ޑައިވިންއަށް ގޮސްގެން އުޅެނިކޮށް ގެއްލުނު 4 މީހުން ވީކަމަށް ލަފާކުރެވެނީ ދިގުމިނުގައި 200 ވަރަކަށް ފޫޓު ހުންނަ ހޮހަޅައެއްގެ ތެރޭގައި ކަމަށް އެމްއެންޑީއެފްއިން ހާމަކޮށްފިއެވެ.
ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ 5 މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ.
" އެކެއްގެ ހަށިގަނޑު ފެނިފައިވަނީ، އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށް މިއަދުގެ 18:13 ހާއިރު މޫދު އަޑިން. އެމީހާގެ ހަށިގަނޑު ވަނީ ވ.ފުލިދޫ ހެލްތު ސެންޓަރަށް ގެންގޮސްފައި. މި ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ހޮހަޅައެއްގެ ތެރެއިން. ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ހޮހަޅައިގެތެރޭގައި. މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކަށް ވާތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ޚާއްސަ ސާމާނު ވަނީ އެ ސަރަހައްދަށް ފޮނުވާފައި". އެމްއެންޑީއެފް
ޑައިވަރުން ގެއްލިގެން އުޅޭކަމުގެ ރިޕޯޓް، އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް މިއަދު 13:45 ހާއިރު ލިބުމާއެކު، މި މީހުން ހޯދުމުގެ މަސައްކަތް، ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފުން ދިޔައީ ކުރަމުންނެވެ. މި މަސައްކަތުގައި ސަފާރީއާއި، ވ.އަތޮޅު ޕޮލިސް ސްޓޭޝަނުގެ އިތުރުން އަލިމަތާ ރިސޯޓުގެ އެހީތެރިކަންދަނީ ލިބެމުން ކަމަށް އެމްއެންޑީއެފްއިން ވަނީ ހާމަކޮށްފައެވެ.
މި އޮޕަރޭޝަން ނިމެންދެން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ އެ ސަރަޙައްދުގައި ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ.













