ކޮވިޑް-19 ނުރައްކާ ރާއްޖެއާއި ހަމައަށް ފޯރިތާ އަހަރެއްހާ ދުވަސްވާން ކައިރިވެފައިވާއިރު، ކޮވިޑްގެ ސަބަބުން ދިވެހިންގެ ދިރިއުޅުމާއި އާމްދަނީ އާއި ދަރިންގެ ތަޢުލީމަށް ލިބުނު ގެއްލުންތައް ހަނދާން އެބަހުރިހެއްޔެވެ؟ އެކި ގޮތްގޮތުން ދިރިއުޅުން ހުއްޓި ވަޒީފާތައް ގެއްލި ދަރިންގެ ތަޢުލީމީ ހަޔާތުގެ މުހިންމު މަރުހަލާތަކަށް ލަސްކަމެއް އައިސް ގޭގައި ބަންދުވެގެން ތިބެން ޖެހުމުން ބައެއް ކުދިން ކިޔެވުމާ ދުރުވިއެވެ.
ބައެއް ބެލެނިވެރިން ފާހަގަކުރާ ގޮތުގައި ތުއްތުކުދިން ގެއިން ބޭރަށް ނުނެރެ ގިނަ ދުވަހު ގޭތެރޭގެ ތޮއްޖެހުން ބޮޑު މާހައުލެއްގައި ގެންގުޅެންޖެހުމުން އެކުދިންގެ މިޒާޖަށް ވަނީ ބަދަލުއައިސްފައެވެ. އަދި ކުދިންނާއި ބޮޑެތި މީހުންނަށްވެސް ނަފްސާނީ މައްސަލަތާއި ކުރިމަތިލާން ޖެހުނެވެ.
މިކަންކަމުން އަރައިގަނެ އާ އާންމު ހާލަތަކަށް އައުމަށް ކުރާ މަސައްކަތުގައި އެންމެ މުހިންމު ރޯލެއް އަދާކުރެވެން އޮތީ ވަކި ވަކި ފަރުދުންނަށެވެ. ފަރުދީ ޒިންމާ އަދާކޮށްގެންނެވެ. ސިއްޙީ އިދާރާތަކުން އަންގާ އާންމު އިރުޝާދުތަކާއި އެއްގޮތަށް އަމަލުކޮށްގެންނެވެ.
ސްކޫލުތައް ކައިރީގައި ކިއުހަދައިގެން ތިބޭއިރު މާލޭގެ މަގުތަކަކީ ޖާގަދަތި ޕޭމަންޓުތައް ހަނިތަންތަން ކަމުގައިވިޔަސް އަމިއްލައަށް ފަރުވާތެރިވާށެވެ. ތިން ފޫޓު ދުރުމިނުގައި ކިއުހެދުމުގައި ފަރުވާތެރިވާށެވެ. މާސްކު ދަތްދޮޅީގައި އަޅައިގެން ވާހަކަ ދައްކަން ނުތިބޭށެވެ. ވީހާވެސް ބޮޑަކަށް ގައިދުރުކަން ހިޔާރުކޮށް އެކަކު އަނެކަކަށް މުޢާމާލާތުކުރަން ތިބޭއިރުވެސް ރަނގަޅަށް މާސްކު އެޅުމަކީ ބަލިން ރައްކާތެރިވުމަށް އަމިއްލައަށް ކުރެވިދާނެ މުހިންމު ކަމެކެވެ.
ސިއްޙީ މާހިރުންގެ އިރުޝާދަކީ ކޮންމެހެން ދާންޖެހިގެން މެނުވީ ހޮސްޕިޓަލުތަކަށް ޒިޔާރަތް ނުކުރުމެވެ. ވަކިން ހާއްސަކޮށް ރޯގާގެ އެއްވެސް އަލާމާތެއް ހުރި ބަލިމީހެއްނަމަ އެފަދަ މީހަކަށް ގޮވާލަން ހޮސްޕިޓަލަކަށް ނުވަތަ ގެއަކަށް ޒިޔާރަތް ކުރުމުގެ ކުރިން ފޯނުން ހާލު ބަލާލެވިދާނެއެވެ.
ގެއަށް ގެންނަ ސާމާނު ރަނގަޅަށް ޑިސްއިންފެކްޓު ކުރުމަކީވެސް މުހިންމު ކަމެކެވެ. އަމިއްލައަށް ކުރެވިދާނެ މިފަދަ މުހިންމު ކަންކަމުގެ ސަބަބުން ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ފަރުދީގޮތުން ތިޔަ އަދާކުރެވެނީ ވަރަށް މުހިންމު ރޯލެކެވެ. މިކަންކަމަކީ ސަރުކާރަކަށް ހުއްޓުވޭނެ ކަމެއްނޫނެވެ. ނުވަތަ ސިއްޙީ މާހިރުންނަށް ކޮންޓުރޯލު ކުރެވޭނެކަމެއް ނޫނެވެ. ބޭނުންވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ސިއްޙީ މާހިރުންނާއި ކަމާގުޅޭ އިދާރާތަކުން ދެއްވާ އިރުޝާދުތަކަށް ފަރުވާ ކުޑަކޮށްނުލާ އަމަލުކުރުމެވެ.
ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުމާއި ނޭފަތާއި އަނގަޔާއި ދަތްދޮޅި ނިވާވާވަރަށް ރަނގަޅަށް މާސްކު އެޅުމާއި މަގުމައްޗަށް ކުޅު ނުޖެހުމާއި ކެއްސާ ކިނބިހިއަޅާއިރު ނޭފަތާއި އަނގަމަތި ނިވާކުރުމުގައި ސިއްޙީ އިދާރާތަކުން ދޭ އިރުޝާދުތަކަށް ރަނގަޅަށް އަމަލު ކުރުން މުހިއްމެވެ.
އިތުރު ފުރަބަންދަކަށް ގޮސްފިނަމަ ކުރިއެކޭ އެއްގޮތަށް ގިނަބައެއްގެ ދިރިއުޅުންހުއްޓި ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް އުނދަގޫތަކާއި ކުރިމަތިވެދާނެއެވެ. ވަޒީފާތައްގެއްލި އާމްދަަނީއަށް ނޭދެވޭއަސަރު ކޮށްފާނެއެވެ.
މިއީ ސިއްޙީ އިދާރާތަކުންނާއި އެޗްޕީއޭއިން ހުރިހާ ރައްޔިތުންނަށް އަންގާ އެންގުންތަކަށް ފުރިހަމައަށް އަމަލުކުރަންވީ ވަގުތެވެ. ގައިދުރުކަން އިސްކުރުމާއިއެކު ނިއު ނޯމަލްގައި އުޅޭއިރު ކުރީގެ އާދަތަކަށް އެނބުރި ނުދާންވީއެވެ. އެއްވުންތަކާއި ޕާޓީތައް ބާއްވާއިރުވެސް ދުރުދުރުގައި ތިބުމަށް އިސްކަންދީ، ބަލިން ރައްކާތެރިވުމަށް ފަރުދީ ޒިންމާ އަދާކުރާށެވެ.
'ރައްކާވެ ތިބިއްޔާ ދަތުރޭ' ބުނާ ފަދައިން ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވަމާތޯއެވެ.