2023 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ޣައްޒާއަށް ދެމުންދާ ވަރުގަދަ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން، އެ ސަރަހައްދުގެ ރައްޔިތުން ތަހައްމަލު ކުރަމުންދަނީ ބަޔާންކުރަން ދަތި ވޭންދެނިވި ހާލަތެކެވެ. ގެދޮރު ގެއްލި، ބަނޑުހައިހޫނުކަންމަތީ، ބޭސްފަރުވާއަށް ބޭނުންވާ އަސާސީ ސާމާނު ނުލިބި ހާލުގައި ޖެހިފައިވާ މި ދަނޑިވަޅުގައި، އިޒްރޭލުގެ ހިސާރުކުރުމުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ފުރޮޅުލީ ގޮނޑިތައް ވެސް ޣައްޒާއަށް ވެއްދުން ވަނީ މަނާކޮށްފަ އެވެ.

ތަޅުލެވިފައިވާ އުންމީދުތައް
އިޒްރޭލުގެ ހަމަލާއެއްގައި ނުކުޅެދުންތެރިކަން ލިބުނު އުމުރުން އެންމެ 8 އަހަރުގެ ލަޔާން އާސަލިއާ ވަނީ، މި މުހިންމު ސާމާނުތައް ޣައްޒާއަށް ވައްދައިދިނުމަށް އިޒްރޭލުގެ އިދާރާތަކަށް ގޮވާލާފަ އެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖޯޑަން ހަޝިމައިޓް ޗެރިޓީ އޯގަނައިޒޭޝަން (ޖޭއެޗްސީއޯ) އިން ހާމަކޮށްފައިވަނީ އެ ޖަމްޢިއްޔާއިން ފޮނުވަން މަސައްކަތްކުރި ފުރޮޅުލީ ގޮނޑިތަކުގެ ޝިޕްމެންޓްތައް ގުދަންތަކުގައި ހިފެހެއްޓިފައިވާ ކަމަށެވެ. ސަބަބަކީ އެ ތަކެތި ވެއްދުމަށް އެދުނު އެދުންތައް އިޒްރޭލު އިދާރާތަކުން ބަލައިނުގަނެ، ލަސްކޮށް ނުވަތަ "ޕެންޑިން" ކޮށްފައި އޮތުމެވެ.
އޮސްޓްރޭލިއަން ބްރޯޑްކާސްޓިން ކޯޕަރޭޝަން (އޭބީސީ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އެހީތަކުގެ ތެރޭގައި ހިމެނެނީ "ކިޑްސް އޮން ވީލްސް އެލަޔަންސް" އަދި "ވަީލްޗެއާޒް ފޯ ކިޑްސް" އިން ހަދިޔާކޮށްފައިވާ، އޮމާންނޫން މަގުތަކުގައި ވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އަދި ކުދިން ބޮޑުވަމުންދާ ވަރަކަށް ބަދަލުކުރެވޭ ފުރޮޅުލީ ގޮނޑިތަކެކެވެ.
ޔުނިސެފްގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޣައްޒާގައި 11,000 އަށްވުރެ ގިނަ ކުދިންނަށް ވަނީ ދިގު މުއްދަތަކަށް ފަރުވާއާއި އަޅައިލުން ބޭނުންވާ ފަދަ ނުރައްކާތެރި، ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަ ފަދަ އަނިޔާތަކާއި ދާއިމީ ނުކުޅެދުންތެރިކަން ލިބިފަ އެވެ. ޖޭއެޗްސީއޯއިން މި ފުރޮޅުލީ ގޮނޑިތައް ވެއްދުމަށް އެދި ހުށަހެޅީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށްވީ ނަމަވެސް، އިޒްރޭލުގެ ސީއޯޖީއޭޓީ (COGAT) އިން ވަނީ އެ އެދުން ދެކޮޅު ހަދާފަ އެވެ. އަދި ފާއިތުވި 19 މަސް ދުވަހު އެ އެދުން އޮތީ "ޕެންޑިން" ޖަހާފައެވެ.

ޑުއަލް ޔޫޒް ބަހަނާ: ބޭސްވެރިކަމުގެ ސާމާނާއި އެހީތެރިކަން މަނާކުރުން
އިޒްރޭލު ސަރުކާރުގެ މަސްދަރަކުން އޭބީސީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ފުރޮޅުލީ ގޮނޑި ގެނައުން މަނާކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް ސީއޯޖީއޭޓީން މި މައްސަލާގައި ސީދާ އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ. އަދި އޮކްޓޯބަރު 2025 ގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހު އެތައް ހާސް ފުރޮޅުލީ ގޮނޑިއަކާއި 22,000 ޓަނުގެ މެޑިކަލް ސާމާނު ވައްދަން ހުއްދަދީފައިވާނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.
ނަމަވެސް، އިޒްރޭލު ސަރުކާރުގެ އޮޅުވާލުންތަކާއި ބަހަނާތަކަކީ އެންމެނަށްވެސް އެނގި ދަސްވެފައިވާ ކަންކަމެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މި ތަކެތި ހިފަހައްޓާފައިވަނީ އަސްކަރީ ބޭނުމަކަށް ބޭނުންކޮށްފާނެ ކަމަށް ބަލައި "ޑުއަލް ޔޫޒް" (ދެގޮތަކަށް ބޭނުންކުރެވިދާނެ) ތަކެތީގެ ގޮތުގައި ކަނޑައަޅައިގެންނެވެ.
ފަލަސްތީނިއަން އޮސްޓްރޭލިއަން ނިއުޒީލެންޑް މެޑިކަލް އެސޯސިއޭޝަންގެ ޑރ. ޢަބްދުﷲ އަލް-ބަލާވީ ވިދާޅުވި ގޮތުގައި މި ފުރޮޅުލީ ގޮނޑިތަކަކީ އެއްވެސް ނުރައްކަލެއް އޮތް އެއްޗެއް ނޫނެވެ. މިއީ ހަމައެކަނި ފުރޮޅުލީ ގޮނޑިއަށް ވާއިރު، މީގެ ކުރިންވެސް ވަނީ ފުރޮޅުލީ ގޮނޑީގެ ބެޓެރިއާއި، އެކްސް-ރޭ މެޝިނާއި، އާއްމު އަތްފައި އުފެއްދުމަށް ބޭނުންވާ ސާމާނު ވެސް މަނާކޮށްފަ އެވެ. މީގެއިތުރުން ފާޚާނާ ތަށި، ނިދަން ބޭނުންވާ ސްލީޕިންބޭގް، ޓެންޓު ފޮތި، ރަޖާ، ޑައިޕަރު، ޝޭމްޕޫ އަދި ޓެންޓު ދަނޑި ފަދަ އަސާސީ ތަކެތި ވެސް ވަނީ ހިފަހައްޓާފަ އެވެ. ޣައްޒާގެ އާބާދީގެ 90 އިންސައްތަ މީހުން ގެދޮރު ނެތި ޙާލުގައި ޖެހިފައިވާއިރު، މިފަދަ ތަކެތި ނުލިބުމަކީ ބޮޑުވެފައިވާ އިންސާނީ ކާރިސާއެކެވެ.

ބައިނަލްއަޤްވާމީ ކަންބޮޑުވުންތަކާއި ޣައްޒާގެ ބިރުވެރި ހަޤީޤަތް
ހިއުމަން ރައިޓްސް ވޮޗްއިން ފާހަގަކޮށްފައިވާ ގޮތުގައި އިޒްރޭލުގެ މިފަދަ "ޑުއަލް ޔޫޒް" އުޞޫލުތަކަކީ ވަރަށް ފުޅާކޮށް އަދި އިންސާފެއް ނެތި އަމަލުކުރަމުންދާ އުޞޫލުތަކެކެވެ. އަދި ލޯމައިކްރޯސްކޯޕް، ފުރޮޅުލީ ގޮނޑި، ހިނގާބިނގާވާން ބޭނުންވާ ދަނޑި، އަދި އަޑުއިވުމުގެ ދަތިކަން ލިބިފައިވާ ކުދިންގެ ހިއަރިންގ އެއިޑްސް ފަދަ ތަކެއްޗަށް މި ލޭބަލް އެޅުން ހުއްޓާލުމަށް އެ ޖަމްޢިއްޔާއިން ގޮވާލާފައިވެ އެވެ.

އެމްނެސްޓީ އިންޓަރނޭޝަނަލްއިން ސިފަކޮށްފައިވާ ގޮތުގައި އިޒްރޭލުން ސަލާމަތީ އަދި ސިއްޙީ އެހީތެރިކަން މަނާކުރުމަކީ ނަސްލު ނައްތާލުމުގެ އަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ޑރ. އަލް-ބަލާވީ ވިދާޅުވި ފަދައިން، "އިންސާނީ އެހީތެރިކަން ހުއްޓިގެން ނުވާނެ އެވެ. މިއީ އެމީހުންގެ ހަރުކަށިކަމުގެ ސަބަބުން ވަމުންދާ ކަމެކެވެ."
މިހާރުވެސް ޣައްޒާގެ އެކި ސަރަޙައްދުތަކަށް އިޒްރޭލު ސިފައިން ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 73,900 އަށްވުރެ މައްޗަށް އަރާފައިވާއިރު، ޢާންމު ރައްޔިތުންގެ ދިރިއުޅުން ވަނީ އަނދަވަޅަކަށް ވެއްޓިފަ އެވެ. ޣައްޒާގެ ކުށެއްނެތް ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުރި މައުސޫމުންގެ އާދޭސްތަކަށް ބީރު ކަންފަތެއް ދީފައިވާ މި ދަނޑިވަޅުގައި، މުޅި ދުނިޔެއިން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އައު ހިތްވަރާއި އެކު މަސައްކަތްކުރަން އެބަޖެހެއެވެ.

ނިންމުން
ލަޔާން ފަދަ ކުދިންގެ ލޮލުން ފެންނަނީ ހަމައެކަނި ވޭނެއް ނޫނެވެ. އެއީ އަލިކަމެއް ނެތް އަނދަވަޅެއްގައި ވެސް ޒުވާން އުއްމީދުތަކެއް ހާސިލުކުރަން ބޭނުންވާ މައުސޫމް އެދުމެކެވެ. ފުރޮޅުލީ ގޮނޑިއަކީ ހަމައެކަނި ގޮނޑިއަކާއި ފުރޮޅެއް ނޫނެވެ. އެއީ ނުކުޅެދުންތެރިކަމުގެ ހިނދުރީގައި ތާށިވެފައިވާ ކުޑަކުއްޖަކަށް ލިބޭ ކުޑަކުޑަ މިނިވަންކަމެކެވެ. މިއަދު އެ ކުދިންގެ މިނިވަންކަން ހިފަހައްޓާފައިވީ ނަމަވެސް، އެ ކުދިންގެ ހިތްވަރާއި ޢަޒުމް ދުވަހަކުވެސް ނައްތައެއް ނުލެވޭނެއެވެ.









