April 27, 2025 23:34
Advertisement

-Advertisement-

ކުރީގެ ރިޔާސީ ކޮމިޝަންތަކަށް ނުނެރެވުނު ނަތީޖާއެއް އައު ރިޔާސީ ކޮމިޝަނަށް ނެރެވޭނެބާ؟

" 2025 އެޕްރީލް 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރާ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އުފެއްދެވީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މި ކޮމިޝަން އެމަނިކުފާނު އުފައްދަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚުތިޔާރުގެ ދަށުންނެވެ. މި ކޮމިޝަން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވަނީ 2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަޙުޤީޤެއް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ކުރުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ބަޔާންކޮށްފައިވެއެވެ.

މި ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ހިމެނެނީ:

1- ޑޮކްޓަރ މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ

Advertisement

2- ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން
3- ޑޮކްޓަރ މުޙައްމަދު ޙަބީބު، ސ. ހިތަދޫ، ސީސަންމާގެ

ކޮމިޝަނުގެ ރައީސްކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ ޑޮކްޓަރ މުޙައްމަދު މުނައްވަރެވެ.

ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން މި ކޮމިޝަނަށް ލިބިދޭ ބާރުތަކާއި އިމްތިޔާޒުތަކުގެ ތެރޭގައި ހިމެނެނީ:

(ހ) ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި ކޮމިޝަނުން ކުރިޔަށްގެންދާ ތަޙުޤީޤުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން؛
(ށ) ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައްޔާއި ތަޙުޤީޤުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި، ރާއްޖެއިން ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުން؛
(ނ) ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގައި ބަޔާންކުރާ، ޤާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން؛
(ރ) ހައްޔަރު އަމުރާއި، ޖިނާއީ ތަޙުޤީޤުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން؛
(ބ) ހާޒިރުކުރަންޖެހޭކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކުރުމާއި، މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫން ވެސް ހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން؛
(ޅ) ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަޙުޤީޤެއް ކޮށްފައި ވާ ނަމަ، އެ ތަޙުޤީޤަކުން ނުވަތަ އެނޫންވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި، އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި، ހެއްކާއި، ޤަރީނާތަކާއި،
އެނޫން ވެސް މަޢުލޫމާތު ހޯދުން.

މި ކޮމިޝަނަކީ، ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމާ ހަމަޔަށް ދެމިއޮންނާނޭ ކޮމިޝަނެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ވަނީ ބަޔާންކޮށްފައެވެ.

އައު ރިޔާސީ ކޮމިޝަނަށް ނަތީޖާ ނެރެވޭނެބާ؟

އައު ރިޔާސީ ކޮމިޝަނެއް އުފެއްދުމާއެކު ބައެއް މީހުން ދަނީ މި ކޮމިޝަނަށް ނަތީޖާ ނެރެވޭނެތޯ ސުވާލު އުފައްދަމުންނެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކުރަނީ މީގެ ކުރީ ސަރުކާރުތަކުގައި ވެސް ރިޔާސީ ކޮމިޝަންތަކެއް އުފައްދާ ބޮޑެތި މުސާރަ ގިނަ ދުވަސްތަކެއްވަންދެން އެކޮމިޝަންތަކުގެ މެންބަރުންނަށް ދީފައިވުމެވެ. އެކަމަކު އެކަށީގެންވާ ނަތީޖާއެއް ނުފެނުމެވެ.

މިސާލަކަށް ބަލާނަމަ ނިމިދިޔަ ސަރުކާރުގައި ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބަލަން އުފެއްދި ރިޔާސީ ކޮމިޝަން ފާހަގަ ކުރެވެއެވެ. 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު އެއިރުގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވީ ރިޔާސީ ކޮމިޝަންގެ މަޤްސަދާމެދު ޝައްކު ނުކުރައްވާ ކަމަށެވެ. ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި އިންސާފާއި ހަމައަށް ދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. އެހެންނަމަވެސް އޭގެ 4 އަހަރު ފަހުން ވެރިކަން ނިމުނުއިރުވެސް އެއިރުގެ ރިޔާސީ ކޮމިޝަނުގެ މަޤްސަދު ހާސިލު ކުރެވުނު ކަމަކަށް ނުބެލެވެއެވެ. ރިލްވާން ގެއްލުވާލި މައްސަލަ ތަހުގީގު ކުރުމަށްފަހު ރިޔާސީ ކޮމިޝަނުން ޑްރާފްޓް ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ހިއްސާކުރައްވާ އޭގައި ހިމެނޭ ބައެއް މައުލޫމާތު އެކޮމިޝަންގެ ރައީސް އަލްއުސްތާޛު ހުސްނުއް ސުޢޫދު އެއިރު ވަނީ މީޑިއާ އާއި ހިއްސާކޮށްފައެވެ. އެރިޕޯޓުގައި ތުހުމަތުކުރެވޭ ބައެއް މީހުންނަށް ދަޢުވާ ނުކޮށް އުޅެނިކޮށް އެމީހުންގެ މައުލޫމާތު ލީކުވުމަކީ މިފަދަ ކޮމިޝަންތަކުން ކުރާ މަސައްކަތާއިމެދު އާންމުންގެ ޝަކުވާ ބޮޑު ކަމެކެވެ. އަދި ފާޑުކިޔުން އަމާޒުވާކަމެކެވެ.

ދައުލަތަށް ލިބެންޖެހޭ ގިނައަދަދެއްގެ ފައިސާ ހޯދުމަށް "ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީ"ގެ ނަމުގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް ވަނީ ޚާއްސަ ކޮމިޝަނެއް އުފައްދަވައިފައެވެ. މި ކޮމިޝަނުގެ މައިގަނޑު ބޭނުމަކީ ދައުލަތަށް ލިބެންޖެހޭ އެތައްސަތޭކަ މިލިއަން ރުފިޔާއެއް ހުރުމާއެކު އެ ފައިސާ ހޯދުމަށްޓަކައި މަސައްކަތް ކުރުމެވެ. މިކޮމިޝަނަށް ވެސް އެކަށީގެންވާ ނަތީޖާއެއް ނެރެވުނުކަމަކަށް ޤަބޫލު ނުކުރެވެއެވެ.

ރިޔާސީ ކޮމިޝަނެއް އުފެއްދެވިއަސް އަދި ނިމުނީއެއް ނޫނެވެ. ކޮމިޝަންގެ ބޭނުން އެންމެ އެކަށޭނަގޮތުގައި ހިފެން ޖެހެއެވެ. ނަތީޖާ ނެރެވެން ޖެހެއެވެ. އެހެންނޫނީ މިހާރުވެސް ހުރި މުއައްސަސާތައް ޒިންމާ ކުރަންވީއެވެ. މުޖުތަމަޢުގެ އިތުބާރު ލިބޭ މިންވަރަށް ހުރި މައްސަލަތައް ހައްލުކުރަންވީއެވެ. ރިޔާސީ ކޮމިޝަނަކަށް ވެސް ނަތީޖާ ނެރެވޭނީ ގުޅުންހުރި މުއައްސަސާތަކުގެ އެއްބާރުލުން ލިބިގެންނެވެ. މިފަދަ ބޮޑެތި ކޮމިޝަންތައް މިއުފައްދަނީ އާންމުންނާއި ވަރަށް ބޮޑަށް ގުޅުންހުރި މައްސަލަތަކަށް ހައްލު ހޯދުމަށެވެ. އެހެންވުމުން އެހައްލު ހޯދައި އާންމުންގެ ކަންބޮޑުވުންތަކަށް ލުޔެއް ހޯދައިދޭން އެބަޖެހެއެވެ. ކުރީގެ ރިޔާސީ ކޮމިޝަންތަކަށް ގެއްލުނު އިތުބާރު އައު ކޮމިޝަނުން ހޯދަން އެބަޖެހެއެވެ.

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް