އޭޑީކޭ ހޮސްޕިޓަލުގެ ވިއްސާ ކޮޓަރިތެރެއިން އިވެމުން ދިޔައީ ދެންމެ ދެންމެ ވިހާފާނޭ ހީވާފަދަ ގޮތަކަށް މާބަނޑު މީހުންގެ ވޭނީ އަޑެވެ. ކުއްލި ކުއްލިއަށް އެއަންނަ ތަދަށް ކެތް ނުކުރެވޭޙާލު މަންމާ އޭ ކިޔާ ބާރަށް ރޮއެގަންނަ އަޑު އިވެއެވެ. ވިއްސާ ކޮޓަރި އަޅުގަނޑަށް ސިފަވަނީ އުފަލާއި ވޭނުން ފުރިފައިވާ އިޙުސާސްތަކެއް ހިމެނޭ ތަނެއްގެ ގޮތުގައެވެ. ދަރިފުޅު އުފަންވުމާއެކު ބައެއް މައިންބަފައިންގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ އަންނައިރު މަދުފަހަރަކު އެކަރުނަ ހިތާމައަށް ބަދަލުވެފަވެސް އެބަހުއްޓެވެ. މިހުރިހާ އިޙުސާސެއް ކޮންމެ ދުވަހަކު އެންމެ ކައިރިން ފެންނަ އެއްބަޔަކީ އަންހެނުންގެ ޚާއްސަ ޑޮކްޓަރުންނެވެ. ޑޮކްޓަރު އާމިނަތު ނުސްރާ އަކީ ވޭތުވެދިޔަ 9 އަހަރު ވަރުބަލިކަމެއް ނެތި އޭޑީކޭ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އަންހެނުންގެ ޚާއްސަ ޑޮކްޓަރެކެވެ.
ޑރ.ނުސްރާ
ސ.ހުޅުދޫ އަށް އުފަން ޑރ.ނުސްރާ ކުޑައިރު ކިޔެވީ ރަށު ސްކޫލުންނެވެ. އެއަށްފަހު އަހުމަދިއްޔާ ސްކޫލުންނާއި އަމީނިއްޔާ ސްކޫލުން ތަޢުލީމް ހާސިލް ކުރެއްވިއެވެ. ކުލިނިކަލް އެސިސްޓެންޓެއްގެ ގޮތުގައި އެންމެފުރަތަމަ ވަޒީފާ އަދާކުރެއްވީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އެއަށްފަހު އެމްބީބީއެސް ހައްދަވާ ސްޕެޝަލައިޒް ވީ ރަޝިއާގެ ކުރުސްކު ސްޓޭޓް މެޑިކަލް ޔުނިވަރސިޓީ އިންނެވެ.
ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުން
ޑރ.ނުސްރާ ވިދާޅުވިގޮތުން ޑޮކްޓަރަކަށް ވުމަށް އެންމެފުރަތަމަ ނިންމެވީ "އެއިރު ގިނަމީހުން ކިޔަވަނީ ޓިޗަރުކަމާއި ޑޮކްޓަރުކަން އެކަހަލަ ގޮތަކަށް. އަޅުގަނޑު ޢާއިލާއިން ކިޔެވުމަށް ވަރަށްބޮޑަށް ހިތްވަރުދޭނެ. ބަޔަލޮޖީއަށް ޝައުގުވެރިވި ހިސާބުން އަސްލު ޑޮކްޓަރަކަށްވުމުގެ ޝައުގު އުފެދުނީ"
އަޅުގަނޑުމެންގެ ތެރެއިން ގިނަ އަންހެނުންނެކޭ އެއްގޮތަށް ހުވަފެން ހަޤީޤަތަކަށް ހެއްދެވުމަށް ޑރ.ނުސްރާ ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. މިގޮތުން ލޯބިވާ ޢާއިލާއާއި ފިރިމީހާއާއި ދުރުގައި އެހެން ޤައުމެއްގައި ތުއްތު ދަރިފުޅު އަމިއްލައަށް ބަލަމުން ކިޔެވުން ފުރިހަމަކުރުން އެއީ ވަރަށްހިތްވަރު ހުރެގެން ކުރެވޭނެ ކަމެކެވެ. އެހެންނަމަވެސް އެމް.ބީ.ބީއެސް ހެއްދެވުމަށްފަހު ކިޔެވުން ނިންމާލެއްވީ އަންހެނުންގެ ޚާއްސަ ޑޮކްޓަރަކަށް ވެވަޑައިގެންނެވެ.
"ވަރަށް ހަދާން ނައްތާލަން އުދަގޫ ދަރިފުޅު އެކަނި ބަލަމުން ރަޝިއާގަ އަޅުގަނޑު ކިޔަވަން ހޭދަކުރި ދުވަސްތައް. ގުރެޖުއޭޝަންގައި ބައިވެރިވެ ސެޓްފިކެޓު ހޯދީވެސް ދަރިފުޅު ގޮވައިގެން ގޮއްސަ. އެއީ ވަރަށް ޚާއްސަ ވަގުތުކޮޅެއް" ޑރ. ނުސްރާގެ އެއުފާވެރި ވަގުތުކޮޅު ހިއްސާކުރައްވަމުން ވިދާޅުވިއެވެ.
ކިޔެވުމަށް އެންމެބޮޑު އެހީތެރިކަމެއް ވެދެއްވީ މަންމަ ހުމައިދާ ޙަމީދުގެ އިތުރުން ބައްޕަ އިބްރާޙީމް ޒަކީ އަދި ފިރިމީހާ މުޙައްމަދު ސުނޫސީ އާއި ޢާއިލާގެ އިތުރުން އެކީގަ އުޅުއްވި ރަހުމަތްތެރިންނެވެ.
މަސައްކަތުގެ މާޙައުލު
2012ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލުގެ އަންހެނުންގެ ޚާއްސަ ޑޮކްޓަރެއްގެ ގޮތުގައެވެ. މަސައްކަތުގެ މާޙައުލުގެ ގޮތުން، ވަރަށް ޒިންމާބޮޑު ބުރަ މަސްއޫލިއްޔަތެއް އުފުއްލަވަން ޖެހިވަޑައިގަންނަވައެވެ. އެހެންނަމަވެސް މިއަދާއި ހަމައަށް ދެމިހުންނެވީ ދެގޮތެއްނުވެ ޚިދުމަތް ކުރެއްވުމުގައެވެ. ބަލިމީހަކަށް، ބޭނުންވާ ކޮންމެ ވަގުތަކު އެންމެ ކައިރީގައި އެހީތެރިވެދެއްވުމަށް މަސައްކަތް ކުރައްވައެވެ.
އެވްރެޖުކޮށް ދުވާލަކު 25 ބަލިމީހުން ބައްލަވާއިރު ބައެއް ދުވަސް ދުވަހު އެޢަދަދު އިތުރުވެއެވެ. " އޭޑީކޭގަ އަޅުގަނޑުމެން މަސައްކަތްކުރާ ގޮތުން ކޮންމެ ޕޭޝަންޓަކަށްވެސް އެޕޭޝަންޓެއްގެ ޑޮކްޓަރ އެވެއިލަބަލް ވާނެ. ވަރަށްމަދު ދުވަހެއް ނޫނިއްޔާ އަޅުގަނޑުގެ ޑެލިވަރީ އެއް ނީންނަ ދުވަހެއް ނުދާނެ. ވަރަށް ގިނަމީހުން ވިއްސިފަ ހުންނާނީ"
މަސައްކަތުގެ މާޙައުލުގަ ވަރަށް އިމޯޝަނަލް ވަގުތުތައް އަންނަ ކަމަށާއި، ކޮންމެ މީހެއްގެ ވިހާ ވަގުތު އެއީ ވަރަށް ޚާއްސަ ވަގުތެއް ކަމަށް ޑރ.ނުސްރާ ފާހަގަކުރެއްވި އެވެ. " އެވަގުތު އެވިހާ މަންމައަކަށް އެއީ ވަރަށް އިމޯޝަނަލް ވަގުތެއް. ބޭބީ ލިބޭ ވަގުތު. އަޅުގަނޑަށްވެސް ވަރަށް ބޮޑަށް އިހުސާސްވޭ މަންމަމެންނަށް އެވަގުތު ކުރެވޭނެ އިހުސާސް. ހަމަ ފެންކަޅިވޭ ބޭބީ ލިބި ފުރަތަމަ ރޮއެލާ ވަގުތު" ހަނދާން ނައްތާލަން ދަތި އިޙުސާސްތަކެއް ކުރެވޭ ވަގުތުކޮޅު ޑރ. ނުސްރާ ހިއްސާ ކުރެއްވިއިރު އަޑުންވެސް އެއިހުސާސް އަޅުގަނޑަށް ކުރެވެއެވެ.
ތިންކުދިންގެ މަންމަ ފާހަގަކުރެއްވި ގޮތުގައި ކުޑަ 3 ކުދިން ގޮވައިގެން މިފަދަ ވަޒީފާއެއް އަދާކުރެއްވެނީ ޢާއިލާގެ ސަޕޯޓު ވަރަށްބޮޑަށް ލިބިގެންނެވެ.
"ޑިއުޓީ ނޫން ގަޑިތަކުގައި ވަރަށްގިނައިން ހޮސްޕިޓަލަށް ދާންޖެހޭ. އަޅުގަނޑު އަދާ ކުރާ ވަޒީފާ ވަރަށްބޮޑަށް އަންޑަސްޓޭންޑްވާތީ ކަންނޭގެ އެހާބޮޑު ސަޕޯޓެއް ފިރިމީހާ އާއި ޢާއިލާގެ ފަރާތުން ލިބެނީ. ފިރިމީހާގެ ޢާއިލާއާއި އެކު ދިރިއުޅޭއިރު ފިރިމީހާގެ އިތުރުން އަޅުގަނޑުގެ ކުދިންގެ މާމައާއި ކާފަ ވަރަށްބޮޑަށް އެހީތެރިވެދޭ. އެހެންވީމަ މިގޮތަށް މެނޭޖުކުރެވެނީ"
އަންހެނުންގެ އެންމެ ފާހަގަކުރެވެނީ ކޮންކަމެއް؟
ޑރ.ނުސްރާ ވިދާޅުވީ އަންހެނުންގެ އެންމެބޮޑަށް ފާހަގަކުރެވެނީ ސިސްޓް އުފެދުމުގެ މައްސަލަ (ޕޮލިސިސްޓިކް އޯވަރީ) އެވެ. ޚާއްސަކޮށް ޒުވާން އުމުރުގައި މިމައްސަލަ ދިމާވެ ދަރިމައިވުމަށް އުދަގޫތަކަކާއި ކުރިމަތިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
މިފަދަ އަންހެނުންނަށް ޑރ.ނުސްރާ ދެއްވީ "ބަރުދަން އިތުރުވުން ވަރަށްގިނަ ރާއްޖޭގައި. ޕޮލިސިސްޓިކް އޯވަރީއަށް ސީދާ ދޭނެ ފަރުވާއެއް ހޯދިފައެއް ނެތް. ހުރިހާ ރިސަރޗްއިން ވެސް ދައްކަނީ ބަރުދަން ހުންނަންޖެހޭ ވަރަށް ބަހައްޓާފަ، ސިއްޙަތަށް ފައިދާކުރާ ގޮތަށް ޑައެޓް ކުރުމުގެ އިތުރަށް، ކަސްރަތުކުރާ މީހުންނަށް ފައިދާ ކުރާ ކަމަށް. ބަރުދަން ހުންނަންޖެހޭ މިންވަރަށް ލުއިކުރީމަ ބަނޑުބޮޑުވުމަށް ފަސޭހަކަން ފާހަގަކުރެވޭ. ހެލްތީ ލައިފް ސްޓައިލެއް ޗޫސް ކުރުން ވަރަށް މުހިންމު" މި މެސެޖެވެ.
ކަސްރަތަށް ލޯބިކުރައްވާ
އަބަދުވެސް އެއްމިންގަޑެއްގައި ރީތިކޮށް ހަށިގަޑު ބެހެއްޓުމަށް ލޯބިކުރައްވާ ޑރ.ނުސްރާ ކަސްރަތު ކުރައްވާ ފޮޓޯއެއް ސޯޝަލް މީޑިއާއިން ފެނިފައިވާތީ އެކަމާގުޅޭ ގޮތުން ސުވާލު ދެންނެވީމެވެ.
"އަބަދުވެސް ރީތިކޮށް ހަށިގަނޑު ބަހައްޓަން ބޭނުން. އަޅުގަނޑުގެ ފްރެންޑެއް ކަމުގައިވާ ނާޒީ ވަރަށް ކިޔާނެ ހިގާށޭ ކަސްރަތުކުރަން. އެކަމަކު ބިޒީކަމުން ކަސްރަތުކުރަން ނުފެށި ހުއްޓާ މާބޮޑަށް ފަލަވާން ފެށީ. ދެން ހިތަށް އެރީ އެބަޖެހެއޭ ކަސްރަތުކުރަން. ކަސްރަތުކުރަން ފެށީމަ ވަރަށްބޮޑަށް ޝައުގު އުފެދުނު. ފިޒިކަލީ އަދި މެންޓަލީ ވަރަށްބޮޑު އެހީތެރިކަމެއް ލިބޭ ކަމެއް ކަސްރަތު ކުރުމަކީ. ސްޓްރެސް ފްރީކޮށްލަންވެސް ރަނގަޅު ކަމެއް މިއީ ކަސްރަތު ކުރުން" ވަޒީފާ އަދި ޢާއިލާއަށް ބުރޫ ނައަރާ ގޮތަށް ކަސްރަތު ކުރެއްވުމަށް ވަގުތު ހުސްކުރައްވާ ކަމަށް ފާހަގަކުރެއްވަމުން ވިދާޅުވިއެވެ.
ޢިބުރަތުން ފުރިގެންވާ މެސެޖު
އެންމެ ތަފާތު ހަދާނެއްގެ ގޮތުގައި ކުޑައިރު އެކީގައި ރައްޓެހިންނާއިއެކު ކުޅެން އުޅުއްވި ދުވަސްވަރު މަތިން ހަނދާން ކުރައްވަމުން ޑރ.ނުސްރާ ވަނީ އަންހެނުންނަށް ޚާއްސަ މެސެޖެއް ދެއްވާފައެވެ.
" ކޮންމެ އަންހެނަކަށްވެސް ގޮންޖެހުންތަކެއް ދިމާވޭ ޢާއިލާ އަދި ކުރާ މަސައްކަތް ބެލެންސް ކުރަން. ކިޔަވަން ވަގުތު ހޯދަންވެސް އުދަގޫ ވެދާނެ. އެގޮންޖެހުންތަކާއިއެކު ކުރިއަށްދިއުމަށް މަސައްކަތް ކުރާށޭ. އަންހެނަކަށް ވީތީ ފަހަތަށްނުޖެހޭށޭ. އަމިއްލައަށް ހެލްތީކޮށް ހުންނަށް މަސައްކަތްކުރާށޭ ބުނަން ބޭނުމީ"
އިންޓަވިއު ނިންމަވާލައްވަމުން ޑރ.ނުސްރާ ވަނީ ޢާއިލާއިންނާއި ފިރިމީހާ ދެއްވާ ސަޕޯޓް އުފަލާއިއެކު ފާހަގަކުރައްވާފައެވެ. މީގެއިތުރުން ރަހުމަތްތެރިންނާއި، އެކީގައި މަސައްކަތް ކުރައްވާ ޑޮކްޓަރުން ދެއްވާ އެއްބާރުލެއްވުން ފާހަގަކުރެއްވިއެވެ.