އަބަދު ވަރުބަލިވެ، ހަށިގަނޑުން ބާރުދެރަވެ، އާއިލާއާއެކު އުފާވެރި ވަގުތުތައް ހޭދަކުރަން ބޭނުންވާއިރުވެސް ހަކަތައެއް ނެތް ކަމުގެ އިޙުސާސް ވުމަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ތަޙައްމަލު ކުރަންޖެހިފައިވާ ކަމެކެވެ. ގިނަ ފަހަރަށް މިއީ ހަމައެކަނި "ވަރުބަލިވުން" ނުވަތަ "ސްޓްރެސް" ކަމަށް ހީކޮށް ދޫކޮށްލެވުނު ނަމަވެސް، މިއީ އަޅުގަނޑުމެންގެ ލޭގައި ދަގަނޑުގެ ބައި މަދުވުމުގެ (Iron Deficiency Anemia) ސަބަބުން ދިމާވާ ކަމަކަށް ވެދާނެއެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގައި ލޭގައި ދަގަނޑުގެ ބައި މަދުވުމަކީ އާންމު ސިއްޙީ މައްސަލައެކެވެ. ދިވެހިރާއްޖޭގެ ޤައުމީ ސިއްޙީ ދިރާސާތަކާއި (Demographic and Health Survey) ބައިނަލްއަގުވާމީ މަޢުލޫމާތުތަކަށް ބަލާއިރު، ރާއްޖޭގައި ދަރިމައިވާ އުމުރުގެ އަންހެނުންގެ 40 އިންސައްތައަށްވުރެ ގިނަ މީހުންނާއި، އަދި ކުޑަކުދިންގެ 37 އިންސައްތައަށްވުރެ ބޮޑު އިންސައްތައެއް ލޭމަދުކަމާއި ދަގަނޑުގެ ބައި މަދުވުމުގެ މައްސަލަ ތަހައްމަލު ކުރެއެވެ. މިއީ އަޅުގަނޑުމެންގެ މުޖުތަމައުގައި ނުހަނު ބޮޑަށް ސަމާލުކަން ދޭންޖެހިފައިވާ ކަމެކެވެ.
ލޭގައި ދަގަނޑުގެ ބައި މަދުވުމަކީ ކޮބާ؟
އަޅުގަނޑުމެންގެ ހަށިގަނޑުގެ ސެލްތަކަށް އޮކްސިޖަން ފޯރުކޮށްދިނުމަށްޓަކައި "ހީމޯގްލޯބިން" އުފެއްދުމަށް ދަގަނޑުގެބައި (Iron) ބޭނުންވެއެވެ. ހަށިގަނޑުގައި ދަގަނޑުގެބައި މަދުވުމުން، އެކަށީގެންވާ ވަރަށް ހީމޯގްލޯބިން ނުއުފެދި، ހަށިގަނޑުގެ ގުނަވަންތަކަށް އޮކްސިޖަން ފޯރުކޮށްދިނުމުގެ ޤާބިލުކަން ދަށްވެގެންދެއެވެ.
މައިގަނޑު ސަބަބުތަކާއި ޢަލާމާތްތައް
ލޭގައި ދަގަނޑުގެބައި މަދުވާ މައިގަނޑު ސަބަބުތަކުގެތެރޭގައި ދަގަނޑުގެބައި މަދުން އެކުލެވޭ ކާނާ ކެއުމާއި، މާބަނޑު ދުވަސްވަރު ހަށިގަނޑަށް ބޭނުންވާ އިތުރު ދަގަނޑުގެ ބައި ނުލިބުމާއި، އަންހެނުންގެ ހައިޟުގެ ދުވަސްވަރު މާ ގިނައިން ލޭބޭރުވުން އަދި ގޮހޮރުގައި ކާނާ ހަޖަމުކުރުމުގެ މައްސަލަތައް ހުރުން ހިމެނެއެވެ. މިކަމުގެ ސަބަބުން ހަށިގަނޑުން ފެންނަ މުހިންމު އަލާމާތްތަކުގެ ތެރޭގައި ސަބަބެއް ނެތި މާބޮޑަށް ވަރުބަލިވުމާއި، ހަންގަނޑު ފަނޑުވުމާއި، ކުޑަކުޑަ ކަމަކުންވެސް ނޭވާކުރުވުން އަދި ބޯއެނބުރުން ހިމެނެއެވެ. މީގެއިތުރުން އަތްފައި ފިނިވުމާއި، އިސްތަށި ފޭބުމާއި، އަދި ނިޔަފަތިތައް ފަސޭހައިން މުގުރައިގެން ދިއުމަކީވެސް ހަށިގަނޑުގައި ދަގަނޑުގެ ބައި މަދުވަމުންދާކަމުގެ ސީރިއަސް އިންޒާރުތަކެކެވެ.
ހާލަތު ގޯސްކުރާ ކަންތައްތަކާއި ރަނގަޅުކުރާނެ ގޮތް
އަޅުގަނޑުމެންގެ ތެރޭގައި އާންމުވެފައިވާ ބައެއް އާދަތަކުގެ ސަބަބުން މި ޙާލަތު އިތުރަށް ގޯސްވެގެންދެއެވެ. އެގޮތުން ކެއުމުގެ ވަގުތު ކަޅުސައި ނުވަތަ ކޮފީ ބުއިމަކީ ކާނާގައި ހުންނަ ދަގަނޑުގެ ބައި ހަށިގަނޑަށް ނެގުމުގައި ހުރަސްއަޅާ ކަމެކެވެ. މިއާޚިލާފަށް މި ހާލަތުން ރައްކާތެރިވެ ހާލަތު ރަނގަޅުކުރުމަށްޓަކައި ދަގަނޑުގެ ބައި ގިނައިން އެކުލެވޭ ކާނާ ކެއުން ހިމެނެއެވެ. އޭގެ ތެރޭގައި ކަނޑުމަހާއި އެއްގަމުމަސް، ކަންކުން، މުރަނގަ، ބޯވެލި ފަދަ ފަތުގެ ބާވަތްތަކާއި، ތޮޅި، މުގުގެ ބާވަތްތަށް ދެމެހެއްޓެނިވި ގޮތެއްގައި ކެއުމުގައި ހިމަނަންޖެހެއެވެ. އަދި ލުނބޯ ނުވަތަ އޮރެންޖު ފަދަ ވިޓަމިން ސީ އެކުލެވޭ ކާނާ، ދަގަނޑުގެބައި ހުންނަ ކާނާއާއެކު ބޭނުންކުރުމުން ހަށިގަނޑަށް ދަގަނޑުގެބައި ނަގައިގަންނަ މިންވަރު އަވަސްވެ، ދުޅަހެޔޮކަން އިތުރުކޮށްދެއެވެ.

މެޑިކަލް މާހިރުން ފާހަގަކުރައްވާ ގޮތުގައި:
"ލޭގައި ދަގަނޑުގެބައި މަދުވުމަކީ ހަމައެކަނި ވަރުބަލިވުމެއް ނޫނެވެ. މިއީ ކުޑަކުދިންގެ ސިކުނޑިއާއި ހަށިގަނޑު ބޮޑުވުމަށް ހުރަސްއެޅި، ބޮޑެތި މީހުންގެ ދިފާއީ ނިޒާމު ދެރަކޮށްދޭ ކަމެކެވެ. ކާނާއިން އެކަނި މައްސަލަ ހައްލުނުވާނަމަ، ލޭގެ ފެރިޓިން (Ferritin) ލެވެލް ޗެކްކޮށް، ޑޮކްޓަރުގެ އިރުޝާދުގެ ދަށުން އަޔަން ސަޕްލިމެންޓް ނެގުމަކީ ނުހަނު މުހިންމު ކަމެކެވެ."
ޑޮކްޓަރަށް ދައްކަންވީ ކޮންއިރަކު؟
އަބަދު ވަރުބަލިވެ އާދައިގެ ކަމެއް ކޮށްލުމުންވެސް ނޭވާކުރުވާނަމަ، މާބަނޑު ދުވަސްވަރު، ނުވަތަ ހައިޟުގެ ދުވަސްވަރު މާގިނައިން ލޭބޭރުވާނަމަ، އަމިއްލައަށް ބޭސްނުނަގައި، ލޭގެ ޓެސްޓެއް ހަދައި ޑޮކްޓަރެއްގެ ލަފާ ހޯދަންޖެހޭނެއެވެ.
މިއީ ކޮންމެހެން ސަމާލުކަން ދޭންޖެހޭ މުހިންމު ކަމެއް
އަޅުގަނޑުމެންގެ އާއިލާއާއި ދަރިންނަށްޓަކައި އަޅުގަނޑުމެންގެ އަމިއްލަ ސިއްޙަތަށް ސަމާލުކަން ދިނުމަކީ ޒިންމާދާރުކަމާއެކު ކުރަންޖެހޭ ކަމެކެވެ. ހަށިގަނޑުން ދޭ އެކި އިންޒާރުތަކަށް ފަރުވާތެރިވެ، ދުޅަހެޔޮ ކާނާއާއި ރަނގަޅު އާދަތައް އިޚްތިޔާރުކޮށްގެން މި މައްސަލައިން އަޅުގަނޑުމެންގެ މުޖުތަމަޢު ރައްކާތެރި ކުރެވޭނެއެވެ. ތިބާގެ ދުޅަހެޔޮކަމަކީ ތިބާގެ ޢާއިލާގެވެސް އުފަލެވެ.
މަސްދަރު: ވަރލްޑް ބޭންކް. ޕީއެލްއޯއެސް ވަން ރިސަރޗް ސްޓަޑީ، އެމެރިކަން ޖަރނަލް އޮފް ކްލިނިކަލް ނިޔުޓްރިޝަން، ޑަބްލިއުއެޗްއޯ









