ދިވެހިންގެ ސުފުރާމަތީގެ އެންމެ ޚާއްޞަ، އަދި ދިވެހިވަންތަކަމުގެ އެންމެ ފުން ރަމްޒަކީ ކާށީގެ ބާވަތްތަކެވެ. ހެނދުނުގެ ނާސްތާއަށް ތައްޔާރުކޮށްލާ ރަހަމީރު މަސްހުންޏާއި މީރު ހުނިރޮށީގެ އަސާސަކީ ކާށިހުންޏެވެ. އަދި މެންދުރުގެ ތާޒާ ރިހައިގެ ވަސް މުޅި ގޭތެރޭގައި ހިފާލަނީ ކާށިކިރުގެ ސަބަބުންނެވެ.

ކާށީގެ ތަފާތު ބާވަތްތަކަކީ އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުއްސުރެ ދިރިއުޅުމާއި ކެއުމުގެ މައިގަނޑު އެއްބާވަތެވެ. ނަމަވެސް، ފަހަކަށް އައިސް އާންމުންގެ މެދުގައި ސިއްޙީ ހޭލުންތެރިކަން އިތުރުވެ، ކާށީގެ ބާވަތްތަކާއި ދުރުވާން ފަށައިފައިވަނީ އެއް ސުވާލެއް ތަކުރާކު ކުރަމުންނެވެ. ކާއްޓަކީ ކޮލެސްޓްރޯލް އިތުރުކޮށްދޭ އެއްޗެއްނޫންބާވައެވެ. ކާށިއަކީ ހަޤީޤަތުގައި ހިތުގެ ސިއްޙަތަށް ނުރައްކާތެރި އެއްޗެއްބާއެވެ؟ މިކަމުގެ ޙަޤީޤަތަކީ ކޮބައިބާވައެވެ.
މިސުވާލުތަކަށް އަލިއެޅުވުމުގެ ކުރިން، ކޮލެސްޓްރޯލަކީ ކޮބައިކަން އެނގުން މުހިންމުނޫންތޯއެވެ. ކޮލެސްޓްރޯލަކީ އަޅުގަނޑުމެންގެ ހަށިގަނޑުގެ ސެލްތަކާއި، ހޯމޯންތައް އުފެއްދުމަށްޓަކައި ލޭގެ ތެރޭގައި ދައުރުވާ ތެޔޮފޮދެއް ފަދަ މާއްދާއެކެވެ. މީގެ މައިގަނޑު ދެބަޔަކީ ހަށިގަނޑަށް ފައިދާހުރި "އެޗް.ޑީ.އެލް" (HDL) ކޮލެސްޓްރޯލާއި، ލޭނާރުތަކުގެ ފާރުގައި ޖަމާވެ ހުރަސްއަޅާ "އެލް.ޑީ.އެލް" (LDL) ނުވަތަ ނުބައި ކޮލެސްޓްރޯލެވެ. ލޭގައި އެލް.ޑީ.އެލްގެ މިންވަރު އިންތިހާއަށް މަތިވުމަކީ ހިތުގެ ނާރުތައް ބެދުމާއި، ހިތަށް ހާޓްއެޓޭކެއް އައުމާއި، ސްޓްރޯކް ޖެހުމުގެ އިތުރުން ލޭގެ ޕްރެޝަރު މަތިވުން ފަދަ ނުރައްކާތެރި ސިއްޙީ މައްސަލަތަކަށް މަގުފަހިވާ މައިގަނޑު އެއް ސަބަބެވެ.
ކާއްޓާއި ކޮލެސްޓްރޯލާ ހުރި ގުޅުމަށް ބަލާއިރު، ދެކުނު އޭޝިއާގެ ޤައުމުތަކުގައާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރެވިފައިވާ ފުން ތަޙުގީގުތަކުން މުހިންމު ޙަޤީޤަތްތަކެއް ހާމަވެގެންދެއެވެ. ކާށީގައި ގިނައީ "ސެޗުރޭޓެޑް ފެޓް" ކަމަށްވުމުން، މިއީ ލޭގެ ކޮލެސްޓްރޯލް މަތިކުރާ އެއްޗެއްކަމަށް ބެލެވެއެވެ. ނަމަވެސް، ކާށީގައި އެކުލެވޭ ސަރުބީގެ ބޮޑުބަޔަކީ "ލޯރިކް އެސިޑް" (Lauric acid) ނަމަކަށްކިޔާ މީޑިއަމް-ޗޭން ފެޓީ އެސިޑެކެވެ. ލަންކާއާއި އިންޑިއާގެ އިތުރުން ޕޮލިނޭޝިއާގެ ޖަޒީރާ ރަށްތަކުގައި ކުރެވުނު ތާރީޚީ ދިރާސާތަކުން ދައްކާ ގޮތުގައި، ކާށި ގިނައިން ބޭނުންކުރާ އާބާދީތަކުގައި ލޭގެ ކޮލެސްޓްރޯލް މަތިވި ނަމަވެސް، އޭގެ ތެރޭގައި ހަށިގަނޑަށް ފައިދާހުރި HDL ކޮލެސްޓްރޯލް މަތިވުން ހިމެނެއެވެ. އަދި އެ މީހުންގެ ކެއުމުގައި ސިއްޙަތަށް ގެއްލުންދޭ ތެލުލީ ކާނާއާއި ޕްރޮސެސްކޮށްފައިވާ ކާނާ ނުހިމެނޭ ނަމަ، ހަމައެކަނި ކާށި ކެއުމުގެ ސަބަބުން ހިތުގެ ބަލިތައް އިތުރުވެފައި ނުވާކަން ދިރާސާތަކުން ފާހަގަކޮށްފައިވެއެވެ.

ސިއްޙީ މާހިރުންނާއި ކާޑިއޮލޮޖިސްޓުންގެ ރަޢުޔަށް ބަލާއިރު، ކާއްޓަކީ މުޅިން ހުއްޓާލަންޖެހޭ ކާނާގެ ބާވަތެއްނޫނެވެ. ދެކުނު އޭޝިއާގެ ހިތުގެ ބަލިތަކާ ބެހޭ ޑޮކްޓަރުން ފާހަގަކުރައްވާ ގޮތުގައި، މައްސަލައަކީ ހަމައެކަނި ކާއްޓެއްނޫނެވެ. މައްސަލައަކީ އަޅުގަނޑުމެން ދިރިއުޅުމުގެ އާދަކާދައާއި ކެއުމުގެ ވައްޓަފާޅިއެވެ. ހިތުގެ ޚާއްޞަ ޑޮކްޓަރުން އިރުޝާދު ދެއްވާ ގޮތުގައި، ކާށީގައި ހަށިގަނޑަށް ފައިދާހުރި ބާވަތްތައް ހުރި ނަމަވެސް، އޭގައި ކެލޮރީއާއި ސެޗުރޭޓެޑް ފެޓް މަތީ މިންވަރަކަށް ހުންނާތީ، ކޮލެސްޓްރޯލް މަތި މީހުންނާއި ހިތުގެ ބަލިތަކުގެ ނުރައްކާ ބޮޑު މީހުން ކާށި ބޭނުންކުރަންވާނީ ވަކި މިންގަނޑެއްގައެވެ. ހަކުރު ގިނަ، އަދި ތެލުލި ކާނާއާއެކު ގިނައިން ކާށިކިރު ބޭނުންކުރުމަކީ ޓޯޓަލް ކޮލެސްޓްރޯލް (LDL+HDL) މައްޗަށް ދިއުމަށް މަގުފަހިވާ ކަމެކެވެ.
އަޅުގަނޑުމެންގެ ދިވެހި ކެއުންތަކުން ކާށި އެއްކޮށް އުނިކޮށްލުމަކީ ކުރަން ފަސޭހަކަމެއް ނޫނެވެ. އަދި އެއީ އޭގެ އެންމެ ރަނގަޅު ހައްލެއްވެސް ނޫނެވެ. ހަޤީޤަތުގައި ހުއްޓާލަންވީ ކާއްޓެއްނޫނެވެ. ހުއްޓާލަންވީ ކެއުމަށް ބޭނުންކުރާ ތެލުލީ ބާވަތްތަކާއި، ހަކުރުގިނަ ބުއިންތަކާއި، ފިޒީ އަދި އެނާޖީ ޑްރިންކްތަކާއި ޕްރޮސެސްކޮށްފައިވާ ކެއުމުގެ ބާވަތްތައް ނޫންތޯއެވެ. އެހެނަސް ކޮލެސްޓްރޯލްގެ މިންވަރު އާންމުކޮށް ހުންނަންޖެހޭ މިންވަރަށްވުރެ ގިނަ ބޭފުޅުން ކާއްޓާއިމެދު ސަމާލުވުމަކީ ހުށިޔާރު ފިޔަވަޅަކަށްވެގެންދާނެއެވެ. ކާށި ބޭނުންކުރުމުގައި ރައްކާތެރި އަދި މިންހެޔޮ ގޮތްތައް ޚިޔާރުކުރެވިދާނެއެވެ. މަސްހުނި ތައްޔާރުކުރާއިރު ކާށި މަދުކޮށް، ކަނޑުމަހާއި ފިޔާ އަދި ކޮޕީފަތްފަދަ ބާވަތްތަށް އިތުރުކުރެވިދާނެއެވެ. ރިހަ ކައްކާއިރު، ގިނައިން އޮލަކޮށް ކިރުއެޅުމުގެ ބަދަލުގައި ފެންކިރު ނުވަތަ އެހެން ބާވަތެއްގެ ލޯފެޓް ކިރަކާއި އެކު ބޭނުންކުރުން ނުވަތަ ކިރުގެ މިންވަރު މަދުކޮށްލުމާއި އަދި ކޮންމެ ދުވަހަކު ކާށި އެކުލެވޭ ބަވަތްތަށް ކެއުމުގެ ބަދަލުގައި ހަފްތާއަކު 1 ނުވަތަ 2 ދުވަހަށް މަދުކޮށްލެވިދާނެއެވެ. މީގެ އިތުރުން، ކޮންމެ ދުވަހެއްގެވެސް ހަރަކާތްތެރިވާ މިންވަރު އިތުރުކުރުމާއި، ކަސްރަތު ކުރުމާއި، ކެއުމުގައި ތަރުކާރީއާއި މޭވާ ގިނަކުރުމަކީ ކާށީގެ ރަހަ ލިބިގަންނަމުން ކޮލެސްޓްރޯލް ކޮންޓްރޯލް ކުރެވޭނެ ފުރިހަމަ މަގަކަށްވެގެންދާނެއެވެ.

ކާއްޓަކީ އަޅުގަނޑުމެންގެ ޘަޤާފަތާއި، ކާބަފައިންގެ ތަރިކައާއި، ދިވެހި ރަހަތަކުގެ އާރޯކަމެވެ. އޭގެ މީރުކަމުން އަޅުގަނޑުމެންގެ ސުފުރާތައް ފުރިހަމަވާއިރު، އަޅުގަނޑުމެންގެ ސިއްޙަތަށް ބެލުމަކީވެސް އަމިއްލަ ނަފުސަށާއި ޢާއިލާއަށް އޮތް ބޮޑު ޒިންމާއެއްނޫންތޯއެވެ. ކާށިން ލިބޭ މީރުރަހަ މުޅިން ދޫކޮށްނުލައި، މިންވަރު ކަނޑައަޅައިގެން ސިއްޙީ ހޭލުންތެރިކަމާއެކު ބޭނުންކުރުމުން، އަޅުގަނޑުމެންގެ ސުފުރާތަކުގެ ދިވެހިވަންތަކަން ހިފެހެއްޓުމާއެކު، ހިތުގެ ދުޅަހެޔޮކަންވެސް ރައްކާތެރިކުރެވޭނެނޫންތޯއެވެ.
މަސްދަރުތައް: ހަރވާރޑް ޓީއެޗް، ބްރިޓިޝް ހާރޓް ފައުންޑޭޝަން، މަޔޯ ކްލިނިކް ހެލްތް ސިސްޓަމް، ހާރޓް ފައުންޑޭޝަން ނިވްޒިލޭންޑް، ދަ އެމެރިކަން ޖަރނަލް އޮފް ކްލިނިކަލް ނިޔުޓްރިޝަން









