އެމްއެންޑީއެފުން ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރި، ސިފައިންގެމީހެއްގެ ހާލު ދެރަވެގެން، އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަކަމަށް އެމްއެންޑީއެފްއިން ހާމަކުރީ މިއަދު މެންދުރުފަހުގެ 3 ޖެހިއިރު އެވެ. އޭގެ 43 މިނިޓްފަހުން ވަނީ އެމީހާ ނިޔާވެފައިވާކަމަށް އެމްއެންޑީއެފްއިން ހާމަކޮށްފައެވެ.
ޑައިވިންއަށް ގޮސްގެން އުޅުނު އިޓަލީގެ 5 ޑައިވަރުން ގެއްލުނީ މި މެއިމަހުގެ 14 ވަނަ ދުވަހުގައެވެ. އެތަނުން އެކެއްގެ ހަށިގަނޑު އެދުވަހު ވަނީ 60 މީޓަރުގެ އަޑިން ހޮހަޅައިގެތެރެއިން ފެނިފައެވެ. ގެއްލުނު އަނެއް 4 މީހުން ވީކަމަށް ލަފާކުރެވެނީ ދިގުމިނުގައި 200 ވަރަކަށް ފޫޓު ހުންނަ ހޮހަޅައިގެ ތެރޭގައި ކަމަށް އެމްއެންޑީއެފްއިން އެދުވަހު ވަނީ ހާމަކޮށްފައެވެ.
މިއީ ވަރަށް ނުރައްކާތެރި ހައިރިސްކް އޮޕަރޭޝަނަކަށް ވާތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ޚާއްސަ ސާމާނު ގެންގޮސްގެން އެދުވަހުން ފެށިގެން އެމްއެންޑީއެފްއިން ދިޔައީ ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އަލިމަތާ ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ހިތާމަވެރި ހާދިސާ ހިނގިއިރު ރާއްޖޭގައި ޑައިވް ކުރަން ހުއްދަ އޮންނަ އެންމެ ފުން މިނަކީ 30 މީޓަރެވެ. ގެއްލުނު މީހުން އެހާ ފުނަށް ފީނި ސަބަބު ހޯދުމަށް މިމައްސަލަ ދަނީ ބަލަމުންނެވެ.
ޑައިވަރުން ގެއްލުނު ހާދިސާއާއި ގުޅިގެން އެ މީހުން ދަތުރުކުރި ސަފާރީގެ އޮޕަރޭޓިންގ ލައިސަންސް ވަނީ ސަސްޕެންޑްކޮށްފައެވެ. "އެމްވީ ޑޫކް އޮފް ޔޯކް" ގެ ލައިސަންސް ހިފެހެއްޓީ ވަކި މުއްދަތެއް ނެތް ގޮތަށްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.













