ބަރުދަން ލުއިކުރުމަށްޓަކައި މިހާރުގެ ދުނިޔޭގައި ތަފާތު ނަންނަމުގައި ޑައިޓްތައް މަޝްހޫރުވެފައިވެއެވެ. އޭގެ ތެރޭގައި ކީޓޯ، އިންޓަމިޓަންޓް ފާސްޓިންގ، ޕެލިއޯ އަދި މެޑިޓަރޭނިއަން ޑައިޓް ހިމެނެއެވެ. މި ހުރިހާ ޑައިޓްތަކެއްގެ ނަން ތަފާތުވި ނަމަވެސް، މި ހުރިހާ ޑައިޓެއްގެ އަސާސަކީ އަދި ބަރުދަން ލުއިކޮށްދޭ ސީދާ ސަބަބަކީ އެއް ކަމެކެވެ. އެއީ "ކެލޮރީ ޑެފިސިޓް" އެވެ. މާނައަކީ ހަށިގަނޑަށް ބޭނުންވާ މިންވަރަށްވުރެ މަދުން ކެލޮރީ ހަށިގަނޑަށް އެތެރެކުރުމެވެ.

ކެލޮރީ ޑެފިސިޓް މަސައްކަތްކުރާ ގޮތާއި އޭގެ ބޭނުން
ކަލޮރީ ޑެފިސިޓަކީ ސައިންޓިފިކް ގޮތުން ސާބިތުވެފައިވާ، ސަރުބީ ވިރުވައިލުމަށް އޮތް ހަމައެކަނި މަގެވެ. އަޅުގަނޑުމެން ކާ ކޮންމެ އެއްޗަކުން ހަށިގަނޑަށް ހަކަތަ ނުވަތަ ކެލޮރީ ލިބެއެވެ. ހަށިގަނޑުގެ ދިރުންތަކާއި، ދުވަހުން ދުވަހަށް ކުރާ ހަރަކާތްތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ކެލޮރީ އެތެރެކުރެވޭނަމަ، އެ އިތުރުވާ ބައި ހަށިގަނޑުގައި ސަރުބީގެ ގޮތުގައި ރައްކާކުރެވެއެވެ. ބައެއް މީހުންނަށް ހީވާގޮތުގައި ހަމައެކަނި ސިއްހީ ގޮތުން ފައިދާހުރި ކާނާ ކެއުމުން ބަރުދަން ލުއިވާނެއެވެ. ނަމަވެސް، ކިތަންމެ ފައިދާހުރި ކާނާއެއް ކެޔަސް، ހަށިގަނޑަށް ބޭނުންވާ މިންވަރަށްވުރެ ގިނައިން ކާނަމަ ބަރުދަން ލުއިވުމަށްވުރެ ލުއިނުވުން ގާތެވެ.
ނަމަވެސް، ކެލޮރީ ޑެފިސިޓްގައި ހުންނަ ނަމަ، ހަށިގަނޑަށް ބޭނުންވާ ހަކަތަ ހޯދުމަށްޓަކައި ކުރިން ރައްކާކޮށްފައި ހުރި ސަރުބީ އަންދަން ފަށައެވެ. މީގެ ނަތީޖާއެއްގެ ގޮތުން މަޑުމަޑުން ބަރުދަން ލުއިވެގެން ދެއެވެ.
ކެލޮރީ ޑެފިސިޓް ކުރިއަށް ގެންދާނެ ގޮތް
އެންމެ ފުރަތަމަ އަމިއްލަ ހަށިގަނޑަށް ދުވާލަކު ބޭނުންވަނީ ކިހާ ކެލޮރީއެއްތޯ ބަލަންޖެހެއެވެ. ބަރުދަން ލުއިކުރުމަށްޓަކައި މި މިންވަރުން 300 އާއި 500 އާ ދެމެދުގެ ކެލޮރީއެއް މަދުކުރުން ބުއްދިވެރިއެވެ. މިސާލަކަށް ދުވާލަކު 2000 ކެލޮރީ ބޭނުންވާ މީހަކު 1500 ކެލޮރީ ކާނަމަ އެހުރީ ކެލޮރީ ޑެފިސިޓެއްގައެވެ. ކެއުމުގެ އިތުރުން ކަސްރަތު ކުރުމަކީވެސް އިތުރަށް ކެލޮރީ އަންދާލުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ސިއްހަތަށް ރަނގަޅު ގޮތުގައި ކެލޮރީ ޑެފިސިޓް ހިފެހެއްޓުމަށް ބައެއް އިރުޝާދު
ކެލޮރީ މަދުކުރި ނަމަވެސް ބަނޑުހައިވުން ކުޑަކުރުމަށާއި ދުޅަހެޔޮކަންމަތީ ހުރުމަށް ތިރީގައިވާ ކަންކަމަށް ސަމާލުކަން ދެވިދާނެއެވެ.
ގިނައިން ފެން ބުއިން: ހަށިގަނޑު ހައިޑްރޭޓްކޮށް ބެހެއްޓުމަކީ ބަނޑުހައިވުން ކުޑަކޮށްދޭ ކަމެކެވެ.
ޕްރޮޓީން ގިނަކުރުން: ކުކުޅުމަސް، މަސް އަދި ބިސް ފަދަ ޕްރޮޓީން ގިނަ ބާވަތްތައް ކެއުމުން ގިނަ އިރު ބަނޑުފުރިފައި ހުންނަ ކަމުގެ އިހުސާސް ކުރެވޭނެއެވެ.
0 ކެލޮރީ ބުއިންތައް ބޭނުންކުރުން: ހަކުރު ނާޅާ ގްރީން ޓީ ނުވަތަ އޮޅުއަލަ ފެން (Fenugreek tea) ފަދަ ބުއިންތަކަކީ ހަށިގަނޑުގެ ހައިވުމުގެ ހޯރމޯންތައް ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ އެއްޗިއްސެވެ.
ހިސާބު ބެލުން: ކާ ތަކެތީގެ މިންވަރު އަންދާޒާކުރަން އެނގެންދެން، ކާ ތަކެތީގެ ކެލޮރީއަށް ސަމާލުކަން ދޭންވާނެއެވެ. މިކަން ކުރަން ޚާއްސަ އެޕްތައްވެސް ހުރެއެވެ. ނުވަތަ ޗެޓްޖީޕީޓީ އާއި ޖެމިނައިގެ އެހީވެސް ހޯދިދާނެއެވެ.

ކެއުމުގައި ހިމަނަންޖެހޭ މުހިންމު ބާވަތްތައް
މައިގަނޑު ކެއުމުގައި "ހެލްތީ ޕްލޭޓް ރޫލް" ބޭނުންކުރުމުން ކެލޮރީ ޑެފިސިޓްކޮށް ކާން ފަސޭހަވެގެންދާނެއެވެ. މީގެ މާނައަކީ ކާތަށީގެ ½ ގައި ފެހިކަން ގަދަ ފަތާއި ތަފާތު ތަރުކާރީގެ ބާވަތްތަށް ހިމަނައި، ތަށީގެ ¼ ގައި ޕްރޮޓީންގެ ބާވަތެއް (މަސް އަދި ކުކުޅު) ފަދަތަކެތި ހިމަނައި، ބާކީބައިގައި ކާބޯހައިޑްރޭޓް (ބަތް، ރޮށި) ފަދަ ބާވަތްތަށް ހިމެނުމެވެ. ތަރުކާރީގެ ބާވަތްތަކާއި ފަތްޕިލާވެލި ގިނަކުރުން މުހިންމެވެ. މީގެ ސަބަބުން ކެލޮރީ މަދުވި ނަމަވެސް ހަށިގަނޑަށް ބޭނުންވާ ފައިބަރާއި ވިޓަމިންސް ލިބިގެންދާނެއެވެ.
ނިންމާލަމުން ދަންނަވާނީ، ބަރުދަން ލުއިކުރުމަކީ ހަމައެކަނި ރީތިވުމަށް ކުރާ ކަމެއް ނޫނެވެ. އެއީ ދުޅަހެޔޮ، އުފާވެރި ދިރިއުޅުމަކަށްޓަކައި ކުރެވޭ އިންވެސްޓްމެންޓެކެވެ. ކެތްތެރިކަމާއެކު މި ދަތުރު ކުރިއަށް ގެންދާށެވެ. ކޮންމެ ކުޑަ ބަދަލަކީވެސް މާދަމާގެ ބޮޑު ކާމިޔާބީގެ ފެށުމެވެ. ތިމާގެ ހަށިގަނޑަށް ދޭ ސަމާލުކަމަކީ އަމިއްލަ ނަފްސަށް ދެވޭ އެންމެ ބޮޑު ލޯތްބެވެ.
މައުލޫމާތު: ޕަބްމެޑް، ޖަރނަލް އޮފް އޮބެސިޓީ އެންޑް މެޓަބޮލިކް ސިންޑްރޮމް، އެމްޑީޕީއައި













