ދިވެހިބަހުގެ އަގާއި ގަދަރު ދަރީންނަށް ވިސްނައިދީ، ދިވެހި ބަހުގެ އަދަބިއްޔާތާއި ފަންނުތަކުގެ ތެރެއަށް ވަންނަ ހުނަރުވެރި ކުދީން ގިނަކުރުމަށް ބާރުއަޅައި ދިވެހި ބަހުން ވާހަކަ ދެއްކުމަކީ އުފަލެއްކަމުގައި އަދި ފަޚުރެއްކަމުގައި އެންމެންވެސް ޤަބޫލުކުރުމަށް ރައީސުލްޖުމްޖޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ވަނީ އިލްތިމާސް ކުރައްވާފައެވެ.
ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސް އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ އަމިއްލަވަންތަކަމާއި މިނިވަންކަމުގެ އެންމެ އަގުހުރި އެއް ރަމްޒަކީ، ދިވެހިބަސްކަމުގައެވެ.
" ވާހަކަދައްކައި ލިޔެކިޔާނެ އަމިއްލަ ބަހަކާއި އަމިއްލަ އަކުރުތަކެއް ލިބިފައި އޮތުމަކީ ވަރަށް ބޮޑު ނިޢުމަތެއް. ދިވެހިބަހުގެ ސަބަބުން ދިވެހީންގެ އެއްބައިވަންތަކަމާއި، މުއްސަނދި ސަގާފަތް ދައްކުވައިދޭކަމަށާއި، ދިވެހީންނަކީ ޒަމާނުއްސުރެ ވަކި އާދަކާދަތަކަކާއި އުޞޫލުތަކެއް ހިފަހައްޓަމުން އަންނަ މުސްތަޤިއްލު ބަޔެއްކަން މުޅި ދުނިޔެއަށް ކަށަވަރުކޮށްދެނީ ދިވެހިބަހުގެ ސަބަބުން" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ދިވެހިބަހަށް ޚިދުމަތް ކުރުމަކީ، ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތުކަމުގައި ވިދާޅުވެފައިވެއެވެ. އަދި ދިވެހީން، ދިވެހީންގެ ގޮތުގައި އެތައް ހާސް އަހަރަކު ދެމިތިބީ، ދިވެހިބަހުން ބަސްމޮށި އުޅޭތީކަން އެންމެ ހިނދުކޮޅަކަށްވެސް ހަނދާންނައްތާލައިގެން ނުވާނެކަމުގައި ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ދިވެހިބަހަށް އިހުމާލުނުވުމަށް ވަނީ ވަރަށް ބޮޑަށް ބާރުއަޅުއްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، އަންނަން އޮތް ޖީލުތަކަށް ދިވެހިބަސް ފޯރުކޮށްދިނުމަށް، އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމަށް އެދިވަޑައިގެންނެވިއެވެ. އަދި ޒަމާނާއެއްގޮތަށް ދިވެހިބަސް ކުރިއެރުވުމަށް މަސައްކަތް ކުރުމަށާއި، ދިވެހިބަހުން ވާހަކަދެއްކުމަށް އިސްކަންދޭ ކުދިބަޔަކަށް ހެދޭނީ، ޒަމާނީ ފަންނިއްޔާތާއި މުވާޞަލާތުގެ ތަރައްޤީއާއި ފައިހަމަކުރެވޭނެ ކުރިއެރުން ދިވެހިބަހަށް ހޯދައިދީގެންކަމުގައި ވިދާޅުވިއެވެ. ދިވެހިބަހާއި، ދިވެހި އަދަބިއްޔާތާއި، ދިވެހި ޅެންވެރިކަމުގެ މުއްސަނދިކަމާއި މޮޅުކަން، އަދުގެ ޖީލުތަކަށް މޭރުންވާނޭ މަގުން ކިޔައިދީ، އުނގަންނައިދިނުމަށްވެސް ރައީސް ބާރުއެޅުއްވިއެވެ.
ދިވެހިބަހުގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުންވެސް ތަހުނިޔާގެ ޕޯސްޓެއް ހިއްސާކުރައްވާފައެވެ. އެމަނިކުފާނުގެ ޕޯސްޓުގައި އަބަދުވެސް ދިވެހިބަހަށް އިސްކަން ދޭންވާނެކަމަށާއި، ދިވެހީންގެ އަމިއްލަވަންތަކަމުގެ މައިބަދައަކީ ދިވެހިބަސްކަމުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ޒަމާނާ އެއްވަރަށް ފައިހަމަކުރަމުން، ދިވެހިބަސް ކުރިއަރަމުން ދިއުމުގެ ފޮނި އުންމީދުކުރައްވާކަން ފާހަގަކުރައްވައިފައިވެއެވެ.