ކޮވިޑް-19 ރަށްރަށަށް ފެތުރުނަ ނުދޭން ކޮންމެ ރަށެއްގައިވެސް މަސައްކަތް ކުރާނެއެވެ. އެހެންނަމަވެސް ސުވާލަކީ ރަށްރަށުގައި އުޅޭއިރު އެރަށެއްގެ މީހުން ނުވަތަ ބޭރުން އައިސް ރަށަށް އަރާ މީހުން މިކަމަކަށް ސަމާލުކަން ދެނީ ކިހާ މިންވަރަށްތޯ އެވެ.
މި ހަފްތާގައި އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިވަނީ ބޮޑުތަނުން އިތުރުވެފައެވެ. 100 އިން މައްޗަށް އަރާފައެވެ. މިވަގުތު މިއޮތީ ތިން ރަށެއް މޮނިޓަރިންގެ ޙާލަތުގައެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ.ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ކޮވިޑް-19 ގެ ޢަދަދުތައް މައްޗަށް ދިޔައީ ފަރުވާކުޑަކޮށްލުމުން ކަމަށެވެ.
ޏ.ފުވައްމުލަކުގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ޕޮޒިޓިވްވެ، ބ.އޭދަފުށީގައި ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު މިވަނީ ޕޮޒިޓިވްވެފައެވެ. ކޮޅުފުށި މޮނިޓަރިންގ ޙާލަތަށް ގެނެވިފައިވާއިރު އެރަށުންވަނީ އެކަކު ޕޮޒިޓިވްވެފައެވެ.
އުތުރު ރަށެއްގެ ޒުވާން ފުރައިގެ ހައެއްކަ ކުއްޖަކާއި ސުވާލުކޮށްލުމުން ބުނީ ރަށުގައި ރޯގާ އުޅެފާނެތީ ވަރަށް ކަންބޮޑުވާ ކަމަށެވެ. ރަށަށް އަންނަ ބައެއް މީހުން ފަރުވާ ކުޑަކޮށްފައި ރަށުތެރޭގައި އުޅޭ ކަމަށާއި، އެޗްޕީއޭއިން އަންގާ މިންގަނޑު ތަކާއި ޙިލާފަށް ޢަމަލު ކުރަމުންދާ ކަމަށެވެ. މިފަދަ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ބައެއް ރަށްރަށުގެ ކައުންސިލްތަކާއި މަޝްވަރާކޮށްލީމެވެ.
މިވަގުތު މޮނިޓަރިންގެ ހާލަތުގައިވާ މ.ކޮޅުފުށީ ކައުންސިލްގެ ރައީސް ޙުސެއިން ޝާމިލް ވިދާޅުވީ އެރަށުން ފެނުނު ޕޮޒިޓިވް ކޭސް އާއި ގުޅިގެން ޕޮޒިޓިވްވި މީހާ އާއި ސީދާ ގޮތުން ބައްދަލުވި 52 މީހުން އެބައުޅޭ ކަމަށެވެ. އަދި މިހާތަނަށް ޓެސްޓު ކުރި މީހުންގެ ތެރެއިން އިތުރު އެއްވެސް މީހަކު ޕޮޒިޓިވް ނުވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ކޮޅުފުށީގެ ރައްޔިތުން އެޗްޕީއޭގެ ޤަވާއިދުތަކަށް ޢަމަލުކުރާ ކަމަށާއި ގައިދުރުކަން ކަށަވަރު ކުރުމާއި މާސްކް އެޅުމަށް އިސްކަންދޭ ކަމަށް ޝާމިލް ވިދާޅުވިއެވެ. "ވަރަށް ބޮޑަށް ބަލަން ރަށުތެރޭގައި މީހުން އުޅޭ އުޅުމުގައާއި ކަރަންޓީނުގެ ކަންކަން ފުރިހަމަ ކޮށްފަ ނޫނީ ރަށުތެރެއަށް ނިކުމެއެއް ނޫޅެވޭނެ. ރިސޯޓްގައި ހުރި މީހަކަށްވިއްޔާ އާދެވޭނީ ސާމްޕަލް ނަގާފަ ނެގެޓިވް ވެގެން. އޮޑިދޯނި ފަހަރުގައި އުޅޭ މީހުން ރަށަށް ފައިބާ ހަދާ. އެކަމަކުވެސް އަޅުގަނޑުމެންވެސް އެމީހުންނާއި ސުވާލުކޮށް މަޢުލޫމާތު އޮޅުންފިލުވަން. ކިރިޔާވެސް މާލެއަށް ފައިބާފަ އައި މީހެއް ވިއްޔާ އަޅުގަނޑުމެން އެބަ މަނާ ކުރަން. މިސާލަކަށް ނުސީދާކޮށް މަޢުލޫމާތު ލިބޭ މާލެތެރެއަށްވެސް އަރައޭ މަސްދޯނި ފަހަރުގައި އުޅޭ މީހުންވެސް. އެކަމަކު އަޅުގަނޑުމެންނަން އިނގޭނީ ބުނާ އެއްޗެއްތާ. ރައްޔިތުންނަށް އިލްތިމާސް ކުރަނީ ކޮންމެހެން ޒަރޫރީ ބޭނުންތަކަށް ހޯދަން ޖެހޭ އެއްޗެއް ހޯދަން ނޫނީ ނިކުމެ ނޫޅުމަށް. އެހެން ދާއިރުވެސް މާސްކް އަޅައިގެން އުޅެން." ގާތްގަނޑަކަށް 700 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ކޮޅުފުށީ ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
މޮނިޓަރިންގެ ހާލަތުގައިވާ ޏ.ފުވައްމުލަކު ސިޓީގެ ރައްޔިތުން މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުމާއި އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ޢަމަލު ކުރޭތޯ އަހާލުމުން އެސިޓީގެ މޭޔަރު ފަލާހު ޝަރީފު ވިދާޅުވީ މާސްކް އަޅާ މީހުންނާއި ނާޅާ މީހުން ރަށުތެރެއިން ފެންނަ ކަމަށެވެ. އެހެންނަމަވެސް އެޗްޕީއޭގެ ގަވާއިދުތަކަށް ޢަމަލު ކުރުމަށް ކައުންސިލުން ރަށުގެ ރައްޔިތުންނަށް ހަނދާންކޮށްދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. "ވީ އެންމެ ރަނގަޅަކަށް ޕްރެކްޓިސް ކުރަން ރިކުއެސްޓް ކުރަން، ކަރަންޓީނުގެ އުސޫލުތަކާއި ޚިލާފުވެގެން އަންނަ ރިޕޯޓްތައް ވަރަށް ނާދެއޭވެސް ދެންނެވިދާނެ. ޖުމްލަ ގޮތެއްގައި ވަރަށް ރަނގަޅަށް ދާ ކަމެއް" ކަރަންޓީނުގެ ގަވާއިދުތަކަށް އަމަލު ކުރާ މިންވަރާއި ގުޅޭގޮތުން ފަލާހު ވިދާޅުވިއެވެ.
އެހެން އަތޮޅުތަކުގައިވެސް ކޮވިޑް-19ގެ ނުރައްކާ ކުރިމަތިވެދާނެ ކަމަށް ކަންބޮޑުވާ ކަންކަން އެބަހުއްޓެވެ. އެގޮތުން ނ. އަތޮޅުގެ ބައެއް ރަށްރަށުގައި ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މީހުން ރަށަށްގޮސް ދެތިން ދުވަސް ރަށުގައި މަޑުކޮށްފައިދާއިރު ރަށުތެރޭގައި އުޅޭ ކަމަށާއި އެފަދަ ފަރާތްތަކުގެ ސަބަބުން ރަށުތެރޭގެ ރައްކާތެރިކަން ކުޑަވާކަމަށް ބުނެ ޝަކުވާތައް ލިބެއެވެ.
ޒީޓައިމްސް އާއި މައުލޫމާތު ހިއްސާ ކުރައްވަމުން ނ.އަތޮޅު ކައުންސިލްގެ ރައީސް ޢަލީ ޒާފިރު ވިދާޅުވީ އެއަތޮޅުގެ ރަށްރަށަށް ރިސޯޓްތަކުން އަންނަ މުވައްޒަފުން އަންނާނީ ރިސޯޓުން ކައުންސިލަށް ރިކުއެސްޓްކޮށްގެން ކަމަށެވެ. ބޭންކު ނުވަތަ ހޮސްޕިޓަލަށް އަންނަ ފަރާތެއްނަމަ ޒަރޫރީ ބޭނުންތަކަށް އަންނަ ފަރާތްތަކަށް އެކަން ހަމަޖައްސައިދޭނީ ކައުންސިލުގެ ބެލުމުގެ ދަށުން ކަމަށް ޒާފިރު ވިދާޅުވިއެވެ.
ރިސޯޓްތަކާއި މާލެއާއި ދޭތެރޭ ފަތުރުވެރިން ގޮވައިގެން ދަތުރުކުރާ ލޯންޗް ފަހަރުތަކާއި މާލެއިން މުދާ ބަރުކޮށްގެން އަންނަ އުނޅަނދުތަކުގައި ތިބޭ މީހުންނަށްވެސް ރަށުތެރެއަށް ފައިބާ ނޫޅެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ނ. މަނަދޫގައި ރިސޯޓަކުން އައި ލޯންޗެއްގެ ފަޅުވެރިންތަކެއް ރަށު ތެރެއަށް ފޭބި މައްސަލައެއް ބަލާ ފުލުހުން ފުރަތަމަ ނަސޭހަތްދީފައިވާ ކަމަށާއި، ދެވަނަ ފަހަރަށް އެކަން ތަކުރާރުވެގެން ޖޫރިމަނާ ކޮށްފައިވާނެ ކަމަށްވެސް އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އެޗްޕީއޭގެ ގަވާއިދުތަކަށް ކިހާ މިންވަރަކަށް ޢަމަލުކުރޭތޯ އަހާލުމުން ޒާފިރު ވިދާޅުވީ "ވަރަށް މާސްކް ނާޅާ. އެކަމަކު ސަރުކާރުގެ އިދާރާތަކަށް ވަންނައިރު މާސްކް އަޅަން އަންގާފަ އޮންނާތީ އެގޮތަށް ޢަމަލު ކުރޭ. ސުކޫލުގައިވެސް ވަރަށް ރަނގަޅު އެކަން. މާސްކު އަޅާ. އަޅުގަނޑުގެ އިލްތިމާސަކީ ހަމަ ހުރިހާ ރައްޔިތުންވެސް އެޗްޕީއޭގެ ގަވާއިދުތަކަށް ވީ އެންމެ ރަނގަޅަކަށް ޢަމަލު ކުރުން. މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުން."
އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު 25 ޖެނުއަރީގައި 109 މީހަކަށް މާލެއާއި އަތޮޅުތެރެއިން ކޮވިޑް ޖެހިފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ މާލޭ އޭރިއާގެ 78 މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން 11 މީހުންނާއި ރިސޯޓްތަކުން ޕޮސިޓީވްވި 20 މީހުންނެވެ. ފަރުވާލިބެމުންދާ މީހުންގެ ތެރޭގައި މިއަދު 80 މީހުން ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކުރެވިފައެވެ. ބަލި ޖެހުނު މީހުންގެ ޢަދަދު ޖުމްލަ 15،102 އެވެ. ބަލިން ފަސޭހަވި މީހުންގެ ޢަދަދު 13،851 އެވެ. މިހާތަނަށް ކޮވިޑް-19 ޖެހިގެން 51 މީހުން ރާއްޖޭގައި މަރުވެފައިވެއެވެ.