ދިވެހިރާއްޖޭގައި ކޮވިޑް-19 ވެކްސިން އަލަށް މިއަދު ވަނީ ޖަހަން ފަށައިފައެވެ. މިވެކްސިން އެންމެ ފުރަތަމަ ޖަހައިފައިވަނީ އައިޖީއެމްއެޗްގެ މެޑިކަލް އޮފިސަރ ޑރ.ޝިރާނީ ޢަބްދުއްރަޙްމާން އެވެ. މިކެމްޕޭންގެ ދަށުން ދެން ވެކްސިންޖެހީ އައިޖީއެމްއެޗް ގެ ނަރުހަކާއި، ހަކުރު ބަލި ހުންނަ މީހެކެވެ. އެއަށްފަހު ވެކްސިން ޖެއްސެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް އަދުނާނުގެ އިތުރުން ދައުލަތުގެ ބައެއް އިސްވެރިން ވަނީ މިއަދު ވެކްސިން ޖައްސަވައިފައެވެ.
ފްރޮންޓްލައިންގައި މަސައްކަތްކުރާ ޞިއްޙީ ދާއިރާއާއި ބަލީގެ ނުރައްކާތެރިކަން ބޮޑު ކެޓަގަރީގައި ހިމެނޭ އުމުރުން ދުވަސްވީ މީހުން ހިމެނޭގޮތަށް ޖުމްލަ 36 މީހަކު މިއަދު ވެކްސިން ޖަހާފައިވާ ކަމަށް ރައީސް އޮފީހުގެ ވެބްސައިޓްގައި ފާހަގަކޮށްފައިވެއެވެ. މުޅި ރާއްޖެއަށް މިއަދު ފެށި ވެކްސިން ޕްރޮގްރާމްގައި ނިންމާފައިވަނީ އެންމެފުރަތަމަ ސިއްޙީ ޚިދުމަތްތެރިންނަށް ވެކްސިން ޖެހުމަށެވެ. މާލެއާ އެކު އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގައި ވެކްސިން ޖެހުމުގެ މަސައްކަތް މިއަދު ވަނީ ފަށައިފައެވެ. މާލޭގެ ހުރިހާ ހޮސްޕިޓަލެއްގައި ވެކްސިން ޖެހުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މޯލްޑިވްސް ސެންޓަރ ފޮރ ސޯޝަލް އެޑިއުކޭޝަންގައި މިއަދު ބޭއްވި ކޮވިޑް-19 ދިފާޢު ކެމްޕޭން ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް، ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ކޮވިޑް-19ގެ ވެކްސިން ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
" ކުރިމަތިވެފައިވާ ދަތިޙާލަތުން އަރައިގަތުމުގެ ގޮތުން ވެކްސިން ޖެހުމުގައި ހުރިހާ ރައްޔިތުންގެ ބައިވެރިވުމާއި އެއްބާރުލުން ބޭނުންވާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި އެންމެފުރަތަމަ ބޭނުންކުރަން ފަށާފައި މިވަނީ އޮކްސްފަރޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ "އޮކްސްފަރޑް އެސްޓްރާޒެނެކާ ވެކްސިން"ގެ މައްޗަށް ބިނާކޮށް ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން "ކޮވިޝީލްޑް" ބްރޭންޑްގެ ދަށުން އުފައްދާފައިވާ ވެކްސިން އެއް ކަމަށް ރައީސް އޮފީހުގެ ވެބްސައިޓްގައި ފާހަގަކޮށްފައިވެއެވެ. އިންޑިއާ ސަރުކާރުން ވަނީ މި ވެކްސިންގެ 100،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ.
ކޮވިޑްއަށް ޕޮޒިޓިވް ވާ މީހުންގެ ޢަދަދު މަދުވުމަށްފަހު ވޭތުވެދިޔަ ހަފްތާއިން ފެށިގެން މިޢަދަދު ދަނީ އިތުރުވަމުންނެވެ. މިޙާލަތުގައި ވެކްސިންޖެހުމަކީ ވަރަށް މުހިއްމުކަމެކެވެ. ސިއްޚީ ތަޖުރިބާކާރުން ވިދާޅުވާގޮތުން ވެކްސިން ޖެހުމާހަމައަށް ދިޔައީ ރައްކާތެރިތޯ ބެލުމުގެ ވަރަށްގިނަ މަރުޙަލާތައް ކަޑައްތު ކުރުމަށްފަހުގައެވެ. އަދި ހަމައެއާއެކު ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމުގައި ހުރިހާ ރައްޔިތުންވެސް ސަމާލުކަން ދޭންޖެހެއެވެ.