September 20, 2024 15:00
Advertisement

-Advertisement-

ތިނަދޫ ލާޓު ދަގަނޑު/ ފޮޓޯ: އަލާ ދީދީ

ތާރީޚް: ތިނަދޫ ލާޓު ދަގަނޑު

ސުލްޠާން މުޙައްމަދު މުޢީނުއްދީނު 1ވަނަ ރަސްކަމުގެ އެންމެފަހު އަހަރު އިނގިރޭސީ ސަރުކާރުގެ ފަރާތުން ސާރވޭއެއް ކުރުމަށްޓަކައި ރާއްޖެއަށް ބަޔަކު ފޮނުވިއެވެ. މިސާރވޭ ކުރުމަށް އިންޑިއާ އާއި ސިލޯނުގެ ސަރުކާރުން ދީފައިވާ ލިޔުމެއް ހިފައިގެން މާލެއަށް އައީ ނޭވީ ކޮމާންޑަރ މޮރިސްބީ އިސްވެ ހުންނެވި ޓީމެކެވެ. މިމީހުން މާލެ އައުމުން އެއިރު ސަރުކާރުގެ ކަންކަން ހިންގަވަން ތިއްބެވި ބޭފުޅުންނަކީ މިބާވަތުގެ ކަންކަމަށް އާބޭފުޅުން ކަމުން، އެމީހުންގެ ތަރުހީބު އެކަމަށް ނުލިބުމުން އެމަސައްކަތް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.

އޭގެ ފަހުން މީލާދީން 1835ގައި މުޙައްމަދު މުޢީނުއްދީނު 1ވަނަ އަވަހާރަވެ،  އޭނާގެ ދެވަނަ ދަރިކަލުން އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީނު 4ވަނަ ރަސްކަމަށް އިސްވެ ވަޑައިގެން މަންމަ(ޙަދީޖާ ދީދީ)ގެ ބޭބޭ އަތިރީގެ އަޙްމަދު ދޮށިމޭނާކިލެގެފާނު އަރިސް ބޭފުޅަކަށް ހެއްދެވިއެވެ. ޢަހުމަދު ދޮށިމޭނާ ކިލެގެފާނަކީ މަޢުލޫމާތު މުއްސަނދި ބޭފުޅަކަށް ވުމުން އެހިސާބުން އިނގިރޭސީންނަށް ސާރވޭ ކުރުމަށް މަގުފަހިވިއެވެ. އަދި އިނގިރޭސީންގެ ދެ މަނަވަރެއްގެ އޮފިސަރުން ކަމަށްވާ ލެފްޓިނެންޓް އައި.އޭ ޔަންގް އާއި ލެފްޓިނެންޓް ޑަބުލިޔު.ކްރިސްޓޮފަރ އަށް މާލޭގައި ތިބުމުގެ ހުއްދަ ލިބުނެވެ. މިދެމީހުންގެ ޓީމުގެ މެންބަރުންނާއި ގެނެއްސަހުރި ސާމާނާއެކު ތިބީ ދޮށިމޭނާ ގަޑުވަރު އަށިގޭގައެވެ. އެފަހުން ސާރވޭ ޓީމުން ބޭނުންވާ ތަންތަން ސާރވޭ ކުރުމަށްފަހު ރާއްޖެއާއި ގުޅޭ ވަރަށްގިނަ މަޢުލޫމާތު ހޯއްދަވަމުން ގެންދެވިއެވެ.

ތާރީޚުން އެނގޭ ގޮތުގައި އެދުވަސްވަރު މިމީހުން ދޭތެރެ ދޭތެރެއިން ރާއްޖެއިން ބޭރަށް ގޮސް އައިއްސަ ހަދާ ކަމަށްވެއެވެ. އަދި މި ދަތުރު ތަކުގައި މަސައްކަތަށް ބޭނުންވާ ސާމާނު ގެނެއެވެ. މިގޮތަށް އެއްދަތުރެއްގައި ހަދަގަނޑު ގެނައެވެ. މި ދަގަނޑުތަކަކީ ބިންމަތީގައި ބަހައްޓާފައި އެބުރުމުން ތޮރުފަމުން އަޑިއަށްދާ ދަގަނޑުތަކެކެވެ. ދަގަނޑު އަޑިއަށްދާއިރު ދަގަނޑުގެ މެދުން ފަސް އަރަމުން ދެއެވެ. މިއިން ކޮންމެ ދަގަނޑެއްގެ ދިގުމިނުގައި 12 ފޫޓު ހުރެއެވެ. މި ދަގަނޑުތައް ހިފައިގެން ސާރވޭ ކުރުމަށް ފުރަތަމަ ދިޔައީ ހައްދުންމަތީގެ އެކި ރަށްތަކަށެވެ. އެރަށްތަކަށްގޮސް ރަށްތަކުގެ އެކިއެކި ތަންތަނާއި ފަރުތަކަށް ދާންދެން ސާރވޭ ކުރިއެވެ.

Advertisement

އެއަށްފަހު ފުރައިގެން ހުވަދުއަތޮޅު ތިނަދު އަށް ގޮސް އެރަށުގެ އިރުމަތީ ފަރާތުގައި ހުރި ވަޅެއްގައި އެ ދަގަނޑު ބަހައްޓައިގެން އެބުރިއެވެ. މިވަޅަކީ ކުރީޒަމާނުގައި ބަހައްޓާފައިވާ ވަޅެކެވެ. ވަޅުގައި ދަގަނޑު ބަހައްޓައިގެން އެނބުރުމުން އަރާވެލީގައި އެއްވެސް ބާވަތެއްގެ މަޢުދަނެއް ހުރިތޯ ބަލަމުން ގެންދިޔައެވެ. ބައެއްވެލި ދޮވެ ސާފުކޮށް ޗެކުކޮށް ހެދިއެވެ. އަނެއްބައިވެލި ކަރުދާހުގައި ބަންދު ކޮށް ހެދިއެވެ. މި މަސައްކަތް 30 މީހުން ލައްވާ 17 ދުވަހު ކުރުވިއެވެ. އެއްދަގަނޑު ތޮރުފާ ވައްދަމުން ގޮސް ނިމުމުން އެ ދަގަނޑުގެ މަތީގައި އަނެއް ދަގަނޑު ގުޅައިގެން އަބުރަމުން ވައްދަމުން ގެންދަނީއެވެ. މި ގޮތަށް ތިން ދަގަނޑު އަޑިއަށް ދިއުމަށްފަހު އޭގެ މަތީގައި ހަތަރުވަނަ ދަގަނޑު ގުޅައިގެން ތޮރުފަން ފެށިތަނާ ބިމާ ހަމައިން އެ ދަގަނޑު ބިންދައިގެން ދިޔައެވެ. އޭގެ ފަހުން އެދަގަނޑު ނަގަން އިތުރު ތިން ދުވަހު މަސައްކަތް ކޮށްގެންވެސް ނުނެގުނެވެ.

އެއްމެފަހުން އެމީހުން މަސައްކަތް ހުއްޓާލީ 'އެއީ ޝައިޠާނު އައިސް ހިފެހެއްޓީއޭ' ކަމަށް ބުނެއެވެ. މިދަގަޑު ފެންނަން ހުރީ ތިނަދޫގެ އެސް.17ގެ 1 ނަންބަރު ގޯތިތެރޭގައި ކަމަށް މަޢުލޫމާތު ލިބެއެވެ. މިގޯތި ރަޖިސްޓްރީ ކުރެވިފައިވަނީ 'ލާޓު' މިނަމުގައެވެ. ތިނަދޫ މީހުން ޒަމާނުއްސުރެ އެ ދަގަޑަށް ކިޔަނީ ލާޓު ޖެހި ދަގަނޑެވެ. ބައެއް އުމުރުން ދުވަސްވީ މީހުން ބުނާ ގޮތުގައި އެދަގަނޑު ނަގަން މަސައްކަތް ކުރާ ވަރަކަށް އެ ދަގަނޑު ދަނީ އަޑިއަށެވެ. އެހެންވުމުން އެ ދަގަނޑަށް ޝައިޠާނީ ދަގަނޑޭ ކިޔުމަށްފަހު އިނގިރޭސި ސާރވޭ ޓީމް މާލެ ގޮސް ސަރުކާރުގައި އެވާހަކަ ދެންނެވުމުން ސަރުކާރުންވެސް އެ ދަގަނޑު ނެގުމަށް ވަރަށް މަސައްކަތް ކުރިކަމަށް ބުނެވެއެވެ. އޭގެފަހުގައި ސާރވޭ ޓީމް ފުރައިގެން ދިޔަގޮތަށް އެޓީމް ރާއްޖެ ނާދެއެވެ.

ނޯޓް: މިއީ 'ކަޅުތުއްކަލާ' މިފޮތުގައިވާ ލިޔުމެއްގެ ނަކަލައެކެވެ. މިލިޔުމުގައި ބައެއް ބަސްތައް އަތުރާފައި ހުރިގޮތް މިހާރު ބޭނުންކުރާ ގޮތަށް ވާނީ ބަދަލުކުރެވިފައެވެ.

+1
1
+1
4
+1
0
+1
1
+1
1
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް