April 16, 2025 01:10
Advertisement

-Advertisement-

މަޑުލު ވަހީދު

މަޑުލު ވަހީދު: ފަހުގެ ތާރީޚެއްގައި އުފެދުނު އެންމެ ކުޅަދާނަ އެއް ލިޔުންތެރިޔާ!

ދިވެހި އަދަބީ އުޑުގައި ބައިގަރުނެއްހާ ދުވަހު ފިޔަޖަހަމުން އައި އަލިގަދަ ތަރި މަޑުލު މުހައްމަދު ވަހީދު އަވަހާރަވީ މިއަދުގެ ވަގުތެއްގައެވެ. މަޑުލު ވަހީދަކީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ މުޝީރެވެ. އުމުރުން 77 އަހަރުގައި މަޑުލު ވަހީދު އަވަހާރަވީ އާލާސްކަންފުޅަށް އައިޖީއެމްއެޗްއިން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ކަށުނަމާދު ކުރެވުނީ މިއަދު އަސުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.

މަޑުލު ވަހީދު (ވ)

މަޑުލު ވަހީދު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ފާހަގަ ކުރައްވައިފައިވެއެވެ.

" މަރުޙޫމް މަޑުލު މުޙައްމަދު ވަޙީދަކީ، ދިވެހިބަހުގެ އަދީބެއް. ދިވެހިރާއްޖޭގެ ފަހުގެ ތާރީޚު ދުށް ކުޅަދާނަ ލިޔުންތެރިއެއް. ތަރުޖަމާ ކުރުންތެރިއެއް. އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ޚިދުމަތުގައި ދެމި ހުންނެވި ފަރުވާތެރި ޚިދުމަތްތެރިއެއް". ރައީސް ވިދާޅުވިއެވެ.

Advertisement

މަޑުލު ވަހީދުގެ އެންމެ ފާހަގަކުރެވެނީ ތަފާތު މައުޟޫތަކަށް ލިޔުއްވައިފައިވާ މަޒުމޫނާއި ކުރުވާހަކަތަކެވެ. އަދި މަޑުލު ވަހީދަކީ ފާހަގަކޮށްލެވޭ ނޫސްވެރިއެކެވެ.

ލިޔުންތެރިކަމަށް ޚިދުމަތް ކުރުމުގެ ރޮނގުން 1985ވަނަ އަހަރު އާންމު ޚިދުމަތުގެ ބައިން ހިތްވަރު ދިނުމުގެ އިނާމު ވަނީ މަޑުލު ވަހީދަށް ލިބިވަޑައިގެންފައިވެއެވެ. އަދި ކުރުވާހަކަ ލިޔުމުގެ ރޮނގުން 1997ވަނަ އަހަރު އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވެއެވެ. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން 2019ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމު ޙާޞިލުކުރައްވާފައިވެއެވެ. އަދި ދިވެހި ނޫސްވެރިކަމުގެ އަލިމަސް ގަލަން ލިބިވަޑައިގެންފައި ވެއެވެ.

ދައުލަތުގެ މީޑިއާގައި ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރެއްވި މަޑުލު ވަހީދު ވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދައުލަތުގެ މީޑިއާ ހިންގުމަށް އުފެއްދެވި، މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (އެމްއެންބީސީ)ގެ ޗެއާމަންކަން ވެސް ކުރައްވާފައެވެ.

މަޑުލު ވަހީދު އަވަހާރަވުމާއި ގުޅިގެން ދިވެހި ބަހުގެ އެކެޑަމީއިން އާންމުކުރި ޕޯސްޓެއްގައި ފާހަގަކޮށްފައިވެއެވެ.

" ދިވެހި ބަހުގެ އެކެޑަމީގެ މުޝީރު މަޑުލު ވަހީދު ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރެއްވުމަކީ މި އެކެޑަމީއަށް ލިބުނު ނުހަނު ފުން ހިތާމައެއް. މިއަދު އަޅުގަނޑުމެންނަށް ގެއްލިގެން އެދިޔައީ ޤައުމީ ޚިދުމަތްތެރިއެއް. އަދަބުގެ މާހިރެއް. އެހީތެރި މުރުޝިދެއް. މަގުދެއްކެވި މުޝީރެއް. މިއީ ދިވެހި އަދަބީ އުދަރެހަށް ލިބުނު ބަނަކަމެއް".

ދިވެހި ބަސް އުނގަންނައި ދެއްވުމަށް މަޑުލު ވަހީދު ވަނީ ގިނަ ގުނަ މަސައްކަތް ކޮށްދެއްވައިފައެވެ. މިގޮތުން ގިނަ ދަރިވަރުންތަކަކަށް ކިޔަވައިދެއްވާފައި ވެއެވެ. ބައި ގަރުނަށްވުރެ ދިގު މުއްދަތައް ޝައުގުވެރިކަމާއެކު އެ ކޮށްދެއްވި އަގުހުރި ޚިދުމަތުގެ ޒިކުރާ ފަނޑުވުމެއް ނެތި ދެމިހުންނާނެކަން ޔަޤީނެވެ. ދިވެހި އަދަބިއްޔާތާއި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ގިނަބައެއްގެ ލޯބި ލިބިވަޑައިގެންފައިވާ މަޑުލު ވަހީދުގެ ހަނދާން ދާއިމަށް ދެމިހުންނާނެއެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް