June 2, 2026 14:55
Advertisement

-Advertisement-

ފިހާރައިގެ ހަރުތަކުން ނުފެންނަ ދުޅަހެޔޮކަން، ރަށުގެ ގުދުރަތީ ރަހަތަކުން!

އަމިއްލަ ފަސްގަނޑުގައި، ޢާއިލާއާއި ގާތްތިމާގެ މީހުންގެ ކައިރީގައި، ހިތްހަމަޖެހިލައިގެން ދިރިއުޅުމަކީ ކޮންމެ މީހަކުވެސް އެދޭނެ ވަރަށް ބޮޑު ނިޢުމަތެކެވެ. ރަށުގެ ހަލަބޮލިކަމެއް ނެތް އަމާން މާހައުލާއި، ސާފު ވަޔާއި، ޤުދުރަތުން ފުރިގެންވާ ހިތްފަސޭހަ މަންޒަރުތަކަކީ ހިތަށް ފިނިކަންދޭ ކަންކަމެވެ. ނަމަވެސް، މި ރަށްރަށުގައި ތިބެގެން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކުރަންޖެހޭ ތަޖުރިބާ އަކީ މިއަދު ދިވެހި ގިނަ އާއިލާތަކަކުން ނުތަނަވަސް ކަމާއިއެކު ކުރިމަތިލަމުންދާ ހިތްދަތި ހަގީގަތެކެވެ.


މިއަދު ސިއްޙީގޮތުން ގިނަބަޔަކު ހޭލުންތެރިވަމުން ދާއިރު އެކަންކަމާއި މެދު ފިޔަވަޅުތަށް އަޅާ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެންނަކަމީ ވަރަށްވެސް އުފާވެރި މަންޒަރެއްކަން ފާހަގަކޮށްލަމެވެ. ބަރުދަން ލުއިކުރުމާއި ބަލިތަކުން ސަލާމަތްވުމަށް ކުރާ މަސައްކަތުގެ އިތުރުން ފާހަގަ ކޮށްލެވޭ އެއްކަމަކީ ދަރިންނަށްޓަކައި މައިންބަފައިންގެ ހިތްތަކުގައި އޮންނަ އާދޭހެވެ. ޅަދަރިންގެ ސިއްހަތު ސަލާމަތްކުރުމަށްޓަކައި، ކާނާއަށް އާޓިފިޝަލް ހަކުރު އެޅުމުގެ ބަދަލުގައި މާމުޔާއި މޭވާގެ ގުދުރަތީ ފޮނިކަން ދޭން ބޭނުންވާ ކިތަންމެ މައިންބަފައިންނެއް ރަށްރަށުގައި އެބައުޅެއެވެ. ނަމަވެސް، ދިރިއުޅޭ ރަށުގެ ފިހާރައިގެ ހަރުތަކަށް ނަޒަރު ހިންގާލާއިރު ފެންނަން ހުރީ ހުދު ފުށާއި، ފޮނި ކިރާއި، ކުޑަކުދިންނަށް ހާއްސަކޮށްފައި ހުންނަ، ކެމިކަލް ހަކުރުން ފުރިފައިވާ ޖޫސްޕެކެޓްތަކެވެ. ތާޒާ އާފަލެއް ނުވަތަ އޮރެންޖެއް ގަންނަން ލިބެނީ މަދު ފަހަރަކު އެހާމެ ވޮލެޓަށް ބާރުކުރާ ހާލުގައެވެ.

މިއީ ނިޒާމީ ގޮތުން ރަށްރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޮޑު ހުރަހެކެވެ. ރަށުގެ ސާފުވައުޔާއި އަމިއްލަ ގެދޮރު ދޫކޮށް، މާލޭގެ ތޮއްޖެހުމާއި ހާސްކަމުގެ ތެރެއަށް ހިޖުރަކުރަން މިއަދު ގިނަ އާއިލާތަކަކަށް މަޖުބޫރުވާން މިއީ އެއް ސަބަބެވެ. ރަށުގެ ކުޑައިރުގެ މަޖާ ހަނދާންތަކާއި، އަމިއްލަ ގޯތިގެދޮރުގެ ހިޔާވަހިކަން ގުރުބާންކޮށް، މާލޭގެ ކުޑަކުޑަ ގޮޅިއެއްފަދަ ކޮޓަރިތަކަށް ބޮޑު ކުލިދައްކަން ދާން އިޚްތިޔާރު ކުރަނީ އަމިއްލަ ނަފްސުތަކަށާއި ދަރިންގެ ދުޅަހެޔޮ ދިރިއުޅުމެއްގެ އުންމީދުގައެވެ.
 
އެކަމަކު، އުންމީދު ކަނޑާނުލާށެވެ. ހުރިހާ އުމުރެއްގެ މީހުންނަަށްވެސް ހަށިގަނޑަށް ފައިދާހުރި ދިރިއުޅުމެއް ހޯދުމަށްޓަކައި މާލެ ބަދަލުވުމަކީ، އޮތް ހަމައެކަނި ހައްލެއް ނޫނެވެ. ބޭރުން އެތެރެކުރާ އަގުބޮޑު "ހެލްތު ފުޑް" ތަކުގެ މަޅީގައި ނުޖެހި، އަޅުގަނޑުމެންގެ ރަށުން ލިބެން ހުރި ތާޒާ، ދިވެހި ވަސީލަތްތަކުންވެސް ފުރިހަމަ ސިއްހަތެއް ހޯދިދާނެއެވެ. އަޅުގަނޑުމެންގެ ކާފަމެން މާމަމެން ހެޔޮހާލުގައި ދިގު އުމުރެއް ހޭދަކުރި ސިއްރުތައް މިއަދު އަލުން ދިރުވަމާ ހިނގާށެވެ.
 
1. ހަށިގަނޑަށް ގެއްލުންދޭ ކާޑުގެ ބާވަތްތަކުން ދުރުހެލިވުން
 
ދިވެހިންގެ ޒަމާންވީ ކެއުންތައް ބިނާވެފައިވަނީ ހުދު ފުށުގެ ރޮއްޓާއި، ހުދު ހަނޑުލުގެ މައްޗަށްކަން ފާހާގަކޮށްލެވެއެވެ. ނަމަވެސް، މިއަދު ފިހާރައިން ފަސޭހައިން މިލިބޭ ހުދު ފުށާއި، ހުދު ހަނޑުލުގެ ބަސްތާތަކާއި، ހަކުރަކީ ހަށިގަނޑަށް އެއްވެސް ފައިދާއެއް ނެތް، ލޭގެ ހަކުރު މައްޗަށް ޖައްސާލާ އެއްޗެހިކަން ހިތާމައާއެކު ގަބޫލުކުރަން އެބަޖެހެއެވެ.

Advertisement


މިތަކެތީގެ ބަދަލުގައި ފިހާރައިން ހޯލްވީޓް (އާޓާ) ފުށް، ނުވަތަ ރަތް ހަނޑޫ އަދި އޯޓްސް އަދި ބްރައުން ބްރެޑް ލިބެން ހުރިތޯ ބަލާށެވެ. މިތަކެއްޗަކީ އޭގައި ފައިބަރު ގިނަ ހަށިގަނޑަށް ފައިދާހުރި ބާވަތްތަކެވެ. އަދި މިތަކެތި ލިބުން ދަތިނަމަ، ފަސޭހައިން ލިބެންހުންނަ އަލާޔާއި، ކައްޓަލައާއި، ބަރަބޮލާއި ބަނބުކޭލުގެ އިތުރުން މުގުގެ ބޭނުން ހިފާށެވެ. މިއީ ހަށިގަނޑަށް ބޭނުންވާ ފުރިހަމަ ހަކަތަ (complex carbs) އެންމެ ސާފުގޮތުގައި ލިބިގެންދާނެ ތަކެއްޗެވެ.
 
2. ބޭރުގެ "ސުޕަރފުޑް" ތަކުގެ ބަދަލުގައި ރަށުން ލިބެންހުރި ތާޒާ މަސް

ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށާއި ހަކަތަ ހިފެހެއްޓުމަށް އެންމެ މުހިންމީ ބަނޑުހައިވުން ކުޑަކޮށްދޭ، ހަށިގަނޑަށް ބޭނުންވާ ފައިދާހުރި ޕްރޮޓީން ގިނަ ކާނާއެވެ. ބޭރުން ގެންނަ ކުކުޅާއި އަގުބޮޑު ޑައެޓް ކާނާ ހޯދަން އުނދަގޫވިޔަސް، ދުނިޔޭގައި ހުރި އެންމެ ފައިދާހުރި "ޕްރޮޓީން" ލިބެނީ ކޮންމެ ދުވަހަކު އަޅުގަނޑުމެންގެ ކަނޑުތަކުން ބާނާ ތާޒާ ކަޅުބިލަމަހާއި ރާގޮނޑިންނެވެ. މިއީ ރަށުގެ މަސްވެރިންގެ ބުރަ މަސައްކަތުން ހޯދައިދޭ، ރަށުގެ ހަގީގީ ޖަވާހިރެވެ.
 
ކޮންމެ އިރެއްގެ ކެއުމުގައިވެސް މަހުގެ ބައި ގިނަކުރާށެވެ. ބޮޑު ބަތް ތައްޓަކާއި ނުވަތަ ހުދު ފުށުގެ ހަތަރު ފަސް ރޮއްޓާއެކީ ކުޑަ މަސްކޮޅެއް ކެއުމުގެ ބަދަލުގައި، ތަށީގެ ބޮޑުބައި މަހަށް ހާއްސަކުރާށެވެ. މިއީ ލޭގައި ހަކުރު ހުންނަ މިންވަރު ހިފަހައްޓައިދީ، ކުޑަކުދިންނާއި ބޮޑެތިމީހުންގެ ހަށިގަނޑު ވަރުގަދަކޮށްދޭނެ، އަދި ރޭގަނޑުގެ ބަނޑުހައިވުމުން ދުރުކޮށްދޭނެ ފައިދާހުރި ގޮތެކެވެ.


3. ދިވެހި ފަސްގަނޑުގެ ފެހިކަމާއި "ކުލަ" އަލުން ހޯދުން
 
އަޅުގަނޑުމެންގެ ފަސްގަނޑުގައި ބްރޮކޮލީ ނުހެދުނަސް، މި ބިމަކީ ދުނިޔޭގެ އެހެން އެއްވެސް ތަނަކުން ނުލިބޭނެފަދަ ފައިދާހުރި ފަތްޕިލާވެލިން ފުރިގެންވާ ބިމެކެވެ. ގޭގެ ގޯތިތެރޭގަޔާއި ދަނޑުތަކުގައްޔާއި ބަގީޗާގައި ހެދިފައި ހުންނަ ފަތްތަކަކީ ހަށިގަނޑަށް ދެވޭނެ އެންމެ ބޮޑު ސިއްހީ ހަދިޔާއެވެ.
 
ރަށުގެ މައި ކަންމަތީ ފިހާރައިން ލެޓިއުސް އާއި ކަންކުން ފަތާއި ބޯވެލިފަތް ލިބެން ނެތަސް މީގެ ކޮންމެ ބާވަތަކީވެސް ރާއްޖޭގެ ފަސްގަނޑުގައި ހައްދާލެވޭ ގަސްތަކެވެ. މީގެ އިރުރުން ކޮޕީފަތް ނުވަތަ މުރަނގަފަތަކީ ޒަމާނުއްސުރެ ރާއްޖޭ ހުރިހާ ކަންކޮޅުތަކެއްގައި ހެއްދޭ ބާވަތްތަކެވެ. މިބާވަތްތަށް ކެއުމުގައި ހިމަނުން މުހިތްމެވެ. "މުރަނގަ" އަކީ މުޅި ދުނިޔެވެސް ބޯޖަހާ ރާއްޖެއިން ލިބެންހުރި ރަންގަނޑެކެވެ. މިއީ ހަށިގަނޑުގެ ހަކުރު ކޮންޓްރޯލްކޮށް، ބަނޑުގެ ސިއްހަތު ރަނގަޅުކުރުމަށް ބޭނުންވާ ފައިބަރ އެންމެ ފުރިހަމައަށް ފޯރުކޮށްދޭނެ ވަސީލަތްތަކެވެ.

ރާއްޖޭގެ ގިނަ ރަށްރަށުގެ މަގުގައި ވަނީ މިގޮތަށް ފަތް ހައްދާފައި

4. ގުދުރަތީ ފޮނިކަން މޭވާއާއި މާމުއިން

ފިހާރައިން އާފަލާއި އޮރެންޖު ނުލިބުމަކީ ދަރިންނަށް ކެމިކަލް ހަކުރު ގިނަ ޖޫސްޕެކެޓްތައް ދޭންޖެހޭ ސަބަބެއް ނޫނެވެ. އަޅުގަނޑުމެންގެ ރަށްރަށުގައި ތަފާތު ވައްތަރުގެ މޭވާ ދަނީ ހެދެމުންނެވެ. ކުޑަކުދިންގެ ފޮނި ކެއުންތަކަށް ރަށުން ލިބޭ ތާޒާ ފަޅޯ، އަނބު، ދޮންކޭލާއި ޕެޝަން ފްރުޓް ބޭނުންކުރެވިދާނެއެވެ. އަދި މިހާރު ބައެއް ރަށްރަށުގައި ވަރަށް ފާގަތިކޮށް ޑްރެގަން ފްރުޓް، އަލަނާސި ފަދަ ތަފާތު މޭވާތައްވެސް އެބަ ހައްދައެވެ.

ފުވައްމުލަކުގެ ގެއެއްގައި ހައްދާފައިވާ އަލަނާސި

ކުދިންނަށް މިތަކެތީގެ ތާޒާ ޖޫސްތަކާއި އަދި ޕޭންކޭކު ފަދަ ފޮނި ކާތަކެތި ތައްޔާރު ކުރާއިރުވެސް މާމުއިގެ އިތުރުން ދޮންކޭލާއި އަނބު ފަދަ މޭވާގެ ފޮނިކަން ބޭނުންކޮށްލެވޭނެއެވެ. މިއީ ހަށިގަނޑަށް ބޭނުންވާ ވިޓަމިންސް އެންމެ ސާފުގޮތުގައި ފޯރުކޮށްދޭނެ ގޮތެވެ.
 
ނިންމުން

އަމިއްލަ ރަށަކީ ސާފުވަޔާއި، ހަމަހިމޭންކަމާއި، މާލޭގެ ހަލަބޮލިކަމުގެ ތެރެއިން އެއްވެސް އަގަކަށް ގަންނަން ނުލިބޭނެފަދަ ހިތްހަމަޖެހުމެއް ފޯރުކޮށްދޭ ބިމެކެވެ. ފިހާރައިގެ ހަރުތަކުގައި ބޭރުގެ މޭވާއާއި ޑައެޓް ކާނާ ނެތުމަކީ ރަށުގެ އުންމީދުތައް ކަނޑާލާ، ރަށް ދޫކޮށް ދާންޖެހޭ ސަބަބެއް ނޫނެވެ.

ވޭތުވެދިޔަ އަހަރުތަކުގައި އަޅުގަނޑުމެންނަށް ފެނުނު ހަގީގަތްތަކުން މިއަދު ފިލާވަޅެއް ލިބިގަންނަން އެބަޖެހެއެވެ. ރަށުގެ ފިހާރަތަކުގެ ހަރުތަކަށް ފައިދާހުރި ކާނާ އިތުރުކޮށްދޭނެ ވަކި ފަރާތަކަށް އިންތިޒާރުކުރުމާއި، ރަށްރަށަށް ބޭރުގެ މޭވާއާއި ތަރުކާރީތަކުން ބަރުކޮށްގެން އަންނަ ބޯޓު އަންނަ ވަޤުތަކަށް ބަލަބަލާ ތިބުމުގެ ބަދަލުގައި، އެ ބަދަލު އަޅުގަނޑުމެންގެ ރައްރަށަށް ގެންނަންވީ ހަމަ އަޅުގަނޑުމެން އަމިއްލަ އަތްތަކުންނެވެ. ގޯތިތެރެއާއި ދަނޑުބިންތަކުގައި އަމިއްލަ މަސައްކަތުން ދަނޑުވެރިކަމަށާއި ސިއްޙީ ހޭލުންތެރިކަމާއި ގާތްވެގެންނެވެ. މާތް الله އަޅުގަނޑުމެންނަށް ދެއްވާފައިވާ މި މުއްސަނދި ފަސްގަނޑަކީ، ހަށިގަނޑަށް އެތައް ފައިދާއެއް ކުރާނެ މޭވާއާއި ތަރުކާރީ އުފައްދައިދޭ ނިޢުމަތެއްކަން ހަނދާނުގައި ބަހައްޓައިގެންނެވެ.

ރަށުގެ ތާޒާ މަހާއި، ކޮޕީފަތާއި، ބަނބުކޭލުގެ އިތުރުން އަމިއްލަ ދާތިިކިލައިން ފަޅުވާ ފަޅޮލާއި، އަނބާއި، ދޮންކޭލާއި ފެޝަންފުރުޓް ފަދަ މޭވާއާއި ފަތްޕިލާވެއްޔާއި ތަރުކާރީއަށް ހިތް ހުޅުވާލާށެވެ. ތިބާގެ ސިއްހަތާއި، ތިބާގެ ދަރިންގެ މުސްތަގުބަލު ސަލާމަތްކުރުމުގެ ޒިންމާ ވަނީ ހަމަ ތިބާގެ އަތްމަތީގައެވެ. މާލޭގެ ހާސްކަމުގެ ތެރެއަށް ނުގޮސް، އަމިއްލަ ފަސްގަނޑުގައި ތިބެގެންވެސް މުޅި އާއިލާއަށް ދުޅަހެޔޮ، އުފާވެރި އަދި ބާއްޖަވެރި މުސްތަގުބަލެއް ހޯދިދާނެއެވެ! އުންމީދަކީ އަޅުގަނޑުމެންގެ ހިތްތަކެވެ؛ ފުރިހަމަ ސިއްހަތަކީ އަޅުގަނޑުމެންގެ އައްޑަނައެވެ!

+1
0
+1
2
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް