November 23, 2024 17:57
Advertisement

-Advertisement-

ހިތުގެ ބޮޑު އޮޕަރޭޝަނަށް ކުދިންގެ ހައްޤުގައި އެދެނީ އެހީއަށް

މާލެއަށް އުފަން ފާތިމަތު ރަޝީދާއާއި ބ.ކުޑަރިކިލި އަޙްމަދު ރަމްޒީ އަކީ އުފާވެރި ދިރިއުޅުމެއް އުޅެމުން އައި ދެމަފިރިންނެވެ. ދެމަފިރިންގެ 14 އަހަރުގެ ކުއްޖަކާއި 8 އަހަރުގެ ކުއްޖަކު ހުރިއިރު، ފާތިމަތު ރަޝީދާގެ 18 އަހަރުގެ އިތުރު ކުއްޖަކު ހުރެއެވެ. ދެމަފިރިންގެ އުފާވެރި ދިރިއުޅުން ބަނަވެގެންދިޔައީ 2002ވަނަ އަހަރުން ފެށިގެންނެވެ.

ފާތިމަތު އަދި ރަމްޒީ އާއި ދަރިފުޅު

ޒީޓައިމްސް އަށް މަޢުލޫމާތުދެމުން ފާތިމަތު ބުނީ ފިރިމީހާ ވަރަށް ބޮޑަށް ހުންއައިސް ނިޔަފަތީގެ ކުލަ ބަދަލުވުމާއި ގުޅިގެން 2002 ވަނަ އަހަރު އޭޑީކޭ ޑޮކްޓަރަށް ދެއްކުމުން ވީހާ އަވަހަކަށް ރާއްޖެއިން ބޭރަށް ހިތުގެ އިތުރު ފަރުވާއަށް ދިއުމަށް އެއިރު ބުނި ކަމަށެވެ.

" ޑޮކްޓަރު ބުނީ ހަފްތާއެކޭ ދެވޭނީ. އަވަހަށް ފުރަން. އެފަހަރު އިންޑިއާއަށް ގޮއްސަ ހިތުގެ ލޯވަޅު ބައްދާފަ ވޭލް އަށް ފަރުވާކުރި. އަހަރަކު 2 ފަހަރު 2018 ވަނަ އަހަރާއި ހަމައަށް އިންޑިއާއަށް ގޮސް ޑޮކްޓަރަށް ދައްކަމުން ދިޔައީ. އެއަހަރު ޑޮކްޓަރު ބުނީ 2 އަހަރު ފަހުން އިންޑިއާއަށް ދާން. އެހެން ހުއްޓާ އަނެއްކާ މާބޮޑަށް ބަލިވާން ފެށީމަ އައިޖީއެމްއެޗް ޑޮކްޓަރަށް ދެއްކީ. އައިޖީއެމްއެޗްގެ ލަފައާއި އެއްގޮތަށް އާސަންދައިގެ ދަށުން އިންޑިއާއަށް ގޮއްސަ އަމްރިތާ ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ދެއްކީމަ ބުނީ އުއްމީދެއް ނެތް ކަމަށް" ވަރަށް އަސަރާއި އެކު ފާތިމަތު ކިޔައިދިނެވެ.

Advertisement

ރަމްޒީގެ ހިތުގެ 2 ވަނަ އޮޕަރޭޝަން ކުރެވުނީ 2019ވަނަ އަހަރު އޭޑީކޭ ހޮސްޕިޓަލުންނެވެ. "ޑރ.ޝާފިޢު އިސްވެ ހުންނަވައިގެން އޭޑީކޭ އިން ފަރުވާ ހޯދަން ފެށީ. ހިތުގެ ލޯވަޅުތައް ބެއްދުމުގެ އިތުރަށް ވޭލް ރިޕެއަރ ކުރީ އެފަހަރު އޮޕަރޭޝަންގައި. އެއިރުވެސް ލޭ ލީކުވާ ކަމަށް ބުނަމުންދިޔައީ. ވޭލް ބަދަލުކުރަން އޮޕަރޭޝަން ކުރަންޖެހޭ. އެއްފަހަރާ 2 އޮޕަރޭޝަން ކުރެވެން ނެތިގެން 2020ވަނަ އަހަރަށް ވޭލް ބަދަލުކުރުމުގެ އޮޕަރޭޝަން ފަސްކުރީ" އެ ފަސްކުރި އޮޕަރޭޝަން ނުކުރެވި ލަސްވީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ހާލަތަށް އައި ބަދަލުތަކުގެ ސަބަބުން ކަމަށް ފާތިމަތު ބުންޏެވެ.

މި ފެބުރުއަރީ މަހުގެ 10ވަނަ ދުވަހު ރަމްޒީގެ އޮޕަރޭޝަން ކުރުމަށް އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، އެ އޮޕަރޭޝަނަށް ބޭނުންވާ ޚަރަދުތައް ކުރާނެ މާލީ ތަނަވަސްކަމެއް ޢާއިލާގައި ނެތްކަމަށް ފާތިމަތުވަނީ ބުނެފައެވެ. ކުރިން ޖެނުއަރީ މަހުގެ 15ވަނަ ދުވަހު ކުރަން އޮތް އޮޕަރޭޝަން ފަސްވީ އައިސީޔޫގައި ކޮވިޑް ބަލިމީހެއް އޮވެގެންކަމަށް ޢާއިލާއިން ވަނީ ބުނެފައެވެ. 

" 2019ވަނަ އަހަރު އޭޑީކޭއިން ކުރި އޮޕަރޭޝަން ބިލަށް އަމިއްލަ އަތުން ދައްކަން ޖެހުނު 200000 އަށް ވުރެ ގިނަ ރުފިޔާ. އެއީ އަދި ބޭސް ސިޓީތައް ނުލާ. ބޭސް ސިޓީއަށް ބޭސް ނެގީވެސް އަމިއްލަ ޚަރަދުގަ. އެންސްޕާއިން ލިބުނީ 40000 ރުފިޔާ. އަޅުގަނޑަކަށް އަދި ނޭގޭ މިފަހަރު އޮޕަރޭޝަނަށް އަރާނެވަރެއްވެސް. އެކަމަކު ރާއްޖޭގެ އެހެން ހޮސްޕިޓަލަކުން މިއޮޕަރޭޝަން ކުރެވެން ނެތިގެން އޭޑީކޭއިން މިކުރަނީ" ބިލްދައްކާނެ ގޮތަކާއިމެދު ކަންބޮޑުވެފައިހުރި ފާތިމަތު ބުންޏެވެ.

ބަލިޙާލަތު ހުރިގޮތުން ކުރިންވެސް ރަމްޒީ އަށް ބުރަމަސައްކަތެއް ނުކުރެވެއެވެ. ވަޒީފާ އަދާކުރީ އަމިއްލަ ކުންފުންޏެއްގެ ސެކިއުރިޓީ ބެލެހެއްޓުމުގައެވެ. ވަރުބަލިވެ ބޯއަބުރާ ހޮޑުލެވި ނޭވާ ހާސްވުމުގެ ސަބަބުން ވަޒީފާއަކަށް ނުދެވޭތާ މިހާރު އަހަރެއްވެއްޖެ ކަމަށް ޢާއިލާއިން މަޢުލޫމާތުދެއެވެ.

ހިތާމައާއި އެކު ޙާލަތު ބަޔާންކުރަމުން ފާތިމަތު ބުނީ "އަޅުގަނޑުމެން ދިރިއުޅެނީ 3 ކުދިންނާއި އެކު 1 ކޮޓަރީގައި. އަޅުގަނޑުގެ ކޮޓަރީގެ މަތީގައި ހުންނާނެ ކުޑަ ތަންކޮޅެއް ހަދާފަ ކުއްޔަށްދޭން. އެތަނަށް ލިބޭ 5000 ރުފިޔާއިން ކެއުމާއި ބިލާއި ކުދިންގެ ކިޔެވުމުގެ ޚަރަދުތައް ބަލަހައްޓަނީ. މަހުގެ 15 އާއި ހަމައަށް ދާއިރު އަތުގަ އެއްޗެއް ނޯވޭ. އެހެންވެ ޢާއިލާއާއި ރަހުމަތްތެރިންގެ އެހީއާއިއެކު ދިރިއުޅޭއިރު ބޭސްފަރުވާ ކުރުމަށް ބޮޑު ޚަރަދެއް ކުރާނެ ތަނަވަސްކަމެއް ނެތް" މިގޮތަށެވެ.

ފާތިމަތުގެ މައިންބަފައިން ދުނިޔޭގަ ނެތްއިރު އެއްބަޑުގައި އިތުރު އަންހެނެއްވެސް ނެތެވެ. ކުދިން ބަލާނެ އިތުރު މީހަކު ނެތުމުން އޭނާއަށް ވަޒީފާއަކަށް ދެވެން ނެތްކަމަށް ވަނީ ބުނެފައެވެ. ކޮވިޑް އާއި ގުޅިގެން މާލެ ލޮކްޑައުން ކުރުމުގެ ކުރިން ގޭގައި ހެދިކާ ހަދާ ވިއްކުމުގެ އިތުރަށް މީހުންނަށް އިސްތިރިކޮށްދިނުން ކަހަލަ މަސައްކަތް ކުރިމަކުގައިވިއަސް މިހާރު އެމަސައްކަތް ހުއްޓި އާމްދަނީ އިތުރަށް ލިބޭނެގޮތެއް ނެތްކަމަށް ބުނެފައިވެއެވެ.

ރަމްޒީގެ ހިތުގެ ވޭލް ބަދަލުކުރަންޖެހޭ ބޮޑު އޮޕަރޭޝަނަށް ޢާއިލާއިން ތައްޔާރުވަމުންދާއިރު ރަމްޒީގެ ޙާލަތު މިހާރުވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައިކަމަށާއި، މިގޮތުން ވަރުބަލިވެ ހިގަން އުދަގޫވުމުގެ އިތުރަށް ހަރު ކާއެއްޗެހި ކާން އުދަގޫވެ ހޮޑުލެވެމުންދާ ކަމަށް ފާތިމަތުވަނީ ބުނެފައެވެ.

ރަމްޒީގެ ކުރީގެ 2 އޮޕަރޭޝަނަށް އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށާއި، އޭޑީކޭގެ މެނޭޖްމަންޓްގެ އިތުރަށް ޑޮކްޓަރުންނާއި ނަރުހުންނަށް ފާތިމަތުވަނީ ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ. އަދި ކުޑަ ދެކުދިންގެ ޙައްގުގައި ރަމްޒީއަށް ރަނގަޅުވެތޯ އޮޕަރޭޝަން ކުރުމަށް އެދެނީ ދީލަތީ އެހީތެރިކަމަށެވެ.

ނޯޓް: މި ޢާއިލާ އަށް އެކަށީގެންވާ މިންވަރަށް އެހީ ލިބިފައިވާތީ، މިރިޕޯޓުގައި ކުރިން ހިމަނަައިފައިވާ ފޯން ނަންބަރާއި އެކައުންޓް ނަންބަރު ވާނީ އުނިކޮށްފައެވެ.

Advertisement

ގުޅުންހުރި ލިޔުންތައް