުޅިވަރާގުޅުންހުރި މަޝްރޫޢުތައް ހިންގަވަނީވެސް "ޕްރިވެންޓިވް ހެލްތު ކެއަރ"އަށް މަގުފަހިކުރުމުގެ މަޤްޞަދު ހާސިލުކުރެވޭނެ ގޮތަށްކަމަށެވެ.
މިއަދުގެ ޕޮޑްކާސްޓުގައި، އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ހިންގޭ ޕަބްލިކް ހެލްތުގެ ކަންކަން ހަރުދަނާ ކުރެއްވުމަށާއި، ދަމަނަވެށީގެ ޚިދުމަތް ކޮންމެ އަތޮޅެއްގައި ދިނުމަށް، މަސައްކަތްޕުޅުތަކެއް ކުރައްވާކަން ރައީސް ވަނީ ހިއްސާ ކުރައްވާފައެވެ. އެގޮތުން މި ސަރުކާރުން ތަންފީޒުކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ވަށައިޖެހޭ ޞިއްޙީ ޚިދުމަތުގެ ސިޔާސަތެއް ކަމުގައި ވިދާޅުވިއެވެ. މި ކަންކަން މި ފަދައިން ކުރެވުމާއެކު، ޑޮކްޓަރަށް ދައްކަންޖެހޭވަރު މަދު ކުރެވި، ރާއްޖޭގައި ތިބެގެން ޞިއްޙީ ޚިދުމަތް ހޯދުމުގެ ފުރުޞަތުތައް ފަހިވެގެންދާނެ ކަމުގައި ވިދާޅުވިއެވެ. އަދުގެ ޙާލަތު އޮތް ގޮތުން ރާއްޖެއިން ބޭރަށް ގޮސް ޞިއްޙީ ޚިދުމަތް ހޯދަންޖެހޭ ޙާލަތްތައް މެދުވެރިވާ ކަމަށާ، ނަމަވެސް އެއީ ފަސޭހަ ކަމެއް ނޫންކަން ފާހަގަކުރައްވައި، ބަލިޖެހޭ ހިސާބުން، ރާއްޖޭގައި ތިބިގެން ފަރުވާ ކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައި އޮންނަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.