Advertisement
header ad
XeeTimesXeeTimes
ނަފްސުގެ ހަމަޖެހުން ގެއްލޭ ދުވެލި: ސްޓްރެސް އާއި ބަރން-އައުޓުން ސަލާމަތްވާނީ ކިހިނެއް؟ ސިއްޙަތު

ނަފްސުގެ ހަމަޖެހުން ގެއްލޭ ދުވެލި: ސްޓްރެސް އާއި ބަރން-އައުޓުން ސަލާމަތްވާނީ ކިހިނެއް؟

ހެނދުނުގެ ފުރަތަމަ އަލިކަން ދޮރުފޮތިގަނޑު ދޭތެރެއިން ކޮޓަރިތެރެއަށް އެޅިލާއިރު، އަޅުގަނޑުމެންގެ ސިކުނޑި އޮންނަނީ އެތައް ސަތޭކަ ކަމަކުން ތޮއްޖެހިފައެވެ. އެއީ އެއްވެސް އަޑެއް ނެތް ނަމަވެސް، އެތައް ހާސް އަޑެއް އެއްފަހަރާ ގުގުމަމުންދާ ކަހަލަ ނުތަނަވަސް އިޙްސާސެކެވެ.

މިއަދުގެ ދިރިއުޅުން ބައްޓަންވެފައިވާ ގޮތުން، ގިނަ ބަޔަކު ދިރިއުޅެމުން މިދަނީ ނިމުމެއް ނެތް މެރެތަނެއްފަދަ ދުވެއްޔެއްގައެވެ. ވަޒީފާގެ މާޙައުލުގެ ބުރަކަމާއި، ދަރިންގެ ކަންކަމާއި، ގެދޮރުގެ ޒިންމާތަކުގެ އިތުރުން މުޖުތަމައުގެ އެކި ފަރާތްތަކުން އަންނަ ބަރުދަން ބޮޑު ޕްރެޝަރުތަކުގަވެ. މިއީ ހަމައެކަނި ވަކި ބައެއްގެ ޙާލެއްނޫނެވެ. ކޮންމެ ދުވަހަކު ގޭތެރޭގެ ނުނިމޭ މަސައްކަތްތަކާއި ދަރިންގެ ޝެޑިއުލްތަކާއި އެކު އަމިއްލަ ނަފްސަށް އެއްވެސް ވަގުތެއް ނުލިބޭ މަންމައިންނާއި، އިމްތިޙާނުތަކާއި މުސްތަޤުބަލުގެ ކަންބޮޑުވުންތަކުގެ ދަށުގައި ތާށިވެފައިވާ ދަރިވަރުންނާއި، އަދި އޮފީހުގެ ޑެޑްލައިންތަކާ ހަނގުރާމަކޮށްކޮށް ވަރުބަލިވެފައިވާ މުވައްޒަފުންގެ ހިތުގެ ފުން އާދޭހެވެ.

​މިފަދަ ނުރައްކާތެރި ޙާލަތަކަށް ކަންކަން ވެއްޓެނީ ކީއްވެ ހެއްޔެވެ؟ ޖަވާބަކީ، އަޅުގަނޑުމެން އަމިއްލަ ނަފްސަށްވުރެ ބޮޑަށް އެހެނިހެން ޒިންމާތަކާއި އުއްމީދުތައް އިސްކުރަމުން ދިއުމެވެ. އެއްފަހަރާ އެތައް ކަމެއް ކުރުމުގެ އާދައަކީ އަޅުގަނޑުމެންގެ ސިކުނޑީގެ ޤާބިލުކަމަށް އުފުލައިނުގަނެވޭވަރުގެ ބޮޑު ކެކުޅުމެކެވެ. މިއަދުގެ މުޖުތަމަޢުގައި ގިނަ މީހުންވަނީ ނިމުމެއް ނެތް ލޫޕެއްގެ (އެއް ކަންތައްތަކެއް ތަކުރާރުވާ ބާރު ދުވެއްޔެއްގެ) ތެރޭގައެވެ.

Article - in content
Advertisement

މައިން، އެމީހުންގެ ހަށިގަނޑާއި، ވަގުތާއި، ނަފްސާނީ ދުޅަހެޔޮކަން ޤުރުބާންކޮށްގެން ހުރިހާ ކަމެއް ކުރަމުންދަނީ ދަރިންނަށްޓަކައެވެ. ދަރިވަރުން އިމްތިޙާނަކަށްފަހު އިމްތިޙާނަކަށް، އަދި އެސައިންމަންޓަކަށްފަހު އެސައިންމަންޓަކަށް ވަރުބަލިވުމެއް ނެތި މަސައްކަތްކުރަނީ، މައިންބަފައިންގެ ހުވަފެންތަކަށާއި އަދި މުސްތަޤުބަލުގައި ރަނގަޅު ވަޒީފާއެއް ލިބޭނީ އޭގެ ސަބަބުން ކަމަށް ޤަބޫލުކުރެވޭތީއެވެ.

އެތައްއަހަރެއް ވަންދެން ކިޔަވައިގެން ވަޒީފާއަކަށް ވަދެ، ލިބެން ހުންނަ މަދު ކުރިއެރުންތަކަށްޓަކައި ބުރަކޮށް މަސައްކަތްކުރެއެވެ. ދަލާއި ވަގުތު އޮއްސައިގެން، ބުރަ މަސައްކަތުން ދާއިމީ ރަނގަޅު ވަޒީފާއެއްގެ ބިންގާ އެޅޭއިރު، އޭގެ އެކަށީގެންވާ ނަތީޖާއެއް ފެންނަނީ މަދުބަޔަކަށެވެ. ބުރަ މަސައްކަތްކުރުމަކީ ރަނގަޅު ކަމެކެވެ. ނަމަވެސް، ސިކުނޑިއަށް ނޭވައެއްލާނެ ވަގުތު ނުދީ، މި ހުރިހާ ކަމެއްގެ ތެރޭގައި އަމިއްލަ ނަފްސަށް ދޭންޖެހޭ ވަގުތާއި ލޯބި ގެއްލި، ނަފްސާނީ އަދި ޖިސްމާނީ ވަރުބަލިކަމުގެ އެންމެ ފުން ފައްތަރަށް ނުވަތަ 'ބަރންއައުޓް' ގެ ޙާލަތަށް ވެއްޓިގެންދަނީ މަދުބައެއް ނޫނެވެ.

​މިފަދަ ނުތަނަވަސްކަމެއްގެ ތެރޭގައި އުޅެންޖެހުމުން، އެންމެ ފުރަތަމަ އަސަރުކުރަނީ އަޅުގަނޑުމެންގެ އަސާސީ ދިރިއުޅުމަށެވެ. ރޭގަނޑުގެ ހަމަހިމޭން ނިދި ގެއްލި، އެނދުގައި އޮންނަ ވަގުތުވެސް ސިކުނޑި އެނބުރެމުންދަނީ މާދަމާ ކުރަންހުރި ކަންކަމާއި ނުނިމި ހުރި ޒިންމާތަކުގެ މައްޗަށެވެ. ކެއުންބުއިމުގެ އާދަތައް ބަދަލުވެ، ގަޑިންގަޑިއަށް ރަނގަޅު ކާނާ ނުކެވި، ނުވަތަ ސްޓްރެސްއާއި ކަންބޮޑުވުންތަކުގެ ސަބަބުން ކެއުމަށް މުޅިން ފަރުވާކުޑަވެގެންދެއެވެ. ހަށިގަނޑަށް ބޭނުންވާ ޖިސްމާނީ ޙަރަކާތްތައް މަދުވެ، މުޅި ދިރިއުޅުން "ބިޒީ" ޖަލަކަށް ބަދަލުވެގެންދެއެވެ.

​މިފަދަ ނަފްސާނީ އަދި ޖިސްމާނީ ޙާލަތްތަކާ ގުޅޭގޮތުން މަޝްހޫރު ނަފްސާނީ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ލީނާ މެތިއު ފާހަގަކޮށްފައިވާގޮތުގައި، އިންސާނާގެ ސިކުނޑިއަކީ އަބަދަށް ކެތްކުރެވޭނެ އެއްޗެއް ނޫނެވެ. "މިއަދު އިންސާނާ ދިރިއުޅެމުން މިދަނީ ހުއްޓުމެއް ނެތް ނުރައްކަލެއްގެ ތެރޭގައި އުޅޭފަދަ ޚިޔާލީ ބިރެއްގެ ތެރޭގައެވެ. ސިކުނޑިއަށް އަބަދު ސްޓްރެސްވެފައި ހުރުމުން ހަށިގަނޑު އަބަދުވެސް ހުންނަނީ ޑިފެންސިވް ނުވަތަ އެލާޓް ޙާލަތެއްގައެވެ. މިއީ ދިގުދަންމާނަމަ ހަށިގަނޑުގެ ދިފާޢީ ނިޒާމަށް ނޭދެވޭ އަސަރުކޮށް، ނަފްސާނީ ބޮޑެތި ބަލިތަކަށް މަގުފަހިވާ ކަމެކެވެ. އަރާމު ކުރުމަކީ ބޭކާރު ކަމެއް ނޫނެވެ. އެއީ ސިއްޙަތު ސަލާމަތްކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ބަޔޯލޮޖިކަލް އަދި ނަފްސާނީ ފަރުވާއެކެވެ."

​އެހެންކަމުން، މި މާޔޫސްކަމުން ސަލާމަތްވެ، ދިރިއުޅުމަށް އަލުން އަލިކަމެއް ގެންނާނީ ކިހިނެއް ހެއްޔެވެ؟ ޖަވާބު އޮތީ އަޅުގަނޑުމެންގެ އަމިއްލަ އަތްމަތީގައެވެ. އެންމެ ފުރަތަމަ ކަމަކަށް، 'ނޫނެކޭ' ބުނަން ދަސްކުރަންޖެހެއެވެ. ހުރިހާ ކަމެއް އެއްފަހަރާ ފުރިހަމަކުރަން އުޅުމުގެ ބަދަލުގައި، އަމިއްލަ ނަފްސަށް ކުދިކުދި ހުސްވަގުތުކޮޅުތައް ހޯދައިދޭންޖެހެއެވެ. ދުވަހުގެ ތެރެއިން މަދުވެގެން ދިހަވަރަކަށް މިނެޓު، އެއްވެސް ޑިޖިޓަލް ވަސީލަތަކާ ނުލައި، ހަމަޖެހިލައިގެން އިނދެ ނޭވާލުމަށް ސަމާލުކަން ދިނުމަކީވެސް ސިކުނޑިއަށް ލިބޭ ބޮޑު ލުޔެކެވެ. އަދި މާ ބޮޑަށް ބުރަވެ ބަރންއައުޓާއި ހަމަޔަށް ވާޞިލްވާހެން ހީވާނަމަ، ވަޒީފާގެ މަސައްކަތްތަކާއި، ކިޔެވުމާއި، އާއިލީ ޒިންމާތަކާއި އެހެނިހެން މަސްޢޫލިއްޔަތުތަށް އެހެން މީހުންނާ ހިއްސާކޮށް، އެހީތެރިކަން ހޯދުމަކީ، ހުދު ތިމާގެ މަސްއޫލިއްޔަތުން ރެކިގަތުމެއް ނޫނެވެ. ކިއެއްތަ، އެއީ ދިރިއުޅުމުގެ އޮޑި ހަމައަކަށް އަޅުވައި، އަމިއްލަ ނަފްސު ގެއްލިގެން ދިޔަ ނުދިނުމަށްޓަކައި އެޅޭ ރަނގަޅު ފިޔަވަޅެކެވެ.

​ހިތްހަމަޖެހުމާއި އުފާވެރިކަމަކީ ކޮންމެވެސް ހިސާބަކުން ކުއްލިއަކަށް ލިބޭނޭ އެއްޗެއް ނޫނެވެ. އެއީ ކޮންމެ ދުވަހަކުވެސް ކުދިކުދި ގުރުބާނީތަކަކާއި އިޚްތިޔާރުތަކަކާއެކު އަމިއްލަ ނަފްސަށް ހޯދައިދޭންޖެހޭ ހަމަޖެހުމެކެވެ. އަމިއްލަ ނަފްސަށް އަޅައިލުމަކީ ކަންނެއްކަމެއްގެ ގޮތުގައި ނުދެކި، އެއީ ދިރިއުޅުމުގެ އޮޑި ހަމައިގައި ގެންދިއުމަށް އޮތް ވަރަށް މުހިންމު މަގެއް ކަމުގައި ދެކެމާ ހެއްޔެވެ. މިއަދު، މި އަވަސް ދުވެލިން ކުޑަކޮށް މަޑުޖެހިލައި، ހިތްހަމަޖައްސާލުމަށް ވަގުތުކޮޅެއް ހޯދަމާ ހެއްޔެވެ؟

މަސްދަރުތައް: ވަރލްޑް ހެލްތް އޯގަނައިޒޭޝަން، ޖަރނަލް އޮފް އޮކިއުޕޭޝަނަލް ހެލްތް ސައިކޮލޮޖީ، ސްލީޕް މެޑިސިން ރިވިއުސް 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —