November 22, 2024 02:12
Advertisement

-Advertisement-

ޝައްމާގެ އުފަލަކީ ނަރުސްކަން އިތުރަށް ދަސްކޮށް މީހުންނަށް ބުނެދިނުން

ކޮވިޑްގެ ހާލަތުގައި އެންމެ ޖެހިލުންކުޑަ އެއް ބަޔަކީ ނަރުހުންނެވެ. އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ސީނީއާ ރެޖިސްޓަރޑް ނާސް އާމިނަތު ޝައްމާއަކީ ކޮވިޑްގެ ހާލަތުގައި ހުރިހާ ވަގުތެއް ސިއްޙީ ޚިދުމަތަށް ހުސްކޮށްގެން ހުރި ޚިދުމަތްތެރިއެވެ. އޭނާ އަކީ ކްރިޓިކަލް ކެއާއަށް ހާއްސަ ނަރުހެކެވެ.

ކޮވިޑްގެ ހާލަތުގައި މަސައްކަތް ކުރިގޮތުގެ ވާހަކަތައް ޒީޓައިމްސް އާއި ހިއްސާ ކުރަމުން ޝައްމާ ބުނީ އެންމެ ހަލުވިކަމާއެކު ކޮވިޑް ފެތުރެން ފެށި ހިސާބުން ފެށިގެން ޑިއުޓީ ނިންމާފައި ގެއަށް ނުދާ ކަމަށެވެ. "ކޮވިޑްގެ އަދަދުތައް މަދުވާން ފެށިފަހުން ގެއަށް ދިޔައީ. އައިޖީއެމްއެޗުން އޭރު ވިލިމާލެއިން ސްޓާފުންނަށް ހަމަޖައްސައިދިން އެކޮމޮޑޭޝަންގައި އުޅުނީ." މިއީ ޕެންޑަމިކްގައި ޝައްމާއެކޭ އެއްގޮތަށް ގިނަ ސިއްޙީ ޚިދުމަތްތެރިން އުޅުނު ގޮތެވެ. އާއިލާއާއި ދުރުގައި ތިބެން ޖެހުނަސް ބައްޔަށް ހުށަހެޅިގެން ނުރައްކަލުގެ ތެރޭގައި އުޅެންޖެހުނަސް ޝައްމާ ފަދަ ނަރުހުންނަކަށް ފަރުވާލެއް ނެތެވެ. އުފަލަކީ ބަލިމީހުންގެ ޚިދުމަތުގައި ތިބުމެވެ.
2015ވަނަ އަހަރުން ފެށިގެން އައިޖީއެމްއެޗްގައި ނަރުސްކަން ކުރަމުން އަންނަ ޝައްމާ އެންމެ ފުރަތަމަ މަސައްކަތް ކުރަން ފެށީ އައިސީޔޫ ގައެވެ. އޭގެ ފަހުން އޭނާ މަސައްކަތް ކުރީ އިމަޖެންސީ ރޫމުގައެވެ.

އިމަޖެންސީ ރޫމުގައި މަސައްކަތް ކުރާއިރު "މާލޭގައި ހާދިސާއެއް ހިނގިޔަސް، މިސާލަކަށް ތަނެއްގަ ރޯވުން، ބަޔަކު ގެނބުން، މިކަހަލަ ކުއްލި ހާލަތްތަކުގައި އިމަޖެންސީ ރޫމަށް ވަރަށް ބާރުބޮޑުވާނެ. އެކަހަލަ ކޮންމެ ގަޑިއެއްގައި ގުޅާލިޔަސް ހޮސްޕިޓަލަށް އަންނަން ޖެހޭނެ." ކަމަށް ޝައްމާ ބުންޏެވެ. މިފަދަ ހުރިހާ ވަގުތަކަށްވެސް އޭނާ ހުންނަނީ ތައްޔާރަށެވެ. ސަބަބަކީ ނަރުސްކަމަކީ އޭނާ ނުހަނު ކުރާހިތުން ކުރާ ކަމަކަށްވެފައި ބަލިމީހުންނަށް ޚިދުމަތް ކުރުމަކީ ލިބޭ އުފަލަކަށް ވާތީ އެވެ.
ކްރިޓިކަލްކެއާ ނަރުހަކަށްވާތީ ކޮންމެ ކަމެއް ދިމާވެގެން ބަލިމީހަކު އަޔަސް އަވަސް ފަރުވާ ދިނުމަށް އޭނާ ހުންނަނީ ތައްޔާރަށެވެ. އިމަޖެންސީ ރޫމުގެ ނަރުހުންނާއި ޑޮކްޓަރުން ތިބެނީ ކުއްލި ހާލަތުގައި ފަރުވާދޭނެ ގޮތާއިގުޅޭ ތަފާތު ތަމްރީނުތައް ހަދާ އެކަންކަން ދަސްކޮށްގެންނެވެ. ޝައްމާ އަށް އައިޖީއެމްއެޗުން ވަނީ އެފަދަ ތަމްރީންތަކުގެ ފުރުސަތު ފަހިކޮށްދީފައެވެ. އަދި ދަސްވާ އެއްޗެއް އެހެންމީހުންނަށް ބުނެދިނުމަކީ ޝައްމާއަށް ލިބޭ ނުހަނު ބޮޑު އުފަލެކެވެ.
2020ވަނަ އަހަރު ކުރީކޮޅު އޭނާވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ބައެއް ނަރުހުންނަށް ކްރިޓިކަލް ކެއާ ޓްރޭނިންއެއް ދީފައެވެ. އަދި ހަމަ އެއަހަރުގެ ފެބުރުއަރީގައި އޭނާ ވަނީ އިންޑިއާގެ ކޮޗިންގައި ހުންނަ ރާޖަގިރި ހޮސްޕިޓަލުން ނާސިން އެޑްމިނިސްޓްރޭޝަން ޓްރެއިނިންގ އެއް ފުރިހަމަ ކޮށްފައެވެ.
ކ. ހުރައަށް އުފަން ޝައްމާގެ ތަޢުލީމީ ހަޔާތަށްބަލާއިރު ޕްރައިމަރީ ލެވެލް ނިންމީ ކަލާފާނު ސުކޫލުންނެވެ. އޭގެފަހުން ތަޢުލީމު ހާސިލުކުރީ އަމީނިއްޔާ ސްކޫލުންނެވެ. އެ ސްކޫލުން ގްރޭޑް 10 ނިންމިގޮތަށް ފެކަލްޓީ އޮފް ހެލްތް ސައިންސަސް އިން ނަރުސް ކޯސް ހަދައިގެން އެންމެ ފުރަތަމަވެސް އޭނާ މަސައްކަތް ކުރަން ފެށީ އައިޖީއެމްއެޗްގައެވެ. އޭގެ ފަހުން ސްރީލަންކާގެ ކާޓްސޫ ޔުނިވަރސިޓީ އިން ބެޗްލަރ އޮފް ނާސިން (އޮނާސް) ފުރިހަމަ ކޮށްފައިވެއެވެ.

ކިޔެވި ދުވަސްވަރުގެ ހަނދާންތައް ހިއްސާ ކުރަމުން ޝައްމާ ބުނީ "ސުޓޫޑެންޓް ލައިފްގައި ދިމާވި އައިސީޔޫގަ އުޅުނު އިންޑިއާ ފިރިހެން ނަރުހެއްކަމުގައިވާ ރެކިލް. އޭނާ ވަރަށް ކިޔައިދޭނެ. ދެން އުޅޭނެ ވަރަށް ގިނަދުވަސްވީ އިންޑިއާ ނަރުހެއް ވަސަންތާ. އޭނާއަކީވެސް ވަރަށް އިންސްޕަޔާވާ ކެރެކްޓާއެއް. ސުޓޫޑެންޓުންވީމަ ވަރަށް މިސްޓޭކްސް ހެދޭނެ. އެކަމަކު ރުޅިއެއް ނާންނާނެ، ވަރަށް ރީތިކޮށް ބުނެދޭނެ. ދިވެހި ނަރުހުންގެ ތެރެއިން ވަރަށް ގިނަ ނަރުހުންގެ ފަރާތުން އެހީތެރިކަން ލިބުނު. ވަރަށް ގިނަ އެއްޗެހި ދަސްވި" ކަމަށް ޝައްމާ ފާހަގަ ކުރިއެވެ.

އީއާރްގައި މަސައްކަތް ކުރާއިރު އެންމެ އުނދަގޫ ވަގުތަކީ ކުޑަކުއްޖަކަށް ކަމެއް ވެއްޖެނަމަ ނުވަތަ ކުއްލި މަރެއް ކަހަލަ ކަމެއް އާއިލާއަށް އަންގަންޖެހޭ ވަގުތުކަހަލަ ހިތްދަތި ވަގުތުތަކެވެ. އެފަދަ ވަގުތު ތަކުގައި ވަރަށް ދެރަވާ ކަމަށާއި ޝައްމާ ބުނީ ނަރުހުންނަކީ ކޮންމެ ހާލަތެއްގައިވެސް ބަލިމީހުންނާއި އެމީހުންގެ އެހީތެރިންނާ މުޢާމަލާތު ކުރަންޖެހޭ ފުރަތަމަ ބަޔަކަށް ވާއިރު "ވަރަށް ބޮޑަށް ކިޔަވަން ޖެހޭ. ކްރިޓިކަލް ތިންކިންގ ބޭނުންވޭ. އާދިރުމަކަށް މަރުހަބާ ކިޔާ ގޮތަށް އެތައް ބަޔަކު މަރުވާ ވަގުތުވެސް އެންމެ ގާތުގައި ނަރުހުން ތިބެން އެބަޖެހޭ. ޕޭޝަންޓުން އެޑިއުކޭޓް ކޮށްދޭންޖެހޭ ބަޔަކަށްވެސް ނަރުހުން އެބަވޭ."
ނަރުހަކަށްވާން ބޭނުންވީ ކީއްވެތޯ އަހާލުމުން ޝައްމާ ބުނީ ކުޑައިރު ސްކޫލު ބަންދުގައި ހުރައަށްގޮސް ހުއްޓާ ތަނެއް ކަނޑައިގެން ދިޔައަސް ސިއްޙީ މަރުކަޒަށް ދާން ބޭނުންވާ ކަމަށެވެ. އެތަނަށް ދާއިރު ނަރުހުން ކަންކަން ކުރާގޮތް ފެނި ބޭސް އަޅާދޭތަން ފެނުމުން އެކަން ވަރަށް ދަސްކުރާހިތްވާ ކަމަށް ބުންޏެވެ. އެއިރުންފެށިގެން ނަރުސްކަން ދަސްކުރަން ބޭނުންވެފައިހުރި ޝައްމާ އަށް ނަރުހަކަށް ވެވުނީ އޭނާގެ މައިންބަފައިންގެ ފަރާތުން ލިބުނު އެހީތެރިކަމުގެ ސަބަބުން ކަމަށް ފާހަގަ ކުރިއެވެ. "އަބަދުވެސް މަންމަ އާއި ބައްޕަގެ ފަރާތުން މި ކަމުގައި ހިތްވަރު ލިބޭ، މަންމަމެން އުޅުނީ ރަށުގައި. ބޮޑުދައިތަމެން ކައިރީގައި މާލޭގައި އުޅުނީ. އޭރު ގޭގައި އުޅުނު އާއިލާ މީހުންގެ ފަރާތުންވެސް ވަރަށް ބޮޑަށް އެހީތެރިކަން ލިބެމުން ދިޔަ." މިއީ ޝައްމާ ޝުކުރުވެރިކަމާއެކު ފާހަގަ ކުރަން ބޭނުންވި ފަރާތްތަކެވެ.

ޝައްމާ މިހާރު ބޭނުންވަނީ ނަރުސްކަމުގެ ތެރޭގައި ހުރި ތަފާތު ދާއިރާތައް ދެނެގަނެ އިތުރު ދާއިރާއަކުން ސްޕެޝަލައިޒްޑް ވުމަށެވެ. އަދި ބޮޑަށް ޝައުގުވެރިކަން ހުރީ ނާސިން އެޑްމިނިސްޓްރޭޝަނަށް ކަމަށް އޭނާ ފާހަގަކުރިއެވެ. މީގެ އިިތުރުން ބޭނުންވަނީ މީހުން ބިނާކުރުމަށެވެ. ނަރުސްކަން ކިޔަވައިދިނުމަކީ ވަރަށް ކުރާހިތްވާ ކަމެއް ކަމަށް ބުންޏެވެ. ނަރުސްކަން ކިޔަވާ ކުދިން ތަމްރީނުތަކަށް އައިޖީއެމްއެޗަށް އަންނަ އިރު ޝައްމާވެސް ގިނަ އަދަދެއްގެ ކުދިންނަށް ކަންކަން ބުނެދީފައި އެބަހުއްޓެވެ.
"ވަރަށް ގިނަ ސްޓޫޑެންޓުން ގެންގުޅެވިފަ ހުންނާނެ. ވަރަށް ވޭ ކިޔަވައިދޭހިތް. ދަސް ކުރަން އަންނަ ކުދިންވެސް ޑިއުޓީ ނިމުނީމަވެސް ބައިތިއްބަން. އެކުދިންނަށް ބުނެދެން"
ނަރުސްކަމުގައި އުޅޭއިރު ބައެއް މީހުން ވަރަށް ސުވާލު ކުރާނެ ބަލިމީހުން ސާފުކޮށް ހަދަން ފަކުރެއް ނުގަނޭހޭ. އަޅުގަނޑުމެންނަކަށް އެއީ އެހާ ބޮޑުކަމެއްނޫން. ފަހެއްވެސް ނުޖެހޭ. ފަކުރެއްވެސް ނުގަނޭ. އަބަދުވެސް އުފާވޭ ހެލްޕް ވެވުނީމަ" މިއީ ޝައްމާ އާއި މި ސުވާލުކުރާ ފަރާތްތަކަށް އޭނާ ދޭ ޖަވާބެވެ.

ނަރުސްކަމަކީ ހަމައެކަނި އަންހެނުންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި ފިރިހެން ނަރުހުންވެސް ވަރަށް މުހިންމު ކަމަށް ފާހަގަ ކުރަމުން އޭނާ ބުނީ "ފިރިހެން ބަލި މީހުންނަށް ވަރަށް އުނދަގޫވާނެ އަންހެން ނަރުހުން އައިސް ފެންވަރުވާ ސާފުކޮށް ހަދާއިރު. އެހެންވީމަ އަސްލު ވަރަށް މުހިންމު ފިރިހެން ނަރުހުންވެސް." އިންޓަވިއު ނިންމާލަމުން ޝައްމާ ބުންޏެވެ.

+1
1
+1
25
+1
3
+1
7
+1
0
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް