Advertisement
header ad
XeeTimesXeeTimes
އަމަލީ ތަޖުރިބާ ހޯދައިދީ މަސައްކަތުގެ މާހައުލަށް އަހުލުވެރިކުރުވުމުގެ މަޤުޞަދުގައި ފަހުމުނާމާއެއްގައި ސޮއިކޮށްފި

އަމަލީ ތަޖުރިބާ ހޯދައިދީ މަސައްކަތުގެ މާހައުލަށް އަހުލުވެރިކުރުވުމުގެ މަޤުޞަދުގައި ފަހުމުނާމާއެއްގައި ސޮއިކޮށްފި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އަދި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް (ވީ.އައި.އެޗް.އެސް) ގުޅިގެން، ކުދިންނަށް އަމަލީ ތަޖުރިބާ ހޯދައިދީ މަސައްކަތުގެ މާހައުލަށް އަހުލުވެރިކުރުވުމުގެ މަޤުޞަދުގައި އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި އެމް.އޭ.ސީ.އެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ. އަދި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ފަރާތުން ސޮއިކުރެއްވީ އެ ސްކޫލުގެ ޕްރިންސިޕަލް ޢަލީ މުޞްޠަފާއެވެ.

އިއްޔެ ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި އެމް.އޭ.ސީ.އެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަޠީފާއި، ސީނިއަރ ޖެނެރަލް މެނޭޖަރ ޢަލީ ޙުޒައިމްގެ އިތުރުން ލާރނިންގ އެންޑް ޑިވެލޮޕްމަންޓް ޓީމުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

Article - in content
Advertisement

މި ފަހުމުނާމާގެ މައިގަނޑު މަޤުޞަދަކީ ކްލާސްރޫމުގައި ދަރިވަރުން އުނގެނޭ ޢިލްމީ މަޢުލޫމާތުތައް ޢަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތް ދަސްކޮށްދީ، ވަޒީފާގެ މާޙައުލަށް ދަރިވަރުން އަހުލުވެރިކުރުވުމެވެ. މި ޕްރޮގްރާމުގެ ދަށުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޮޕަރޭޝަންސް، އިންޖިނިއަރިންގ، އައިޓީ، ކަސްޓަމަރ ސަރވިސް، ލޮޖިސްޓިކްސް، ކޯޕަރޭޓް ސަރވިސަސް އަދި ސޭފްޓީ އެންޑް ސެކިއުރިޓީ ފަދަ މުހިންމު ދާއިރާތަކުން ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ދަރިވަރުންނަށް ފަހިވެގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި އެމް.ޑީ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ، މިއީ ކުންފުނީގެ "އެމްޕަވަރ އެންޑް ޑިވެލޮޕް އަވަރ ޕީޕަލް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދެވޭ މުހިންމު ހަރަކާތެއް ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން ވައިގެ ދަތުރުފަތުރާއި ގުޅުންހުރި އެހެނިހެން ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް އަގުހުރި ފުރުޞަތުތަކަކާއި ފައިދާތަކެއް ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމުގެ ސަބަބުން، މަސައްކަތުގެ މާޙައުލަށް ކޮންމެހެން ބޭނުންވާ މުހިންމު ހުނަރުތައް ކަމަށްވާ މުޢާމަލާތުކުރުމާއި، ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން، ދިމާވާ މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން ދަރިވަރުންގެ ކިބައިގައި އަށަގަންނުވައި، ކުރިމަގުގެ ވަޒީފާގެ ބާޒާރަށް އެ ދަރިވަރުންގެ ލޯހުޅުވިގެންދާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ހާމަކޮށްފައެވެ. މީގެއިތުރުން، މި އެއްބަސްވުމުގެ ސަބަބުން ދެ މުއައްސަސާގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެ، ކެރިއަރާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި، މެންޓަރޝިޕް ދިނުމުގެ އިތުރުން ޢަމަލީ މަސައްކަތުގެ މާޙައުލު ތަޖުރިބާކުރުމުގެ ގިނަ ފުރުޞަތުތަކަކަށް މަގުފަހިވެގެންދާނެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —