ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި، އެކި ޒަމާނާއި އެކި ޙާލަތްތައް ބަދަލުވަމުންދާ ދިއުމުގައި، ދިވެހި ދައުލަތާއި ދީބަށް ލޮޅުމެއް އެރިޔަ ނުދީ، މަސަލަސްކަމާއި ކަރާމާތް ދެމެހެއްޓުމުގެ އެންމެ މަތިވެރި ގައުމީ ޒިންމާ އުފުލާނީ ދިވެހި ސިފައިންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިގޮތަށް ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
ދިވެހި ޤައުމު އެއް ވެރިކަމެއްގެ އަމުރުމަޢުރޫފުގެ ދަށުގައި، މުސްތަޤިއްލު ވަޒަނެއްގެ ގޮތުގައި ދެމިއޮތީ، ޤައުމުގެ މިނިވަންކަމާއި އެއްބައިވަންތަކަން ހިފަހައްޓައިދިނުމަށް ކެނޑިނޭޅި ބަޔަކުވީ ގުރުބާނީގެ ސަބަބުންކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ގުރުބާނީގެ ފަހަތުގައި އެންމެ މުހިންމު ދައުރެއް އަބަދުވެސް އަދާކުރީ، ޤައުމު ދިފާޢުކޮށް، އަމާންކަމާއި ރައްކައުތެރިކަން ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރާ ދިވެހި ސިފައިންކަން ފާހަގަކުރެއްވިއެވެ.
ސިފައިން، އަމިއްލަ ނަފުސާއި ޢާއިލާތަކަށްވުރެ އަބަދުވެސް އިސްކުރަނީ ދިވެހި ޤައުމާއި ރައްޔިތުންގެ މަޞްލަޙަތުކަމުގައި ވިދާޅުވިއެވެ. އަދި ޤައުމަށް ދިމާވި ކޮންމެ ބޮޑުކަމަކާއި ކޮންމެ އުނދަގޫ ވަގުތަކު، ދިވެހީންނަށްޓަކައި ދަލާއި ލޭ އޮހޮރުވައި، ރެޔާއިދުވާލު ވަރުބަލިވުމެއް ނެތި ބުރައުފުލުމުގައި އިސްނެގީ ދިވެހި ސިފައިންކަމަށް ރައީސް ވިދާޅުވިއެވެ.
"ދިވެހި ސިފައިންގެ މުލައްދަނޑިތަކުގައި ޤައުމީ ލޭ ދައުރުވާހައި ހިނދަކު، ދިވެހި ޢަސްކަރީންގެ ހިތްތަކުގައި މިނިވަންކަމުގެ ވިންދު ޖަހަމުންދާހާ ހިނދަކު އިރާދަކުރެއްވިއްޔާ ދިވެހީންގެ މިނިވަންކަމަކަށް، ދެމިތިބުމަކަށް، އިރުއޮއްސުމެއް ނެތް" ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.
ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ތަހުނިޔާގެ ޕޯސްޓެއްވެސް އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ޙިއްޞާކުރައްވާފައެވެ. ދިވެހީންނަށް ލިބުނު ކޮންމެ ކުރިއެރުމަކާއި ކާމިޔާބެއްގެ ސިއްރަކީ، މިނިވަން ދައުލަތެއްގެ ގޮތުގައި މި ޤައުމު ދެމިއޮތުންކަމަށާއި، ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ، ދިވެހި ސިފައިންގެ ޖޯޝާއި، ޤުރުބާނީއާއި ނުގުޑާ ޢަޒުމުން ކަމުގައި ރައީސްގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.