އދ. ހަންޏާމީދޫ ވިލާޑިލައިޓް އަށް އުފަން ތަހުމީނާ މޫސާ 42 އަކީ ބަލިހާލަތު ހުރިގޮތުން އަމިއްލައަށް އެއްވެސް ކަމެއް މިވަގުތު ނުކުރެވޭ ހާލަތުގައި ހުރި މީހެކެވެ. ތަހުމީނާ އާއި އޭނާގެ މަންމަ އައިސްތު އަލީ ވަނީ އެމީހުންގެ ހާލަތު 'ޒީޓައިމްސް' އަށް ކިޔައިދީފައެވެ.

ތަހުމީނާގެ އާއިލާ އުޅޭ ހިޔާ ފުލެޓަށް ޒީޓައިމްސް އިން ދިޔައިރު ތަހުމީނާގެ މޫނުމަތިން ފެނުނީ އެހާލަތުގައިވެސް އުފާވެރިކަމާއެކު މަރްހަބާކީ މަންޒަރެވެ.
2019 ގައި ވަނީ ސިކުނޑީގެ ވަރަށްބޮޑު އޮޕަރޭޝަނެއް ތަހުމީނާގެ ކޮށްފައެވެ. އޭގެފަހުން އާންމު ހާލަތެއްގައި ދިރިއުޅެވުނަސް ދިޔައީ ފޮލޯއަޕް ހެދުމަށް އިންޑިއާ އަދި މާލޭގެ ޑޮކްޓަރުންނަށް ދައްކަމުންނެވެ.
" ބޮލުގެ ބޮޑުބައެއް ކަފާފަ ކުރި ބައިލެޓަރަލް ޑީޕް ބްރެއިން ސްޓިމިއުލޭޝަން (ޑީބީއެސް) އޮޕަރޭޝަނަށްފަހު ސިކުނޑީގައި ވަނީ އިލެކްޓްރޯޑް ހަރުކޮށްފައި. މޭމަތީގައި ވަނީ ކަރަންޓް ސިގްނަލް ފޮނުވާ ޑިވައިސްއެއް ހަރުކޮށްފައި. ޑީބީއެސް ޕްރޮގްރާމް ކުރަންޖެހޭނެ ވަކިމުއްދަތެއްގައި. މިއަހަރު އޮގަސްޓް މަހު އިންޑިއާއަށް ދާން ބުނެފައޮއްވާ މި ޑިވައިސްގައި މައްސަލަޖެހި ޗާޖުނުވެ ހާލަތު ގޯސްވިތާ މިވީ ހަފްތާއެއް".

'ޕާކިންސަން' ބަލި ތަހައްމަލު ކުރަންޖެހިފައިވާ ތަހުމީނާގެ ހާލަތު ހުރިގޮތުން ތުރުތުރުއަޅާވަރުން ރަނގަޅަށް ވާހަކަދައްކަންވެސް އުނދަގުލެވެ. އެވަރަށް ރިއްސާއިރު ކަނައަތްފަޅީގެ އަތް ރަނގަޅަށް ބާއްވަންވެސް އުނދަގުލެވެ.
އެންމެ ކުޑައިރު ތަހުމީނާއަކީ އާދައިގެ އެހެން ކުދިންނެކޭ އެއްގޮތަށް ދިރިއުޅުނު ކުއްޖެކެވެ. އެހެންނަމަވެސް ފިޓްޖެހި ރަނގަޅުނުވެގެން އިތުރު ފަރުވާއަށް ގެނައީ މާލެ ކަމުގައި ތަހުމީނާގެ މަންމަ އައިސްތު ވަނީ ކިޔައިދީފައެވެ.
" އެއިރު މާލެއިން ދެއްކި ޑޮކްޓަރުންގެ ލަފައާއެކު އިތުރު ފަރުވާއަށް ދިޔައީ އިންޑިއާއަށް. އޮޕަރޭޝަނަށްފަހު އަމިއްލަ ހާލައިގެން އުޅެވޭވަރުވި. އެކަމަކު ހަފްތާއަކު އެއްފަހަރު ޑިވައިސް ޗާޖުކޮށްގެން އުޅެމުންއައީ. އެކަމަކު އެ ހަލާކުވެގެން މުޅި މާލޭގައި ހިނގައިގެންވެސް ރަނގަޅުކުރެވޭގޮތް ނުވި. އިންޑިއާއަށް ދިއުމަށް ޑޮކްޓަރުން ބުނަނީ. ފުރޭތޯ އިއްޔެ ދިޔައިރު ހާލަތު ހުރިގޮތުން ނުފުރުނު. އަނެއްކާ މާދަމާ އިންޑިއާއަށް ދެވޭތޯ ދާން މިއުޅެނީ". ހިތްދަތިކަމާއެކު ދަރިފުޅުގެ ހާލަތު އައިސްތު ކިޔައިދިނެވެ.
ތަހުމީނާގެ ބައްޕަ ނިޔާވެފައިވާއިރު އެއްބަނޑުއެއްބަފާ 7 ކުދިން ތިބެއެވެ. ތަހުމީނާ ގޮވައިގެން ފަރުވާއަށް ދަނީ އެ އާއިލާގެ އަންހެން ކުއްޖަކާއި ފިރިހެންކުއްޖެކެވެ.
ތަހުމީނާގެ މަންމަވެސް ވަނީ ދާދިފަހުން ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި 2 މަސްދުވަހު އެޑްމިޓްކޮށްގެން ފަރުވާދީފައެވެ. ބިންދައިގެން ދިޔަ ކަށިގަނޑުގެ ބަދަލުގައި ދަގަނޑުކޮޅެއް ލައްވާފައި ހުރިއިރު އަދިވެސް ރަނގަޅަށް ނުހިނގެއެވެ.

އާއިލާއިން އެދެނީ ތަހުމީނާގެ ފަރުވާއަށް އާންމުންގެ އެހީތެރިކަމަށެވެ. 2019 އިން ފެށިގެން ފަރުވާއަށް ގިނަފަހަރެއްގެމަތިން އިންޑިއާއަށް ދިޔަ ކަމުގައިވިއަސް މިއީ އާންމުންގެ އެހީއަށް މިގޮތަށް އެދޭ ފުރަތަމަ ފަހަރު ކަމުގައި އާއިލާއިން ވަނީ ފާހަގަކޮށްފައެވެ. އިންޑިއާގެ ކޮޗިންއަށް އިތުރު ފަރުވާއަށް ދާއިރު ފަރުވާއަށް ހޭދަވާނެ މުއްދަތެއް އަދި ޚަރަދުވާނެ މިންވަރެއްވެސް ނޭނގެއެވެ.
އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ ތަހުމީނާ: 9290550
ތަހުމީނާގެ ކޮއްކޮ އަދި ފަރުވާއަށް އެކީގައި އިންޑިއާއަށް ދިއުމަށް ހަމަޖެހިފައިވާ މަރްޔަމް އަގީލާ 9686933
އެހީތެރިކަން ފޯރުކޮށްދޭންވީ އެކައުންޓް ނަންބަރު: ތަހުމީނާގެ ކޮއްކޮ ވިލާޑިލައިޓް އދ. ހަންޏާމީދޫ ފާތިމަތު ޝަރަފިއްޔާ 7703240151101
ނޯޓް: މިއީ ޒީޓައިމްސްއިން ގެނެސްދޭ މިފަދަ އެހީގެ 47 ވަނަ ރިޕޯޓެވެ. އިންސާނިއްޔަތަށްޓަކައި ކުރާ މިމަސައްކަތުގައި ކިޔުންތެރިން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަމެވެ. މިގޮތަށް ލިބޭ އެހީ ޖަމާވާނީ ބަލިމީހާގެ އާއިލާގެ އެކައުންޓަށެވެ.