July 8, 2026 00:59
Advertisement

-Advertisement-

ޒީޓައިމްސް ބަދިގެ: ވަރުބަލިކަން ފިލުވާލާ ބަނޑުގެ ހަމަޖެހުމަށް ސްޕައިސީ މުގު ސޫޕް

ދުވަހުގެ ބުރަކަމަށްފަހު، ނުވަތަ ހަށިގަނޑަށް ކުޑަކޮށް ވަރުބަލިކަމެއް އިހުސާސްވާ ވަގުތެއްގައި، ބަނޑަށް ފަސޭހަ އަދި ހިތަށް އުފާވެރިކަން ގެނެސްދޭނެ ފަދަ ހޫނު ސޫޕް ތައްޓަކަށްވުރެ ވަކިން ހިތްހަމަޖެހޭނެ އެއްޗެއް އޮންނާނެ ހެއްޔެވެ؟ މިއީ ހަމައެކަނި ރަހަ މީރު ސޫޕްއެއް ނޫނެވެ. މިއީ ބަރުދަން ލުއިކުރަން ބޭނުންވާ ފަރާތްތަކަށް ވެސް ހާއްސަ ހަދިޔާއެކެވެ. މީގައި މުގުން ލިބިދޭ ގިނަ އަދަދެއްގެ ޕްރޮޓީން އަދި ފައިބަރުގެ ސަބަބުން، ކެއުމަށްފަހު ބަނޑު ފުރިފައި ހުންނަ އިހުސާސް ގިނައިރުތަކަކަށް ދަމަހައްޓަދީ، ކެއުމުގެ ބޭނުންނެތް އެދުންތަކުން ދުރުކޮށްދެއެވެ.

​މެންދުރުގެ ބުރަ ވަގުތުގައާއި ރޭގަނޑުގެ ހަމަހިމޭން ވަގުތުގައިވެސް ބޯލަން މިއީ ނުހަނު ފުރިހަމަ ސޫޕްއެކެވެ. އަދި ހަފުތާގެ ބިޒީ ދުވަސްތަކަށް ކުރިއާލާ ކާއެއްޗެހި ތައްޔާރުކޮށްލަން ބޭނުންވާ ފަރާތްތަކަށް މިއަށްވުރެ ވަކިން ރަނގަޅު ރެސިޕީއެއް ކޮބައިތޯއެވެ.

ކައްކާފައި ފްރިޖުގައި ބެހެއްޓުމުން، މީގެ އެތެރޭގައި ހިމެނޭ ހަވާދުގެ ރަހަތައް އެއްވެ، ގިނައިރުވާވަރަކަށް ސޫޕްގެ މީރުކަން އިތުރުވެގެންދެއެވެ.

Advertisement

ބޭނުންވާތަކެތި:

1 ސައިސަމުސާ އޮލިވް އޮއިލް (ތަރުކާރީތައް މަޑުކޮށްލުމަށް)

​1 ފިޔާ (ކޮށާފައި)

​2 ލޮނުމެދު (ގާނާފައި)

1 ސައިސަމުސާ ​އިނގުރު (ގާނާފައި)

​1 ސައިސަމުސާ ރީނދޫ ޕައުޑަރ

މިރުސް (ރަހަ ލައްވާލަން ބޭނުންވާ ވަރަށް)

ފަސޭހައިން ލިބެންހުރި ތަރުކާރީ (ކެރެޓު، ކެބެޖު، ބީންސް، ކޯލިފުލާވާ ކުފިކޮށް ކޮށާފައި)

4 ތަށި ފެން

ލޮނު (ރަހަލާވަރަށް)

​ތައްޔާރުކުރާނެ ގޮތް:

​1. ތަވާއެއް ނުވަތަ ތެލިއެއް އާދައިގެ ވަރަކަށް ހޫނުކޮށްލުމަށްފަހު އޮލިވް އޮއިލްކޮޅު އަޅާލާށެވެ. އެއަށްފަހު ފިޔާ، މިރުސް، ލޮނުމެދު، އިނގުރު އަދި ރީނދޫ އަޅައިގެން މަޑު ގިނީގައި މަޑުވެލަންދެން ކައްކާލާށެވެ.

​2. ދެން އޭގެ ތެރެއަށް ދޮވެފައި ހުރި ރަތް މުގާއި، ކޮށާފައި ހުރި ތަރުކާރީއާއި ފެން އެއްކޮށްލާށެވެ.

3. ​ސޫޕްގަނޑު ކެކެން ފެށުމުން، ގިނި އެންމެ މަޑު މިންވަރަށް ތިރިކޮށްލާށެވެ. ތެލީގެ މަތިޖަހައި، މުގާއި ތަރުކާރީތައް މަޑުވެ، ރަހަތައް އެކުވެގެންދަންދެން 25 މިނެޓު ވަންދެން މަޑުގިނީގައި ކައްކަން ބަހައްޓާށެވެ.

​4. ސޫޕްގެ ފުރިހަމަ ޓެކްސްޗާ ގެނައުމަށްޓަކައި، ސޫޕްގަނޑުން ބައެއް ބްލެންޑަރަށް އަޅައިގެން ނުވަތަ ހޭންޑް ބްލެންޑަރަކުން ކުޑަކޮށް ޗަސްކޮށްލާށެވެ. އޭރުން ބޯލަން ފަސޭހަ، ކްރީމީ އަދި ހަމައެއާއެކު މުގުގެ ރަހަ ލިބޭނެ ފަދަ ފުރިހަމަ ސޫޕްއަކަށް ވެގެންދާނެއެވެ.

​ނިއުޓްރީޝަންގެ މިންގަނޑުތައް (​މި ސޫޕްގެ އެއް ތަށިން ހަށިގަނޑަށް އެވްރެޖްކޮށް ލިބިދޭނެ މިންވަރުތައް)

​ހަކަތަ: 180- 200 ކެލޮރީސް

ޕްރޮޓީން: 12 ގ

ކާބޯހައިޑްރޭޓް: 30 ގ

ފައިބަރ: 8 ގ

​މުހިންމު ނުކުތާތައް:

​މުގު ބަދަލުކުރުން: މި ރެސިޕީގައި އަޅުގަނޑުމެން ރަތް މުގު ބޭނުންކުރީ އެއީ ވަރަށް އަވަހަށް މަޑުވާ، އަދި ކައްކާލުމުން އަމިއްލައަށް ކްރީމީ ގޮތެއް ހުންނަ މުގަކަށް ވާތީއެވެ. ނަމަވެސް ގޭގައި ރަތް މުގު ނެތްނަމަ، ފަސޭހައިން ލިބެންހުރި މުގެއް ބޭނުންކޮށްގެންވެސް މި ސޫޕް ހަމަ މި މީރުކަމާއެކު ތައްޔާރުކޮށްލެވޭނެއެވެ.

މުގުގެ ބާވަތްތަކަކީ އަޅުގަނޑުމެންގެ ހަށިގަނޑަށް ބޭނުންވާ ފައިބަރ، ޕްރޮޓީން، އަދި ދަގަނޑުގެބައި އިންތިހާއަށް އޭގައި އެކުލެވޭ، ސިއްހަތަށް ނުހަނު ފައިދާހުރި އެއްޗެކެވެ. މި ރެސިޕީގައި ބޭނުންކޮށްފައިވާ ރަތް މުގަކީ 'ޕްރީބަޔޮޓިކް ފައިބަރ' ފޯރުކޮށްދޭ އެއްޗެކެވެ. މިއީ ބަނޑުގެ ދުޅަހެޔޮކަމަށް އެހީވާ 'ޝޯޓް-ޗެއިން ފެޓީ އެސިޑްސް' އުފައްދައިދީ، ބަނޑުގެ ހަޖަމުކުރުމުގެ ނިޒާމަށް ފިނިކަމާއި އަރާމު ގެނެސްދޭ މާއްދާއެކެވެ.

​މި މީރު ސޫޕް ތަށިން އާވިއަރަމުންދާއިރު، އޭގެއިން ދުވާ ރިހަމީރުވަހުން އެކަނިވެސް ހިތަށް ފިނިކަން ލިބިގެންދެއެވެ. ބަނޑަށް އުނދަގޫވެލާ ދުވަސްދުވަހު ނުވަތަ ހަށިގަނޑަށް ހާއްސަ އަޅާލުމެއް ބޭނުންވާ ވަގުތުތަކުގައި، އަމިއްލަ ނަފްސަށްޓަކައި މި ސޫޕް ތަށި ތައްޔާރުކޮށްލައްވާށެވެ. އުފާވެރި، ދުޅަހެޔޮ ކެއުމަކަށް އެދެމެވެ!

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް