Advertisement
header ad
XeeTimesXeeTimes
ކެއުމުގެ ގަޑިތަކާއި ޒަމާނީ ސައިންސް: ހަށިގަނޑުގެ 'ސާކޭޑިއަން ރިދަމް' އާއި އެއްގޮތަށް ކެއުން ބައްޓަންކުރާނީ ކިހިނެއް؟

ކެއުމުގެ ގަޑިތަކާއި ޒަމާނީ ސައިންސް: ހަށިގަނޑުގެ 'ސާކޭޑިއަން ރިދަމް' އާއި އެއްގޮތަށް ކެއުން ބައްޓަންކުރާނީ ކިހިނެއް؟

ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަކީ އަބަދުވެސް ކާނާއާ ވަރަށް ބޮޑަށް ގުޅިފައިވާ ވައްޓަފާޅިއެކެވެ. މަސްވެރިކަމުން ލިބޭ ތާޒާ މަހާއި، ރާއްޖޭގެ ރަށްރަށުގެ ހިތްގައިމު މާހައުލުގައި ހައްދާ ދަނޑުތަކުގެ މޭވާއާއި ތަރުކާރީތަކަކީ އަޅުގަނޑުމެންގެ ސުފުރާތަކުގެ މައިގަނޑު އެއް ބައެވެ. ނަމަވެސް، ޒަމާނީ ދިރިއުޅުމުގެ ބާރުބޮޑުވުމާއެކު، ރޭގަނޑު ނިދަން ކައިރިވެފައި ހުންނަ ގަޑިތަކުގައި މާބޮޑަށް ކެއުމާއި، ދަންވަރު ކެއުމުގެ އާދަ ވަނީ އަޅުގަނޑުމެންގެ ތެރޭގައި އާންމުވެފަ އެވެ.

 ސައިންސްވެރިން މިހާރު މިވަނީ މިކަމާ މެދު ފުންކޮށް ވިސްނަންޖެހޭ ފަދަ ހޯދުންތަކެއް ހޯދާފައެވެ. އެއީ ހަމައެކަނި ކާ އެއްޗެއްގެ ބާވަތް މުހިންމު ވުމެއް ނޫނެވެ؛ ކާ "ގަޑި" މާ ބޮޑަށް މުހިންމުވާ ވާހަކައެވެ.

މިއީ ކްރޮނޯނިއުޓްރީޝަން (Chrononutrition) ނުވަތަ ހަށިގަނޑުގެ ގަޑިއާ އެއްގޮތަށް ކާބޯތަކެތި ބޭނުންކުރުމުގެ މައްޗަށް އެކުލެވިގެންވާ އާ ދާއިރާއެކެވެ. މި ދާއިރާގެ ސަބަބުން ކެއުމުގެ އާދަތަކަށް އަލުން ވިސްނާލަންޖެހޭ ފަދަ ފުން މައުލޫމާތުތަކެއް ވަނީ ލިބިގެންގޮސްފަ އެވެ.

Article - in content
Advertisement

ސާކޭޑިއަން ރިދަމް (Circadian Rhythm) އަކީ ކޮބައިހެއް؟

އަޅުގަނޑުމެންގެ ހަށިގަނޑުގައި 24 ގަޑިއިރުގެ ސައިކަލަކަށް މަސައްކަތްކުރާ އެތެރޭ ގަޑިއެއް ވެއެވެ. ސިކުނޑީގައިވާ ސުޕްރާކިއާސްމެޓިކް ނިއުކްލިއަސްއިން (SCN) އިސްވެ ހިންގާ މި ނިޒާމުން ހަށިގަނޑުގެ ހޫނުމިނާއި، ހޯމޯންތައް ދޫކުރާ މިންވަރާއި، ހަޖަމުކުރުމުގެ ބާރު ކޮންޓްރޯލްކުރެއެވެ. ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި، ހަށިގަނޑުގެ މި ގަޑި ފަރުމާވެފައިވަނީ ދުވާލުގެ ވަގުތުތަކުގައި ކައިބޮއެ ހަދާ، ރޭގަނޑުގެ ވަގުތުތަކުގައި ހަށިގަނޑު އަރާމުކޮށް ނިދުމަށެވެ. މި ގަޑިއާ ދެކޮޅަށް ކާން އުޅުމަކީ މެޓަބޮލިޒަމް ދަށްވެ، ލޭގައި ހަކުރު އެކުލެވޭ މިންވަރު މަތިވުމާއި، ފަލަވުމާއި، ހަކުރުބަލި ފަދަ ދިގުލައިދާ ބަލިތަކަށް މަގުފަހިވާ ކަމެކެވެ. ހަށިގަނޑުގެ ސެލްތަކުގައިވެސް މިފަދަ ކުދިގަޑިތައް ހުންނައިރު، ކާންޖެހޭ ގަޑީގައި ނުކެވި ދިއުމާއި ނުކާންޖެހޭ ގަޑިތަކުގައި ކެއުމުގެ ސަބަބުން މި ސެލިއުލަރ ގަޑިތަކުގެ ހިނގުން އޮޅުންބޮޅުން ވެގެންދާތަން އާދެއެވެ.

ދުވަހުގެ އެންމެ ފުރަތަމަ ކެއުން: ހެނދުނުގެ ނާސްތާގެ މުހިންމުކަން

ހެނދުނުގެ ވަގުތަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ، ނުވަތަ ހަކުރު ބޭނުންކުރުމުގެ ގާބިލުކަން އެންމެ މަތީގައި ހުންނަ ވަގުތެވެ. އެންމެ ރަނގަޅު ގަޑިއަކީ އިރުއަރައިގެން އަންނަ ފުރަތަމަ ދެ ގަޑިއިރު ތެރޭގައި ނުވަތަ ހެނދުނު 7:00 އާއި 9:00އާ ދެމެދު ނާސްތާ ކެއުމެވެ. މި ގަޑީގައި ހަށިގަނޑަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމަށް ޕްރޮޓީންއާއި ރަނގަޅު ފެޓްސް އަދި ކޮންމެވެސް ވަރަކަށް ކާބޯހައިޑްރޭޓް ހިމެނުން މުހިންމެވެ.

ޢިލްމީ ދިރާސާތަކުން ދައްކާގޮތުގައި، ދުވާލުގެ އެކި ވަގުތުތަކުގައި ކާބޯތަކެއްޗަށް އިންސާނާގެ ހަށިގަނޑު އިޖާބަދޭ މިންވަރު ތަފާތުވެއެވެ. ދުވާލުގެ ހެނދުނުގެ ވަގުތުގައި ކެއުމުން "ޑައިޓް-އިންޑިއުސްޑް ތާމޯޖެނެސިސް" ނުވަތަ ކާތަކެތި ހަޖަމުކުރުމަށާއި، ހަށިގަނޑަށް ބޭނުންވާ މާއްދާތައް ދަމައިގަތުމަށާއި، މެޓަބޮލިޒަމްގެ މަސައްކަތްތަކަށް ހަށިގަނޑުން ހަކަތަ ބޭނުންކުރާ މިންވަރު އިތުރުވެއެވެ.

މިކަން މިގޮތަށް ދިމާވަނީވެސް ހަށިގަނޑުގެ ގުދުރަތީ ސާކޭޑިއަން ރިދަމް އަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ. އެއީ ދުވާލުގެ ކުރީކޮޅުގައި ހަށިގަނޑުގެ މެޓަބޮލިކް މަސައްކަތްތައް ހަލުވިކޮށް ބެހެއްޓުމަށް މި ނިޒާމު ބާރުއަޅާތީއެވެ. އެހެންކަމުން، ދުވާލުގެ ކުރީކޮޅުގައި ކެއުމުން، ކާބޯތަކެތިން ލިބޭ ހަކަތަ ޕްރޮސެސްކޮށް ބޭނުންކުރުމުގެ ފުރުސަތާއި ގާބިލުކަން ހަށިގަނޑުގައި އިތުރުވެގެންދެއެވެ.

މެންދުރުގެ ކެއުން: ހަކަތަ ހިފެހެއްޓުމުގެ މަރުކަޒު

މެންދުރުގެ ވަގުތަކީ ހަށިގަނޑުގެ މަސައްކަތްތައް އެންމެ ބާރުމުވެގެންދާ ވަގުތެވެ. މެންދުރު 12:00 އާއި 2:00އާ ދެމެދު ކެއުން ކުރިއަށް ގެންދިއުމަކީ އެންމެ އެކަށީގެންވާ ގޮތެވެ. މި ވަގުތު ހަށިގަނޑަށް ބޭނުންވާ ބެލެންސްޑް މީލްއެއް ނުވަތަ ސިއްޙަތަށް ފައިދާހުރި މިންހެޔޮ ކާނާ ކެއުމަށް އިސްކަންދޭންޖެހެއެވެ. މީގެ ތެރޭގައި މަސްމަހާމެހި ޚާއްސަކޮށް ރާއްޖޭގައި ލިބެންހުންނަ ކަނޑުމަހާއި، ތާޒާ ތަރުކާރީ ހިމެނުން މުހިންމެވެ. ދުވާލުގެ މިވަގުތަކީ، ކެއުމުން ލޭގެ ހަކުރު މިން އެއްވަރެއްގައި ހިފެހެއްޓުމަށް އެހީވެދީ، އަދި ހަޖަމުކުރުމުގެ ނިޒާމު ފުރިހަމައަށް މަސައްކަތްކުރާ ވަގުތެއްކަމުން، މިއީ ކާނާގައި ހުންނަ ނިއުޓްރީއެންޓްތައް ހަށިގަނޑަށް އެންމެ ރަނގަޅަށް ނަގައިދޭ އެއް ވަޤުތުކަމަށް ބެލެވެއެވެ.

ރޭގަނޑުގެ ކެއުން: އަވަސްކޮށްލަންވީ ކީއްވެ؟

އަޅުގަނޑުމެންނަށް ނޭގޭ ހަށިގަނޑުގެ ބައިވަރު ސިއްރުތަށް ވާއިރު، އޭގެއިން އެއް ސިއްރަކީ، އިރުއޮއްސުމާއެކު އިންސާނާގެ ސިކުނޑިން މެލަޓޮނިން ދޫކުރަން ފަށާކަމެވެ. މިއީ ނިދަން ތައްޔާރުވުމަށް ހަށިގަނޑަށް އަންގާ ހޯމޯންގެ ނަމެވެ. މި ވަގުތު ހަށިގަނޑުގެ އިންސިއުލިން މަސައްކަތް ދަށްވެ، ހަޖަމުކުރުމުގެ ނިޒާމު ވެސް ރެސްޓް މޯޑަކަށްދެއެވެ. އެހެންކަމުން އިރުއޮއްސި 7:00 ގެ ކުރިން، ނުވަތަ ނިދުމުގެ މަދުވެގެން 3 ގަޑިއިރު ކުރިން ރޭގަނޑުގެ ކެއުން ނިންމާލުމަކީ މުހިންމު ކަމެކެވެ. މި ވަގުތު ލުއި، ފަސޭހައިން ހަޖަމުވާ ކާނާއެއް ބޭނުންކުރުމަށް އިސްކަންދޭންޖެހޭއިރު، ޕްރޮޓީން އާއި ތަރުކާރީ ޒާތުގެ ކާނާ ބޭނުންކޮށް ކާބޯހައިޑްރޭޓްގެ ބާވަތްތައް ވީހާވެސް މަދުކުރުން މުހިންމެވެ.

ދިރާސާތަކުން ދައްކާގޮތުގައި، ދަންވަރު ނުވަތަ ނިދާގަޑި ކައިރިވެފައި ހުންނައިރު ކެއުމަކީ ލޭގައި ހަކުރު މަތިވެ، ފެޓްގެ ގޮތުގައި ހަށިގަނޑުގައި ސަރުބީ ރައްކާވުން އިތުރުކުރުވާ ކަމެކެވެ. މީގެ ސަބަބުން ނިދީގެ ފެންވަރަށް ވެސް ނޭދެވޭ އަސަރުކޮށް، ހެނދުނު ހޭލާއިރު ވަރުބަލިވުން އިތުރުވެގެންދެ އެވެ.

ދިވެހި މާހައުލާ ގުޅުވައިގެން ގެންގުޅެވިދާނެ ރަނގަޅު އާދަތައް

ދިވެހިރާއްޖޭގެ ޖަޒީރާވަންތަ ދިރިއުޅުމަކީ ޒަމާނުއްސުރެ ގުދުރަތީ ވެއްޓާ ވަރަށް ބޮޑަށް ގުޅިފައި އޮތް ވެއްޓެކެވެ. ކުރީގެ މީހުން ރޭގަނޑުގެ ކެއުން އަވަހަށް ނިންމާލައި، ފަތިހު ހޭލައި އުޅުމުގެ އާދައެއް ގެންގުޅުނެވެ. މި އާދައަކީ ސައިންސުގެ އަލީގައި ބަލާއިރު ވެސް އެންމެ ފުރިހަމަ ޞިއްޙީ ސިއްރެވެ. ދުވާލުގެ 10 ނުވަތަ 12 ގަޑިއިރުގެ ތެރޭގައި ކެއުމުގެ ކަންކަން ނިންމާލާފައި، ބާކީ 12 ގަޑިއިރު ހަށިގަނޑަށް ނުވަތަ ހަޖަމުކުރުމުގެ ނިޒާމަށް އަރާމުދިނުމަކީ ހަށިގަނޑު ސާފުކޮށްދީ، މެޓަބޮލިޒަމް ވަރުގަދަކޮށްދޭ ކަމެކެވެ.

މީގެ އިތުރުން ސާކޭޑިއަން ރިދަމާއި އެއްގޮތަށް ކެއުން ބައްޓަންކުރުމަކީ ހަމައެކަނި ބަރުދަން ލުއިކުރުމަށް އެހީވެދޭ ކަމެއްނޫނެވެ. އެއީ މުޅި ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ހަކަތައިން ފުރިގެންވާ ދުވަހެއް ބިނާކުރުމަށްޓަކައި އެޅޭ މުހިންމު ބިންގަލެކެވެ.

ނިންމުން: ސައިންސާއި އިސްލާމީ ސުންނަތުގެ ފުރިހަމަ ގުޅުން

އަދިވެސް، މި ހުރިހާ ޒަމާނީ ސައިންސާއި ދިރާސާތަކުން އަޅުގަނޑުމެންނަށް މި ކަށަވަރުކޮށްދެނީ، މާތް ނަބިއްޔާ މުޙައްމަދުﷺ ގެނެސްދެއްވި ރިވެތި ސުންނަތެވެ. ރޭގަނޑުގެ ކެއުން އަވަހަށް ނިންމަވައި، ޢިޝާ ނަމާދަށްފަހު އަރާމުކުރެއްވުމަށާއި، ފަތިހު ހޭލައި އުޅުއްވުމަށް އެކަލޭގެފާނު ވަނީ އާދަކުރައްވާފަ އެވެ. ވީމާ، އަޅުގަނޑުމެންގެ އިސްލާމީ ރިވެތި ސުންނަތާއި އިހުގެ ރީތި އާދަތައް އެއްކޮށްލައިގެން ކެއުމުގެ ގަޑިތައް ބައްޓަންކުރުމަކީ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް އެޅިދާނެ ވަރަށް ބޮޑު ފިޔަވަޅަކަށް ވެގެންދާނެއެވެ.

މަސްދަރުތައް: ޕަބްމެޑް، އޭޝިއަން ޑައިޓަރީ ޕެޓަރންސް އެންޑް މެޓަބޮލިކް ހެލްތް ރިސަރޗް، ހެލްތްލައިން

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —