Advertisement
header ad
XeeTimesXeeTimes
ވިހެއުމަށްފަހު އިސްތަށި މާގިނައިން ފައިބަނީތަ؟

ވިހެއުމަށްފަހު އިސްތަށި މާގިނައިން ފައިބަނީތަ؟

ތުއްތު ދަރިފުޅު ދުނިޔެއަށް އުފަންވުމަކީ މައިންގެ ޙަޔާތަށް އަންނަ އެންމެ އުފާވެރި އަދި އެހާމެ ބޮޑު އިންގިލާބެކެވެ. އެ ކުޑަކުޑަ އަތްތިލައިގެ ހޫނުކަމާއި، މޫނުމަތިން ފެންނަ ހިނިތުންވުމުން މުޅި ގޭތެރެއަށް އަލިކަން ގެނެސްދެއެވެ. ނަމަވެސް، މި އުފާވެރިކަމުގެ ތެރެއިން، މައިމީހާގެ އަމިއްލަ ޖިސްމަށް އަންނަ ބަދަލުތަކަކީ ގިނަ ފަހަރަށް ސިއްރުން ނަމަވެސް ފުން އަސަރުތަކެއް ކުރުވާ ކަންކަމެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވެ، ގިނަ މައިން ކަންބޮޑުވާ އެއް ކަމެއްކަމަށް ބެލެވެނީ، ވިހެއުމަށްފަހު އިސްތަށިގަނޑަށް އަންނަ ބަދަލުތަކާއި، މާގިނައިން އިސްތަށި ފޭބުމުގެ މައްސަލައެވެ.

ވިހެއުމަށްފަހު އިސްތަށި ފޭބުމުގެ ސަބަބުތަކާއި ހޯރމޯންތަކުގެ ކުޅިގަނޑު

​ސިއްހީ ގޮތުން މި ކަމަށް ކިޔަނީ "ޕޮސްޓްޕާޓަމް ހެއާލޮޮސް" އެވެ. ހާސްނުވާށެވެ. މިއީ މުޅިން ޤުދްރަތީ އަދި ވަގުތީ ކަމެކެވެ. މާބަނޑު ދުވަސްވަރު ހަށިގަނޑުގައި އީސްޓްރޮޖެން (Estrogen) ހޯރމޯންގެ މިންވަރު އިންތިހާއަށް މަތިވެގެންދެއެވެ. މި މަތީ މިންވަރުގެ ސަބަބުން، އިސްތަށި ފޭބުމުގެ ގުދްރަތީ ސައިކަލު މަޑުޖެހި، ގިނަ އިސްތަށިތަކެއް އެއްފަހަރާ ދިރުމުގެ މަރުހަލާގައި ދެމިހުންނަތަން އާދެއެވެ. މިކަމުގެ ސަބަބުން ބައެއް އަންހެނުންގެ މާބަނޑު ދުވަސްވަރު އިސްތަށިގަނޑު ވަރަށް ބޯވެ، ވިދައި ބަބުޅާކޮށް ހުންނައިރު، އަނެއްބައި އަންހެނުންގެ އިސްތަށިތަށް ވަރުގަދަވެ ފޭބުން މަދުވެފައި އަދި ސިއްޙަތު ރަނގަޅުކަމުގައި ދައްކައެވެ.

Article - in content
Advertisement

​ނަމަވެސް، ވިހެއުމާއެކު މި ހޯރމޯންތަކުގެ މިންވަރު ކުއްލިއަކަށް ދަށަށް ގޮސް، ހަށިގަނޑު ކުރީގެ ޙާލަތަށް ރުޖޫއަވާން ފަށައެވެ. މީގެ ސަބަބުން ދިރުމުގެ މަރުހަލާގައި ހުރި އިސްތަށިތައް ކުއްލިއަކަށް 'ރެސްޓިންގ' ނުވަތަ ޓެލޮޖެން މަރުހަލާއަށް ބަދަލުވެ، ވިހެއުމުގެ 2-3 މަސް ފަހުން ގިނަ ޢަދަދަކަށް އިސްތަށި ފައިބަން ފަށައެވެ. ބައެއް ދިރާސާތަކުން ދައްކާގޮތުގައި ވިހެއުމަށްފަހު އަންހެނުންގެ ބޮޑު އިންސައްތައަކަށް މި ކަން އެކި މިންވަރަށް ތަޖުރިބާކުރަން ޖެހެއެވެ. އަދި ބައެއްފަހަރު މި މައްސަލަ ދަރިފުޅަށް 1 އަހަރު ނުވަތަ މަދު ޙާލަތެއްގައި 2 އަހަރު ވަންދެންވެސް ތަޙަންމަލުކުރަން ޖެހިދާނެކަމަށް ކަމުގެ މާހިރުން ފާހަގަކޮށްފައިވެއެވެ.

ހަމައެކަނި ޖިސްމާނީ ބަދަލެއް ނޫން؛ ނަފްސާނީ އަސަރު މާބޮޑު

​އިސްތަށިގަނޑުން ބައިބަޔަށް އިސްތަށި ފައިބައިގެން ދިއުމަކީ ފެންވަރާއިރު ނުވަތަ ފުނާ އަޅާލާއިރު ބަލައިލަން އުނދަގޫ މަންޒަރެކެވެ. ރޭގަނޑުގެ ނިދި ނަގާލާފައި ތުއްތު ދަރިފުޅުގެ ޑިއުޓީގެ ބުރަ މަސައްކަތުގައި 24 ގަޑިއިރު ހޭދަކުރާއިރު، ތިމާމީހާގެ ސިފައަށް އަންނަ މިފަދަ ބަދަލުތަކަކީ މައިމީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް ފުން އަސަރުތަކެއް ކުރުވާ ކަންކަމެވެ. އަމިއްލަ ނަފްސަށް ކުރާ އިތުބާރާއި ސެލްފް އެސްޓީމަށް ހީނަރުކަމެއް އައިސް، އެކަނިވެރިކަން އިޙްސާސް ކުރުވައި، މާބަނޑުވުމުގެ ކުރީގެ ހަނދާންތަކުގައި ނަފްސު ބެދި އަދި ބައެއް ޙާލަތްތަކުގައި އަމިއްލަ ނަފްސު ކުއްވެރިކޮށް އެކިއެކި ނަފްސާނީ ބަލިތަކެއްގެ ޝިކާރައަކަށްވެސް ވެގެންދިއުން މިއީ ވުން އެކަށީގެންވާ ކަންކަމެވެ.

​ނަމަވެސް، މިއީ ތިމާއަށް އެކަނި ދިމާވާ ކަމެއް ނޫން ކަމާއި، މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިއަން މައިން ތަޖުރިބާ ކުރަމުންދާ ކަމެއްކަން ދެނެގަތުމަކީ ވަރަށް މުހިންމުކަމެކެވެ. އަދި މިކަމާމެދު ކަންބޮޑުވެ މާޔޫސް ވުމުގެ ބަދަލުގައި ޑޮކްޓަރުންނާއި ތެރަޕިސްޓުންގެ ފަރުވާއާއި ލަފާ ހޯދުމަކީ ތިމާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އެޅޭ ވަރަށް އެހާމެ މުހިންމު ފިޔަވަޅަކަށް ވެގެންދާނެއެވެ.

ކުރެވިދާނެ ކަންކަމާއި ސިއްހީ ލަފާތައް

​މި ކަމަކީ ހޯރމޯންތައް އަމިއްލައަށް ހަމައަކަށް އެޅުމުން އޭގެ ޒާތުގައި ރަނގަޅުވާ ކަމަކަށް ވީނަމަވެސް، މި ދުވަސްވަރު އިސްތަށިގަނޑަށް ޚާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ. އޭގެ ތެރޭގައި:

​ކާނާގެ ވައްޓަފާޅި: ހަށިގަނޑަށް ބޭނުންވާ ވިޓަމިންތަކާއި، ޚާއްސަކޮށް އަޔަން (Iron) އަދި ޕްރޮޓީން ފަދަ މާއްދާތައް ލިބޭ ފަދަ ރަނގަޅު ކާނާ ކެއުން.

​ސެންސިޓިވް ޝޭމްޕޫ ބޭނުންކުރުން: އިސްތަށިގަނޑު ބޯކޮށްދައްކާ ވޮލިއުމައިޒިންގ ޝޭމްޕޫ ބޭނުންކުރުމާއި، ސަލްފޭޓް ފްރީ ޝޭމްޕޫތަށް އިޙްތިޔާރުކޮށް އަދި ބާރުގަދަ ކެމިކަލްތަކުން ދުރުވުން.

​އިސްތަށިގަނޑަށް ބާރުނުކުރުން: ވަރަށް ބާރަށް ބޯ އައްސާފައި ބެހެއްޓުމުގެ ބަދަލުގައި، ވީހާވެސް ގިނައިން އިސްޓަށިގަނޑު ނައައްސާ ދޫކޮށްލާފައި ބެހެއްޓުމާއި އަދި އައްސާނަމަ ދޫކޮށް އައްސާލުން ނުވަތަ ދައްޗަކުން ފަހަތަށް ކުލިޕުކޮށްފައި ބެހެއްޓުން

​އުންމީދުގެ އަލިކަން: މިއީ ވަޤުތީކަމެއްކަން ދެނެގަތުން

​އެންމެ މުހިންމު ކަމަކީ، މިއީ ދާއިމީ ކަމެއް ނޫން ކަން ދެނެގަތުމެވެ. ވިހެއުމަށްފަހު ކުއްޖާގެ 2ވަނަ އަހަރު އަންނަންވާއިރަށް ނުވަތަ ބައެއް ކަނބަލުންނަށް އޭގެ ކުރިންވެސް އިސްތަށިގަނޑު ކުރީގެ ޙާލަތަށް ރުޖޫއަވާން ފަށައެވެ. ކޮންމެ އިސްތަށްޓެއް ފައިބައިގެންދާއިރު، އޭގެ ބަދަލުގައި އާ އިސްތަށިކޮޅެއް ފަޅައިގަންނާނެއެވެ. މިވަގުތުކޮޅުގައި ބޮލުގެ ހަންގަނޑަށް ކާނާދީ، މަސާޖުކޮށް ހެދުމުން އަލަށްފަޅާ އިސްތަށިތަކުގެ ސިއްޙަތު އިތުރަށް ރަނގަޅުވުމަކީ އެކަށީގެންވާކަމެކެވެ.

​މައިންނޭވެ! ތިޔަ ހަށިގަނޑު މިވަނީ އާ ފުރާނައަކަށް ޖާގަދީ، އިންސާނީ ދަރިކޮޅު ދެމެހެއްޓުމުގެ މަތިވެރި މަސައްކަތެއް ކޮށްފައިކަން ހަނދާނުގައި ބަހައްޓާށެވެ. އެ ކުޑަކުޑަ ދަރިފުޅުގެ ހިނިތުންވުމާއި، ތިޔަ ހަށިގަނޑުގެ ޤުރުބާނީގެ އަގު ވަޒަންކޮށް، އަމިއްލަ ނަފްސަށް އޯގާތެރިވާށެވެ. މިއީ ވަގުތީ ކަމެކެވެ. އަދި ތިޔަ އިސްތަށިގަނޑުގެ ފުރިހަމަކަން ﷲގެ މިންވަރުފުޅުން އިސާހިތަކު އައިސްދާނެއެވެ. ޑޮކްޓަރުންގެ ލަފާގެ މަގިން ޢަމަލުކޮށް އެ ދުވަހަކަށް އިންތިޒާރު ކުރާއިރު، ތިމާމީހާގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް ސަމާލުކަންދީ ކޮންމެ ޙާލެއްގައިވެސް އަމިއްލަ ނަފްސު ދެކެ ލޯބިވަމާ ހިނގާށެވެ.

މަސްދަރު: އެމެރިކަން އެކަޑަމީ އޮފް ޑަރމަޓޮލޮޖީ، ޑަރމްނެޓް

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —