މި ފަހަކަށް އައިސް ސޯޝަލް މީޑިއާއިން ފެންނަމުންދާ ފޮޓޯތަކެއްވެއެވެ. ކޮންމެވެސް މީހަކާއިއެކު ރުކެއް ނޫނީ ގަހެއް އިންދަނިކޮށް ނަގާފައިވާ އެ ފޮޓޯގެ މަޤްސަދު ބަލާލަން ބޭނުންވިއެވެ.
އެއީ ގދ.ތިނަދޫގެ ޒުވާނެއްކަމުގައިވާ ސައުދު އަލީއެވެ. ރަށަށް ޚިދުމަތްކުރުމަކީ އަމިއްލަ ދިރިއުޅުމަށްވުރެ މުހިންމު ކަމެއްކަމުގައި ދެކިގެން މަސައްކަތްކުރާ މި ޒުވާނާގެ ވާހަކަ ފެށެނީ ޔޫތު ސެންޓަރުންނެވެ.
ސްކޫލުދައުރު ނިމުމާއިއެކު އާމްދަނީ ހޯދުމަށްޓަކައި މަސައްކަތްކުރުމުގެ ތެރޭގައި ރަށުގެ ޔޫތު ސެންޓަރުން ވަޒީފާލިބި އެތަނުގައި 5 އަހަރު ހޭދަކުރިއެވެ. އެ ދުވަސްވަރު، ލިބުނު އެކިއެކި ފުރުސަތުތަކުގެ ބޭނުންކޮށްގެން ދާއިރާއާއި ގުޅޭގޮތުން އެކިއެކި ތަމްރީނުތަކާއި ކޯސްތައް ހެދިއެވެ.
''ޔޫތު ވޯކަރސްފަދަ ކޯސްތައް ލިބުނު. އެފަދަ ފުރުސަތުތަކުގެ ބޭނުންކޮށްގެން ރަށަށް އައިސް ބޭނުންވީ ރަށަށް ޚިދުމަތްކުރުމަށް. އޭރު ސިޔާސީ ހަރަކާތްތަކުގަ މަސައްކަތް ކުރަމުންދިޔައީ. އެ މަސައްކަތް ކުރިއިރުވެސް ވިސްނަމުން ދިޔައީ އަމިއްލަ ރަށަށް، ޒުވާނުންނަށް ޚިދުމަތްދެވޭނީ ކޮންކޮން ދާއިރާތަކަކުންތޯ، ކިހިނެއްތޯ. އެހެން ވިސްނަނިކޮށް ހިތަށްއައީ ޔޫތު ސެންޓަރުގައި މަސައްކަތް ކުރުމަށްވުރެ ގައުމީ އިދާރާގައި މަސައްކަތްކުރުމަކީ މިއަށްވުރެ ފުޅާކޮށް ޒުވާނުންނާއި އަދި ރަށަށް ޚިދުމަތް ކުރެވޭނެ މަގެއްކަމަށް.''
ގައުމީ އިދާރާއަށް ބަދަލުވެ މަސައްކަތް ކުރަމުންދަނިކޮށް 2012ގައި ވެރިކަން ބަދަލުވެ ސިވިލް ސާރވިސް މުއައްޒަފުންނަށް، އެ ބަޔަކު ބޭނުންވާ ވަޒީފާއަކަށް ދިޔުމަށް ސަރުކާރުން ފުރުސަތު ހުޅުވާލުމުން ސައުދު ނިންމީ ކައުންސިލް އިދާރާއަށް ބަދަލުވުމަށެވެ. އެތަނުގައި މަސައްކަތްކުރަން ޖެހުނީ ޕްރޮޖެކްޓް ޑިޕާޓްމަންޓްގައެވެ. އެއީ ރަށާއި ރަށުގެ އެކި ސަރަހައްދުތަކާއި، އެކި ޕްރޮޖެކްޓްތައް އިތުރަށް ދަސްކުރަން ލިބުނު ފުރުސަތެކެވެ.
2014ވަނަ އަހަރު ކައުންސިލް މެންބަރުކަން ކުރިއިރު ސައުދު ކުރަމުންދިޔަ ބުރަ މަސައްކަތް ވަރަށް ގާތުން ދެކުނީމެވެ. އާންމުންނާއި ބާއްވާ ގާތްކަމާއި، ރަށަށް ހުންނަ ލޯތްބެވެ. ރަށުގެ ކޮންމެ އުމުރު ފުރާއެއްގެ މީހަކާއިވެސް ވާހަކަދެއްކުމުގައި، ހުރި އަދަބުވެރިކަމާއި އޯގާތެރިކަމެވެ. ކަންކަމަށް ހުރި ފަރުވާތެރިކަމެވެ. ހަވާލުވެފައިވާ މަސައްކަތް ކުރުމުގައި ރެއާއިދުވާލު ކެނޑިނޭޅިކުރި މަސައްކަތްތަކެވެ.
އެތައް ގޮންޖެހުންތަކާއިއެކު ކައުންސިލްގެ އެހެން މެންބަރުންނާއިއެކު ކުރި ބުރަ މަސައްކަތުގެ ނަތީޖާއަކީ މިހާރުގެ ތިނަދޫއެވެ. ކުލައަކަށް، ކަނދުރާއަކަށް، މޫނަކަށް ނުބަލައި ރަށަށް ކުރިއެރުން ގެނެވޭތޯ ކުރި މަސައްކަތުގެ ނަތީޖާއެވެ. އެތައް ފާޑުކިޔުމެއް އަމާޒުވިއެވެ. ނަމަވެސް ހިތުގައިވަނީ ރަށަށް ހުރި ލޯތްބާއި ރަށް ކުރިއެރުވުމުގެ އުންމީދެވެ. އެ ނިޔަތުގައި މަސައްކަތްކޮށް ނަތީޖާ ހާސިލު ކުރުމަށްފަހު ކައުންސިލްގެ ދައުރުހަމަވެ، ނުކުންނަންޖެހުނު އިރު ނުކުތީ އައު އަޒުމަކާއި އައު ހިތްވަރަކާއިއެކު ރައްޔިތުންނަށް ފިނިކަން ގެނެސްދިނުމަށްޓަކައި ކައުންސިލްގައި ހުރިއިރު ހިންގި މަޝްރޫޢުގެ އައު ބާބަކާއިއެކުގައެވެ.
ރަށާއި އަތޮޅުގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަށް ހައްލެއް ގެނައުމަށް، ތިނަދޫއަށް ފެހިކަންގެނެސް، ފިނި ރަށެއްގެ ގޮތުގައި ހެދުމަށް ފެށި، މަސައްކަތުގައި ކޮންމެ ދުވަހަކުވެސް ގަހެއް ދަނީ އިންދަމުންނެވެ.
''އޭރު ކައުންސިލްގައި ހުރިއިރު ރަށުގެ ކޮންމެވެސް ސަރަހަދެއްގައި ގަހާއި ރުއް، ހައްދަމުންދިޔައީ. އަމާޒަކީ ރައްޔިތުންނަށް ފަސޭހަކޮށްދިނުން، ކުރިއަށް އޮތް ޖީލަށް ފެހި ތިނަދޫއެއް ހޯދައިދިނުން. މި މަސައްކަތް ކުރިއިރު މިކަމުގެ މަޤްސަދު މީހުންނަށް ނޭނގި އޮތުމާއިއެކު ގިނަބަޔަކަށް މިއީ ކޮން މަސައްކަތެއްކަމާއި މިކަމުގެ ބޭނުން ކިޔައިދީގެން، މިހާރު ގިނަ ބައެއްގެ އެއްބާރުލުމާއިއެކު ކުރިއަށް މި ގެންދަނީ. ''
ތިނަދޫއަކީ އާބާދީބޮޑު، ބިންކުޑަ ރަށަކަށްވުމާއިއެކު ރަށުގެ ބޮޑުބައެއްވަނީ ހިއްކާފައެވެ. އެކަމުގެ ސަބަބުން ލޮނުގެ އަސަރުކޮށް، ގިނަ ގެތަކަށް އެކަމުގެ ގެއްލުންވެ، ގިނަ ބަޔަކަށް ފޫނުބެއްދޭވަރުގެ ގެއްލުންވާތީ އެއީ ސައުދު އަލީގެ ވަރަށްބޮޑު ކަންބޮޑުވުމެވެ. މި ޕްރޮގްރާމުން އޭނާއަށް އެކަން ފުރިހަމަވާނެކަން ގައިމެވެ.
''ޚާއްސަކޮށް ރަށުގެ އުތުރު ފަރާތުގެ ހިއްކި ސަރަހައްދަށް ވިސްނިން. މިހާހިސާބުންވެސް މަސައްކަތް ނުކޮށްފިނަމަ އެތައް ގެއްލުމެއް ލިބޭނެ ޚާއްސަކޮށް އެ ސަރަހައްދުގައި އުޅޭ އާންމުންނަށް. އެހެންނަމަވެސް މި ޕްރޮގްރާމްގެ އެހީގައި ގަސްއިންދާ ރަނގަޅަށް ހެދެންފެށުމުން ގުދުރަތީ ފެންސެއް ލެވޭނެ''
ކައުންސިލްގައި މަސައްކަތްކުރިއިރު އޭރު ހަދާފައިވާ އެންމެފަހުގެ ލޭންޑްޔޫސް ޕްލޭނަށް ބަލައިގެން ކުރިއަށް ގެންދާ މި މަސައްކަތަށް ރާއްޖޭގެ ގިނަބައެއްގެ ތަރުހީބު ދަނީ ލިބެމުންނެވެ.
ރަށް ފެހިކުރުމަށްޓަކައި ފެށި މި މަސައްކަތް، ރަށުގައި ހުރިހާ ދުވަހަކު ކުރިއަށްގެންދަން ސައުދު ވަނީ އަޒުމް ކަނޑައަޅާފައެވެ. ކިތަންމެ އަވަދިނެތި އުޅެންޖެހުނަސް ކޮންމެ ދުވަހަކުވެސް ރަށާއިމެދު ފިކުރުކޮށްލަން ވަގުތު ހުސްކުރެއެވެ. އަމިއްލަ މަސައްކަތުން ހޯދާ އާމްދަނީ ރައްޔިތުންގެ ހިތްހަމަޖެހުމަށް ޚަރަދުކުރެއެވެ. ގަސް އިންދުމުގެ މި ޕްރޮގްރާމް އިތުރަށް ކުރިއަށް ގެންދިޔުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ސައުދުގެ އުންމީދަކީ ކުރިއަށް އޮތްތާނގައި މިއީ ޤައުމީ ފެންވަރުގައި، ނުވަތަ ބައިނަލް އަޤްވާމީ ފެންވަރުގައި ކުރިއަށް ގެންދެވޭނެ ޕްރޮގްރާމަކަށްވުމެވެ. އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރުދަނީ ކުރަމުންނެވެ.
ފާޑުކިޔުންތައް އަމާޒުވިޔަސް ރަށަށްޓަކައި ސައުދު ދަނީ ރެއާއި ދުވާލު ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެކި ދާއިރާތަކުގެ، އެކި އުމުރުފުރައިގެ މީހުންގެ ޚިޔާލާއި މަޝްވަރާ، އެކި ކަންކަމުގައި ހޯދައެވެ. އަދި އެފަދަ ކަންކަމަށް އޭނާކުރާ ފިކުރާއި އެ ވިސްނުން އެފަދަ މީހުންނާއި ހިއްސާކޮށް އޭގައި އޮންނަ އެންމެ ރަނގަޅުގޮތް ބަލައިގަނެއެވެ. ރަށަށް އަދަށްވުރެ ފެހި މާދަމާއެއް ހޯދައިދިނުމުގައި ހިތްވަރާއިއެކު ދަނީ ކުރިއަށެވެ.
ކިޔުންތެރިންގެ ހިޔާލު
ފަހަށް ވިސްނަވައިގެން ތިޔަކުރައްވާ މަސައްކަތަށް ފުރިހަމަ ކާމިޔާބީ ލިބުމަށް އެދެން.
ކޮމެންޓްސް ބަންދުކުރެވިފައި