May 2, 2026 18:34
Advertisement

-Advertisement-

އަރާކުރި ސީރީސްގެ 'އިންޑިޔާ ދަތުރު' (އެއްވަނަބައި)

މިފަހަރު މި ގެނެސްދެނީ އަރާކުރި ސީރީސްގެ 12 ވަނަ އަދަދެވެ. ނަމަކީ "އިންޑިޔާ ދަތުރު" އެވެ. މި ފޮތް މިގެނެސްދެނީ އެކި ދުވަސްތަކަށް ބަހައިލައިގެންނެވެ. މި ފޮތުގައި އަޖްނާގެ އާއިލާ އިންޑިޔާގެ ކަންކޮޅުތަކަށް ކުރި ދަތުރާ ބެހޭ މަޢުލޫމާތާއި ކުރެވުނު ތަޖުރިބާތައް ހިއްސާކޮށްފައިވާނެއެވެ.

ކޮންމެ އަހަރަކު ވެސް ސްކޫލުގެ ކިޔެވުން ބަންދުވުމުން ބޮޑު ޗުއްޓީގައި، އަޖްނާގެ އާއިލާ ރާއްޖޭގެ ކޮންމެ ވެސް ރަށަކަން ނުވަތަ ރާއްޖޭން ބޭރު ކޮންމެވެސް ގައުމަކަށް ޒިޔާރަތްކުރެއެވެ. އެ ގޮތުން އަޖްނާމެންގެ އާއިލާ މި ދިޔަ އަހަރު ސްކޫލް ބަންދުވުމުން ދިޔައީ އިންޑިޔާގެ މަޝްހޫރު ބައެއް ތަންތަން ބަލައިލުމަށް ޓަކައި އެ ގައުމަށެވެ. އެންމެ ފުރަތަމަ އެ މީހުން ދިޔަ ރަށަކީ އިންޑިޔާގެ ވެރިކަން ކުރާ ރަށް ކަމަށްވާ ނިއު ދިއްލީއަށެވެ.

އެ އާއިލާ ދިއްލީއަށް ދިޔައީ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. އެ ދުވަސްވަރަކީ ދިއްލީގެ ފިނި މޫސުމަށް ވުމާއެކު، އެރޭ ވެސް ވަރަށް ފިންޏެވެ. ދިއްލީގެ އިންދިރާ ގާނދީ އިންޓަރނޭޝަނަލް އެއަރޕޯޓުން ދެން ދިޔައީ ސީދާ އެ މީހުން ތިބެން ހަމަޖެހިފައިވާ ހޮޓަލަށެވެ. އެއީ ވަރަށް ރީތި ބޮޑު ހޮޓަލެކެވެ.  އެރޭ އެ އާއިލާ ނިދީ ޖެހިގެން އަންނަ ދުވަހު ދިއްލީގެ އާސާރީ ތަންތަން ބަލައިލަން ދެވޭނެކަމުގެ އުފަލުގައި ތިބެއެވެ.

Advertisement

ޑިސެންބަރު މަހުގެ 2 ވަނަ ދުވަހު އަޖްނާގެ އާއިލާ ދިޔައީ "އިންޑިޔާ ގޭޓް" ކިޔާ ދިއްލީގައި ހުންނަ ވަރަށް މަޝްހޫރު އާސާރީ ބިނާއެއް ބަލާށެވެ. އެއީ އިންޑިޔާގެ އެންމެން ވެސް އެ ބިނާއަކާ މެދު ފަޚުރުވެރިވާ އެއް ބިނާއެވެ. އެ ތަނަކީ ކޮންމެ ދުވަހަކު ވެސް އެތައް ހާސް ފަތުރުވެރިންނެއް ޒިޔާރަތް ކުރާ ތަނެކެވެ. އެއީ ބޮޑު ދޮރެއްހެން ހަދައިފައިވާ ބިނާއެކެވެ. އިންޑިއާ ގޭޓަކީ ދިއްލީއަށް ޒިޔާރަތްކުރާ ފަތުރުވެރިން ބަލައިލަން ވަރަށް މުހިންމު ތަނެކެވެ. އިންޑިޔާ ގޭޓު ބަލަން އަޖްނާމެން ދިޔައިރު ވަރަށް ގިނަ އަދަދެއްގެ މީހުން އެ ދުވަހު ވެސް އެތަނަށް ގޮސް އުޅުނެވެ.

އިންޑިޔާ ގޭޓުކައިރިއަށް ގޮސް އުޅުނު އެންމެން ވެސް އުޅުނީ ވަރަށް އަވަދިނެތިއެވެ. އެއީ އެތަނުގައި ތިބެގެން އެކިއެކި ވައްތަރުގެ ވީހާ ވެސް ގިނަ ފޮޓޯތައް ނެގުމަށްޓަކައެވެ.

އަޖްނާމެން ވެސް އިންޑިޔާ ގޭޓު ކައިރީގައި ވަރަށް ގިނަ ފޮޓޯތައް އެ ދުވަހު ނެގިއެވެ. އަދި މަޖާކޮށް ހެދިއެވެ. އަދި އެ ތަނަށް އެ ދުވަހު ޒިޔާރަތް ކުރި އެހެން މީހުން ވެސް އެތާ ކައިރީގައި އެކި ގޮތް ގޮތަށް ތިބެ ފޮޓޯތައް ނަގަމުންދާތީ ފެނުނެވެ. އެ ދުވަހު އިރު އޮއްސެންދެން އަޖްނާމެން އުޅުނީ އިންޑިޔާ ގޭޓް ހުންނަ ސަރަޙައްދުގައެވެ. އިރު އޮއްސި އަނދިރިވަމުން ދިޔަ ވަރަކަށް އެ ބިނާގެ ރީތިކަން އިތުރުވަމުން ދިޔައެވެ.

ނޯޓް: ޙުސްނާ ފަހްމީ (ހުސްނާ މިސް) އަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 42 އަހަރަށް ވުރެ ގިނަ ދުވަހު އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ކަނބަލެކެވެ. އަދި މެދުނުކެނޑި 37 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތައް ޚިދުމަތްކުރައްވާފައި ވާތީ، ރައިސުލްޖުމްހޫރިއްޔާ ދެއްވާ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު 2021 ވަނަ ލިބިވަޑައިގަތުމާއެކު 2023 ވަނަ އަހަރު ރެހެންދި އެވޯޑް ލިބިވަޑައިގެންފައިވެއެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހުސްނާއަށް ލިބިވަޑައިގެންނެވީ 2025 ވަނަ އަހަރު އެވެ. ޙުސްނާ ފަހްމީ "އަރާކުރި" ސީރީސް ގެ ނަމުގައި ދިވެހިބަހުގެ ހަތަރު ހުނަރަށް އަމާޒުކުރައްވައިގެން ނާސަރީ ކުދިންނަށް ޚާއްޞަ ދިވެހިބަހުގެ އަކުރުތަކާއި ފިލިތަކާއި ސުކުންތައް ދަސްކޮށްދޭ ފޮތްތަކުން ފެށިގެން ޕްރައިމަރީ އަދި މެދުމަދަރުސީ ގްރޭޑްތަކުގެ ކުދިންނަށް ޚާއްޞަކޮށްގެން ޢިބްރަތްތެރި އަދި މަޖާ ކުރު ވާހަކަތަކާއި، މަސައްކަތު ފޮތްތަކާއި، ވާހަކަ ދޭހައާއި ކިޔުމުގެ ދޭހައިގެ ފޮތްތަކުގެ އިތުރުން އުފެއްދުންތެރި ލިޔުމުގެ ފޮތްތައް ހިމެނޭނޭހެން 47 ފޮތެއް މިހާތަނަށް ނެރެ އާންމުކުރައްވާފައިވެއެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް