ވަޒީފާ އާއި މަސައްކަތުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގައި ދިވެހި ހުރިހާ ރައްޔިތުން އެއްބާރުލުން ދެއްވައި، މަސައްކަތެއް ކުރެވޭނެ ކެރިކުޅަދާނަކަންހުރި ކޮންމެ ދިވެހި ރައްޔިތަކު ޢަމަލީ މައިދާނަށް ނިކުތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ. ރައީސް މިގޮތަށް އިލްތިމާސް ކުރެއްވީ ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
ދިވެހިރާއްޖޭގައި އެކި ދާއިރާތަކުގައި ޚިދުމަތްކުރާ ދޭސީ އަދި ބިދޭސީ މަސައްކަތްތެރީންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާއެކު، މަސައްކަތްތެރިކަން ކުރިއެރުވުމުގައި ސަރުކާރުން ގެންގުޅެނީ ވަށައިޖެހޭ، ޢަދުލުވެރި ސިޔާސަތެއްކަމުގައި ރައީސް ވިދާޅުވިއެވެ.
ސްކޫލް ދަރިވަރުންނަށް މަސައްކަތް ދަސްކޮށްދިނުމަށް ޚާއްޞަ ސަމާލުކަމެއްދީ، ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައިސްކޫލް ޤާއިމުކޮށް، ޤައުމަށް މުހިންމު އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ފައްޓަވައި، އެކި ބާވަތުގެ ފަންނާއި ހުނަރު ކުރިއެރުވުމަށް ސަރުކާރުން ހިލޭ އެހީ އާއި ލުއިލޯނު ދިނުން އިތުރުކުރެވިފައިވާކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ދިވެހި އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުން ޖާގަ ހޯދައިދިނުމަށް، ސަރުކާރުން އިސްނަންގަވައިގެން ބޮޑެތި އީ-ކޮމަރސް މަންސަތަކާއެކު ފެއްޓެވި މަސައްކަތުގެ މޭވާ ލިބެންފަށާފައިވާކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ޤާނޫނަށް ފައްތައި ބެލެހެއްޓުމުގައި މިދިޔަ އެއްވެސް ސަރުކާރަކުން ނާޅާ ފަދަ ހަރުދަނާ ފިޔަވަޅުތައް މި ސަރުކާރުން އަޅާފައިވާކަމަށް ވިދާޅުވިއެވެ. އަދި ދިވެހީންނަށް ނޫނީ ރާއްޖޭގައި ނުކުރެވޭނެ މަސައްކަތްތަކާއި އަދާ ނުކުރެވޭނެ ވަޒީފާތައް ކަނޑައަޅައި، އެކަން ތަންފީޒުކުރަމުންދާކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ޚާއްޞަ މަސައްކަތްތައް ކުރައްވަމުންގެންދަވާކަން ފާހަގަކުރެއްވިއެވެ. އަދި ޢުމުރުން 65 އަހަރުވުމަށް ފަހުވެސް ވަޒީފާއަދާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށް ވިދާޅުވިއެވެ. އަދި މި ސަރުކާރަކީ، އެންމެ ގިނަ މަސައްކަތްތެރީންނާ ސީދާ ބައްދަލުކޮށް، އެފަރާތްތަކުގެ ކަންބޮޑުވުން އެންމެ ގިނައިން އަޑުއެހި ސަރުކާރަށް ވާނޭކަންވެސް، ފާހަގަކުރެއްވިއެވެ. އަދި އެކި ފަންތީގެ މަސައްކަތްތެރީންނަށް، އެތައް އަހަރެއް ވަންދެން ޙައްލު ނުލިބިފައި ހުރި މައްސަލަތަކަށް ޙައްލު ހޯއްދަވައިދެވިފައިވާކަންވެސް ފާހަގަކުރެއްވިއެވެ.
ކާބަފައިން ބިނާކުރި ދިވެހިވަންތަ ޙަޟާރަތުގައި، މަސައްކަތްތެރިކަމާއި ހުނަރުވެރިކަމާއި މުރާލިކަމުގެ އެތައް ހާސް ނަމޫނާއެއް ފެންނާން އެބަހުރިކަމަށާއި ޒަމާނާ އެކު ބަދަލުވެ، ބަވަނަވަމުންދާ ދުނިޔޭގައި، އުފެއްދުންތެރި، މަސައްކަތްތެރި، ވަރުގަދަ އިޤްތިޞާދެއްގެވެރި ބައެއްގެ ގޮތުގައި ދިވެހީން ދެމިތިބުމަކީ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކޮށް ދެމެހެއްޓުމަށް މުހިންމު ރުކުނެއް ކަމުގައި ރައީސް ވިދާޅުވިއެވެ.













