ހެނދުނު އަރައިގެން އަންނަ އިރާއެކު ރަސްފަންނު މޫދުން ވަން، ޓޫ، ތްރީ... ކިޔާފައި އަންހެންވެރިންތަކެއް ގުނާއަޑު އިވެއެވެ. މި ވަނީ ކިހިނެއްތޯ ބަލާލިއިރު މޫދުގައި ތިިރީހަކަށް އަންހެނުން ގުރާފެހި ކުލައިގެ ނޫޑުލް ހިފައިގެން ގޮތްގޮތަށް ޙަރަކާތް ކުރަނީއެވެ. ކޮންމެ ދުވަހަކު ފަތިހު 5:45 ން ހެނދުނު 7:00 އަށް މޫދުކަސްރަތު ކުރާ އަންހެންވެރިންގެ ތެރެއިން ލީޑަރަކަށް ހުންނަނީ ބައިވެރިން ކިޔާގޮތުންނަމަ އައިންތު މިސް އެވެ.
މިއީ ގުރާފެހި ކަނބަލުންނެވެ. ގުރާފެހި ކަނބަލުން އުފެދިގެން އައީ ކޮންގޮތަކަށްތޯ އަހާލުމުން އައިންތު ބުނީ 2012ވަނަ އަހަރު ސްޓްރޯކެއް ޖެހިގެން ވާގިނެތުނީ ކަމަށެވެ. "ދެން އެއްމަސްވަންދެން ފިޒިއޮތެރަޕީ ހަދައިގެން ވަރަށް އަވަހަށް ލުއިވެއްޖެ. ފިޒިއޮތެރަޕިސްޓު ބުނީ ދައްތަ މޫދަށް ދާށޭ. އެންމެ ފުރަތަމަ މޫދަށް ދިޔައީ ދެމީހުންގެ އެހީގައި ސިޑިން ފައިބައިގެން ކާރެއްގައި އާޓިފިޝަލް ބީޗަށް. މޫދުގައި އެއްގަޑިއިރު ހޭދަކޮށްފަ އަރައިގެން އަޅުގަނޑަށް ހިނގާފަ ގެއަށް އާދެވުނު. ގޮނޑީގައި އިނދެގެން ނަމާދުކޮށް އުޅުނީ އެކަމަކު އެއްމަސް ފަހުން ރަނގަޅުވެއްޖެ. ސަޖިދައަށް ވެސް ދެވޭ. ދެން ރަސްފަންނު ހުޅުވީމަ ކަސްރަތު ކުލާހަކަށް އަންނަން ފެށީ އެކަމަކު ކުލާސް ފަށަނީ 7 ޖަހާއިރުވީމަ ނިމޭއިރު މާލަސްވާތީ ހިތައްއެރީ ފަތިހުއޭ އަންނާނީ. އެހެންވެ 5:45 އަކަށް މޫދަށް އަންނަން ފެށީ" ކަމަށް ރަސްފަންނުގައި ހުރެގެން އޭނާ ކިޔައިދިނެވެ.
ފުރަތަމަ ދުވަހު ފަތިހު މޫދަށް އައިސް ކަސްރަތުކުރީ އެކަނިމާއެކަންޏެވެ. "އެކަނި އައިސް ހަރަކާތްތައް ކުރިއިރު އެހެން މީހެއްވެސް މޫދުގައި ހުރި. އެމީހާ ކައިރީގައި އަޅުގަނޑު ބުނިން ތިހެން ހުރެގެން ކަމަކު ނުދާނެއޭ. މީހުންކޮޅެއް ހޯދާލަންވީނުންހޭ ކަސްރަތު ކުރަން. 2017 އިން ފެށިގެން ކުލާސްނަގައިދެމުން މިގެންދަނީ."
އައިންތުއަކީ ފީއަކާ ނުލާ މޫދުކަސްރަތު ކުލާސް ނަގައިދޭ މީހެކެވެ. މަޖާ މާޙައުލެއްގައި ހިތްހަމަޖެހިގެން ކަސްރަތު ކޮށްލުމަށް އައިންތު އުފެއްދި ގުރާފެހިކަނބަލުން ޓީމުގައި ފުރަތަމަ ފެށިއިރު ތިބީ އެއްމެ 3 މީހުންކަމުގައިވިޔަސް މިހާރު 50 ވަރަކަށް މީހުން އެބަތިއްބެވެ. އައިންތު ބުނީ އޭނާ ކަސްރަތުތައް ދަސްކުރީ ޔޫޓިއުބު ބަލައިގެން ކަމަށެވެ. އަދި ކޮންމެމަހަކު ބައިވެރިންގެމެދުގައި ބަރުދަން ބަލަމުންގެންދާތީ އެކަކު އަނެކަކަށްވުރެ ލުއިވޭތޯ ވަރަށްމަސައްކަތް ކުރާކަން ފާހަގަކުރެވޭކަމަށް އައިންތު ބުންޏެވެ.
ގުރާފެހި ކަނބަލުން ޓީމުގައިތިބި ބައެއް މީހުންނާ ވާހަކަދައްކާލުމުން އެންމެންވެސް ބޭނުންވީ ޢާންމުކޮށް މުޚާތަބުކުރާ ނަމުން މުޚާތަބު ކުރުމަށެވެ. އައިންތު ފާހަގަކުރި ބައެއް މީހުންގެ ތެރޭގައި ޝީރީން ހިމެނެއެވެ. ޝީރީންއަކީ ކަސްރަތުން ވަރަށްބޮޑަށް ލުއިލިބުނު މީހެކެވެ.
" މީގެ 12 އަހަރުކުރިން ވީ އެކްސިޑެންޓެއްގައި ފަޔަށް ލިބުނު އަނިޔާ ރަނގަޅުކުރުމަށް މޫދަށް އެރި ކޯޗެއްގެ އެހީތެރިކަމާއިއެކު ފަތަން ދަސްކުރަން އުޅުނިން. އެކަންމެދުކެނޑި އަހަރުތަކެއްވި. ކަސްރަތަށް ވަރަށްބޮޑަށް ބޭނުންވުމުން އެނބުރި މޫދު ކަސްރަތު ކުލާހަށް އަންނަން ފެށީ. ﷲގެ ރަހުމަތްފުޅުން އޭގެފަހުން ފާހަގަކުރެވޭ ކުރިއެރުންތައް ލިބުނު " ޝީރީން ބުންޏެވެ.
ގުރާފެހި ކަނބަލުން ޓީމާއި ގުޅުނު އެންމެ ހަގު ކުއްޖަކީ 10 އަހަރުގެ ކުއްޖެކެވެ. ތައިރޮއިޑް މައްސަލައެއް ހުރުމުގެ ސަބަބުން ބަރުދަން އިތުރުވަމުންދާތީ ޖިމް އަކަށް އަދި ޔޯގާއަށް ގެންގޮސްގެންވެސް ރަނގަޅު ނުވެގެން އެކުއްޖާގެ މަންމަ އައިންތުގެ ކުލާހަށް ގެނައި ކަމަށް އައިންތު ކިޔައިދިނެވެ. އެކުއްޖާލައްވާ މޫދުކަސްރަތު ކުރުވައިގެންނާއި ކެއުމަށް ބަދަލު ގެނެސްގެން އެއްމަސްދުވަސް ތެރޭގައި 3 ކިލޯ ލުއިކޮށްދިނެވެ. ދެން އެންމެ ހަގު ކުއްޖަކަށް އެ ކުލާހަށް ދިޔައީ 11 އަހަރުގެ ކުއްޖެކެވެ. އާންމު ގޮތެއްގައި އުޅެނީ 30 އަހަރުން މަތީގެ މީހުންނެވެ. 50 އާއި 60 ދެމެދުގެ އުމުރުފުރައިގެ މީހުންވެސް މިކުލާހުގައި އެބަތިއްބެވެ.
"ވަރަށް އަވަސް ނަތީޖާ، 50 އަހަރުގެ މީހެއްވެސް އަންނާނެ އެތައްއަހަރެއް ވެއްޖެއޭ ބުނި އާތްރައިޓިސް އަށް ބޭސްކުރާތާ. އޭނާވެސް ގުުރާފެހި ކަނބަލުންނާ ގުޅިގެން ވަރަށް ބޮޑުތަން ލުއިވެއްޖެއޭ ބުނި. އެއްވެސްފީއެއް ނުނަގާ މިކަންކުރަނީ އަޅުގަނޑު އަމިއްލައަށް މިކަސްރަތުތަކުން ފައިދާ ލިބުނީމަ ބޭނުންވީ އެހެންމީހުންނަށްވެސް ފައިދާއެއް ކުރާނެހެން މިކަން ކޮށްދޭން. އެހެން ކުރީމަ މިކަމުގެ ޖޯޝުވެސް އަންނަނީ އަޅުގަނޑަށް." އައިންތު ބުންޏެވެ.
ގުރާފެހި ކަނބަލުން ޓީމާއި ގުޅުނު މަރީ ބުނީ އޭނާ އަކީ ވަރަށް ގިނަ ބަލިތައްހުރި އަދި ފިޓްޖެހޭ މީހެއް ކަމަށެވެ. ޑިޕްރެޝަނަށް ބޭސް ކުރަމުންދާ މަރީއަކީ މޫދު ކަސްރަތުން ވަރަށް ބޮޑުތައް ފަސޭހަވި ފަރާތެކެވެ. އުފާވެރި މާޙައުލެއްގައި އެއްއުމުރެއްގެ މީހުންނާއިއެކު މަޖާ ކޮށްލުމުން މިޒާޖު ރަނގަޅުކޮށްދެއެވެ. ޑިޕްރެޝަނާއި ދުރުކޮށްދިނުމުގެ އިތުރުން ފިޓްޖެހިގެން ދިމާވި ސިއްޙީ މައްސަލަތަކަށް ބޮޑު ލުޔެއް ލިބިއްޖެ ކަމަށް މަރީ ބުންޏެވެ. މަރީ މިކުލާހަށް އަންނަން ފެށިއިރު 73 ކިލޯ ބަރުދަނުގައި ހުއްޓެވެ. މިއަދު ބަރުދަން އަހާލުމުން ބުނީ 65 ކިލޯ އަށް ބަރުދަން ލުއިވެއްޖެ ކަމަށެވެ.
ދެކަކުލުގެ އޮޕަރޭޝަނަކަށްފަހު މޫދު ކަސްރަތާ ގުޅުނު މީހަކާ މިގުރޫޕުން ދިމާވިއެވެ. އެދައްތައަށް މިހާރު ހެލިފެލިވެ އުޅުމަށާއި ތަދުތަކަށް ވަރަށް ބޮޑު ލުއިކަމެއް ލިބިއްޖެއެވެ.
މީގެ ދޮޅުއަހަރު ކުރިން މިގުރޫޕާއި ގުޅުނު ޝިޔާ ބުނީ ގުރާފެހި ގުރޫޕާއެކު މޫދު ކަސްރަތު ކުލާހަށް އޭނާ އަންނަން ފެށީ ގައިގައި ރިއްސާތީ އެކަން ލުއިވޭތޯ ބެލުމަށެވެ. "އަޅުގަނޑު މޫދަށް އަންނަން ފެށިއިރު ބަރުދަނުގައި ހުރި 92 ކިލޯ. ވަރަށް ދެރަވި އެދުވަހު. ހިތަށްއެރި މަސައްކަތް ކޮށްލަން ވެއްޖެއޭ އެގުރޫޕާއިއެކު އައިންތުގެ ލަފާގެމަތިން ހިތްވަރާއެކު ކަސްރަތުކޮށް ކެއުމަށް ބަދަލު ގެނެސްގެން މިހާރު 73 ކިލޯ އަށް ބަރުދަން ތިރިކުރެވިއްޖެ."
"ވަން ޓޫ ތްރީ ކިޔާފައި މިގޮވަނީ އައިންތުއާއި އެކު ކްލާސް ނަގައިދޭ ޒުހުރާ (ކޮކީ)އެވެ. ޒުހުރާ އާއި އެކު އައިންތު(އެމްޑީ) ވެސް ނަމްބަރުތައް ގުނާނެއެވެ. އަދި ނުބައިކޮށް ކަސްކަތު ކުރާމީހެއް ހުރިނަމަ އެކަން ރަނގަޅު ކުރުވައެވެ. މި ދެމީހުންނަކީ އައިންތު އެކޭ އެއްގޮަތަށް މިކުލާހުގައި ބައިވެރިވާ އެހެންމީހުންނަށް ވަރަށްބޮޑު ހިިތްވަރަކަށް ވެއެވެ.