November 21, 2024 22:37
Advertisement

-Advertisement-

ފޮޓޯ: ޔޫސުފު

ކުޑަ ކުޑަ ޔޫސުފުގެ ބޯ ދަނީ އާދަޔާ ޚިލާފަށް ބޮޑުވަމުން

އުމުރުން އެންމެ ފަސްމަހުގެ ޔޫސުފު ޙާމިދު މުޙައްމަދު އަކީ އާދަޔާ ޚިލާފަށް ބޯ ބޮޑުވުމުގެ ސަބަބުން ވީހާވެސް އަވަހަކަށް އޮޕަރޭޝަން ކުރަންޖެހިފައިވާ ކުއްޖެކެވެ. އޮޕަރޭޝަން ކުރުމަށް ޔޫސުފުގެ މަންމަ ޢާއިޝަތު އާސިދާ އާއި ބައްޕަ ޙާމިދު މުޙައްމަދު މާލެ އައިސް އުޅޭތާ އެއް މަސް ދުވަސް ހޭދަވަނީ އެވެ.

އޭޑީކޭގެ ޑޮކްޓަރާއި މަޝްވަރާ ކުރުމަށްފަހު ކުޑަދަރިފުޅު ގޮވައިގެން މާލެ އައިއިރު، އޮޕަރޭޝަން ނުކުރެވި ލަސްވަމުން ދަނީ ޑޮކްޓަރު ބަލިވެގެން ޗުއްޓީގައި ހުރުމުންނެވެ.

އާސިދާ އަދި ޙާމިދު ދަރިފުޅު ޔޫސުފު އާއި އެކު ނަގާފައިވާ ފޮޓޯ އެއް

"މި ފެށޭ ހަފުތާގެ މެދުތެރޭގައި ޑޮކްޓަރަށް ޑިއުޓީއަށް ނުކުމެވޭނެ ކަމަށް ބުނަނީ. މާލޭގަ ތިބެން މިޖެހެނީ ދުވާލަކު 300 ރުފިޔާ ޚަރަދުކޮށްގެން ދުވަހު ކުއްޔަށް ކޮޓަރިއެއްގަ. އަޅުގަނޑުމެން އުޅުނީ ޑޮކްޓަރު ބަލިވީމަ ރަށަށް ދާންވެގެން. އެކަމަކު ޑޮކްޓަރު ބުނީ ކޮންމެވެސް ގޮތަކުން މަޑުކުރަން. ބޭބީގެ ބޯ މާބޮޑުވީމަ. އެހާގިނަ ދުވަހު މާލޭގަ ތިބެވޭނެ ތަނަވަސްކަމެއް ނެތް. އަޅުގަނޑުމެންނަށް އެއްވެސް ގޮތެއް ނެތިގެން އެހީ ހޯދަން މިއެދެނީ" ޔޫސުފުގެ މަންމަ އަސަރާއިއެކު ކިޔައިދިނެވެ.

Advertisement

ޔޫސުފަކީ ދުވަސް ނުފުރާ ސިޒޭރިއަން ހަދައިގެން ނެގި ކުއްޖެކެވެ. އާސިދާގެ ބަނޑަށް 5 މަހުގައި ފެންދުލި ފަޅައިގެން ދިޔައިރު، ކުޑަ ދަރިފުޅު ނެގީ ބަނޑަށް 7 މަހުގައި އައިޖީއެމްއެޗް އިންނެވެ.

 "ފެންދުލި ފަޅައިގެން ދިއުމުން އުގޫފާރު ހޮސްޕިޓަލުގައި އެޑްމިޓުކޮށްފަ އޮވެފަ މާލެ ގެނެސް ބޭބީ ނެގީ މިދިޔަ އަހަރު އޮގަސްޓް 23ވަނަ ދުވަހު. ނެގި އިރު އެއްވެސް ހަރަކާތެއް ނުކުރޭ. އަދި އުއްމީދެއްވެސް ނެތް. ފުރާނަހުރިކަން އެކަނި. ބޭބީ އަށް އެއްމަހުގައި 8 ފަހަރު ލޭވެސް އެޅި"

ބޭބީ ނާސަރީގައި ޔޫސުފު ބާއްވާފައި އޮތްއިރު ނަގާފައިވާ ފޮޓޯ އެއް

ބޭބީ ނާސަރީގައި ދޮޅުމަސް ބޭއްވިއިރު ޔޫސުފުގެ ބޮލުގެ މައްސަލައެއް އުޅޭކަން ފާހަގަވީ އުމުރުން ފުރަތަމަ މަހުގައެވެ.

" ބޭބީ އަށް އެއްމަސް ވާން 2 ދުވަސް އިންދާ އޭޑީކޭ އަށް ބަދަލުކުރީ އޮޕަރޭޝަން ކުރަން. އެފަހަރު ބޮލުގަ ހޮޅިކޮޅެއް ލެއްވީ. ފެން ބޭރުކުރަން. ސިލިންޖުން ފެން ބޭރުކުރަނީ ހޮސްޕިޓަލަށް ގެންގޮސްގެން އެއޮޕަރޭޝަން ކުރިތަނުން. މިހާރު 3 ފަހަރުމަތިން އެގޮތަށް ފެން ބޭރުކޮށްފި. އެކަމަކު ދުވަހެއް ދުވަހަކަށް ބޯ ބޮޑުވަމުން ދަނީ"

ޢާއިލާއިން މަޢުލޫމާތު ދޭގޮތުގައި ޔޫސުފުގެ މިފަހަރު ކުރަންޖެހެނީ ބޮލުން ފެން ދައުރުކުރާނެ ގޮތުގެ އޮޕަރޭޝަނެކެވެ. "ޑޮކްޓަރު ބުނަނީ މިފަހަރު ބަނޑަށް ހޮޅިއެއް ގުޅަންޖެހޭ ކަމަށް. އެއިރުން ބޮލުގަ ހުންނަ ފެން ބަޑަށް އެޅުނީމަ އެފެން ކުޑަކަމުދާ އެއްޗެހިން ބޭރުވާނެކަމަށް. އޮޕަރޭޝަނަށް އަރާނެވަރު އެގޭނީ ޑޮކްޓަރު ޗުއްޓީއިން ނުކުތީމަ"

އާސިދާ އާއި ފިރިމީހާގެ، ޔޫސުފުގެ އިތުރުން 5 އަހަރުގެ ފިރިހެން ކުއްޖަކު ހުރެއެވެ. އެކުއްޖާ މިވަގުތުހުރީ ރަށުގައެވެ. ކުރިން ފިރިމީހާގެ ރަށްކަމުގައިވާ ނައިފަރުގައި ދިރިއުޅުނު ޢާއިލާ ފަހުން ދިރިއުޅެމުން ދިޔައީ ރ.ދުވާފަރުގައި އާސިދާގެ ޢާއިލާ ކައިރީގައެވެ. އާމްދަނީ ހޯދުމަށް ޙާމިދު ކުރާ މަސައްކަތަކީ ފާނަ މަސްވެރިކަން ކަމުގައިވާއިރު މިވަގުތު ޢާއިލާ ބަލަހައްޓަން އަދި ދަރިފުޅުގެ ބޭސް ފަރުވާއަށް ޚަރަދު ކުރަން ފައިސާ ހޯދޭނެ އެއްވެސް ގޮތެއް ނެތެވެ. އެންސްޕާގެ އެހީތެރިކަމަށް އެދި ލިޔުން ހުށަހެޅިތާ އެއް ހަފްތާވިއިރު އަދި ޖަވާބެއް ނުލިބޭ ކަމަށް އާސިދާ މަޢުލޫމާތު ދިނެވެ.

އޮޕަރޭޝަން ކުރުމާއި ގުޅޭގޮތުން އޭޑީކޭ ހޮސްޕިޓަލުގެ ލިޔުން

ޔޫސުފުގެ އޮޕަރޭޝަނަށް ބޮޑު ޚަރަދެއް ހިނގާނެ ކަމަށް ބެލެވޭއިރު އަދި މާލޭގައި ޢާއިލާ ދިރިއުޅެންޖެހެނީ ކުއްޔަށް ކަމަށްވާތީ އެދެނީ ދިވެހި ރައްޔިތުންގެ ދީލަތި އެހީތެރިކަމެއް މިޢާއިލާއަށް ފޯރުކޮށްދިނުމަށެވެ.

ނޯޓް: މި ޢާއިލާ އަށް އެކަށީގެންވާ މިންވަރަށް އެހީ ލިބިފައިވާތީ، މިރިޕޯޓުގައި ކުރިން ހިމަނަައިފައިވާ ފޯން ނަންބަރާއި އެކައުންޓް ނަންބަރު ވާނީ އުނިކޮށްފައެވެ.

+1
1
+1
3
+1
0
+1
2
+1
2
+1
1
+1
102

Advertisement

ގުޅުންހުރި ލިޔުންތައް