November 23, 2024 16:46
Advertisement

-Advertisement-

ކިޑްނީ އޮޕަރޭޝަނަށް ދަރިފުޅާއި ބައްޕަ ވަނީ އެޑްމިޓު ކުރެވިފައި

ހދ.ހަނިމާދޫ އަށް އުފަން އުމުރުން 43 އަހަރުގެ އިބްރާހީމް ޙަސަން އާއި ދަރިފުޅު އުމުރުން 13 އަހަރުގެ އައިޝަތު އާޔާ އިބްރާހީމް މިވަގުތު އޮތީ އިންޑިއާގެ ބެންގަލޫރުގެ އެންޔޫ ހޮސްޕިޓަލުގައި އެޑްމިޓުުކޮށްފައެވެ. ކައިރީގައި އެހީތެރިވުމަށްހުރީ އިބްރާހީމްގެ އަންހެނުން އަދި އާޔާގެ ދޮންމަންމަ ހއ.ހޯރަފުށީ ފާތިމަތު ޒިހުނާއެވެ.

ޒިހުނާ އާއި އާޔާ

ޒީޓައިމްސްއާއި ވާހަކަދައްކަމުން ޒިހުނާ ބުނީ ފިރިމީހާގެ ކިޑްނީ އާޔާއަށް ދިނުމަށް މާދަމާ އޮޕަރޭޝަން ކުރަން ހަމަޖެހިފައިވާކަމަށެވެ. "ވަރަށްބޮޑު ރިސްކެއް ނަގަންޖެހެނީ. ޑޮކްޓަރުން ބުނީ އެހާ އުމުރުގެ ތަފާތުހުރި މީހެއްގެ ކިޑްނީ ކުޑަކުއްޖެއްގެ ލައްވަންޖެހޭތީ އެކަމަށް ވަގުތު ނަގާނެކަމަށް. އާޔާއަކީ 13 އަހަރުގެ ކުއްޖެއްވިއަސް ބަލާ ބެލުމަށް 5 ވަރަކަށް އަހަރު ކުއްޖެއް" އެންޔޫ ހޮސްޕިޓަލުގައި ހުރެގެން ޒިހުނާ މަޢުލޫމާތު ދިނެވެ.

އައުޒަމް އާއި ކޮއްކޮ

ޒިހުނާ އާއި އިބްރާހީމްގެ އެއްއަހަރުގެ އަންހެން ކުއްޖަކު ހުރިއިރު އިތުރަށް އެޢާއިލާއަށް އެހީތެރިވާންހުރީ ހަމައެކަނި ޒިހުނާގެ 15އަހަރުގެ ފިރިހެންދަރިފުޅު އައުޒަމް މުޙައްމަދު ޝަރީފު އެވެ. ހިރިޔާ ސްކޫލުގެ ގުރޭޑު 9އެއްގައި ކިޔަވަމުންއައި އައުޒަމް އަކީ ނަމޫނާ ދަރިއެއްގެ ގޮތުގައި ޒިހުނާވަނީ ސިފަކޮށްފައެވެ. "ފިރިމީހާއާއި އާޔާ އެޑްމިޓްކޮށްގެން ކުޑަބޭބީއެއް ގޮވައިގެން އުޅޭއިރު ވަރަށް އުދަގޫ. އެކަމަކު އައުޒަމް އެހީތެރިވެދޭ" ދަރިފުޅަށްޓަކައި ފަޚުރުވެރިވަމުން ޒިހުނާ ބުންޏެވެ.

Advertisement

ޢާއިލާގެ ފަރާތުން މައުލޫމާތުދެމުން ޒިހުނާގެ ކޮއްކޮއެއް ކަމުގައިވާ ޒޫނާ ޢަބުދުލްޙަކީމް ބުނީ ކިޑްނީ ހަދިޔާކުރުމަށް ޒިހުނާގެ ޢާއިލާ 2020ވަނަ އަހަރު ފެބުރުއަރީމަހު އިންޑިއާއަށް ދިޔަކަމުގައިވިއަސް އޮޕަރޭޝަން ނުކޮށް އެއް އަހަރުވަރުވީ ކޮވިޑްގެ ޙާލަތުގެ ސަބަބުންކަމަށެވެ.

" ދައްތައާއި އިބްރާޙީމް ކައިވެނިކުރިތާ އަދިވާނީ 2 އަހަރު. ދައްތަ އެކުރާ ހިތްވަރުގެ ސަބަބުން ވަރަށް އުފާވޭ. ދޮންމަންމައަށްވެހުރެ އާޔާ އަށް އެކޮށްދޭ ކަންތައްތަކަށް ޝުކުރުވެރިވަން" ހޯރަފުށީ އަތޮޅު މަދަރުސާގެ ޕްރައިމަރީ ޓީޗަރެއްގެ ވަޒީފާ އަދާކުރާ ޒޫނާ ބުންޏެވެ.

ޒިހުނާގެ ޢާއިލާ އެންޔޫ ހޮސްޕިޓަލުގައި ތިބިއިރު ޒިހުނާގެ މަންމަ ހާނީ އިބްރާޙީމް ވެސް ވަނީ ކިޑްނީފެއިލްވެފަ އެވެ. ހާނީ މިހާރު ގެންދަނީ މާލޭގަ ހުރެގެން ކިޑްނީބައްޔަށް ފަރުވާ ހޯދަމުންނެވެ.

އާސަންދައިން ބޭސްފަރުވާގެ ހުރިހާ ހަރަދެއް ހަމަޖެހުނު ކަމުގައިވިއަސް އޮޕަރޭޝަނަށްފަހު އިންޑިއާގައި ހޭދަވާނެ ދުވަހެއް ނޭނގޭތީ އާއިލާއިން އެދެނީ އިތުރު އެހީތެރިކަމަށެވެ. އަދި އޮޕަރޭޝަން ކާމިޔާބުވޭތޯ އެދެނީ ހެޔޮދުޢާ ކޮށްދިނުމަށެވެ. ޒިހުނާ ވަނީ މިހާތަނަށް އެކިގޮތްގޮތުން އާޔާގެ ބޭސް ފަރުވާއަށް އެހީތެރިކަން ފޯރުކޮށްދިން މީހުންނަށް ޝުކުރު އަދާކޮށްފައެވެ.

ނޯޓް: މި ޢާއިލާ އަށް އެކަށީގެންވާ މިންވަރަށް އެހީ ލިބިފައިވާތީ، މިރިޕޯޓުގައި ކުރިން ހިމަނަައިފައިވާ ފޯން ނަންބަރާއި އެކައުންޓް ނަންބަރު ވާނީ އުނިކޮށްފައެވެ.

+1
0
+1
0
+1
1
+1
0
+1
2
+1
0
+1
10

Advertisement

ގުޅުންހުރި ލިޔުންތައް