މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމަޢުން ފެންނަމުންދަނީ ނުހަނު އުފާވެރި، ހިތްގައިމު މަންޒަރެކެވެ. ސިއްޙީ ދުޅަހެޔޮކަމާމެދު ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުވެ، ދިރިއުޅުމުގެ އާދަކާދައަށް އަންނަމުންދާ ހެޔޮ ބަދަލުތަކަކީ ހަޤީޤަތުގައިވެސް ބަލައިގަންނަންޖެހޭ އަދި އުފާކުރަންޖެހޭ ކަމެކެވެ.

ހެނދުނުގެ ފިނި ވަގުތުތަކުގައްޔާއި، ރޭގަނޑުގެ ކެއުމަށްފަހު ޢާއިލާއާއި ރަޙުމަތްތެރިންނާއެކު ހިނގާލަން ނުކުންނަ މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އަދި ކަސްރަތު ޓްރެކްތަކުގެ ބޭނުން ހިފާ މީހުން ގިނަވަމުންދާއިރު، ކައިރި ފިހާރަތަކަށާއި މިސްކިތްތަކަށް ދިއުމުގައި އުޅަނދުފަހަރުގެ ބަދަލުގައި ފައިމަގުގައި ދިއުމުގެ ރީތި އާދަ މުޖުތަމަޢުގައި އަށަގަންނަމުންދާކަމީ ނުހަނު ހިތްހަމަޖެހޭ ކަމެކެވެ.
މިފަދަ ހިނގާލުންތަކަކީ ހަށިގަނޑަށް ފައިދާހުރި، ހިތުގެ ދުޅަހެޔޮކަމާއި ބުންވަރު އިތުރުކޮށްދޭނެ ގޮތަކަށް ބައްޓަންކުރެވިދާނެ ކަމެއްކަމުގައި ފާހަގަވެފައިވާތީ، މިކަމަށް ޚާއްޞަ ޒަމާނީ އުކުޅުތަކާއި ފައިދާތަކާ ގުޅޭގޮތުން ހޯދިފައިވާ މުހިންމު މަޢުލޫމާތުތަކެއް ތިރީގައި ޙިއްޞާކޮށްލާނަމެވެ. ދިރާސާތަކުން ދައްކާގޮތުގައި އާދައިގެ ގޮތަކަށް އެއްވަރެއްގައި ހިނގުމުގެ ބަދަލުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލުވެފައިވާ، ހިތުގެ ވިންދާއި ބުންވަރު ވަރުގަދަކޮށްދޭ މި ހިނގުމުގެ އުކުޅުތައް ބޭނުންކުރުމުން ހިނގުމުގެ ފައިދާ ދެގުނަވެ، އޭގެ އުފާވެރިކަން ބޮޑުވެގެންދާނެއެވެ.
މިފަދަ ހިނގުން ތަކުގެ ތެރެއިން އެންމެ ފުރަތަމައަށް ފާހަގަކޮށްލަން ބޭނުންވަނީ ޖަޕަނީޒް އިންޓަވަލް ވޯކިންގ ޓްރެއިނިންގ (IWT) ނަމަކަށްކިޔާ ހިނގުމުގެ އުކުޅެކެވެ. މިއީ ހަށިގަނޑަށް އެހާ ބުރަނުކޮށް، ހިތާއި ލޭހޮޅިތަކުގެ ނިޒާމު ވަރުގަދަކުރުމަށް ޖަޕާނުގައި ތަރައްގީކޮށްފައިވާ ވަރަށް ކާމިޔާބު ނިޒާމެކެވެ. މި ހިނގުމުގެ އުކުޅުގައި، 3 މިނެޓް ވަންދެން ބާރަށް ހިނގުމަށްފަހު، އެއާއި ވިދިގެން އަންނަ 3 މިނެޓް ވަންދެން މަޑުމަޑުން ނުވަތަ އާދައިގެ މަތިން ހިނގާ ހިނގުމެއްގައި ހިނގާނީއެވެ. މިގޮތަށް 30 މިނެޓް ހަމަވަންދެން (5 ސެޓު) ތަކުރާރުކުރުމުން ލޭގެ ޕްރެޝަރު ދަށްކޮށްދިނުމާއި، ފައިގެ މަސްތައް ވަރުގަދަކޮށް، ހަށިގަނޑުގެ އޮކްސިޖަން ހިފެހެއްޓުމުގެ ޤާބިލުކަން އިތުރުކޮށްދެއެވެ.
މިއާއި ޚިލާފަށް، ސުވިޑަންގެ މަޝްހޫރު "ފާޓްލެކް" ވޯކިންގ އަކީ ހަރުކަށި މިނިޓުތަކެއްގެ ބަދަލުގައި ވަށައިގެންވާ މާހައުލާއި މަންޒަރުތައް ބޭނުންކޮށްގެން ކުރާ ވަރަށް ފުރިހަމަ އަދި އެހާމެ މަޖާ ހިނގުމެކެވެ. މި އުކުޅުގައި، ބޭރުގައި ހިނގާފައި ދާއިރު ދުރުގައިވާ ވަކި ނިޝާނެއް ކަނޑައަޅައި، އެ ހިސާބަށް ވާޞިލުވަންދެން ވަރަށް ބާރަށް ނުވަތަ ޕަވަރ-ވޯކް ކޮށްފައި ދިއުމަށްފަހު ދެން ނޭވާ ހަމައަކަށް އެޅެންދެން ވަރަށް މަޑުމަޑުން ނުވަތަ އާދައިގެ ހިނގުމެއްގައި ހިނގަނީއެވެ. މިގޮތުން ކޮންމެ ފަހަރަކު އާ ނިޝާނެއް ކަނޑައަޅައިގެން ކުރިއަށްދިއުމުން ސިކުނޑިއަށް ތާޒާކަން ގެނެސްދީ، ހިނގުމުގެ ފޫހިކަން ފިލުވައިދިނުމުގެ އިތުރުން ހަށިގަނޑުގެ ހަލުވިކަމާއި އެޖިލިޓީ އިތުރުކޮށްދެއެވެ. ފިޓްނަސް މާހިރުން ފާހަގަކުރާ ގޮތުގައި، ފާޓްލެކް އަކީ ކަސްރަތު ކުރުމުގެ ތެރެއަށް ކުޅަދާނަކަމާއި އުފާވެރިކަން ގެނެސްދޭ، ހަށިގަނޑާއި ސިކުނޑި އެއްވަރަކަށް ބައިވެރިކޮށްދޭ ވަރަށް ފުރިހަމަ ހިނގުމުގެ އުކުޅެކެވެ.

ދެން ފާހަގަކޮށްލަން ބޭނުންވަނީ ނޯވޭޖިއަން 4x4 ޕްރޮޓޮކޯލްގެ އުކުޅެވެ. މިއީ ހަށިގަނޑުގެ އޮކްސިޖަން ބޭނުންކުރުމުގެ ގާބިލުކަން އަދި ކާޑިއޯރެސްޕިރޭޓަރީ ފިޓްނަސް ހަލުވިކަމާއެކު މަތިކުރުމަށް އެންމެ މަޝްހޫރު އެއް އުކުޅުކަން ފާހަގަކޮށްލަމެވެ. މި އުކުޅުގައި އުސްބިމަކަށް އެރުމުގެ ސިފަޔަށް ނުވަތަ ވަރަށް ބާރަށް ނޭވާކުރުވާވަރުގެ ބާރު ސްޕީޑެއްގައި 4 މިނެޓް ވަންދެން ހިނގުމަށްފަހު، ހިތުގެ ވިންދު ހަމައަކަށް އެޅުވުމަށްޓަކައި 3 މިނެޓް ވަންދެން މަޑުމަޑުން ހިނގާނީއެވެ. މި ސައިކަލް 4 ފަހަރު ތަކުރާރުކުރުމުން ދުވުމުގެ ސަބަބުން ހުޅުތަކަށް ލިބޭ ގެއްލުމަކާނުލައި، ހިތުގެ ދުޅަހެޔޮކަމަށް އެހީތެރިކަމެއް ލިބިގެންދެއެވެ. މަޝްހޫރު ކާޑިއޯރެސްޕިރޭޓަރީ ރިސާޗަރު ޑރ. ވިސްލޯފް ފާހަގަކޮށްފައިވާ ގޮތުގައި، ނޯވޭޖިއަން 4x4 ޕްރޮޓޮކޯލަކީ ހިތުގެ މަސްތައް ވަރުގަދަކޮށް، އޮކްސިޖަން ފޯރުކޮށްދޭ މިންވަރު ހަލުވިކަމާއެކު އިތުރުކޮށްދޭ އިތުބާރު ހުރި ސައިންޓިފިކް އުކުޅެކެވެ. މިއީ އަމިއްލަ ނަފުސުގެ ގާބިލުކަން އިމްތިޙާނުކޮށް، ކޮންމެ ގޮންޖެހުމަކާ ކުރިމަތިލުމުގެ ހިތްވަރު ލިބިދޭ ފަދަ އާރޯކަމެއް ގެނެސްދޭ ކަމެކެވެ.

މީގެ އިތުރުން، ފިޓްނަސް މާހިރުން އާންމުންނަށް ފަސޭހައިން އާދަކުރެވޭގޮތަށް ތައްޔާރުކޮށްފައިވާ 5-2-4 މެތޮޑަކީ ވެސް މަސްތަކާއި ކާޑިއޯގެ ކެތްތެރިކަން އިތުރުކުރުމަށް ރަނގަޅު އުކުޅެކެވެ. ފުރަތަމަ 5 މިނެޓް ވަންދެން އާދައިގެ، ހޫނުވުމުގެ ސްޕީޑެއްގައި ހިނގުމަށްފަހު، ދެން ބާރު ސްޕީޑަކަށް ބަދަލުވެ 2 މިނެޓް ވަންދެން ބާރަށް ޕަވަރ-ވޯކް ކުރާނީއެވެ. އެއަށްފަހު މެދުމިނުގެ ސްޕީޑެއްގައި 4 މިނެޓް ރިކަވަރީ ވޯކް ކުރުމަށްފަހު، މި، 2 މިނެޓް ބާރު އަދި 4 މިނެޓް މަޑު ސައިކަލް 3 ފަހަރު ނުވަތަ 4 ފަހަރު ތަކުރާރުކުރާނީއެވެ. ކުރު މިނިޓުކޮޅެއްގެ ބާރު ސްޕީޑާއި ދިގު ރިކަވަރީ ވަގުތު އެކުލެވިގެންވުމުން، އަލަށް ފަށާ މީހުންނަށާއި ހުޅުތަކަށް ތަދުވާ ފަރާތްތަކަށް މިއީ ވަރަށް ފަސޭހަ އަދި ދެމެހެއްޓެނިވި އުކުޅެއްކަމަށް ބެލެވެއެވެ. އަވަސް އަރުވާލުމެއްނެތި، އަމިއްލަ ހަށިގަނޑަށް އެންމެ ފުރިހަމައަށް، އެކަށީގެންވާ މިނިވަން މާހައުލެއްގައި ކުރިއަށްދިއުމުގެ ހަމަޖެހުން މިއިން ލިބިގެންދެއެވެ.
ނިންމާލަމުން ދަންނަވާނަމަ، މި ހުރިހާ އުކުޅުތަކަކީވެސް ޖިމަކަށް ނުގޮސް، ހަމައެކަނި ހިނގާލުމުގެ ތެރެއިން ހަށިގަނޑަށް ފުރިހަމަ ދުޅަހެޔޮކަމެއް ހޯދައިދޭ ޒަމާނީ އުކުޅުތަކެކެވެ. މިއިން ކޮންމެ އުކުޅެއްވެސް ތިމާގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ފެތޭގޮތަށް ބޭނުންކޮށްގެން، ހިނގުމުގެ އާދަ އިތުރަށް ކާމިޔާބު އަދި އުފާވެރިކޮށްލެވިދާނެއެވެ.
މަސްދަރުތައް: ޕަބްމެޑް، ޖަރނަލް އޮފް އެޕްލައިޑް ފިޒިއޮލޮޖީ، ކަރޑިއެކް އެކްސަސައިޒް ރިސަރޗް ގްރޫޕް، ބްރިޓިޝް ޖަރނަލް އޮފް ސްޕޯޓްސް މެޑިސިން









